ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

5. މުޢައްރަފު ބި “އަލް” (އަލިފް ލާމް ބޭނުންކޮށްގެން މަޢުރިފާ ކުރެވިފައިވާ ނަން)

* މަޢުރިފާ ނުކުރާ ކޮންމެ ޢާއްމުނަމެއް އޮންނާނީ ނަކިރާ ހާލަތުގައެވެ. މި ހާލަތުގައި އޮންނައިރު، ކަލިމައިގެ ފަހު އަކުރުގައި އޮންނާނީ އާއްމުކޮށް ދެ ފިލި، ނުވަތަ ތަންވީނެވެ.

މިސާލު: ﺑَﯾْتٌ (ގެއެއް). މި ކަލިމަ މި އޮތީ ނަކިރާ ހާލަތުގައެވެ. “ގެއެއް” މިހެން ބުނުމުން އެއީ ވަކި ކޮން ގެއެއް ކަމެއް ނޭނގެއެވެ.

މިކަލިމަ މަޢުރިފާ ކުރުމުގެ ގޮތުން ” ال ” ކުރިޔަށް ގެނެވިދާނެއެވެ.

މިސާލު: اﻟﺑَﯾْتُ (ގެ). “ގެ” މިހެން ބުނުމުން އެއީ ވާހަކަދައްކާ ދެ ފަރާތަށް އެނގޭ ގެއެކެވެ. އަދި ހުރިހާ ގެއަކަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ” ބާވަތުގެ ޝާމިލު ނަމެއްގެ” ގޮތުން ވެސް “އަލިފްލާމް މަޢުރިފާ” ނަން ބޭނުން ކުރެވެއެވެ. މިސާލަކަށް: اﻹِﻧْﺳَﺎنُ ގެ މާނައަކީ “އިންސާނާ”އެވެ. މިހެން ބުނުމުން ވާހަކަދައްކާ ދެ ފަރާތަށް އެނގޭ އެއްމެ އިންސާނެއްގެ މާނައިގެ އިތުރުން، ހުރިހާ އިންސާނުންގެ މާނަ ވެސް އާދެއެވެ. މިސާލު: އިންސާނާ އަކީ ޝުކުރު ނުކުރާ މަޚްލޫޤެކެވެ. (މިތާނގައި މާނަކުރެވިފައި އެވަނީ ހުރިހާ އިންސާނުންގެ މާނައިގައެވެ).

6. މުޟާފު (އެހެން ފަރާތަކަށް ނިސްބަތްވުމުގެ ސަބަބުން މަޢުރިފާވާ ނަން)

މަޢުރިފާގެ ބައިތަކުގެ ތެރެއިން އިސްވެ ދިޔަ 5 ބައިގެ ތެރެއިން ބަޔަކަށް ނިސްބަތްވުމުގެ ނުވަތަ މުޟާފުވުމުގެ (މިލްކުވުމުގެ) ސަބަބުން، މުޟާފުވާ ކަލިމަ (ނިސްބަތްވާ ކަލިމަ) ވެސް މަޢުރިފާވެއެވެ. މިސާލު: މުޙައްމަދުގެ ގަލަމް. މި ތަނުގައި ގަލަމް މުޟާފުވަނީ މުޙައްމަދުއަށެވެ. މުޙައްމަދު އަކީ މި މިސާލުގައި މުޟާފުއިލައިހިއެވެ. މުޙައްމަދު އަކީ ޢަލަމަކަށް (ޚާއްޞަ ނަމަކަށް) ވުމުގެ ސަބަބުން މަޢުރިފާ އިސްމެކެވެ. އެހެންކަމުން މަޢުރިފާ އިސްމެއް ކަމަށް ވާ “މުޙައްމަދު” އަށް މުޟާފުވުމުގެ ސަބަބުން، މި މިސާލުގައި “ގަލަމް” މި މުޟާފު ވެސް މި ވަނީ މަޢުރިފާ އިސްމަކަށެވެ.

މުޟާފު މުޟާފުއިލައިހިގެ ޤަވާޢިދު:

– ޢަރަބި ބަހުގައި މުޟާފު (މިލްކުވާ ފަރާތް) އަންނާނީ މުޟާފު އިލައިހި (މިލްކުވެރި ފަރާތު) ގެ ކުރިޔަށެވެ.

– މުޟާފުގެ ކުރިޔަށް ” ال ” ނާންނާނެއެވެ.

– މުޟާފުގެ ފަހަތަށް ތަންވީނު ނާންނާނެއެވެ.

– މުޟާފުއިލައިހި އޮންނާނީ އިބިފިލީގެ ޙާލަތުގައެވެ. މިސާލު: قَلَمُ مُحَمَّدٍ މާނަ: މުޙައްމަދު ގެ ގަލަމް (ނޯޓު: މި ގޮތަށް މިލްކުކޮށްދިނުމުގެ “ގެ” އައިސްގެން ދިވެހި ބަހުގައި އުފެދިފައި ހުންނަ އިބާރާތްތަކަކީ ޢަރަބި ބަހުގައި ﻣﻀﺎف وﻣﻀﺎف إﻟﯿﮫ އެވެ).

قَلَمُ مُحَمَّدٍ ، قَلَمُ آمِنَةَ ، قَلَمُ المُدَرِّسِ ، قَلَمُ مُدَرِّسِ مُحَمَّدٍ ، مُدَرِّسُ مُحَمَّدٍ

7. މުނާދާ މަޤްޞޫދު (ވަކި ފަރާތެއް ގަސްތުކޮށްގެން ގޮވައިލުމުގެ ސަބަބުން މަޢުރިފާވާ ނަން)

މުނާދާ މަޤްޞޫދަށް ވުމުގެ ސަބަބުން (ނުވަތަ ގޮވައިލެވޭ ފަރާތް ކަނޑައެޅި ގަސްދުވުމުގެ ސަބަބުން) ވެސް އާއްމު އިސްމު މަޢުރިފާވެއެވެ. އެހެންނަމަވެސް މިއީ އާއްމުކޮށް ޖުމްލައިން ބޭރުގައި ބޭނުން ކުރެވޭ މުރައްކަބަކަށް ވާތީ، ޖުމްލަ ހެދުމުގައި މިއީ މަޢުރިފާއެއްގެ ގޮތުގައި ނުގުނައެވެ.

މީގެ މިސާލަކީ: ﯾَﺎ أُﺳْﺗَﺎذُ! އޭ އުސްތާޛު! މިފަދައިން ގޮވައިލުމެވެ.

ޮވައިލުމުގެ “ޔާ” މި ގޮތަށް ކަލިމައެއްގެ ކުރިޔަށް ގެނައުމުން، އެ ކަލިމައިގެ ފަހު އަކުރުގެ ތަންވީނު ކެނޑި އެއްފިއްޔަށް ބަދަލުވާނެއެވެ. އަދި “ޔާ” އަންނަނީ ދެ ކަލިމައިން އުފެދިފައި އޮތް އިޟާފީ މުރައްކަބު ނަމެއްގެ ކުރިޔަށް ކަމަށް ވާ ނަމަ، އެ ދެކަލިމައިން ފުރަތަމަ ކަލިމައިގެ ފަހު ފިލީގެ ޙާލަތު ބަދަލުވެގެން ދާނީ އަބަފިލީގެ ޙާލަތަށެވެ.

މީގެ މިސާލަކީ: ﯾَﺎ ﻋَﺑْدَ اﻟﻠﮫِ! އޭ ޢަބްދުﷲ! މިފަދައިން ގޮވައިލުމެވެ. މި ތަނުގައި މި އޮތް 2 ކަލިމައިގެ ތެރެއިން ﻋَﺑْد َ މި ކަލިމައިގެ ފަހު އަކުރުގައި މިވަނީ ދެކަލިމައިގެ ނަމުގެ ތެރެއިން ގޮވައިލެވޭ ފަރާތަށް ވުމުގެ ސަބަބުން އަބަފިލި ޖެހިފައެވެ. މީގެ އަސްލަކީ ﻋَﺑْدُاﻟﻠﮫ އެވެ. މި ތަނުގައި ﻋَﺑْد ُ މި އޮތީ ފަހު އަކުރުގައި އުބުފިލި ޖެހެވިފައެވެ. ކުރީ މިސާލުގައި އަބަފިލި ޖެހެވުނީ ގޮވައިލެވުމުންނެވެ.

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:276,206

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު