ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

އިސްލާމްދީނުގައި ޢަރަބިބަހުގެ އަހައްމިއްޔަތު

ޢަރަބި ބަހުން ވާހަކަ ދެއްކުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނަސް ޢަރަބި ބަހުން ވާހަކަ ދެއްކުން ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި އޮތަސް އުއްމަތުގެ ސަލަފުންގެ ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި ޢަރަބި ބަސް އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. މިފަދަ ޢިލްމުވެރީންގެ ތެރޭގައި ޝައިޚުލްއިސްލާމްގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ އިބްނުތައިމިއްޔާ ހިމެނެއެވެ.

ގިނަ ބޭފުޅުންނަށް އިބުނުތައިމިއްޔާއަކީ ކޮންބޭފުޅެއްކަމާއި އެއީ ކިހާވަރެއްގެ ބޭފުޅެއްކަން ހަމަޔަޤީނުންވެސް އެނގޭނެއެވެ. އިބުނުތައިމިއްޔާއަކީ މިފަހުގެ އިސްލާމީ ތާރީޚުގައި އުފެދުނު، މިއުއްމަތުގެ ގިނަބައެއްގެ އިތުބާރާއި ލޯބި ލިބިގެންވާ އިސްލާމްދީނުގެ އެންމެ “ހައިބަތުބޮޑު” ޢާލިމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢާލިމެކެވެ. ޢަރަބިބަސް އުނގެނުމާއި ބެހޭގޮތުން އެބޭފުޅާ ވިދާޅުވެފައި ވާ މަޝްހޫރު ޢިބާރާތުގައި ވަނީ މިފަދައިންނެވެ.

“ހަމަކަށަވަރުން ޢަރަބި ބަސް ވަނީ ދީނުގެ ތެރެއިންނެވެ. އަދި އެބަސް އުނގެނުމަކީ ވާޖިބު، ފަރުޟެކެވެ. ފަހެ، ހަމަކަށަވަރުން ﷲގެ ފޮތާއި، ނަބިއްޔާގެ ބަސްފުޅުތައް އެނގުމަކީ ފަރުޟެކެވެ. ޢަރަބި ބަހުން މެނުވީ އެ ބަސްފުޅުތަކެއް ނޭނގޭނެއެވެ. ވާޖިބުކަމެއް ފުރިހަމަ ކުރުމަށް ޓަކައި ކޮންމެހެން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ކުރުމަކީ ވެސް ވާޖިބެކެވެ.” – اﺑﻦ ﺗﯿﻤﯿﺔ-

އަޅުގަނޑުމެންގެ ލޮބުވެތި ދެވަނަ ޚަލީފާ ޢަމީރުލް މުއުމިނީންވެސް ވަނީ ޢަރަބިބަސް އުނގެނުމާއި ބެހޭގޮތުން ހަމަ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.

“ތިޔަބައިމީހުން ޢަރަބި ބަސް އުނގެނޭށެވެ! ފަހެ، ހަމަކަށަވަރުން ޢަރަބި ބަސް ވަނީ ތިޔަބައިމީހުންގެ ދީނުގެ ބައެއް ކަމުގައެވެ.” – ﻋﻤﺮ ﺑﻦ اﻟﺨﻄﺎب –

އިބުނުތައިމިއްޔާ ވިދާޅުވާގޮތުގައި އަންނަވި އާޔަތުން އެކަނިވެސް ޢަރަބިބަސް އުނގެނުން ނުވަތަ އެންމެ ކުޑަމިނުން ނަމާދުގައިއްޔާއި ޛިކުރުތަކާއި ޢަރަބިން ކުރާ ދުޢާތަކުގައި ކިޔާ އެންމެހާތަކެތީގެ މާނަ އެނގޭމިންވަރަށް، ޢަރަބި ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ފަރުޟެއެއްކަމަށް ފުދޭހައި ވެއެވެ.

“އޭ إﯾﻤﺎن ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ﺣﺎل ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!. …“ – ﺳﻮرة اﻟﻨﺴﺎء: 4 –

އިބުނުތައިމިއްޔާ ވިދާޅުވަނީ މިއާޔަތުގައި މަސްތުވެގެން ތިބޭ ﺣﺎل ނަމާދާއި ގާތްނުވުމަށް އަންގަވާފައި އެވަނީ، ނަމާދުގައި ކިޔޭނުކިޔޭ އެއްޗެއް އެފަދަ މީހަކަށް ނޭނގުމުގެ ސަބަބުން ގަދަކީރިތިވަންތަ މާތްﷲގެ ހަޟްރަތުގައި މުނާޖާ ދަންނަވަން އެހުންނަ ހުރުމުގެ ހަޤީޤީ ހައިސިއްޔަތު ގެއްލިގެންދާ ކަމަށްޓަކައެވެ.

ނަމާދުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މާތްﷲއާއި އަޅާއާއި ދެމެދު ހިތާއި ރޫހާއި، ދުލާއި ހަށިގަނޑުގެ ގުނަވަންތަކާއި އެކު ހިތްނިޔަތް ޚާލިސްކުރާ ހާލު އެކަލާނގެ މަތިވެރިކަމާއި ހައިބަތުވަންތަކަމުގެ ބޮޑުކަން އިޙްސާސްކޮށް ބިރުވެތިވުން ކަމުގައި ވާހިނދު، ނަމާދުގައި ކިޔޭ ތަކެތީގެ މާނަ ފަހުމްނުވާ މީހާ މަސްތުވުމެއް ނެެތްހާލުގައި ނަމާދަށް އެރި ނަމަވެސް ހަޤީޤަތުގައި މަސްތުވެގެން ހުންނަމީހާއާއި ނަމާދުގައި ކިޔޭ އެއްޗަކާއިމެދު ޣާފިލްވެފައިވާ އެމީހާއާއި މާބޮޑުތަފާތެއް ނުހުންނާނެތީއެވެ. އިބުނުތައިމިއްޔާވަނީ މިދެހާލަތުގައި ތިބޭ ދެމީހުންގެ حكم ގާތްގަނޑަކަށް އެއްގޮތް ކުރައްވާފައެެވެ.

އަދިވެސް އެބޭފުޅާގެ މަޝްހޫރު އެހެން ބަސްފުޅެކެވެ. “ޢަރަބި ބަހަކީ އިސްލާމްދީނާއި އެ ދީނުގެ އަހުލުވެރީންގެ ޝިޢާރެވެ. ބަސްބަހީ ގައުމުތަކުގެ އެންމެ ފާޅުކަން ބޮޑު ޝިޢާރެވެ. ގައުމުތައް ވަކިކޮށް ދައްކައިދޭ އިންފާހަގައަކީ ބަހެވެ.” – اﺑﻦ ﺗﯿﻤﯿﺔ –

މިއީ ވަރަށްވެސް ބޮޑު ހަޤީޤަތެކެވެ. ޢަރަބިބަހާއިމެދު މީސްތަކުން އަދި ޚާއްސަކޮށް ޢަރަބީންވެސް ޣާފިލްވަމުން ދިޔުމުގެ ސަބަބުން ދީނީގޮތުން އެތައް ފިތުނަތަކަކާއި ބިދުޢަތަކެއް އުފެދި ޖާހިލުކަން އަދިވެސް ހަމަހުރެ ދަނީ އިތުރުވަމުންނެވެ. މިދެންނެވި ވާހަކައަށް އިޝާރާތްކޮށް މި ދެ ޢިލްމުވެރިން ވިދާޅުވެފައިވާ މި ދެބަސްފުޅުވެސް ފުދޭހައި ވެއެވެ.

“ދީނުގެ ކަންކަމުގައި މީސްތަކުން ޖާހިލުވެ، ދެކޮޅުވެރިކަން އުފެދުމުގެ ސަބަބަކީ ޢަރަބި ބަސް ދޫކޮށްލައި، ޔޫނާނީންނާއި ރޫމީންގ ބަހަށް (ހުޅަނގުގެ ބަސްތަކަށް) ލެނބި ޝައުޤުވެރިވުމެވެ.” – اﻟﺸﺎﻓﻌﻲ ¬-

“ބިދުޢަ އުފެދުމުގެ އަޞްލު ސަބަބަކީ ޢަރަބި ބަސް ނޭނގުމެވެ. ޢަޖަމިއްޔަތު (ނުވަތަ ޢަރަބި ނޫން ބަސްބަހުގެ އަސަރު) ގެ ސަބަބުން ބިދުޢަވެރީން ވަނީ ޙައްޤު ދެނެގަތުމަށް ނުކުޅެދިފައެވެ.” – اﻟﺤﺴﻦ اﻟﺒﺼﺮي

ޢަރަބި ބަހުގެ ބަހުރުވަތަކުގެ ތެރެއިން (ފުޞްޙާ) އަކީ ކީރިތި ޤުރްއާނުގެ ބަހެވެ. އެއީ މުޟަރިއްޔަ ޢަރަބި ބަހެވެ. މާދަރީ ބަހެއްގެ ގޮތުގައި ފުޞްޙާއިން ވާހަކަ ދެއްކި މައްކާގެ މުޝްރިކުންނަށް ވެސް، ކީރިތި ޤުރްއާނުގެ އާޔަތްތައް އަޑު އިވުމުން ވަރަށް ވަރުގަދަ އަސަރުތަކެއް ކުރިއެވެ. މި ސަބަބާ ހެދި ޤުރްއާނުގެ އަޑު ނޭހުމަށް މުޝްރިކުންގެ ބޮޑުން ދިޔައީ އަންގަމުންނެވެ.

ޢަރަބި ގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި ތިބި، ރަށްވެހީންގެ ގޮތުން ޢަރަބީން ކަމުގައިވާ މީހުންނަކީ ވެސް މިއަދު މާދަރީ ބަހެއްގެ ގޮތުން (ފުޞްޙާ) އިން ވާހަކަ ދައްކާ ބައެއް ނޫނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގެ ބަސް ކަމުގައިވާ އަޞްލު ޢަރަބި ބަހުގެ އަހުލުވެރީންނެއް މިއަދަކު ނެތެވެ. މިކަމާއި ގުޅޭގޮތުން ޢިލްމުވެރިއަކު ވިދާޅުވެފައިވަނީ މިފަދައިންނެވެ.

“ކީރިތި ޤުރްއާން އަޑު އިވުމުން މައްކާގެ އަހުލުވެރީންނަށް ކުރި އަސަރު މިއަދުގެ މީހުންނަށް ނުކުރަނީ މާދަރީ ބަހެއްގެ ގޮތުގައި ފުޞްޙާއިން ވާހަކަ ދައްކާ ބަޔަކު ކަމުގައި ނުވާތީއެވެ.” – د. ﻋﺒﺪ اﻟﻠﮫ اﻟﺪﻧﺎن –

ކޮންމެއަކަސް މާތްﷲ ވަނީ ފުރިހަމަވެގެންވާ ފޮތެއް (އެބަހީ: ކީރިތި ﻗﺮآن) ފުރިހަމަވެގެންވާ ބަހަކުން (އެބަހީ: عرب ބަހުން) ބަހުން ބާވައިލައްވާފައެވެ. އެފޮތުގައި އެއްވެސް އުނިކަމެއް އަދި އެއްވެސް ގުދުކަމެއްވިޔަސް ނުވެއެވެ.

“ހަމަކަށަވަރުން، ތިމަންއިލާހު މި ﻗﺮآن ގައ ި މީސްތަކުންނަށް، ހުރިހާ ބާވަތަކުން ﻣﺜﺎل ޖެއްސެވީމެވެ. (އެއީ) އެއުރެން ހަނދުމަކުޅައުމަށް ޓަކައެވެ. އެއްވެސް ގުދުކަމެއްނުވާ، ﻋﺮب ބަހުން އޮތް ﻗﺮآن އެއްގެގޮތުގައެވެ. (އެއީ) އެއުރެން ﺗﻘﻮى ވެރިވުމަށް ޓަކައެވެ.” – ﺳﻮرة اﻟﺰﻣﺮ: 28-27 –

މިހާރުގެ ޖީލަށް އިޝާރާތްކޮށް اﺑﻦ ﻣﻀﺮ ވިދާޅުވެފައިވާ ވަރަށްވެސް حكمة ތެރި އަސަރުން ފުރިގެންވާ ބަސްކޮޅެއް ވެއެވެ. އެބަސްކޮޅުގައިވާ ގޮތަށް މިއަދު އަޅުގަނޑުމެން ޢަމަލުކޮށްފިނަމަ އިސްލާމީ އުއްމަތުގެ އެންމެ މާތް ތިން ޤަރުނުގައި އޮތްފަދަ އުފާވެރި އެއްބައިވަންތަކަމެއް އަލުން ޤާއިމްވެގެންދާނޭފަދަ މާނަފުން ބަސްކޮޅެކެވެ. އެއީ :

“މުސްލިމުން، އެބައިމީހުންގެ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި، އެކަކު އަނެކަކާ، ވާހަކަ ދައްކާ ހަމަ އެކަނި ބަހަކީ، ފުޞްޙާ ޢަރަބި ބަސް ކަމުގައި ވެގެންނޫނީ، ޤައުމިއްޔަތަށް ނިސްބަތްވާ، ތަޢައްޞުބުގެ އިންތަކުން ބައިބައި ކުރެވިފައިވާ، އިސްލާމީ އުންމަތަށް، އެއްބައިވަންތަކަމުގެ ފޮނިމީރުކަން، އިޙްސާސެއް ނުކުރެވޭނެއެވެ.” – اﺑﻦ ﻣﻀﺮ-

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:285,319

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު