ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

އަސްލު މައުޟޫއަށް ޖެހިލުމުގެ ކުރިން އެންމެ ފުރަތަމަ ފަށައިގަތުމަށް ގަސްދުކުރަނީ އުސްތާޛު ނުޢުމާން ޢަލީ ޙާން، ދަރުސެއްގައި ވަރަށް އަސަރާއިއެކު ވިދާޅުވެފައިވާ ޢިބާރާތްކޮަޅަކުންނެވެ. އަޑުއިވުނީއްސުރެ އެޢިބާރާތްކޮޅު އަޅުގަނޑުގެ ކަންފަތުގައި ގުގުމާފައި ހުރެއެވެ. އެ ޢިބާރާތްކޮޅަކީ “އަޅުގަނޑުގެ މައިންބަފައިންނާއި ޢާއިލާއާއި ތިމާގެމީހުންނާއި އަދި ކިޔަވައިދިން އެންމެހާ އެދުރުންނާއި ރައްޓެެހިންނާއިމެދު އަބަދުވެސް ހިތުގައިވާ ޝަކުވާއެއް ވެއެވެ. އެއީ އަޅުގަނޑަށް قرآن އުނގަންނައިދީ ދަސްކޮށްދިން ކަމުގައިވިޔަސް އެ قرآن ގައި އެވާ އެެއްޗެއް ރަނގަޅަށް ފަހުމްވުމަށްޓަކައި ޢަރަބިބަސް އުނގަންނައިދީފައި ނެތުމުގެ ޝަކުވާއެވެ.

ނުވަތަ އެކަމުގެ މުހިއްމުކަން އެއިން އެއްވެސް ފަރާތަކުން ޛިކުރު ކޮށްފައި ނެތުމުގެ ޝަކުވާއެވެ. މިޝަކުވާ ހިތުގައި އުފެދުނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ޢަރަބިބަސް ދަސްކޮށް قرآن ގެ އާޔަތްތައް مراجعة ކުރަންފެށުނު ފަހުން، އެއާޔަތްތަކުގައި މާތް الله ބަޔާންކުރައްވާފައިވާ އެއްޗަކާއި އޭގެ މާނަތަކުގެ ފުރިހަމަކަމާއި ފުންކަން ކުރިއަށްވުރެ ބޮޑަށް ފަހުމްވެ އޭގެ ފޮނިމީރުކަން އިޙްސާސް ކުރެވެން ފެށުނު ހިސާބުންނެވެ.”

އުސްތާޛު ނުޢުމާން ޢަލީ ޙާންގެ މިޢިބާރާތްކޮޅަކީ ހަމައެކަނި އަޑުއަހާލާފައި ނުވަތަ ކިޔާލާފައި ދޫކޮށްލެވޭވަރަށްވުރެ އެއާއިމެދު ވިސްނާ ފިކުރު ހިންގަންޖެހޭވަރުގެ އޮއްޓަރުހުރި، ބުރަދަންހުރި ޢިބާރާތްކޮޅެކެވެ. އެހެންކަމުން އަޅުގަނޑާއިއެކު ކޮންމެވެސް ވަރަކަށް މިމައުޟޫއާއިމެދު ނުވަތަ މިސުވާލާއިމެދު އިހަށް ފިކުރު ހިންގާލަމާތޯއެވެ!

قرآن ހަމައެކަނި ޢަރަބި ބަހުން ބާވައިލެއްވީ ކީއްވެ؟

އަޅުގަނޑުގެ ހިތަށް އަރައެވެ. އިސްލާމްދީންއައީ އެންމެހާ މީސްތަކުންގެ މައްޗަށެވެ. އެހެންކަމުގައި ވިޔަސް، ދުނިޔޭގައި އިންސީންނާއި ޖިންނީން ވާހަކަ ދައްކައިއުޅޭ އެތައްސަތޭކަ ބަހުރުވައެއް އޮންނައިރު އަދި އެންމެން ވާހަކަ ދައްކައިއުޅޭ ބަހަކީ އެއްބަހަކަށް ނުވާއިރު، މި ދެވައްތަރުގެ މަޚްލޫޤުންގެ މައްޗަށް މިފަހު ޒަމާނުގައި އާއްމުކޮށް ބާވައިލެއްވި شريعة ކަމުގައިވާ ކީރިތި قرآن ހަމައެކަނި ޢަރަބި ބަހުން ބާވައިލައްވާފައިވަނީ ކީއްވެގެން ބާވައެވެ؟!

ޢަރަބިބަސް ނޭނގޭ މީހުންވެސް قرآن ކިޔަވަން ޖެހެނީ ދަސްކޮށްގެން ޢަރަބި ބަހުންނެވެ. ކޮންމެ ދުވަހަކު މަދުވެގެން 5 ފަހަރު ކުރަންޖެހޭ ނަމާދުގައި ކިޔާތަކެތިވެސް ހަމައެކަނި ކިޔުން ހުއްދަކުރައްވާފައި އޮންނަނީ ޢަރަބިބަހުންނެވެ. ނަމާދުގެ ތެރޭގައި دعاء އެއް ކުރާނަމަވެސް އެ دعاء އެއް ކުރަންޖެހެނީ ހަމަ ޢަރަބި ބަހުންނެވެ. ކޮންމެ ގޮތަކުން ނަމަވެސް މިކަންމިހެން އޮތަތީވެ، ހަމައެކަނި ޢަރަބި ބަހުން قرآن ކިޔަވާލާފައި ނުވަތަ ޢަރަބި ބަހުން ދުޢާކޮށްލާފައި، މާނަ ނޭނގުނަސް ހެވޭ.. ކުރާނީ ކީއްހޭ.. ހަމަގައިމުވެސް ثواب ލިބޭނޭ ކިޔާފައި، ދެއަތް ހަމަ އުރާލައިގެން ތިބުމުން އެކިޔޭ އެއްޗަކާއި ކުރެވޭ ދުޢާތަކުގެ ހަޤީޤީ މަޤްޞަދު ދެދުނިޔޭން ހަމަ ޙާސިލް ކުރެވިދާނެ ބާވައެވެ؟

އަދި އެހެން ގޮތަކުން މިކަމާއި ވިސްނާލަމާތޯއެވެ. މިސާލަކަށް އެހެން ޤައުމެއްގައި ދިރިއުޅޭ، ތިބާ އެފަރާތެއްދެކެ ލޯބިވާ މީހަކު އެތައް ދުވަހެއް ފަހުން ތިބާއަށް ފޮނުވަނީ ސިޓީއެކެވެ. ތިބާޔަށް އެޑްރެސްކޮށްފައި އޮތުމުން ހަމަގައިމުވެސް އެއީ އެފަރާތުން ތިބާއާއި ޙިއްސާކުރަން ބޭނުންވާ ވާހަކަތަކެއް ހުރީއެވެ. އެހެންކަމުން އެސިޓީ ހަމަ އަތަށް އެރުމާއިއެކު ތިބާ އަވަސްވެގަތީ އެސިޓީގައި އޮތް އެއްޗެއް ވީހާވެސް އަވަހަކަށް ކިޔާލުމަށެވެ. އެކަމަކު އެސިޓީ ހުޅުވާފައި ކިޔަން ބަލާލިއިރު ލިޔެފައި ހުރިކަމަށްވީ އިނގިރޭސި ލެޓިން އަކުރުންނެވެ. އެއީ ތިބާ ނުވެސް ދަންނަ ބަހެކެވެ.

ދެން ތިބާ ކަންތައް ކުރާނީ ކިހިނަކުންތޯއެވެ؟ އިނގިރޭސި ލެޓިން އަކުރުން ލިޔެފައި އޮތުމުން ކިޔަން އެނގުނެއްކަމަކު މާނައެއް ދޭހައެއް ނުވިޔަސް ސިޓީ ކިޔާފައި އެއްލާލާނީ ހެއްޔެވެ؟ެ ނޫނީ އެސިޓީގައި އޮތް އެއްޗެއް ދެނެގަތުމަށް ހަމަ މަސައްކަތެއް ނުކޮށް ހުންނާނީ ހެއްޔެވެ؟ ހަމަގައިމުވެސް އެހެނެއް ނުވާނެއެވެ. އެއީ ތިބާ އެެންމެ ލޯބިވާ ފަރާތުން ހަމަ ތިބާއަށް އެޑްރެސް ކޮށްފައި ފޮނުވި ސިޓީއަކަށް ވުމުން އޭގައި ލިޔެފައި އޮތް އެއްޗެއް އެނގިއްޖެއުމަށް ދާންދެން ތިބާގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. އޭގެ މާނަ ހޯދުމަށް އެބަސް ދަންނަ މީހަކު އަތުވޭތޯ ތިބާ ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. އެހެންވެސް ނުވިނަމަ މިފަދަ ޒަމާނެއްގައި ނަމަ އަމިއްލައަށް “ގޫގުލް ޓްރާންސްލޭޓަށ” ކަހަލަ އެއްޗެއް ބޭނުންކޮށްގެންވެސް އޭގައި ލިޔެފައި އޮތް އެއްޗެއް ދެނެގަތުމަށް މަސައްކަތް ކުރާނެއެވެ.

ތިބާއަށް މިވަރުވާއިރު، ތިބާ އެފަރާތެއްދެކެވެސް އިންތިހާއަށް ލޯބިވާ އަދި އީމާންވާކަމަށް ތިދަޢުވާކުރާ ތިބާގެ ވެރިރައްބު الله سبحانه وتعالى، ﻗﺮآن ފޮތެއް ތިބާއަށާއި މިފަހު ޒަމާނުގެ އެންމެހާ މީސްތަކުންގެ މައްޗަށް ބާވައިލައްވައި އަދި އެ ﻗﺮآن ގެ އެތައް ތަނެއްގައި ” يا أيها الذين آمنوا، އޭ އީމާންވެއްޖެ މީސްތަކުންނޭވެ!” އަދި ” يا أيها الناس، އޭ އެންމެހައި މީސްތަކުންނޭވެ!” މިފަދައިން وحى ގެ ޒަރީޢާއިން ގޮވާލައްވަމުން ނިދާ އިއްވަވަމުން ގެންދަވާއިރުވެސް، އެފޮތުގައި ތިބާގެ ވެރި ރައްބު ތިބާއާއި މުޚާތަބުކޮށް ދައްކަނީ ކޮންވާހަކައެއްތޯ ބަލާލުމުގެ އެދުމުގައި ތިބާގެ އުމުރުން މިހާދުވަސް ވޭތުވެގެން ދިޔައިރުވެސް ﻗﺮآن ގެ ތަރުޖަމާއެއް ނަމަވެސް ބަލާލެވުނީ ކިތައް ފަހަރުތޯއެވެ؟

މިހިސާބުން މިކަމުގެ ސީރިއަސްކަން ކޮންމެވެސް ވަރަކަށް ވަޒަން ކުރެވިއްޖެ… އެހެންނުންތޯއެވެ! އެހެންކަމުން އަނެއްކާވެސް އެންމެ ފުރަތަމައަށް އުފެދުނު ސުވާލަށް ޖެހިލާނަމެވެ. ހަމައެކަނި ޢަރަބި ބަހުން ބާވައިލެއްވީ ކީއްވެބާވައެވެ؟!

އާދެ! ހަމަ އެއްވެސް ޝައްކެއްވެސް ނެތެްގޮތެއްގައި މާތް الله އީ އެންމެ حكمه ވަންތަ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ޙަޤީޤަތުގައި ޢަރަބި ބަހަކީ އެންމެ ދަސްކުރަން ފަސޭހަ ބަހެވެ. އެބަހެއްގައި قواعد ތަކާއި ހަމަތަކާއި ޢުސޫލުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކުލެވިފައިވާ އެހެން އެއްވެސް ބަހެއް ޢަރަބި ބަސް ފިޔަވައި ނުވެއެވެ. ޢަރަބި ބަސް ފިޔަވައި އެހެން ބަހަކުން قرآن ބާވައިލެއްވިނަމަ، އެހެން ބަސްތަކަށް އެއާޔަތްތައް ތަރުޖަމާކޮށް ހެދުމުގައި މާނައިގެ ފުށުއެރުންތަކާއި ދޭހަވުމުގައި މައްސަލަތައް ކުރިމަތިވީސްކަން ޔަޤީނެވެ.

އެކަމަކު ޢަރަބި ބަހުގައި މިދެންނެވި ޢުސޫލުތަކުގެ ވަރުގަދަކަމާއި ހަރުދަނާކަމުން ބުނާއެއްޗެއް ރަނގަޅަށް ދޭހަވެ، އެއާއިމެދު ވިސްނާފިކުރު ހިންގަން ފަސޭހަވެ އަދި ފަހުމްވާންޖެހޭ އެންމެ ރަނގަޅުގޮތުގައި ފަހުމްވުމުގެ އިތުރަށް ތަރުޖަމާކޮށް މާނަކުރުމުގައިވެސް އިންތިހާއަށް ފަސޭހަވެގެން ދެއެވެ. މިކަމަށް ބާރުލިބޭ ބައެއް އާޔަތްތައް قرآن ގައިވެސް ވެއެވެ.

“ހަމަކަށަވަރުން، ތިމަންއިލާހު، އެ ފޮތް ބާވައިލެއްވީ، ﻋﺮب ބަހުންއޮތް ﻗﺮآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރު ކުރުމަށް ޓަކައެވެ.“ – ﺳﻮرة ﯾﻮﺳﻒ: 2 –

“ފަހެ، ތިމަންއިލާހު، އެ ﻗﺮآن ކަލޭގެފާނުގެ ބަހުން (އެބަހީ ޢަރަބި ބަހުން) ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށް ޓަކައެވެ.“ – ﺳﻮرة اﻟﺪﺧﺎن: 58 –

އަދިވެސް وحى ކުރެއްވިއެވެ. “ފަހެ، ހަމަކަށަވަރުން، ތިމަންއިލާހު، ކަލޭގެފާނުގެ ބަހުން (އެބަހީ ޢަރަބި ބަހުން) އެ ﻗﺮآن ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން ﺗﻘﻮى ވެރިންނަށް އުފާވެރިކަމުގެ ﺧﺒﺮ ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން إﻧﺬار ކުރެއްވުމަށްޓަކައެވެ.” – ﺳﻮرة ﻣﺮﯾﻢ: 97 –

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:285,318

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު