ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ޢަދަދު
ކަލިމައިން ދޭހަވާ ޢަދަދުގެ މިންވަރަށް ރިޢާޔަތްކޮށް ކަލިމަ ބެހެނީ 3 ބަޔަށެވެ. އެއީ ވާޙިދު (ނުވަތަ މުފްރަދު) އާއި ތަޘްނިޔާ (މުޘަންނާ) އާއި ޖަމްޢެވެ.
ވާޙިދަކީ ޢަދަދުގެ ގޮތުން 1 ފަރާތުގެ ނިސްބަތުގައި ބޭނުން ކުރެވޭ ގޮތެވެ. މި ގޮތަށް މުފްރަދޭ ވެސް ކިޔައެވެ. އެހެންނަމަވެސް މުފްރަދާއި މުރައްކަބަށް ލަފްޒު ބެހޭ އިރު އަންނަ މުފްރަދާއި މި މުފްރަދާ ތަފާތެވެ. ވާޙިދަށް އަންނަ މި މުފްރަދަކީ މާނައިގެ ގޮތުން 1 ފަރާތަށް ނިސްބަތްވާ މުފްރަދެވެ.
ތަޘްނިޔާއަކީ ޢަދަދުގެ ގޮތުން 2 ފަރާތުގެ ނިސްބަތުގައި ބޭނުން ކުރެވޭ ގޮތެވެ. މި ގޮތަށް މުޘަންނާއޭ ވެސް ކިޔައެވެ.
ޖަމްޢަކީ ޢަދަދުގެ ގޮތުން 2 އަށް ވުރެ ގިނަ ފަރާތުގެ ނިސްބަތުގައި ބޭނުން ކުރެވޭ ގޮތެވެ.
ނޯޓު:- މުރައްކަބާއި މުފްރަދަށް ބެހޭއިރު އަންނަ މުފްރަދަކީ މާނައިގެ ގޮތުން ވާޙިދު ކަމުގައި ވިޔަސް، ނުވަތަ ތަޘްނިޔާ ކަމުގައ ވިޔަސް، އަދި ޖަމްޢު ކަމުގައި ވ ިޔަސް ކަލިމައިގެ ގޮތުން އެއްމެ ކަލިމައެއް ކަމުގައި ވުމެވެ. މިސާލަކަށް ﺑَﯾْتٌ މިއީ އެއްމެ ގެއަކަށ ވާތީ މިއީ މާނައިގެ ގޮތުން މުފްރަދު ކަލިމައެކެވެ. އަދި ﺑَﯿْﺖٌ މި ކަލިމައަކީ އެއްމެ ކަލިމައަކަށް ވާތީ މިއީ ކަލިމައިގެ ގޮތުން ވެސް މުފްރަދު ކަލިމައެކެވެ. އެހެންނަމަވެސް ﺑُﯿُﻮْتٌ އަކީ ގިނަ ގޭގެ މާނައިގައި ބޭނުން ކުރެވޭ ކަލިމައަކަށް ވާތީ މިއީ މާނައިގެ ގޮތުނ ޖަމްޢު ކަލިމައެކެވެ. އެހެން ނަމަވެސް ﺑُﯿُﻮْتٌ މިއީ އެހެން ކަލިމައަކާ ނުގުޅި އޮތް އެއްމެ ކަލިމައަކަށް ވާތީ ކަލިމައިގެ ގޮތުނ މުފްރަދު ކަލިމައެކެވެ.
އިޢުރާބު އަދި މަބްނީ އާއި މުޢުރަބު
ޢަރަބި ބަހުގައި، ޖުމްލައިގައި ކަލިމަ އަދާ ކުރާ ދައުރު އަންގައިދިނުމުގެ ގޮތުން، ކަލިމައިގެ ފަހަތަށް، ފިލީން ނުވަތަ އަކުރުން ބަދަލު އާދެއެވެ. މި ބަދަލަކީ އިޢުރާބެވެ. މިސާލަކަށް:- ﻣُﺣَﻣﱠدٌ މި ކަލިމަ ބައެއް ފަހަރު ﻣُﺣَﻣﱠدٌ (އުބުފިއްޔާއެކު) އަދި ބައެއް ފަހަރު ﻣُﺣَﻣﱠدًا (އަބަފިއްޔާއެކު) އަދި ބައެއް ފަހަރު ﻣُﺣَﻣﱠدٍ (އިބިފިއްޔާއެކު) މި 3 ގޮތަށް ޢަރަބި ޖުމްލަތަކުގައި އަންނަކަން މިހާރުވެސް ވާނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް މި ބަދަލު ނާންނަ ކަލިމަ ވެސް ހުރެއެވެ. ޖުމްލައިގައި ކަލިމަ އަދާ ކުރާ ދައުރާ ގުޅިގެން ކަލިމައިގެ ފަހު އަކުރުގެ ފިއްޔަށް ނުވަތަ ކަލިމައަށް އެއްވެސް ބަދަލެއް ނާންނަ ނަމަ އެއީ މަބްނީ ކަލިމައެކެވެ. ބަދަލު އަންނަ ނަމަ އެއީ މުޢުރަބު ކަލިމައެކެވެ.
ޢަރަބި ބަހުގައި ކަލިމައިގެ ފަހު އަކުރު ބަދަލު ވިޔަސް ކަލިމައިގެ މާނައަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މި ބަދަލުން ޖުމްލައިގައި ކަލިމަ އަދާ ކުރާ ދައުރަށް ބަދަލު އާދެއެވެ. ފަހު އަކުރުގެ ފިލި ނުވަތަ ފަހު އަކުރު ބަދަލު ވީމާ އެނގެނީ ޖުމްލައިގައި ކަލިމަ އަދާ ކުރި ދައުރު ބަދަލުވެއްޖެކަމެވެ. ފަހު އަކުރު ނޫން އަކުރެއްގެ ފިލި ބަދަލުވެއްޖެ ނަމަ ކަލިމައިގެ މާނަ ބަދަލުވާނެއެވެ.
އެހެންނަމަވެސް ބައެއްފަހަރު އެއް މާނައިގައި ދެ ގޮތަށް ކިޔޭ ކަލިމަ ހުރޭމެއެވެ. އެއީ ދިވެހި ބަހުގައި ވެސް “ލިނބޯ” އާއި “ލުނބޯ” އެއް މާނައިގައި ބޭނުން ކުރެވޭ ފަދައިންނެވެ. އެކަމަކު ދިވެހި ބަހުގައިވެސް “ބިރު” އާއި “ބުރު” ގެ މާނަ ތަފާތެވެ.
މުޢުރަބު
މުޢުރަބު ކަލިމަ ނުވަތަ ޖުމްލައިގައި ކަލިމަ އަދާ ކުރާ ދައުރާ ގުޅިގެން ކަލިމައިގެ ފަހު އަކުރުގެ ފިއްޔަށް ނުވަތަ ފަހު އަކުރަށް ބަދަލު އަންނަ ކަލިމަތައް ދެ ބަޔަކަށް ބަހައިލެވެއެވެ. އެއީ ފާޅުކޮށް (ظﺎھرކޮށް) ބަދަލު އަންނަ ކަލިމަ އާއި ވަންހަނާކޮށް (ﺗﻘدﯾرކޮށް) ބަދަލު އަންނަ ކަލިމައެވެ. ވަންހަނާކޮށް ބަދަލު އަންނަ ކަލިމައެއްގެ މިސާލަކީ ﻣُوﺳَﻰ އެވެ. ފާޅުކޮށް ބަދަލު އަންނަ ކަލިމައެއްގެ މިސާލަކީ مُحَمَّدٌ އެވެ. އެއީ مُحَمَّدٌ ، مُحَمَّدًا، مُحَمَّدٍ މި ގޮތްގޮތަށް ފަހު އަކުރުގެ ފިލި ބަދަލު ވާތީއެވެ.
ކަލިމައިގެ ފަހު އަކުރުގެ ފިއްޔަށް ފާޅުކޮށް އަންނަ ބަދަލާއި ފަހު އަކުރުގެ ފިލީގެ ޢަދަދާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. މި ގޮތުން ފާޅުކޮށް ބަދަލު އަންނަ އިސްމުތައް ދެ ބަޔަކަށް ބަހައިލެވެއެވެ. އެއީ ފަހު އަކުރުގައި ދެ ފިލި ނުވަތަ ތަންވީނު ޖެހޭ އިސްމާއި ފަހ އަކުރުގައި އެއް ފިލި ޖެހޭ އިސްމާ މި ދެ ބައެވެ. މީގެ ތެރެއިން ފަހު އަކުރުގައި ތަންވީނު ޖެހޭ ނަމަ އެއީ މުނައްޥަނު އިސްމެކެވެ. ތަންވީނު ނުޖެހޭ ނަމަ އެއީ ޣައިރު މުނައްޥަން އިސްމެކެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:285,320
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)