އަބްޖަދު ހައްވަޒަށް ނަޒަރެއް

މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން

ޢަރަބި އަލިފުބާގެ އަކުރުތައް ހިމެނޭ، އަބްޖަދު ހައްވަޒަކީ، ދިގު ތާރީޚެއް ލިބިފައިވާ ޒަމާންވީ ތަރިކައެކެވެ. ބުނެވޭ ގޮތުގައި، އޭގެ ފުރަތަމަ ހަ ލަފުޒަކީ، މަދުޔަނުގެ ރަސްރަސްކަލުންގެ ނަންތަކެކެވެ. އެ ނަންތަކަކީ:

1. އަބްޖަދު (أَبْجَد)
2. ހައްވަޒު (هَوَّز)
3. ޙުއްޠީ (حُطِّي)
4. ކަލަމުން (كَلَمُن)
5. ސަޢަފަޞް (سَعَفَصْ)
6. ޤަރަޝަތު (قَرَشَتْ) މިއެވެ.

މީގެ ތެރެއިން “ކަލަމުން” އަކީ، އެ ރަސްރަސްކަލުންގެ އިސް ރަސްގެފާނުގެ ނަން ކަމަށް ވެސް ބުނެވެއެވެ. އެ ރަސްރަސްކަލުންނާއި އެމީހުންގެ ޤައުމުތައް ހަލާކުވި ދުވަސް ކަމަށް ވާރިދުވެފައިވަނީ، “ޔައުމުއްޡުއްލާ” (يَوْمُ الظُّلَّةِ) އެވެ، ކިޔުނު ދުވަހެވެ. އެ ދުވަހުގެ ވާހަކަ، ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 189 ވަނަ އާޔަތުގައި ވާރިދުވެފައި ވެއެވެ. އެދުވަހު އެމީހުން ހަލާކުވެދިޔައީ، ޝުޢައިބުގެފާނުގެ ޤައުމުގެ މީހުންނާއެކުގައި ކަމަށް ބުނެވެއެވެ.

ބައެއް ނަޒަރިއްޔާތައް ބުނާ ގޮތުގައި، އެންމެ ފުރަތަމަ، ޢަރަބި ލިޔުން އުފެއްދީ، ނަންގަނެވިދިޔަ ހަ ރަސްކަލުންނެވެ. އެމީހުން އެކަންކުރީ، އެމީހުންގެ ނަންނަމުގައިވާ އަކުރުތަކުންނެވެ. އެއަށްފަހު އޭގެ ތެރެއަށް ހަ އަކުރެއް އިތުރުކުރެވުނެވެ. އެއީ ث خ ذ ض ظ غ މި އަކުރުތަކެވެ. މި އަކުރުތަކަށް “ރަވާދިފު” ގެ ނަމުން ނަންދެވިފައި ވެއެވެ. މިއަކުރުތަކާއެކު ފުރިހަމަވި އަބުޖަދު ހައްވަޒު ތިރީގައި މިވަނީއެވެ.

أَبْجَد، هَوَّزَ، حُطِّي، كَلَمُنْ، سَعْفَصْ، قُرِشَتْ، ثَخَذ، ضَظَغ

މިގޮތަށް މި ލަފުޒުތައް ތަރުތީބުކުރެއްވީ، ނަޞްރު ބްނު ޢާޞިމުއް ލައިޘީ (نَصْر بن عاصم اللَّيثيّ) ކަމަށް ރިވާވެފައި ވެއެއެވެ.

އަބުޖަދު ހައްވަޒުގެ ބައެއް ލަފުޒުތަކުގައި އެއް ގޮތަށްވުރެ ގިނަ ގޮތްގޮތަށް ފިލިޖެހިފައި ވެއެވެ. އަބްޖަދު (أَبْجَد) ގެ އަޞްލަކީ “އަބޫޖާދު” (أبو جاد) ކަމަށް ބުނެވެއެވެ. ބައެއް މަޞްދަރުތަކުގައި ވަނީ، “ކަލިމަން” (كَلِمَنْ) އެވެ. ބައެއް މަޞްދަރުތަކުގައި ވަނީ، “ސަޢަފަޞް” (سَعَفَصْ) އެވެ. ބައެއް މަޞްދަރުތަކުގައި ވަނީ “ޤަރަޝަތު” (قَرَشَتْ) އެވެ. އަދި ބައެއް ލިޔުންތަކުގައި “ޤަރްޝަތު” (قَرْشَتْ) ކަމަށް ވެސް ލިޔެފައި ވެއެވެ.

އައްޒަމަޚުޝަރީގެ “ރަބީޢުލް އަބްރާރި” (رَبيعِ الأَبرار) އެވެ، ކިޔާ ފޮތުގެ 828 ވަނަ ޞަފުޙާގައި ވެއެވެ.

“أبوجاد އާއި هوز އާއި حطى އާއި كلمون އާއި سعفص އާއި قرشيات އަކީ، ރަސްރަސްކަލުން ކަމުގައި ވިއެވެ. އަބޫޖާދު (أبوجاد) ރަސްގެފާނު ވީ މައްކާގައެވެ. “ހައްވަޒު” (هَوَّز) އާއި، “ޙުއްޠީ” (حُطِّي) ވީ، ޠާއިފު (الطَّائف) ގެ ވައްޖު (وَجَّ) ގައެވެ. މިނޫން ރަސްރަސްކަލުން ވީ، މަދްޔަޔަނު (مَدْيَن) ގައެވެ.”

އިހުޒަމާނުގެ މަދްޔަން ވަނީ، މިހާރުގެ އުރުދުން (الأُرْدُنُ) ގައެވެ. އެއީ، އަލްމަމްލަކަތުލް އުރުދުނިއްޔަތިލް ހާޝިމިއްޔާ (The Hashemite Kingdom of Jordan) އެވެ.

އެހެން ރިވާޔަތެއް ބުނާ ގޮތުގައި، ނަންގަނެވިދިޔަ (އަބުޖަދު ހައްވަޒުގެ) ލަފުޒުތަކަކީ، ޝައިޠާނުންގެ ނަންތަކެކެވެ. އެއީ، ކޮން ބަޔެއްގެ ނަންތަކެއް ކަން ބުނެދޭ މިނޫން ރައުޔުތައް ވެސް ވެއެވެ.

އަބުޖަދު ހައްވަޒުގެ ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތް ބައެއް ސަގާފަތްތަކުގައި ތަފާތެވެ. މިސާލަކަށް މަޣުރިބުކަރައިގެ ސަގާފަތުގައި، “ކަލަމުން” ގެ ފަހަތަށް އަންނަ ލަޒުފުތައް ތަފާތެވެ. އެ ސަގާފަތުގައި، “ކަލަމުން” ގެ ފަހަތަށް އަންނަނީ، صعفض، قرست، ثخذ، ظغش އެވެ.

އަބުޖަދު ހައްވަޒުގެ ލަފުޒުތަކުގައި މާނަތަކެއް ވާ ކަމަށް ވެސް ބުނެވެއެވެ. ތިރީގައި މިވަނީ އެ މާނަތަކެވެ.

1. އަބްޖަދު (أَبْجَد): (أخذ) ނަގައިފި، ހިފައިފި.
2. ހައްވަޒަ: (هَوَّزَ): (ركب) ސަވާރުވެއްޖެ.
3. ޙުއްޠީ (حُطِّي): (وقف) ހުއްޓިއްޖެ، ކޮއްޅަށް ހުރެއްޖެ.
4. ކަލަމުން (كَلَمُنْ): (أصبح متعلماً) ތަންދޮރު ދަންނަ ތަޢުލީމުޔާފުތާއަކަށް ވެއްޖެ.
5. ސަޢުފަޞް (سَعْفَصْ): (أسرع في التعلم) ތަޢުލީމު ޙާޞިލުކުރުން އަވަސްވެއްޖެ.
6. ޤަރަޝަތު (قَرَشَتْ): (أخذه بالقلب) ހިތަށް ނަގައިގެންފި.
7. ޘަޚަޛަ (ثَخَذ): (حفظ) ހިތުދަސްކޮށްފި، ރައްކާކޮށްފި.
8. ޟަޡަޣު (ضَظَغ): (أتمّ) މުޅިން ފުރިހަމަކޮށްފި.

މިއީ، އަބުޖަދު ހައްވަޒު އެވެ، ކިޔާ އަލިފުބާގެ އަކުރުތައް ހިމެނޭ ތަރިކައާ ބެހޭ ގޮތުން ހޯދި ހޯދުމުން ލިބުނު ބައެއް މަޢުލޫމާތެވެ. އެއާބެހޭ މިނޫން މަޢުލޫމާތު ވެސް ވެއެވެ. މި މަޢުލޫމާތުކޮޅަކީ، ޢަރަބި އަކުރާބެހޭ މަޢުލޫމާތު ހޯއްދަވާ ފަރާތްތަކަށް ބޭނުންތެރި އެއްޗެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ.

މަސްދަރު: ބަޙުރު އީމަޖައްލާ

ކިޔާފައިވާ ޢަދަދު:159,040

މިވެސް މުހިންމު