ބަލިތަކުން، އިންފެކްޝަންތަކުން ސަލާމަތްވުމަށް ބޭނުންކުރާ އެންޓިބައިޓިކަށް ހަށިގަނޑު ހޭނިއްޖެ ނަމަ ދެން ވާނެ ގޮތް އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެންމެ އާދައިގެ ކަންކަމަށް ބަލާނަމަ އަރިދަފުސް ރޯގާއިންވެސް ސަލާމަތެއް ނުވެވޭނެއެވެ. ބޮޑުވެގެން އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް ނުކުރެވޭނެއެވެ. ހަށިގަނޑުން ކެނޑޭ ތަނެއް ފަސޭހައެއް ނުކުރެވޭނެއެވެ. ޓީބީ ބައްޔާއި އެނޫން ވެސް ބަލިތަކުން ސަލާމަތެއް ނުވެވޭނެއެވެ.
އެންޓިބައިޓިކަށް ހަށިގަނޑު ހޭނޭ ސަބަބުތައް ގިނައެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އެއްެ ކަމަކީ ޑޮކްޓަރުންދާ އެންޓިބައިޓިކް ޑޯޒް ފުރިހަމައަށް ބޭނުން ނުކުރުމެވެ. ކިރިޔާ ލުއިވެލާއިރަށް ބޭސް ނުކައި ހުއްޓައިލުމެވެ. ދެވަނަ ސަބަބަކީ ކިރިޔާ ކަމެއްވާއިރަށް ޑޮކްޓަރުންގެ ލަފާ ނުހޯދައި ފާމަސީއަކުން އެންޓިބައިޓިކް ހޯދައި އެމީހަކު ބޭނުންވަރަކަށް ބޭނުން ކުރަމުން ގެންދިއުމެވެ.
މިކަމާއިބެހޭގޮތުން ރާއްޖެއިން މިއަހަރުން ފެށިގެން 2022 އަށް އަމަލުކުރާނެ ގޮތުގެ އެކްޝަން ޕްލޭން އިފްތިތާޙްކުރުމަށް މިއަދު މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޑަބްލިޔޫއެޗްއޯގެ މަންދޫބު ޑރ. އާވިންދް މާތޫރު ވިދާޅުވީ މި މައްސަލަތަކަކީ މުޅި ދުނިޔެއަށް، ޚާއްޞަކޮށް މި ސަރަހައްދުގައިވެސް ކަންބޮޑުވާންޖެހޭ ފެންވަރަށް އޮތް މައްސަލަތަކެއް ކަމަށެވެ. އެކަމުގެ ސަބަބުން ޢާންމު ބަލިތަކުން ސަލާމަތް ވުމަށްވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ޑރ. އާވިންދް މާތޫރު ވިދާޅުވީ މިކަމުގެ ސަބަބުން ބަލިތަކުން ސަލާމަތް ނުވެވި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށާއި އަހަރަކު 10 މިލިއަން މީހުން މަރުވުމުގެ ބިރު އެބައޮތް ކަމަށެވެ. ހަމައެއާއިއެކު ބަލިވުމުން އުފުލަންޖެހޭ ވޭންތަކުގެ އިތުރުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް އިތުރުވެގެން ދިއުމުގެ ފުރުޞަތު ބޮޑު ވެގެންދާނެ ކަމެއް ކަމަށެވެ.
މިކަންކަމުގެ ވަރަށް ގިނަ ތަފްޞީލުތައް ޑރ. އާވިންދު މާތޫރު ވަނީ ދެއްވައިފައެވެ.
ލިޔުނީ: އަބްދުއްލަތީފް
މަސްދަރު: http://miadhu.mv/article/read/31340
ކިޔާފައިވާ ޢަދަދު:285,320