މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ޢަރަބި އަކުރު އުފެދުނު ގޮތުގެ ވާހަކައަކީ ދިގުވާހަކައެކެވެ. ތަފާތު ރިވާޔަތްތަކުން ތަފާތު ގޮތްގޮތަށް އެވާހަކަ ކިޔައި އުޅެތެވެ. އެއްރިވާޔަތެއް ބުނާގޮތުގައި ޢަރަބި ލިއުމަކީ މާތްﷲ އާދަމުގެފާނަށް އުނގަންނަވައިދެއްވި އެއްޗެކެވެ. އިހުގެ ޢަރަބީން ޤަބޫލުކޮށްގެން ތިބީ އެގޮތަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ދަލީލެއް ނެތެވެ. އެ ރިވާޔަތާ އިދިކޮޅު އެހެން ރިވާޔަތެއް ބުނާގޮތުގައި ޢަރަބި އަކުރު އުފެދިގެން އައީ ޔަމަނުކަރައިންނެވެ. ޔަމަނުކަރައިގެ މުސްނަދު ލިއުމަކީ ޢަރަބި އަކުރުގެ އަޞްލެވެ. ނަމަވެސް ޢަރަބި އަކުރު އުފެދުނީ މުސްނަދު ލިއުމުންކަން ސާބިތުކޮށްދޭނެ ދަލީލެއް ނެތުމާއެކު، މިއީ ވެސް ޤަބޫލުކުރެވޭނެ ރިވާޔަތެއްކަމުގައި ނުވި އެވެ. މިފަދަ އެހެން ރިވާޔެތެއް ބުނާގޮތުގައި ޢަރަބި އަކުރަކީ ދެތިން މީހަކު ކުރި މަސައްކަތެއްގައި އެޅި ފޮނި މޭވާއެކެވެ. އެމީހުން ޢަރަބި އަކުރު އުފެއްދީ ސިރިއާނީ އަކުރު އަޞްލެއްކަމުގައި ބަލައިގެންނެވެ. އަދި އެމީހުން އުފެއްދި ޢަރަބި އަކުރު ފެތުރުމުގެ މަސްއޫލިއްޔަތު އުފުލީ އެންމެ މީހެކެވެ. ނަމަވެސް ތާރީޚީ ނަޒަރަކުން ބަލާއިރު އެކަން އެގޮތަށް ހިނގާފައިވާ ކަމުގެ އެއްވެސް ހެތްކެއް ނެތެވެ.
މިދެންނެވި ރިވާޔަތްތަކަކީ ތާރީޚީ ނަޒަރަކުން ބަލާއިރު، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެއަށް ބާރެއް ދޭނެ ތާރީޚީ ހެތްކެއް ނެތަތީ އެވެ. ނަމަވެސް އެރިވާޔަތްތަކާމެދު ނަޒަރުހިންގައި ބެލުމަކީ، ޢަރަބި އަކުރު ދިރާސާކުރާއިރު، މުހިންމު ކަމަކަށް ވަނީ ވެފަ އެވެ. އެއީ ޢަރަބި އަކުރު އުފެދިގެން އައި ގޮތް ޝަރަޙަކޮށްދޭ ނަޒަރިއްޔާތައް ކަމުގައި ވީތީ އެވެ. އެއީ ތެދު އެއްޗެއް ކަމުގައި ނުވިޔަސް އެއާމެދު ވިސްނާ ފިކުރު ހިންގުމުން، ޙާލަތު އޮތްގޮތާއި ކަންތައް ހިނގަމުންދިޔަގޮތް އޮޅުންފިލާތީ އެވެ. އެހެންކަމުން ޢަރަބި އަކުރު އުފެދިގެން އައިގޮތް ދިރާސާކުރާއިރު، އެ ރިވާޔަތްތަކުގެ މައްޗަށް ބިނާވެފައިވާ ނަޒަރިއްޔާތައް ދިރާސާކުރުންވަނީ މުހިންމުކަމަކަށް ވެފަ އެވެ.
ފުރަތަމަ ނަޒަރިއްޔާ: ތައުޤީފު ނަޒަރިއްޔާ
ޢަރަބި އަކުރުގެ އަޞްލާ ބެހޭގޮތުން އިހުގެ ޢަރަބީން ޤަބޫލުކޮށްގެން ތިބިގޮތް ޝަރަޙަކޮށްދޭ މިނަޒަރިއްޔާއަށް ކިޔަނީ ތައުޤީފު ނަޒަރިއްޔާ އެވެ. މިނަން ކިއުނީ ޢަރަބި އަކުރަކީ އާދަމުގެފާނަށް މާތްﷲ ދެއްވާފައިވާ އެއްޗެއްކަމުގައި މި ނަޒަރިއްޔާ ބުނާތީ އެވެ. މި ނަޒަރިއްޔާގެ ޚުލާޞާއަކީ، އާދަމުގެފާނުގެ ދަރިކޮޅުން އައި އެންމެން ލިޔަމުން ގެންދިޔައީ މާތްﷲ އެކަލޭގެފާނަށް އުނގަންނަވައިދެއްވި ލިއުމަކުންނެވެ. ނޫޙުގެފާނުގެ ޒަމާނުގައި ޠޫފާން އައިއިރު، އެ ލިއުމުން ވަނީ ތަފާތު ފޮތްތައް ލިޔެވިފަ އެވެ. އެ ޠޫފާނުގައި ދުނިޔެ ޣަރަޤުވުމަށްފަހު، ފެން ހިނދި ދުނިޔޭގެ ކަންތައް ހަމަޔަކަށް އެޅުނުއިރު، ނޫޙުގެފާނާއެކު ސަލާމަތްވި މީހުންނަށް ބައެއް ފޮތްތައް ލިބުނެވެ. ޒަމާންތައް ދައުރުކުރަމުން، އެއްޖީލަކަށްފަހު އަނެއް ޖީލަކަށް އެ ފޮތްތައް ވާރުތަވަމުން ގޮސް، އިސްމާޢީލުގެފާނާ ހަމައަށް އައިއިރު، އެކަލޭގެފާނަށް އޭގެ ތެރެއިން ފޮތެއް ލިބިވަޑައިގަތެވެ. އެ ފޮތް ލިޔެފައިވަނީ ޢަރަބި އަކުރުންނެވެ. ޢަރަބި އަކުރުގެ އަޞްލަކީ އެފޮތް ލިޔެވިފައިވާ އަކުރެވެ.
މި ނަޒަރިއްޔާގައި އާދަމުގެފާނުގެ ޒަމާނުން ފެށިގެން، ނޫޙުގެފާނު ފަހަނައަޅައި އިސްމާޢީލުގެފާނާ ހަމައަށް ޢަރަބި އަކުރު ވާޞިލުވިކަމަށް ބުނަނީ އެއްވެސް ދަލީލެއް ދެއްކުމެއްނެތި އެވެ. ދޫދޫމަތިން ވާރުތަވަމުން އައިސްފައިވާ ފުލޯކު ވާހަކައެއްގެ ސިފައިގަ އެވެ. އެހެންކަމުން މި ނަޒަރިއްޔާއަކީ ޤަބޫލުކުރެވޭނެ އެއްޗެއްކަމުގައި ނުވެ އެވެ.
ޢަރަބި އަކުރަކީ ތައުޤީފު ނަޒަރިއްޔާ ބުނާފަދައިން އުފެދިފައިވާ އެއްޗެއް ނޫންކަން ބަޔާންކޮށްދެއްވަމުން އަލްޢައްލާމާ އިބްނު ޚަލްދޫން އޭނާގެ މުޤައްދިމާގައި ލިއުއްވާފައިވެއެވެ. ”އަކުރަކީ މަދަނިއްޔަތުގެ އުފެއްދުމެކެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ނުހަނު ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން، އެއުފައްދަނީ އިންސާނުންނެވެ… މަދަނީ ގޮތުން މުޖުތަމަޢު ދަށަށް ދިޔަވަރަކަށް ލިޔެކިއުމުގެ ބޭނުންތެރިކަން ކުޑަވަމުންދެއެވެ. މަދަނީ ގޮތުން މުޖުތަމަޢު ކުރިއެރިވަރަކަށް އޭގެ ބޭނުންތެރިކަން އިތުރުވަމުން ދެއެވެ.” ތެދެކެވެ. އިންސާނީ ތާރީޚުގައި އެކަން އޮތީ އެގޮތަށެވެ. އަކުރަކީ ފަހަރެއްގައިވެސް މާތްﷲ އުޑުން ބާވައިލައްވާފައިވާ އެއްޗެއް ނޫނެވެ. އެއީ އިންސާނުން އަމިއްލައަށް އުފައްދަމުން ގެންދާ އެއްޗެކެވެ. ވީމާ، ތައުޤީފު ނަޒަރިއްޔާ އަކީ، ގަބޫލުކުރެވޭނެ އެއްޗެއް ނޫނެވެ.
ދެވަނަ ނަޒަރިއްޔާ: ދެކުނު ނަޒަރިއްޔާ
ދެވަނަ ނަޒަރިއްޔާގެ ނަމަކީ ދެކުނު ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާއަށް މިނަން ކިއުނީ ޢަރަބި ލިއުމުގެ އަޞްލު އުފެދިގެން އައީ، ޢަރަބި ކަރައިގެ ދެކުނުން ކަމަށް މި ނަޒަރިއްޔާ ބުނާތީ އެވެ. ޔަމަނުކަރަ އޮންނަނީ ޢަރަބި ޝިބުހު ޖަޒީރާގެ ދެކުނުގަ އެވެ. ސަބާ (ސަބައު) ދައުލަތާއި ޙިމްޔަރު ދައުލަތަކީ ޔަމަނުކަރައިގައި އުފެދުނު މަޝްހޫރު ދެ ދައުލަތެކެވެ. މި ނަޒަރިއްޔާ ބުނާގޮތުގައި ޢަރަބި އަކުރުގެ އަޞްލަކީ ޙިމްޔަރު ދައުލަތުގެ މުސްނަދު ލިއުމެވެ. އެ ލިއުން، ޢަރަބި ޖަޒީރާގެ ދެކުނުގައިވާ ރަށްތައް ފަހަނައަޅައި އުތުރުގެ ރަށްތަކާ ހަމައަށް ދަތުރުކުރި ކަމަށް މި ނަޒަރިއްޔާ ބުނެ އެވެ. އެހެންކަމުން ޢަރަބި ޖަޒީރާގެ ދެކުނާއި އުތުރުގައި ލިޔަން ބޭނުންކުރެވުނު އަކުރުގެ އަޞްލަކީ މުސްނަދު ލިއުމެވެ.
މިނަޒިއްޔާ އުފެދުމަށް މެދުވެރިވި ސަބަބަކީ، މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނުގައި ޔަމަނުގެ ސަބާ ދައުލަތާއި ޙިމްޔަރު ދައުލަތް، ޢަރަބިކަރައިގެ މައްޗަށް ހިންގި ނުފޫޒުގެ ވަރުގަދަކަން ކަމަށް ބެލެވެ އެވެ. އެޒަމާނުގައި އެ ދެ ދައުލަތުގެ ބަހާއި ސަގާފަތު ޢަރަބީންގެ މައްޗަށް ފޯރާފައިވާ ކަމީ، މި ނަޒަރިއްޔާގެ ބިންގަލެވެ. ނަމަވެސް އެ ނުފޫޒު ނިމުމާއެކު، އެމީހުންގެ ބަހާއި ސަގާފަތު ވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ގޮސްފައިވާތީ، މިނަޒަރިއްޔާގެ މަޤުބޫލުކަން ވަނީ ގެއްލިފަ އެވެ.
ދެކުނު ނަޒަރިއްޔާ މަޝްހޫރުވުމަށް މެދުވެރިވި ސަބަބެއް ވެ އެވެ. ޢަރަބީން ޤަބޫލުކުރާ ގޮތުގައި ޔަމަނުކަރައިގެ ސަބާ ދައުލަތުގެ މުއައްސިސުންނަކީ، ނަޖިދުކަރައާއި ޙިޖާޒުކަރައިގެ އުތުރުގައިވާ ޖައުފު އިޤުލީމުގެ މީހުންނެވެ. އެހެންކަމުން، ޖައުފު އިޤުލީމާއި ޔަމަނުކަރައާއި ދެމެދުގައި އޮތް ސިޔާސީ ގުޅުންތަކާއި ހިޖުރަކުރުންތަކަކީ މި ނަޒަރިއްޔާ ފެތުރި މަޝްހޫރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެ އެވެ.
ޢަރަބި އަކުރު އުފަންވި ޒަމާން ކަމަށް، ދެކުނު ނަޒަރިއްޔާ ކަނޑައަޅަނީ މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނެވެ. ތައުޤީފު ނަޒަރިއްޔާގައި ބުނާފަދައިން އާދަމުގެފާނާ ހަމައަކަށް ވާޞިލެއް ނުކުރެ އެވެ. އެހެންކަމުން ޢަރަބި އަކުރު އުފެދުނު ޒަމާން ކަނޑައެޅުމުގައި ވެސް މި ދެނަޒަރިއްޔާ، އެކަތި އަނެއްކައްޗާ ވަރަށް ބޮޑަށް ފުށުއަރަ އެވެ.
ތިންވަނަ ނަޒަރިއްޔާ: އުތުރު ނަޒަރިއްޔާ
މިނަޒަރިއްޔާ ބުނާގޮތުގައި ޢަރަބި އަކުރު އުފެއްދީ ތިންމީހެކެވެ. އެއީ މުރާމިރާއި އަސްލަމާއި ޢާމިރެވެ. އެ ތިންމީހުން ޢަރަބި އަކުރު އުފެއްދީ ސުރިޔާނީ އަކުރު އަޞްލެއްކަމަށް ބަލައިގެންނެވެ. އެ ތިންމީހުން އުފެއްދި އަކުރު، އަންބާރީންގެ ބަޔަކު ދަސްކުރިއެވެ. އެއަށްފަހު، އަންބާރީންގެ ގާތުން ޙީރާގެ ބަޔަކު ދަސްކުރިއެވެ. އެއަށްފަހު، އެމީހުންގެ ގާތުން ބިޝްރު ބިން ޢަބްދުލްމަލިކު ނަމަކަށް ކިއުނު މީހަކު ދަސްކުރި އެވެ. މައްކާއަށް ޢަރަބި އަކުރު ގެނެސްދިނީ އޭނާ އެވެ. އޭނާ މައްކާއަށް ގޮސް އުޅެނިކޮށް، އޭނާގެ ގާތުން ސުފުޔާން ބިން އުމައްޔާ އާއި އަބޫޤައިސު ބިން ޢަބްދު މަނާފު ލިޔަން ދަސްކުރި އެވެ. އެއަށްފަހު، އިބްނު ޢަބްދުލްމަލިކާއި އަބޫޤައިސު ދިޔައީ ޠާއިފަށެވެ. ދެން އެރަށުގެ ބަޔަކު، އިބްނު ޢަބްދުލްމަލިކުގެ ގާތުން ޢަރަބި ލިއުން ދަސްކުރި އެވެ. އެއަށްފަހު، އޭނާ ދިޔައީ ދިޔާރު މުޟަރަށެވެ. ދެން އެ ޝަހަރުގެ ބަޔަކު އޭނާގެ ގާތުން ލިޔަން ދަސްކުރިއެވެ. އެއަށްފަހު، އޭނާ ދިޔައީ ޝާމުކަރަޔަށެވެ. ދެން އެ ސަރަޙައްދުގެ އެތައް ބަޔަކު އޭނާގެ ގާތުން ލިޔަން ދަސްކުރި އެވެ. މިގޮތުގެ މަތިން، މި ނަޒަރިއްޔާ ބުނެދެނީ ދެތިން މީހެއްގެ މަސައްކަތުން އުފެއްދި ޢަރަބި އަކުރު، އެންމެ މީހެއްގެ މަސައްކަތުން، މުޅި ޢަރަބިކަރައިގައި ފެތުރުނު ކަމަށެވެ.
މިނަޒަރިއްޔާ ބުނާފަދައިން، ބިޝްރު ބިން ޢަބްދުލްމަލިކާއި ސުފުޔާން ބައްދަލުވެފައިވާނަމަ، އޭގެ މާނައަކީ ޢަރަބި އަކުރު ޙިޖާޒުކަރައަށް އައިސްފައިވަނީ މީލާދީން ފަސްވަނަ ޤަރުނުގެ ފަހުކޮޅުގަ އެވެ. ކަންމިހެން އޮތުމާއެކު، އާދަމުގެފާނާ ހަމައަށް ޢަރަބި ލިއުން ގެންދެވެން ނެތްތާގައި އިސްމާޢީލުގެފާނާ ހަމައަކަށް ވެސް ނުފޯރަ އެވެ. އަދި ދެވަނަ ނަޒަރިއްޔާގައި ބުނާ މުސްނަދު ލިއުމާ ހަމައަށް ވެސް ވާޞިލެއް ނުވެ އެވެ.
މިނަޒަރިއްޔާއަކީ ޞައްޙަ އެއްޗެއްތޯ ބަލާއިރު، އެކަން ސާބިތުކޮށްދޭނެ ހެތްކެއް ނެތެވެ. އެހެންކަމުން، މިއީވެސް މަޤުބޫލު ނަޒަރިއްޔާއެއްކަމުގައި ނުވެ އެވެ.
އިތުރު ރިވާޔަތްތައް
ބަޔާންވެދިޔަ ތިން ނަޒަރިއްޔާގެ އިތުރަށް، ޢަރަބި ލިއުން އުފެދިގެން އައި ގޮތް ޝަރަޙަކޮށްދޭ ތަފާތު އެހެން ރިވާޔަތްތައް ވެސް ވެ އެވެ. އެއިން ރިވާޔަތެއް ބުނާގޮތުގައި ޢަރަބި އަކުރު އުފެއްދީ އެންމެ މީހެކެވެ. އޭނާ ޢަރަބި އަކުރު އުފެއްދީ، އޭނާގެ އަށް ދަރީންގެ ނަންތަކުގައިވާ އަކުރުތައް އަޞްލެއްކަމަށް ބަލައިގެންނެވެ.
މިފަދަ އެހެން ރިވާޔަތެއް ބުނާގޮތުގައި، ނަމުގައިވާ އަކުރުތަކަށް ބަލައިގެން ޢަރަބި އަކުރު އުފެއްދީ އެންމެ މީހެއް ނޫނެވެ. އެކަންކުރީ ހަމީހެކެވެ. އެ ހަމީހުންނަކީ އަބުޖަދު (أبجد) އާއި، ހައްޥަޒު (هوز) އާއި، ޙުއްޠީ (حطي) އާއި، ކަލަމުން (كلمن) އާއި، ސަޢުފަޞް (سعفص) އާއި، ޤަރްޝަތު (قرشت) އެވެ. އެމީހުންގެ ނަންތަކުގައިވާ އަކުރުތަކުން އަލިފުބާގެ އަކުރުތައް އުފައްދަން ބެލިއިރު، އެ ނަންތަކުގައި ނެތް އަޑުތަކެއް ޢަރަބި ބަހުގައި ވާކަން އެނގުނެވެ. ދެން އެ އަޑުތަކަށް އެ ހަ މީހުން އަކުރުތަކެއް އުފެއްދި އެވެ. އެއީ، ޘައްޚަޛު (ثخذ) އާއި ޟައްޡަޣު (ضظغ) ގައިވާ ޢަރަބި އަކުރުތަކެވެ. މިގޮތުގެ މަތިން އެމީހުން އުފެއްދި އަބުޖަދު ހައްވަޒުގެ އަކުރުތައް އަންބާރީންނާ ހަމައަށް ވާޞިލުވެ، އަންބާރީން އެ އަކުރުތަކުން ލިޔަން ފެށިއެވެ. ޢަރަބީންނަށް އެ އަކުރުތައް ލިބުނީ އަންބާރީންގެ އަތުންނެވެ.
އެހެން ރިވާޔަތެއް ބުނާގޮތުގައި ޢަރަބި އަކުރު އުފެދުނީ އިސްމާޢީލުގެފާނުގެ ބޭފުޅުން ލިއުއްވާފައިވާ ލިއުމަކުންނެވެ. އެއީ ހުރިހާ އަކުރުތަކެއް ގުޅިފައިވާ ލިއުމެކެވެ. ޢަރަބި އަކުރުތައް އުފެއްދުނީ އެ ލިއުމުގައިވާ އަކުރުތައް ވަކިކޮށްގެން އެއިންނެވެ.
އިހުޒަމާނުގެ ރިވާޔަތްތަކުގެ ތެރެއިން، ބަޔާންވެދިޔަ ތިން ރިވާޔަތުންކުރެ ރިވާޔަތެއްގައި ޙަޤީޤަތެއްވާކަން ސާބިތުކޮށްދޭނެ ހެތްކެއް ނެތެވެ. އެއާ ޚިލާފަށް މިޒަމާނުގެ ރިވާޔަތްތައް ބިނާވެފައިވަނީ ޢިލްމީ ދިރާސާތަކުގެ މައްޗަށެވެ. އެފަދަ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ބައެއް ވާހަކަތައް ވެސް މިތާނގައި ނަކަލުކޮށްލާނަމެވެ.
މިޒަމާނުގެ ބައެއް ރައުޔުތައް
ދުނިޔޭގައިވާ ލިއުންތައް މިޒަމާނުގައިވަނީ ޢާއިލާތަކަކަށް ބަހާލެވިފަ އެވެ. އޭގެ ތެރެއިން ޢަރަބި އަކުރާ ގުޅުންހުރި އެންމެ ޤަދީމީ ޢާއިލާއަކީ މިޞްރުގެ ބޯދާ ލިއުމެވެ. އެ ލިއުމަކީ ހަމައެކަނި މިޞްރުގައި ބޭނުންކުރެވުނު އެއްޗެއް ނޫނެވެ. މިޞްރާއި މިޞްރުގެ ވަށައިގެންވާ ސަރަޙައްދުގައި އެ ލިއުން ބޭނުންކުރެވުނެވެ.
މިޞްރުގެ ބޯދާ ލިއުމުގެ ތިންވައްތަރެއް ވެއެވެ. އެއީ:
1. ކަހީނުން ލިޔަން ބޭނުންކުރި ހައިރޯގްލިފިކް (Hieroglyphic) އަކުރުތައް.
2. ދައުލަތުގެ ރަސްމީ ލިއުންތައް ލިޔަން ބޭނުންކުރި ހީރަޓިކް (Hieratic) އަކުރުތައް.
3. ޢާއްމުން ލިޔަން ބޭނުންކުރި ޑިމޮޓިކް (Demotic) އަކުރުތައް. މިއެވެ.
މިޞްރު ލިއުމުގައި ހިމެނޭ 15 ވަރަކަށް އަކުރުގެ މައްޗަށް ބިނާވެފައިވާ ލިއުމެއް ފީނީޤީން ނުވަތަ ފިނިޝިއަނުން (Phoenicians) ގެ ތެރޭގައި އުފެދުނެވެ. އެއަށްފަހު، އެ ލިއުމުގެ ތެރެއަށް ކަންޢާނީން ބައެއް އަކުރުތައް އިތުރުކުރި އެވެ. އެގޮތުން އުފެދުނު ލިއުން، ޔޫރަޕާއި އޭޝިއާގެ ބައްރުގައި ފެތުރުނެވެ. ވިޔަފާރީގެ މުޢާމަލާތްތަކާއެކު، ޢަރަބި ޖަޒީރާގެ އުތުރުގައިވާ އާރާމީންގެ ރަށްތަކަށާއި، ދެކުނުގައިވާ ޔަމަނުކަރައިގެ ރަށްތަކަށް ވެސް އެ ލިއުން ދަތުރުކުރި އެވެ. ކަންމިހެން އޮތުމާއެކު، އާރާމީ ނުވަތަ އަރަމައިކް (Aramaic) އަކުރާއި މުސްނަދު އަކުރު އުފެދުނީ ފީނީޤީ (Phoenician) އަކުރުންކަން އެނގެ އެވެ.
އިސްލާމްދީން ފެތުރި، ކޫފީ ލިއުން މަޝްހޫރުވުމުގެ ކުރިން، ޙިޖާޒުކަރައިގައި ލިޔެއުޅުނީ ޖަޒުމް ލިއުމުންނެވެ. އެ ލިއުމަކީ ނަބަޠީ ނުވަތަ ނަބަޓިއަން (Nabataean) ލިއުމުން އުފެދިފައިވާ އެއްޗެކެވެ. ނަބަޠީ ލިއުމުން ޖަޒުމް ލިއުން އުފެދެން މެދުވެރިވި ސަބަބަކީ، ނަބަޠީންނާއި ޙިޖާޒުކަރައިގެ ޢަރަބީންނާ ދެމެދުގައި ކުރެވެމުންދިޔަ މުޢާމަލާތްތައް ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް ޖަޒުމް ލިއުން، ޤުރައިޝު ވަންހައިގެ ތެރެއިން ނިކުމެގެން އެހެން ޤަބީލާތަކަށާއި ރަށްތަކަށް ދިޔަ އެވެ. ޙީރާއާއި އަންބާރު ފަދަ ވިޔަފާރީގެ މަރުކަޒުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އެއަށްފަހު، އެއިން ކޮންމެ ރަށެއްގައި ލިޔެވޭ އަކުރަށް އެ ރަށެއްގެ ނަމުން ނަންދެވުނެވެ. މިސާލަކަށް މައްކާގައި ލިޔެވޭ ލިއުމަށް ”އަލްމައްކީ” އެވެ. އަންބާރުގައި ލިޔެވޭ ލިއުމަށް ”އަލްއަންބާރީ” އެވެ.
ޢަރަބި ލިއުމުގެ އެންމެ އިހުގެ ދެ ވައްތަރަކީ ކޫފީ ލިއުމާއި ނަސްޚު ލިއުމެވެ. މި ދެ ލިއުން އުފެދުނީ ކޮން ތާރީޚެއްގައި ކަން ސާފުކޮށް އޮޅުންފިލާކަށެއް ނެތެވެ. އާސާރީ ހޯދުންތަކުން އެނގޭ ގޮތުގައި މި ދެ ލިއުން (ނުވަތަ މި ދެ ލިއުމުގެ އަކުރުތައް) އުފެދިގެން އައީ އެއް ދުވަސްވަރެއްގަ އެވެ. ނަސްޚު ލިއުން ތަރައްޤީވެ ކުރިއަރަމުން ދިޔައީ ޙިޖާޒުކަރައިގަ އެވެ. ކޫފީ ލިއުން ތަރައްޤީވެ ކުރިއަރަމުން ދިޔައީ ޢިރާޤުގަ އެވެ.
ކޫފީ ލިއުމާއި ނަސްޚު ލިއުމަކީ އެއް އަޞްލަކުން އުފެދުނު ދެގޮފި ނޫންކަމަށާއި، ނަމަވެސް މި ދެލިއުމުގެ އަޞްލު ރުޖޫޢުވަނީ މިޞްރު ލިއުމުގެ އަކުރުތަކުން އުފެދުނު ފީނީޤީ ލިއުމުގެ އަކުރުތަކަށް ކަން ސާބިތުކޮށްދޭ ޢިލްމީ ތަޙުޤީޤުތައް ވެ އެވެ. އެފަދަ ތަޙުޤީޤެއް ބުނާގޮތުގައި ކޫފީ ލިއުމަކީ ސަޠުރަންޖީ ލިއުމުގެ ގޮތްޕެކެވެ. ސަޠުރަންޖީ ލިއުމަކީ ސިރިއާނީ ލިއުމުގެ ގޮތްޕެކެވެ. ސިރިޔާނީ ލިއުމަކީ މުސްނަދު ލިއުމުގެ ގޮތްޕެކެވެ. މުސްނަދު ލިއުމަކީ ފީނީޤީ ލިއުމުގެ ގޮތްޕެކެވެ. ފީނީ ލިއުމުގެ އަޞްލަކީ މިޞްރުގެ ބޯދާ ލިއުމެވެ.
މިޞްރުގެ ބޯދާ އަކުރު => ފީނީޤީ އަކުރު => މުސްނަދު އަކުރު => ސިރިއާނީ އަކުރު => ސަޠުރަންޖީ އަކުރު => ކޫފީ އަކުރު
ނަސްޚު ލިއުމަކީ އަންބާރީ ލިއުމުގެ ގޮތްޕެކެވެ. އަންބާރީ ލިއުމަކީ ނަބަޠީ ލިއުމުގެ ގޮތްޕެކެވެ. ނަބަޠީ ލިއުމަކީ އާރާމީ ލިއުމުގެ ގޮތްޕެކެވެ. އާރާމީ ލިއުމަކީ ފީނީޤީ ލިއުމުގެ ގޮތްޕެކެވެ. ފީނީޤީ ލިއުމަކީ އިސްވެ ބަޔާންވެދިޔަފަދައިން މިޞްރުގެ ބޯދާ ލިއުމުން އުފެދިފައިވާ އެއްޗެކެވެ.
މިޞްރުގެ ބޯދާ އަކުރު => ފީނީޤީ އަކުރު => އާރާމީ އަކުރު => ނަބަޠީ އަކުރު => އަންބާރީ އަކުރު => ނަސްޚު އަކުރު
ފަހުގެ ނަޒަރިއްޔާ
މިދިރާސާގައި އިސްވެ ބަޔާންވެދިޔަ ތިން ނަޒަރިއްޔާގެ ތެރެއިން އެއްވެސް ނަޒަރިއްޔާއެއްގައި ތާރީޚީ ޙަޤީޤަތެއް ނެތެވެ. އަދި އެއިން ނަޒަރިއްޔާއެއްގެ ތެދުކަން ސާބިތުކޮށްދޭނެ އެއްވެސް މާއްދީ ހެތްކެއް ވެސް ނެތެވެ. އެހެންކަމުން، ޢަރަބި އަކުރު އުފެދިގެން އައި ގޮތް، ދެނެގަތުމަށްޓަކައި އާސާރީ ހޯދުންތަކުގެ އަލީގައި ޢިލްމީ ތަޙުޤީޤުތައް ކުރަން ޖެހުނެވެ. އެފަދަ ތަޙުޤީޤުތަކުން އެނގުނު ގޮތުގައި، ޢަރަބި އަކުރު އުފެދިގެން އައީ، އިބްނު ޚަލްދޫން، “މުޤައްދިމާ” ފޮތްބައިގައި ލިއުއްވާފައިވާ ފަދައިންނެވެ. އަކުރަކީ ނެތުމުގެ ތެރެއިން ކުއްލިއަކަށް ވުޖޫދަށް އަންނަ އެއްޗެއް ނޫންކަމާއި، އެއީ އުޑުން ބާވައިލައްވާފައިވާ އެއްޗެއް ނޫންކަން ވެސް އެ ތަޙުޤީޤުތަކުން އެނގުނެވެ.
ޢަރަބި އަކުރު އާދަމުގެފާނާ ހަމައަކަށް ނުފޯރަ އެވެ. އެއީ އެކަލޭގެފާނަށްވުރެ މާފަހުގެ އެއްޗެކެވެ. އަދި އެއީ ޢަރަބިކަރައިގެ ދެކުނުން އުފެދިގެން އައި އެއްޗެއްވެސް ނޫނެވެ. އާސާރީ ހޯދުންތަކުން ސާބިތުވާގޮތުގައި ޢަރަބީންނަށް ލިއުމާބެހޭ ކަންތައްތައް އެނގެންފެށީ އެމީހުންގެ ވަށައިގެންވާ ގައުމުތަކުގެ މީހުންގެ ކިބައިންނެވެ. އެފަދަ ގައުމުތަކުގެ ތެރެއިން ޔަމަނާއި ޢިރާޤުގެ ސަހަރުތަކާއި ސީރިއާ ފާހަގަކޮށްލެވެ އެވެ. ލިޔެކިއުމެއްނެތި ދިރިއުޅެމުން ގެންދިޔަ ޢަރަބީން، ރަށްފުށުގެ ދިރިއުޅުން ދޫކޮށް ކުރިއަރާފައިވާ ގައުމުތަކާ ހަމައަށް ނިކުމެ، އެ ގައުމުތަކުގެ މީހުންނާ މުޢާމަލާތްކުރަން ފެށުމުން، ދިރިއުޅުމުގެ ރީތި ގޮތްތައް ދަސްވަމުންދިޔަ އެވެ. އަދި ޢަރަބީންނަށް ލިޔެކިއުމާބެހޭ ކަންތައް ވެސް އޮޅުންފިލަމުން ދިޔަ އެވެ. މަދަނިއްޔަތުގެ އަސަރުކޮށް، އެންމެ ބޮޑަށް ތަހުޛީބުވި ޢަރަބީންނަކީ ޝާމުކަރައިގެ އައްސޭރިއަށް ނިކުތް ޢަރަބީންނެވެ. ޙިޖާޒުކަރައިގެ އުތުރާއި، ޢަޤަބާ ކަނޑުއޮޅީގެ ސަރަޙައްދުގައި އެމީހުން ވަޒަންވެރިވި އެވެ. އެމީހުންނާ ރޫމީންނާ ދެމެދުގައި ހިނގަމުންދިޔަ ގުޅުންތަކުގެ ސަބަބުން ރޫމީންގެ މަދަނިއްޔަތުގެ އަސަރު، އެމީހުންނަށް ވަރަށް ބޮޑަށް ކުރި އެވެ. އަދި ޢަރަބި ކަރައިގެ ދެކުނުގައިވާ ނާތަހުޒީބު ސަގާފަތާ ތަފާތު، ތަހުޒީބު ސަގާފަތެއް އެމީހުންގެ ތެރޭގައި އުފެދުނެވެ.
ރޫމީންނާއި އެހިސާބުގެ އެހެން ދައުލަތްތަކުގެ އާރާއިބާރު ދަށްވަމުންދިޔަވަރަކަށް، ޢަރަބިކަރައިގެ އުތުރުގައިވާ ޢަރަބީންގެ މަދަނިއްޔަތު ކުރިއަރަމުންދިޔަ އެވެ. ވިޔަފާރިއާއި ޢަސްކަރީގޮތުން އެމީހުންނަށް ލިބުނު ކުރިއެރުމުގެ ސަބަބުން، އެމީހުންގެ މެދުގައި ސިޔާސީ ރަށްތަކެއް އުފެދުނެވެ. އޭގެތެރެއިން މުހިންމު އެއްރަށަކީ ނަބަޠީންގެ ވެރިރަށެވެ. ފަސް ސަތޭކަ އަހަރުގެ ދިގު މުއްދަތަކަށް، އެރަށަކީ ވަރަށް ބޮޑު ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ދެމިއޮތެވެ. ޢަރަބި ޖަޒީރާގެ ދެކުނުގެ ރަށްތަކުން އުތުރަށް ދަތުރުކުރާ ވިޔަފާރި ޤާފިލާތައް އެރަށް ހުރަސްކޮށް ދަތުރުކުރަމުން ދިޔަ އެވެ.
ނަބަޠީންގެ ޢުމްރާނީ ވެށްޓާއި މަދަނިއްޔަތު ބިނާވީ އާރާމީންގެ ޙަޟާރަތުގެ މައްޗަށެވެ. ނަބަޠީން، ލިޔެކިއުމަށް ބޭނުންވި ހިނދު، އެމީހުންގެ ބަސް ލިޔާނެ އަކުރެއް އުފެދިގެން އައީ އާރާމީންގެ އަކުރުންނެވެ. ލިއުމާ އެއްގޮތަށް އާރާމީންގެ ބަސް ބޭނުންކުރުމަކީ ފަސޭހަކަމަކަށް ނުވި އެވެ. އާރާމީންގެ އަތުން ލިބިގަތް އަކުރުން އެމީހުންގެ ބަސް ލިޔަން ފެށުމަށްފަހު، އެ ލިއުން މަޝްހޫރުވެގެން ދިޔައީ ނަބަޠީ ލިއުމުގެ ނަމުންނެވެ.
މީލާދީން ދެވަނަ ޤަރުނު އައިއިރު، ނަބަޠީންގެ ދައުލަތް ވަނީ ނެތިގެންގޮސްފަ އެވެ. ނަމަވެސް އެމީހުންގެ ލިއުމެއް ނެތިގެނެއް ނުދެ އެވެ. ޢަރަބި ކަރައިގެ އެންމެ އުތުރުގައި އެ ލިއުން ދެމިއޮތެވެ. ޢަރަބި އަކުރު އުފެދިގެން އައީ އެ ލިއުމުންނެވެ.
ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ މި ނަޒަރިއްޔާ ބުނާގޮތުގައި ޢަރަބި އަކުރު އުފެދިފައިވަނީ މައިގަނޑު ތިން މަރްޙަލާއެއްގަ އެވެ.
ފުރަތަމަ މަރްޙަލާގައި ޢަރަބި ބަސް އާރާމީ އަކުރުން ލިޔެވުނެވެ.
ދެވަނަ މަރްޙަލާގައި އާރާމީ އަކުރުން ނަބަޠީ އަކުރު އުފެދުނެވެ.
ތިންވަނަ މަރްޙަލާގައި ނަބަޠީ އަކުރަށް ހިސާބެއްގެ ބަދަލުތަކެއް އައިސް އެއިން ޢަރަބި އަކުރު އުފެދުނެވެ.
ނިންމުން
މި ދިރާސާގައި ބަޔާންވެދިޔަ ނަޒަރިއްޔާތަކާއި ރައުޔުތަކާއި ހޯދުންތަކުން އެނގޭގޮތުގައި ޢަރަބި އަކުރަކީ އުޑުން ބާވައިލައްވާފައިވާ އެއްޗެއް ނޫނެވެ. އެއީ އުޑުން ބާވައިލައްވާފައިވާ އެއްޗެއް ކަމަށް ހީކުރާ މީހުންނަށް އެގޮތަށް ހީކުރެވެނީ، އުޑުން ބާވައިލައްވާފައިވާ ފޮތެއް އެއިން ލިޔެފައިވާތީ އެވެ. ނަމަވެސް އުޑުން ބާވައިލެއްވީ ކީރިތި ޤުރްއާނެވެ. އެ މާތް ފޮތް ލިޔެފައިވާ އަކުރެއް ނޫނެވެ. އެ އަކުރަކީ، ކީރިތި ޤުރުއާން ބާވައިލެއްވި ޒަމާނުގެ މީހުން ލިޔެކިއުމުގައި ބޭނުންކުރި އަކުރެވެ.
ކީރިތި ޤުރްއާން ލިޔެވިފައިވާ ޢަރަބި އަކުރާ ތަފާތު، އެހެން ވައްތަރުތަކުގެ ޢަރަބި އަކުރުން ކީރިތި ޤުރުއާން ލިއުމަކީ ކޮށްގެންނުވާނެ ކަމެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. މިފަދަ ވިސްނުންތައް ގެންގުޅޭ މީހުން ފާއިތުވެ ދިޔަ ޒަމާންތަކުގައި ވެސް އުޅެފައިވެ އެވެ. ނަމަވެސް އެމީހުންގެ ވިސްނުމާ އެއްގޮތަށް ޢަމަލުކުރާކަށް، ޒަމާން ތަނެއް ނުދެ އެވެ. ލިއުމަކީ ފަންނެކެވެ. ފަންނުގެ އަހުލުވެރިން އެމީހުން ބޭނުންގޮތަކަށް، ބޭނުން ވައްތަރެއްގެ އަކުރަކުން، ބޭނުން ސިފައަކަށް ލިޔަމުން ގެންދާނެ އެވެ. އެކަން ހުއްޓުވުމަށްޓަކައި ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުހުއްޓުވޭނެކަން ތާރީޚުގެ ޞަފުޙާތައް ވަނީ ސާބިތުކޮށްދީފަ އެވެ.
އިހުޒަމާނުގައި ކީރިތި ޤުރްއާނުގެ ކަލިމަތަކުގައި ނުކުތާއާއި ފިލި ޖެހުމުން، މާތް ﷲ ގެ ކަލާމްފުޅު ތަޙުރީފު ކުރެވުނީކަމަށް ބައެއް މީހުން ހީކުރި އެވެ. އެމީހުން ހީކޮށްގެން ތިބީ، އަބަދުވެސް ކީރިތި ޤުރްއާން ލިޔަންޖެހޭނީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި ލިއުނު ގޮތަށް ކަމަށެވެ. އެ ޚިޔާލު ގެންގުޅުނު މީހުންގެ ހަރުކަށިކަން ދެމިއޮތުމަކަށް ޒަމާން ތަނެއް ނުދިނެވެ. ޒަމާނާއެކު މިހާރުވަނީ ޢަރަބި އަކުރުގެ އެތައް ވައްތަރެއް އުފެދިފަ އެވެ. މިހާރު ޢަރަބި ލިއުމަކީ އަމިއްލަ ޝަޚުޞިއްޔަތެއް ލިބިފައިވާ ހައިބަތުހުރި މުސްތަޤިއްލު ފަންނެކެވެ.
ޢަރަބި އަކުރު ކިތަންމެ ވަރަކަށް ތަރައްޤީވެ ކުރިއަރަމުން ދިޔަޔަސް، ދެމިއޮންނާނެ ޙަޤީޤަތަކީ، ޢަރަބި އަކުރު އުފެދިގެން އައި ގޮތެވެ. އާދޭހެވެ. ޢަރަބި އަކުރަކީ، އާރާމީ އަކުރުން އުފެދުނު އެއްޗެކެވެ. އަކުރުގެ ވައްތަރުތަކާއި ލިޔަން ބޭނުންކުރާ ވަސީލަތްތަކަކީ ޒަމާނާއެކު ބަދަލުވަމުންދާނެ އެއްޗެކެވެ.
ނޯޓް
މި މަޒުމޫނު ވާނީ ފަތްތޫރައިގައި ޝާއިޢުކުރެވިފަ އެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
މަޞްދަރު:
1. އިބްރާހީމް ޖުމްޢާ. (1984). ޤިއްޞަތުލްކިތާބަތިލް ޢަރަބިއްޔާ. އަލްޤާހިރާ: ދާރުލްމަޢާރިފް.
2. ޢަލީ ޟަމްރާ. (1987). އަލްޚައްޠުލްޢަރަބީ – ޖުޒޫރުހޫ ޥަތަޠައްވުރުހޫ. އަލްއުރްދުން: މަކްތަބަތުލްމަނާރާ.
3. ޑރ. އަބޫޚަލީލު. (2001). އަޠުލަސުލްޤުރްއާން. ދިމަޝްޤު: ދާރުލްފިކްރް.
4. ޢަބްދުލްމުޢީދު ޙަސަން. (1989). ޢަރަބި ލިއުމުގެ ފަންނު. މާލެ: މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ.
ފޮޓޯގެ މަޞްދަރު: http://maakom.com/site/photo/1325
އިތުރު ބަޔާން:
މަސްދަރު: ބަޙުރު އީމަޖައްލާ
ކިޔާފައިވާ ޢަދަދު:285,320