މައިގްރޭން – ބޮލުގެ އެއްފަޅީގައި ރިހުން

ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ”މައިގްރޭން” (Migraine) ފުރަތަމަ ހޯދާފައިވަނީ މީލާދީން 80 ވަނަ އަހަރު ތުރުކީގެ ޑޮކްޓަރެއްކަމުގައިވާ ”އެރީޓިއޫސް” އެވެ. އޭރު މިބައްޔަށް ދެވިފައިވާ ނަމަކީ ”ހެޓީރޯކްރޭނިއާ” (Heterocrania) އެވެ. މިބަހުގެ ލަފްޒީ މާނައަކީ ”ތަފާތު ބޯ” ނުވަތަ ”ތަފާތު ބޮލެވެ”. މިއިން ދޭހަކޮށްދެނީ ”ބޮލުގެ ކަނާތް ނުވަތަ ވާތް ފަރާތުގައި އުފެދޭ ރިހުމެވެ”.

އޭގެ 100 އަހަރު ފަހުން ދުނިޔެއަށް ނަން މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ”ގާލެން” މިބައްޔަށް ”ހެމިކްރޭނިއާ”(Hemicrani)ގެ ނަންދިނެވެ. މިބަހުގެ ލަފްޒީ މާނައަކީ ”ބޮލުގެ ދެބައިކޮށްފައި އެއްބަޔެވެ”. އިގިރޭސި ބަހަށް ”މައިގްރޭން” ނެގިފައިވަނީ މިބަހުންނެވެ. ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ”މައިގްރޭން” ބައްޔެއްގެ ސިފައިގައި މަޝްހޫރުވެގެން ދިޔައީ މަޝްހޫރު އެތައް އިލްމުވެރިންނާއި، ޒަޢީމުންނަކަށް މިބަލީގެ އުދަގޫފޯރައި އެއަށް ފަރުވާ ހޯދާފައިވާތީ އެވެ.

ބޮލުގެ އެއްފަޅީގައި ރިހުމަކީ އޭގެ ސަބަބުން ބޮލުގެ އެއްފަޅީގައި ވިންދުޖަހާ ކަހަލަ ތަދެއް އުފައްދާ ރިހުމެކެވެ. އާންމު ގޮތެއްގައި ބޮލުގެ އެއްފަޅީގައި ރިހުމަކީ އެއާއެކު މޭނުބައިކުރުން، ހޮޑުލެވުން ، އަލިވުމާއި، އަޑުގަދަވުމުން އުދަނގޫ އިހުސާސްވާ ހާލަތެކެވެ. ބައެއް ފަހަރު  ބޮލުގެ އެއްފަޅީގައި ރިހޭ ރިހުން ދެތިން ގަޑިއިރުން ފެށިގެން ދެތިން ދުވަހަށް ދެމިގެން ހިނގައިދާނެ އެވެ. އަދި އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރަން ދަތިވާ މިންވަރަށް ރިހުން ހުރެދާނެއެވެ (މެޔޯކްލިނިކް، 2023).

ސަބަބު

ބޮލުގައި އެއްފަޅީގައި ރިހުން ކުރިމަތިވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އުފެދުމުގައި ކުރިމަތިވާ ވާރުތީ ކަންތައްތަކާއި، ދިރިއުޅޭ މާހައުލުން ދިމާވާ މާހައުލީ ކަންތައްތަކާއި ބޮލުގެ އެއްފަޅީގައި ރިހުމާއި ގުޅުމެއް އޮންނަކަމަށް ބެލެވިފައި ވެއެވެ.

ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވުމާއި، ސިކުނޑީގެ މޫ އަދި ޓްރައިޖެމިނަލް ނާރވް އާއި ގުޅުންހުރި ކަންކަމަކީ ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވުމުގައި ބައިވެރިވާ ކަންކަން ބެލެވިފައި ވެއެވެ. ބައެއް މީހުންނަށް ސިކުނޑީގައި ހުންނަ ކެމިކަލްތަކަށް މިސާލަކަށް ނާރުތަކުގެ ނިޒާމުގައި ރިހުންތައް ތަންޒީމުކުރުމުގައި ޝާމިލްވާ ސެރޯޓޮނިން ފަދަ ކެމިކަލްތަކުގެ މިންވަރަށް ބަދަލުއައުމަކީ ވެސް ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިވުމުގައި ދައުރެއް އަދާކުރާ ކަމަކަށް އޮންނަނީ ބެލެވިފައެވެ. ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިވުމުގައި ސެރޯޓޮނިން ގެ ދައުރު ހޯދުމަށް އަދިވެސް ދިރާސާ ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން މިފަދަ ނިއުރޯޓްރާންސްމިޓަރެއް ކަމުގައިވާ “ކެލްސިޓޯނިން-ޖީން ރިލޭޓަޑް ޕެޕްޓައިޑް”(CGRP) އަކީ ވެސް ބޮލުގެ އެއްފަޅީގެ ރިހުން މެދުވެރި ކުރުވުމުގައި ދައުރެއް ކުޅޭ މާއްދާއެއް ކަމަށް ބެލެވިފައި ވެއެވެ (މެޔޯކްލިނިކް، 2023).

ބޮލުގެ އެއްފަޅީގެ ރިހުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު

ކަނޑައެޅިގެން ބޮލުގެ އެއްފަޅީގައި ރިހެނީ ވަކި ސަބަބަކާއި ހެދިކަމެއް އަދި އެގިފައެއް ނުވެއެވެ. މިހާތަނަށް ހޯދިފައިވާ ނަޒަރިއްޔާތަކުން އެންމެ ބޮޑަށް ބުރަވެވެނީ ސިކުނޑީގެ ވަށައިގެންވާ ލޭހޮޅިތަކަށް ބުރުލެއް އެރުމުން ދިމާވާ ކަމެއްކަމަށެވެ. މިނަޒަރިއްޔާ ބުނާގޮތުން ތަފާތު ކެމިކަލް ތަކުގެ ސަބަބުން މިލޭހޮޅިތައް ކޮންޓްރެކްޓް (ހަނިވެ، ފިތުން) ވުމުން ލޮލުގެ ފެނުމަށް ބަދަލު ގެނުވައެވެ. އެއަށްފަހު އެލޭހޮޅިތައް ދެމިފުޅާވެ، ހަމައަކަށް އެޅުމުން ބޮލުގައި ރިހުން މެދުވެރި ވަނީ އެވެ.

ބޮލުގެ އެއްފަޅީގައި ރިހެނީ ކޮންމެ ނަޒަރިއްޔާއެއްގެ ދަށުން ކަމަށް ވިޔަސް މިހާތަނަށް ހޯދިފައިވާ ގޮތުގައި މިބަލީގެ 90-80 އިންސައްތަ މެދުވެރި ކުރުވަނީ ބޭނުންކުރެވޭ ކާނާއާއި ނުގުޅުމުގެ ސަބަބުންނެވެ. މިގޮތުން ތަފާތު ބާހިޘުންގެ ދިރާސާތަކުން ކަނޑައެޅިގެން ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިކުރުވާ ކަމަށް ސާބިތުވެފައިވާ ބާވަތްތަކުގެ ތެރޭގައި ސައި، ކޮފީ، ގޮދަން، ޒުވާރި، ކިރު، ޗީޒް، ޗޮކްލޭޓް، ފަދަ ބާވަތްތައް ހިމެނެއެވެ.

ބޮލުގައި އެއްފަޅީގައި ރިހުން ގޯސްކުރާ ނޫނީ ބޮލުގެ އެއްފަޅީގައި ރިހުމަށް ބާރުއަޅާ ކަންތައްތައް

ބޮލުގައި އެއްފަޅީގައި ރިހުން ގޯސްކުރާ ނޫނީ ބޮލުގެ އެއްފަޅީގައި ރިހުމަށް ބާރުއަޅާ ކަންތައްތަކެއް ހުރެއެވެ.

(ހ) އަންހެނުންގެ ހަށިގަނޑުގައި ހޯރމޯން އަށް އަންނަ ބަދަލުތައް: އަންހެނުންނަށް ބޮލުގެ އެއްފަޅީގައި ރިހުމުގެ ތަދު، މައްސަރު ކަންތައް ޖެހުމުގެ ކުރިން، ނޫނީ މައްސަރު ކަންތައް ޖެހުމާއެކު ކުރިމަތިވެދާނެ އެވެ. މާބަނޑު ދުވަސްވަރާއި، އިއްދައިން ކެނޑުމުން ވެސް ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާގޮތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަށިގަނޑުގައި ހުންނަ އެސްޓްރަޖަން ގެ މިންވަރަށް ބަދަލު އައުމުން ދިމާވާ ކަމެކެވެ. އާންމު ގޮތެއްގައި އިއްދައިން ކެނޑުމަށްފަހު ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވުން ކުޑަވެގެން ދެއެވެ (މެޔޯކްލިނިކް، 2023).

އަންހެނުން ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރުމަކީ ވެސް ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވާނެ ކަމެކެވެ.

(ށ) ބުއިންތައް: ބަނގުރަލާއި ކޮފީ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ބޮލުގެ އެއްފަޅީގައި ރިހުން އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2023).

(ނ) ފިކުރުބޮޑުވުން  ނޫނީ ފިއްތުންތައް: ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް މިސާލަކަށް މަސައްކަތުގެ މާހައުލުން އަންނަ ފިއްތުންތަކާއި އިތުރުވާ ފިކުރުތައް ގޭތެރެއިން ކުރިމަތިވާ ފިއްތުންތަކާއި އަދި އިތުރުވާ ފިކުރުތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައި ރިހުން އިތުރުކުރުވާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).

(ރ) އަލިތަކާއި އަޑުތައް: ފަނޑު އައްޔާއި ގަދަ އަލީގެ ސަބަބުން އަދި އަޑުގަދަވުމަކީ ބޮލުގެ އެއްފަޅީގައި ރިހުމަށް ބާރު އަޅާ ކަންކަމެވެ. ބާރުގަދަ ވަސްތައް މިސާލަކަށް ސެންޓްގެ ވަސް، ދުންފަތުގެ ދުމުގެ ވަސް، ދަވާދުގެ ވަސް ފަދަ ވަސްތަކުގެ ސަބަބުން ބައެއް މީހުންނަށް ބޮލުގެ އެއްފަޅީގައި ރިހުން އިތުރުވާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).

(ބ) ނިދުމަށް އަންނަ ބަދަލުތައް: ބައެއް މީހުންނަށް މާނިދިމަދުވުމުން ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވައެވެ. އަނެއް ބައި މީހުންނަށް މާގިނައިން ނިދުމުން ވެސް ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރި ކުރުވައެވެ (މެޔޯކްލިނިކް، 2023).

(ޅ) ޖިސްމާނީ ވަރުބަލިކަމާއި ލޮޑުކަން: ތަފާތު ބުރަ މަސައްކަތްތަކާއި ގުޅިގެން ހަށިގަނޑަށް ކުރިމަތިވާ ވަރުބަލިކަމާއި ލޮޑުކަން، އަދި ހަށިގަނޑު ވަރުބަލިވާ ފަދަ ހަރަކާތްތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައި ރިހުން ފެށިގެން އައުން މެދުވެރިކުރުވާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).  

(ކ) މޫސުމަށް އަންނަ ބަދަލުތައް: މޫސުމަށް އަންނަ ބަދަލުތަކާއި، ވައިގެ ޕްރެޝަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައ ރިހުން ކުރިމަތި ކުރުވައި، އިތުރަށް ގޯސްކުރާ ކަމަށް ބެލެވިފައި ވެއެވެ (މެޔޯކްލިނިކް، 2023).

(އ) ބައެއް ކަހަލަ ބޭސްތައް: ދޭތެރެ ދުރުކުރާ ގުޅަ ބޭސް އަދި ލޭހޮޅިތައް ފުޅާކުރާ ބޭސްތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައ ރިހުން އިތުރަށް ގޯސްކުރާކަމަށް ހޯދިފައި ވެއެވެ (މެޔޯކްލިނިކް، 2023).  

(ވ) ކާތަކެތި:  ޗީޒް، ލޮނު ގިނަ ކާނާ އަދި ޕްރޮސެސްޑް ފުޑް ގެ ބާވަތްތައް ބޭނުންކުރުމުން ބޮލުގެ އެއްފަޅީގައި ރިހުމަށް ބާރުއަޅައެވެ (މެޔޯކްލިނިކް، 2023).  

(މ) ކާތަކެއްޗަށް އިތުރުކޮށްފައި ހުންނަ މާއްދާތައް: މީގެ ތެރޭގައި ފޮނި ރަހަޖައްސަން ކާތަކެއްޗަށް އިތުރުކޮށްފައި ހުންނަ “އަސްޕަރޓޭމް” އަދި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް އިތުރުކޮށްފައި ހުންނަ ” މޮނޯސޯޑިއަމް ގުލޫޓަމޭޓް” ފަދަ ބާވަތްތައް ހިމެނެއެވެ. މިފަދަ ބާވަތްތައް ކާތަކެތީގެ ތެރެއިން ހަށިގަނޑަށް އެތެރެވުމުން ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވުމަށް ބާރުއަޅައެވެ (މެޔޯކްލިނިކް، 2023).   

ބޮލުގެ އެއްފަޅީގައި ރިހުމަށް މަގުފަހިކުރާ ކަންތައްތައް

ބޮލުގެ އެއްފަޅީގައި ރިހުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އާއިލާގެ ތެރޭގައި ބޮލުގެ އެއްފަޅީގައި ރިހުން ބައްޔެއް ގޮތަށް ދައުރުވުން: އާއިލާގެ މެންބަރެއްގެ ކިބައިގައި ބޮލުގެ އެއްފަޅީގައި ރިހުން ބައްޔެއް ގޮތަށް ހުރުމަކީ އެފުރުޞަތު އާއިލާގެ އެހެން މެންބަރުންނަށް އިތުރުވާނެ ކަމެކެވެ (މެޔޯކްލިނިކް، 2023).

(ށ) އުމުރު: ބޮލުގެ އެއްފަޅީގައި ރިހުން އާންމުކޮށް ކުރިމަތިވާން ފަށަނީ ފުރާވަރުގައި ކަމަށް ވިޔަސް، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ، އަދި ހަޔާތުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާން ފަށައިދާނެއެވެ. އެންމެ ބޮޑަށް މިމައްސަލަ ގޯސްވަނީ އުމުރުން 30 ގެ އަހަރުތަކުގެ ތެރޭގައެވެ. އަދި އެއަށްފަހު މަޑުމަޑުން ރަނގަޅުވަމުން ނޫނީ ކުރިމަތިވާ މިންވަރު މަދުވަމުން ދެއެވެ (މެޔޯކްލިނިކް، 2023).

(ނ) ޖިންސް: ފިރިހެނުންނަށްވުރެ އަންހެނުންނަށް ބޮލުގެ އެއްފަޅީގައި ރިހުމުގެ ފުރުޞަތު ނޫނީ ކުރިމަތިވާ މިންވަރު 3 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2023).

(ރ) ހޯރމޯންތަކަށް ބަދަލުއައުން: އަންހެނުންނަށް ބޮލުގެ އެއްފަޅީގައި ރިހުމުގެ ތަދު، މައްސަރު ކަންތައް ޖެހުމުގެ ކުރިން، ނޫނީ މައްސަރު ކަންތައް ޖެހުމާއެކު ކުރިމަތިވެދާނެ އެވެ. މާބަނޑު ދުވަސްވަރާއި، އިއްދައިން ކެނޑުމުން ވެސް ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާގޮތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަށިގަނޑުގައި ހުންނަ އެސްޓްރަޖަން ގެ މިންވަރަށް ބަދަލު އައުމުން ދިމާވާ ކަމެކެވެ. އާންމު ގޮތެއްގައި އިއްދައިން ކެނޑުމަށްފަހު ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވުން ކުޑަވެގެން ދެއެވެ (މެޔޯކްލިނިކް، 2023).

ކާނާއާއި ބޮލުގެ އެއްފަޅީގައި ރިހުން

ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ”މައިގްރޭން”(migraine)ގެ މައްސަލަ ވަރަށް ގިނަ ފަހަރު ކެވޭ ކާނާއަކާއި ނުގުޅުމުގެ ސަބަބުން ކުރިމަތި ވެއެވެ. މިފަދަ ހާލަތްތަކުގައި ބޮލުގައި ރިހުން މެދުވެރިކުރުވީ ވަކިކާނާއެއް ބޭނުންކުރުމުން ކަން ދެނެގަނެ އެކާނާއެއް ބޭނުންކުރުމާއި ދުރުހެލިވުމުން ބޮލުގައި ރިހުން ފިލައިދެއެވެ.

އެތައް ޒަމާންތަކެއް ކުރިން ވެސް ބޮލުގެ އެއްފަޅީގައި ރިހުމާއި ކާނާއާއި ގުޅުމެއް ވާކަން ވަނީ ހޯދިފައެވެ. ކެއިން ބުއިމުގައި ބޭނުންކުރެވޭ ކާނާގެ ތަފާތު ބާވަތްތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައި ރިހޭގޮތް މެދުވެރިކުރުވައެވެ. ވަކިން ޚާއްޞަކޮށް ޗޮކްލޭޓް އަދި ޗީޒްގެ ސަބަބުން މިބުނި ވައްތަރުގެ ބޮލުގައި ރިހުން އުފެދޭ ކަމަށް ވަނީ ހޯދިފައެވެ. މިއަދު ވަނީ ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިކުރުވާ އެހެން ތަފާތު ބާވަތްތައް ވެސް ހޯދިފައެވެ. ނަމަވެސް އަދިވެސް މިފަދަކާނާތަކުގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިވަނީ ކިހިނެއް ކަމެއް ހޯދިފައެއް ނުވެއެވެ.”ޑޮޕަމިން”(Dopamine) އަދި ”ޓްރިޕްޓަމީން” (Tryptamine) ފަދަ މާއްދާތައް އެކުލެވޭތީ ދިމާވާ ކަމެއް ކަމަށެވެ.

މިބުނި މާއްދާތަކަކީ ލޭހޮޅިތައް ފިއްތާލާ(ކޮންޓްރެކްޝަން އުފައްދާ) މާއްދާ ތަކެވެ. އެކަމަކު ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑު މިބުނި މާއްދާތަކުގެ ސަބަބުން ލޭހޮޅިތައް ކޮންޓްރެޓްއެއް ނުކުރުވައެވެ. އެއީ މިބުނި ލޭހޮޅިތައް ކޮންޓްރެކްޓްކުރުވާ މާއްދާތަކުގެ މަސައްކަތް ފުރިހަމަވުމަށް ބޭނުންވާ”މޮނޯއަމައިން އޮކްސިޑޭޒް”(Monoamine Oxidase) އޭ ކިޔޭ އެންޒައިމް ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑުގައި މަދުވާތީ އެވެ. އެހެން ކަމުން ލޭހޮޅިތައް ފުޅާވެ، ބޮލުގައި ރިހުން މެދުވެރި ކުރުވަނީ އެވެ.

ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވަނީ ކެއިން ބުއިމުގައި ބޭނުންކުރެވޭ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއް ބޭނުންކުރެވުން ކަމަށްވުމަކީ ވެދާނެގޮތެކެވެ. މިޓޭބަލްގައި މިވާ ކާނާގެ ބާވަތްތަކަކީ ތަފާތު ބާހިޘުންގެ ހޯދުންތަކުން މިބާވަތްތައް ބޭނުންކުރުމުން ބައެއް މީހުންނަށް ބޮލުގައި ރިހުން އުފެދިދާނެ ކަމަށް ފާހަގަކުރެވިފައިވާ ކާނާގެ ބާވަތްތަކެވެ. އެހެން ކަމުން މިފަދަ ކާނާގެ ބާވަތެއް ކެއުމުން ބޮލުގައި ރިއްސާކަން ފާހަގަވެއްޖެނަމަ އެވައްތަރެއް ދެނެގަނެ އެބޭނުންކުރުމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

މޭބިސްކަދުރު

އުއްދަނޑި

ޗީޒް

ކޮފީ

 ދޮންކެޔޮ

ޓޮމާޓޯ

ޗޮކްލެޓް

ސައި

ސްޓޯބެރީ

ކެރެޓް

މަސް

ގެރިކިރު

އާފަލް

އަލުވި

ބިސް

ލޮނު

ޕީޗް

ފިޔާ

ސޯޔާބީންސް

ހަނޑޫ

ކަރާ

ޒުވާރި

ބަނގުރާ

ގޮދަން

އޮރެންޖު

ކުދި ބަދަން

ކިރު

ހަކުރު

ބޮލުގެ އެއްފަޅީގައި ރިހުމުގެ ވައްތަރުތައް

(1) – ކްލަސިކް މައިގްރޭން (Classic Migraine)

ވިރާސީ ކަމަކާއި ގުޅިފައިވާ މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވާން ފަށަނީ ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރާ އުމުރާއި، ފުރާވަރަށް އަޅާ އުމުރުގެ ދުވަސްވަރުގައެވެ. އުމުރުން ދުވަސްވާވަރަކަށް ރަގަޅުވަމުން އައިސް، އިއްދައިން ކެނޑޭއުމުރަށް އެޅުމުން އަންހެނުންނަށް މިވައްތަރުގެ ބޮލުގެ ރިހުމުގެ އުދަގޫ އެއްކޮށް އާންމުގޮތެއްގައި ފިލައިދެއެވެ. އިއްދައިން ކެނޑުމަށްފަހު ވެސް މިވައްތަރު ބޮލުގެ ރިހުމުގެ އުދަގޫ މަދުން ނަމަވެސް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވުމުގެ ކުރިން ވިދުވަރެއް ކަހަލަ އައްޔެއް ފެނުން، ހަރަކާތްކުރާ ތިކިތަކެއް ނުވަތަ ކަންކުތި ރޮގުތަކެއް ފެނުން ފަދަ ކަންތައް ދިމާވެއެވެ. މީގެ އިތުރުން ވަކި އޭންގަލް އަކުން ރަގަޅަށް ނުފެނުން، އަދި ހަށިގަނޑުގެ އެއްފަޅީގައި މަތިން ފެށިގެން ތިރިއަށް އައްސިވެފައި ހުންނަ ހެން ހީވާނެއެވެ. މިބުނި ކަންތައްތަކަށް ފަހު ބޮލުގައި ރިހުން ކުރިމަތިވުމުން އެއާއިއެކު މޭނުބައިކުރުން، ހޮނޑުލެވުން، އަދި އައްޔަށް ނުގުޅުން ފަދަ ކަންކަން ދިމާވެއެވެ. މިބުނި ކަންތައްތައް 48-6ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ދެމިހުރެއެވެ.

ޚާއްޞަކޮށް އަންހެނުންނަށް މައްސަރުކަންތައް ޖެހުމުގެ ކުރިން އޮންނަ ދުވަސްކޮޅު މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވުން އިތުރުވެއެވެ. ދޭރެތެރެ ދުރުކުރުމަށް ދީ އުޅޭ ބޭސްތަކުގެ ސަބަބުންވެސް މިވައްތަރުގެ ބޮލުގައި ރިހުން އުފައްދައެވެ.

(2) – ކޮމަން މައިގްރޭން (Common Migraine)

މިއީ މައިގްރޭންގެ އެންމެ އާންމު ވައްތަރެވެ. މިވައްތަރު އާންމުކޮށް ކުރިމަތިވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ވަރުބަލިކަން ލިބިފައިވަނިކޮށް އަރާމްކުރުމަށް ޖައްސާލާ ހިނދުގައެވެ. ހަފްތާގެ މަސައްކަތްކުރާ އެންމެ ފަހު ދުވަހުގައި ވަރަށް ގިނަމީހުންނަށް މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.

(3) – ކްލަސްޓަރ ހެޑޭކް(Cluster headache)

ވަރަށްމަދުން ފެންނަ މިވައްތަރުގެ ބޮލުގައި ރިހުން ބޮޑަށް މެދުވެރިވަނީ ފިރިހެނުންނަށެވެ. ހަވީރުކޮޅާއި، ރޭގަނޑު ކުރިމަތިވާ މިވައްތަރުގެ ބޮލުގައި ރިހުން 6-3ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. އެއަށްފަހު އެތައް މަސްތަކެއް ވަންދެން މިވައްތަރުގެ ބޮލުގައި ރިހުމުގެ އަސަރު ނުފެނި ހިގައިދެއެވެ.

އާންމުގޮތެއްގައި ރިހުން ހުންނަނީ ބޮލާއި މޫނުގެ އެއްފަޅީގައި ޚާއްޞަކޮށް ލޮލުގެ މަތިން ބުމަ އެކުލެވޭ ހިސާބުގައެވެ. ރިހުން މަޑުމަޑުން ގަދަވަމުން އައިސް، 2ގަޑިއިރު ވަރު ވަންދެން އެއްވަރެއް ރިހުން ހިފެހެއްޓިފައި ހުރެއެވެ. އެއަށްފަހު ނިތްކުރި، ކަންކަށި، ބޮލުގެ އެއްފަޅިއަށް ރިހުން ފެތުރިގެން ދެއެވެ. އެއާއިކު ލޮލުން ފެންއައިސް، ރަތްވެ، ލޮލުގެ ބޮނޑީގައި ދޫކަމެއް އުފެދި، ކަޅި ހަނިވާގޮތް ވެއެވެ. މިވައްތަރު ބޮލުގައި ރިހުން އުފެދުމުގެ އެންމެ އާންމު އެއްސަބަބަކީ ބަނގުރާ ބުއިމެވެ.

(4) – ވާޓެބްރޯ ބޭސިލާ މައިގްރޭން (Vertebrobasilar Migraine)

މިވައްތަރު ގެ މައިގްރޭން ކުރިމަތިވަނީ ކަދުރާއާއި ސިކުނޑީގެ ދަށުގައިވާ ”ސެރިބިލަމް”(Cerebellum)އޭ ކިޔޭ ބަޔަށް ކާނާ ފޯރުކޮށްދޭ ލޭހޮޅީގެ ވަޒީފާ އަށް ލޮޅުމެއް ނުވަތަ ބުރުލެއް އަރާފައި ވާނަމަ އެވެ. މިބުނި ދެބަޔަށް ކާނާ ފޯރުކޮށްދޭ ލޭހޮޅިއަށް ކިޔަނީ ”ވާޓެބްރޯ ބޭސިލާ އާރޓަރީ”(Vertebrobasilar Artery)އެވެ. ކުރިން ބުނި ސަރިބިލަމް އަކީ ހަށިގަނޑުގެ ހަމަހިފެހެއްޓުމުގެ ވަޒީފާ ފުރިހަމަކޮށްދޭ ބައި ކަމަށްވުމާއި އެކު، މިވައްތަރުގެ ބޮލުގެ ރިހުމާއި އެކު، ހަށިގަނޑުގެ ހަމަހިފެހެއްޓުން ގެއްލުން، ތަކެތި ޑަބަލްކޮށް ފެނުން، އަދި ވަށައިގެންވާ ވެށި އެބުރޭހެން ހީވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. އާންމުގޮތެއްގައި ރިހުން ހުންނާނީ ބޮލުގެ ފަހަތުން އެއްފަޅިއެއްގައެވެ. މިއީ ވެސް ވަރަށް މަދުންނޫނީ ކުރިމަތިނުވާ މައިގްރޭންގެ ވައްތަރެކެވެ.

(5) – ފޭޝަލް މައިގްރޭން (Facial Migraine) 

މިވައްތަރުގައި ރިހުން ހުންނަނީ މޫނުގެ އެއްފަރާތަކުން ތިރީގައެވެ. އާންމުކޮށް މޭނުބައިކޮށް ހޮނޑުލެވުން ބޮލުގައި ރިހުމާއި އެކު މިވައްތަރުގެ ސަބަބުން މެދުވެރި ކުރުވައެވެ.

(6) – ހެމިޕްލެޖިކް މައިގްރޭން (Hemiplegic Migraine)

މިއީ ބޮލުގެ އެއްފަޅީގައި ރިހުމުގެ ވަރަށް ނާދިރު ވައްތަރެކެވެ. އާންމުގޮތެއްގައި މިއީ ވާރުތަކުރާ ހާލަތެކެވެ. މިހާލަތުގައި ކޮންމެވެސް އެއްފަރާތެއްގެ އަތާއި މުލައްދަނޑީގައި ކުޑަމިންވަރަކަށް ބާރުދަށްވުން(ވާގިނެތުން / ވާވުން) މެދުވެރިކުރުވައެވެ. ބޮލުގައި ރިހުން ފިލައިދިއުމަށްފަހު ދުވަސްކޮޅެއް ވަންދެން މިބުނި ބާރުދެރަވުން ދެމިހުރެއެވެ. ސިކުނޑިއާއި ގުޅިފައިވާ ލޭހޮޅިއެއްގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ދެނެގަތުމަށް މިވައްތަރުގެ ބޮލުގައި ރިހުން ރަގަޅަށް ހޯދައި ބަލަންޖެހެއެވެ.

(7) – އޮފްތަލްމޯ ޕްލެޖިކް މައިގްރޭން (Ophthalmoplegic Migraine)

މިއީ ވެސް ބޮލުގެ އެއްފަޅީގައި ރިހުމުގެ ވަރަށް ނާދިރު ވައްތަރެކެވެ. މިހާލަތުގައި ލޮލުގެ ވަށައިގެން ރިހުން ހުރެއެވެ. އަދި ލޮލުގެ ގޮބޮޅީގެ ވަށައިގެންވާ މަސްތަކަށް ހަރަކާތްގެނުވައިދޭ ނާރުތަކަށް ކާނާ ލިބިދިނުމަށް ހުރަސްއެޅި އަވަރުވުން ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ.

(9) – ސްޓެޓަސް މައިގްރެނޯޒިސް (Status Migranosis)

ވަރަށް މަދުން ދިމާވާ މިހާލަތުގައި ބޮލުގެ އެއްފަޅީގައި ރިހި، ދިގުމުއްދަތަކަށް ހޮނޑުލެވުން ކުރިމަތި ކުރުވައެވެ. އަވަސް ފަރުވާ އެއް ނުހޯދައިފިނަމަ ހޮނޑުލެވުމާއި ހަށިގަނޑުން ގިނައަދަދަކަށް ދިޔާތަކެތި ބޭރުވެ، ހަށިގަނޑުން ފެން ހުސްވުން ކުރިމަތި ކުރުވައެވެ. އެހެންކަމުން އެދެވިގެންވަނީ ވީއެންމެ އަވަހަކަށް ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ލިބިގަތުމެވެ.

ބޮލުގެ އެއްފަޅީގައި ރިހުމުގެ އަލާމާތްތައް

ބޮލުގެ އެއްފަޅީގައި ރިހުމަކީ ކުޑަކުދިންނާއި، ފުރާވަރުކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި 4 މަރުހަލާއެއް ބޮލުގައި އެއްފަޅީގައި ރިހޭނަމަ ކަޑަތުކުރެއެވެ. އެއީ އަންނަނިވި 4 މަރުހަލާ އެވެ.

(ހ) ޕްރޯޑްރޯމް (prodrome): މިއީ ބޮލުގެ އެއްފަޅީގައި ރިހުން އަންނަން އުޅޭ ކަމުގެ އިންޒާރީ ނިޝާންތަކެވެ. އާންމު ގޮތެއްގައި  ބޮލުގެ އެއްފަޅީގައި ރިހެން ފެށުމުގެ 2-1 ދުވަހެއް ކުރިން މިބަދަލުތައް ފާހަގަވާން ފަށާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންތައްތަކެވެ (މެޔޯކްލިނިކް، 2023).

 • ބަނޑުހަރުވުން
 • މިޒާޖަށް ބަދަލުއައުން – މާޔޫސްވެ ދެރަވުމުން ފެށިގެން ގޮސް މާބޮޑަށް އުފާވާތީ އުޅުން
 • ކަދުރާ ހަރުއެރުން
 • އެކި ކަހަލަ ކާއެއްޗެހި ކާހިތްވުން ނޫނީ ދަހިވުން
 • ގިނައިން ކުޑަކަމުދެވުން
 • ހަށިގަނޑުގައި ފެންހަރުލުން
 • މާގިނައިން އާފުރުން

(ށ) އޯރާ (aura): އޯރާއަކީ ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ އިއާދަކުރެވޭ ނޫނީ ރަނގަޅުކުރެވޭ / ލުއިކަން ލިބިދޭ އުދަނގޫތަކެވެ. ބައެއް މީހުންނަށް ބޮލުގެ އެއްފަޅީގައި ރިހެން ފެށުމުން ނޫނީ އޭގެ ކުރިން ވެސް އޯރާ ކުރިމަތިވެދާނެ އެވެ. އާންމު ގޮތެއްގައި މީގެ ތެރޭގައި ހިމެނެނީ ލޮލުގެ ފެނުމާއި ގުޅުންހުރި ކަންކަމެވެ. ނަމަވެސް އެހެން ކަންކަން ވެސް ހިމެނިދާނެ އެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވަނީ މަޑުމަޑުން ކުރިމަތިވަމުން ކުރިމަތިވަމުން ގޮހެވެ. އެގޮތުން ދެތިން މިނިޓުގެ ތެރޭގައި އެކަން ކުރިމަތިވުމަށްފަހު، ގާތްގަނޑަކަށް ގަޑިއެއް ހާއިރު ވަންދެން އެކަމެއް ދެމިހުރެއެވެ، ބޮލުގެ އެއްފަޅީގެ ރިހުމުގައި ކުރިމަތިވާ އޯރާ ގެ މިސާލީ އުދަނގޫތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2023).

 • ލޮލަށް އެއްޗެހި ފެންނައިރު ތަފާތު ބައްޓަންތަކާއި، ފަނޑު ސްޕޮޓް، އަދި އަލީގެ ފްލޭޝްތައް ފާހަގަވުން
 • ލޮލުގެ ފެނުން ގެއްލުން ނޫނީ ލޮލަށް ރަނގަޅަށް ނުފެނުން
 • އަތްފަޔަށް ކަށިހެރޭހެން ހީވުން
 • މޫނު ނޫނީ ހަށިގަނޑުގެ އެއްފަޅީގެ ބާރުދޫވުން ނޫނީ އައްސިވާހެން ހީވުން
 • ވާހަކަ ދައްކަން އުދަނގޫވުން ނޫނީ ދަތިވުން

(ނ) އެޓޭކް (attack): ބޮލުގެ އެއްފަޅީގެ ރިހުމުގެ އެޓޭކް އާންމު ގޮތެއްގައި 4 ގަޑިއިރުން ފެށިގެން ގޮސް 72 ގަޑިއިރުގެ މުއްދަތަކަށް ދެމިހުރެއެވެ. ބޮލުގެ އެއްފަޅީގެ ރިހުން ކުރިމަތިވާ ގާތް ދުރުމިން އެކި މީހުންނަށް ތަފާތެވެ. ދޭތެރެ ދޭތެރެއިން ބޮލުގެ އެއްފަޅީގައި ނޫނީ މަހަކު ދެތިން ފަހަރު ބޮލުގެ އެއްފަޅީގައި ބައެއް މީހުންނަށް ރިއްސާއިރު އަނެއްބައި މީހުންނަށް ވަރަށް މަދުން ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވެދާނެ އެވެ.  ބޮލުގެ އެއްފަޅީގައި ރިއްސާއިރު އަންނަނިވި ކަންތައްތައް އެޓޭކްގެ ތެރޭގައި ފާހަގަކުރެވޭނެ އެވެ (މެޔޯކްލިނިކް، 2023).

 • ރިހުން: އާންމު ކޮށް އެއްފަޅީގައި ހުންނާނެ އެވެ. ނަމަވެސް ބައެއް ފަހަރު ދެފަޅީގައި ވެސް ހުރެދާނެ އެވެ.
 • ރިހުން: ވިންދު ޖަހާ ރިހުމެއްހުރުން
 • އަލިވުމުން އަޑުގަދަވުމުން ބައެއް ފަހަރު ވަހެއް ދުވުމުން ނޫނީ ބީހުމުން އުދަނގޫވުން
 • މޭނުބައިކުރުން އަދި ހޮޑުލެވުން

(ރ) ޕޯސްޓް ޑްރޯމް (post – drome): ޕޯސްޓް ޑްރޯމް އަކީ ބޮލުގެ އެއްފަޅީގައި ރިހުމުގެ އެޓޭކް ދިއުމަށްފަހު އަންނަ މަރުހަލާ އެވެ. މިމަރުހަލާގައި މީހާ ގާތްގަނޑަކަށް ދުވަހެއްހާ މުއްދަތަށް “ވާނުވާ ނޭނގިފައި” ހުރެދާނެ އެވެ.  މިމުއްދަތުގައި ބައެއް މީހުން މާއުފާވެފައި ހުރެދާނެ އެވެ. އަދި ބޯ ހަރަކާތްކޮށްލުމުން ކުރު މުއްދަތަކަށް ރިހުމެއް ހުރެދާނެއެވެ (މެޔޯކްލިނިކް، 2023). 

ބޮލުގެ އެއްފަޅީގައި ރިހުމުގެ ނުރައްކާތައް

ތަދުކަނޑުވާ ބޭސްތައް މާގިނައިން ގިނަ ދުވަހަށް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ވެސް ބޮލުގައި ރިހުން އުފައްދާނެ ކަމެކެވެ. މިގޮތުން އެސިޓަމައިނޯފަން (ޕެނަޑޯލް)، އަދި އެސްޕިރިން ފަދަ ބޭސްތައް ބޭނުންކުރުމާއެކު، ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރާނަމަ، މި ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ. މަހަކު 14 ދުވަހަށްވުރެ ދިގުމުއްދަތަށް އެސްޕިރިން ނުވަތަ ބުރޫފަން ބޭނުންކުރާނަމަ ވެސް މާގިނައިން ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން މެދުވެރިވާ ބޮލުގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އަދި ސްމަޓްރިޕްޓާން އާއި ރިޒަޓްރިޕްޓާން ފަދަ ބޭސް ތައް މަހަކު 9 ދުވަހަށްވުރެ ގިނަ މުއްދަތަކަށް ބޭނުންކުރާނަމަ، މިފުރުޞަތު އިތުރުކަން ފާހަގަ ކުރެވެއެވެ. ބޭސް މާގިނައިން ބޭނުންކުރުމުން މެދުވެރިވާ ބޮލުގައި ރިހުން(medication-overuse headache) ކުރިމަތިވަނީ މިފަދަ ބޭހުން ރިހުން ލުއިކުރުން ހުއްޓުވައި އޭގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިވާން ފެށުމުންނެވެ.

ބޮލުގެ އެއްފަޅީގައި ރިހުން ދެނެގަތުން

ބޮލުގެ އެއްފަޅީގައި ރިހުން ދެނެގަނެވެނީ ބަލިމީހާގެ ދުޅަހެޔޮކޮށް ހުރިނެތްގޮތް ބެލުން އަދި ނިއުރޮލޮޖިކަލް އެގްޒާމް ތައް ހެދުން ފަދަ ކަންތައްތައް ކޮށްގެންނެވެ. ބައެއް ފަހަރު ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވުމުން ހަދާ ޓެސްޓުތަކުގެ ތެރެއިން އެހެން ބައެއް ކަންކަން ދެނެގަތުމަށް ވެސް މަސައްކަތް ކޮށްފާނެ އެވެ. ބޮލުގެ އެއްފަޅީގައި ރިހުން ދެނެގަތުމަށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި އަދި ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސްކޭން ނުވަތަ ސީޓީ ސްކޭން ފަދަ ޓެސްޓުތައް ހިމެނެއެވެ.

ބޮލުގެ އެއްފަޅީގައި ރިހުމުގެ ފަރުވާ

ބޮލުގެ އެއްފަޅީގައި ރިހުން ހުރުން ނުވަތަ ”މައިގްރޭން”(migraine) ގެ އެންމެ އާންމު ފަރުވާ އަކީ މައިގްރޭން މެދުވެރިވާން ދިމާވި ސަބަބު ދެނެގަނެ އެކަމާއި ދުރުހެލިވުމެވެ. ވަރަށް ގިނަފަހަރު ބޭނުންކުރެވޭ ކާނާއާއި މައިގްރޭން ކުރިމަތިވުމާއި ގުޅުން ހުރެއެވެ. ބޮލުގެ އެއްފަޅީގައި ރިހުމުގެ ފަރުވާގެ މަގުޞަދަކީ އުދަނގޫތައް ލުއިކޮށްދީ މުސްތަގުބަލްގައި އިތުރު އެޓޭކްތައް އައުން ހުއްޓުވުމެވެ.

ބޮލުގެ އެއްފަޅީގެ ރިހުމުގެ ފަރުވާއެއްގެ ގޮތުގައި ތަފާތު ވައްތަރުގެ ބޭސްތައް ބޭނުންކޮށް އުޅެއެވެ. މިގޮތުން ތަފާތު ގުރޫޕްގެ ބޭސްތައް ދެވެއެވެ. މިސާލަކަށް އެންޓިޑިޕްރެޝެންޓްސް، ބީޓާ ބްލޮކާރޒް، ޓްރަންކްއިލައިޒާ، ފަދަ ގުރޫޕުތަކުގެ ބޭހުގެ އިތުރުން ފެނައިޓޮއިން، ކާރބަމަޒީޕިން، އާރގޮޓަމިން، އަދި ސްޓީރޮއިޑްސް ފަދަ ބޭސްތައް ދީ އުޅެއެވެ.

ބޮލުގެ އެއްފަޅީގައި ރިހުމުގެ ފަރުވާގައި ވަރަށް ގިނަ ބޭސްތައް ބޭނުންކުރެއެވެ. އާންމުކޮށް ބޭނުންކުރާ ބޭސްތައް ދެ ގުރޫޕަށް ބަހާލެވިފައި ވެއެވެ. އެއީ އަންނަނިވި ދެގުރޫޕެވެ.

(ހ) ތަދުކަނޑުވާ ބޭސްތައް: މިއީ އާންމުކޮށް އުދަނގޫތައް ލުއިކޮށްދޭ ނޫނީ ރިހުން ކަނޑުވައިދޭ ބޭސްތަކެވެ. މިބޭސްތައް އާންމުކޮށް ނަގަނީ ބޮލުގެ އެއްފަޅީގައި ރިހުމުގެ އެޓޭކް ކުރިމަތިވުމުންނެވެ. މީގެ ތެރޭގައި އަންނަނިވި ގުރޫޕްތަކުގެ ބޭސްތައް ހިމެނެއެވެ.

 • ރިހުން ކަނޑުވާ ބޭސްތައް: މީގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އެސްޕިރިން، ބުރޫފަން، ވޮލްޓްރަން، މެފެނެމިކް އެސިޑް ފަދަ ބޭސްތައް ހިމެނެއެވެ.
 • ޓްރިޕްޓާންސް: މީގެ ތެރޭގައި ސްމަޓްރިޕްޓާން އަދި ރިޒަޓްރިޕްޓާން ފަދަ ބޭސްތައް ހިމެނެއެވެ.
 • ޑައިހައިޑްރޯއާރގޮޓަމިން: މިބޭސް އިންޖެކްޝަންގެ ގޮތުގައި އަދި ނޭފަތަށް ޖަހާ ސްޕްރޭގެ ގޮތުގައި ހުރެއެވެ. މިބޭހުގެ ފައިދާއެންމެ ބޮޑީ ބޮލުގެ އެއްފަޅީގައި ރިހުން ފެށުމާއެކު ބޭނުންކުރުމުންނެވެ.
 • ލެސްމިޑިޓާން: މިއީ މިކަމުގެ ފަރުވާގައި އަލަށް ނެރެގެން އުޅޭ ބޭހެކެވެ. މިއީ ބޮޑަށް ބޮލުގެ އެއްފަޅީގެ ރިހުމުގެ މަރުހަލާ ތަކުގެ ތެރެއިން އޯރާ ގެ މަރުހަލާގައި ބޭނުންކުރެވިދާނެ ބޭހެކެވެ.
 • އޯރަލް ކެލްސިޓޯނިން ޖީން ރިލޭޓަޑް ޕެޕްޓައިޑް އެންޓަގޮނިސްޓް (ޖިޕެންޓް): ޔުބްރޯޖިޕެންޓް އަދި ރިމެޖިޕެންޓް އަކީ ބޮޑެތި މީހުންނަށް ކުރިތިވާ ބޮލުގެ އެއްފަޅީގެ ރިހުން ކުޑަކުރުމަށް މިފަހުން ބޭނުންކުރަން ފެށިފައިވާ ބޭހެކެވެ.
 • ޒެވިޖިޕެންޓް ނޭޒަލް ސްޕްރޭ: މިއީ ބޮލުގެ އެއްފަޅީގައި ރިހުމަށް ނޭފަތަށް ޖަހާ ސްޕްރޭ އެއްގެ ގޮތުގައި ދޭ ހަމައެކަނި ބޭހެވެ.
 • އޮޕިއޮއިޑް މެޑިކޭޝަން: މިއީ އެހެން ބޭސްތަކުން ނަތީޖާއެއް ނުލިބިއްޖެނަމަ ބޭނުންކުރެވިދާނެ ބޭސްތަކެކެވެ. މިއީ ވަރަށް ފަސޭހައިން ދެވިހިފާ ބޭސްތަކެކެވެ. އެހެންކަމުން މިއީ ކޮންޓްރޯލް ބޭހެއްގެ ގޮތުގައި ދީއުޅޭ ބޭސް ތަކެކެވ.
 • މޭނުބައިކުރުން ހުއްޓުވާ ބޭސް: މިއީ ބޮލުގެ އެއްފަޅީގައި ރިހުމުގެ މަރުހަލާތަކުގެ ތެރެއިން އޯރާ ގައި މޭނުބައިކުރުން އަދި ހޮޑުލެވުން ކުރިމަތިވާނަމަ ދީއުޅޭ ބޭސް ތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި މެޓަކްލޮޕްރޮމައިޑް، ކްލޯޕްރޮމޭޒިން އަދި ޕްރޯކްލޯޕްރޮމޭޒިން ފަދަ ބޭސްތައް ހިމެނެއެވެ.

(ށ) ބޮލުގެ އެއްފަޅީގައި ރިހުމުން ރައްކާތެރިކޮށްދޭ ބޭސްތައް: މިއީ ކޮންމެ ދުވަހަކު ނެގިދާނެ ބޭސްތަކެކެވެ. އަދި މިބޭސްތައް ނެގުމުން ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާ ގިނަމިން ދަށްކޮށް މަދުކުރެއެވެ. މިފަދަ ބޭސްތައް ދެނީ ދިގުމުއްދަތަށް ދެމިހުންނަ، އާދަޔާ ޚިލާފަށް ބޮޑަށް ކުރިމަތިވާ ނުވަތަ ނުރައްކާތެރި މިންވަރަކަށް ކުރިމަތިވާ ބޮލުގެ އެއްފަޅީގައި ރިހުމަށެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

 • ލޭގެ ޕްރެޝަރު ދަށްކުރާ ބޭސްތައް: މީގެ ތެރޭގައި މެޓަޕްރޮލޯލް، ޕްރޯޕްރޮނަލޯލް ފަދަ ބީޓާ ބްލޮކަރ ތަކާއި، ވެރަޕަމިލް ފަދަ ކެލްސިއަމް ޗެނަލް ބްލޮކަރ ގެ ގޮތުގައި ގުނޭ ބޭސްތައް ހިމެނެއެވެ.
 • އެންޓިޑިޕްރެޝަންޓްތައް: މިފަދަ ބޭސްތަކުގެ ތެރޭގައި ޓްރައިސައިކްލިން އެންޓިޑިޕްރެޝަންޓްގެ ގޮތުގައި ބެލެވޭ އެމިޓްރިޕްޓަލިން ފަދަ ބޭސްތައް ހިމެނެއެވެ.
 • ފިޓުޖެހުމާއި ދެކޮޅަށް ދޭ ބޭސްތައް: މިފަދަ ބޭސްތަކުގެ ތެރޭގައި ޓޮޕިރަމޭޓް އަދި ވެލްޕޮރޭޓް ފަދަ ބޭސްތައް ހިމެނެއެވެ.
 • ބޮޓޮކްސް އިންޖެކްޝަން: ބޮޓޮކްސް އިންޖެކްޝަން ޖެހުމަކީ ބައެއް މީހުންނަށް ބޮލުގެ އެއްފަޅީގެ ރިހުން ކުޑަކޮށްދީ ލުއިކޮށްދޭ ކަމެކެވެ.
 • އެހެން ބޭސްތައް: ބޮލުގެ އެއްފަޅީގައި ރިހުމުން ރައްކާތެރިކޮށް ދިނުމަށް ދީއުޅޭ އެހެނިހެން ބޭސްތަކުގެ ތެރޭގައި ކެލްސިޓޯނިން ޖީން ރިލޭޓަޑް ޕެޕްޓައިޑް މޮނޯކްލޯނަލް އެންޓިބޮޑީޒްގެ ގޮތުގައި ދީއުޅޭ ބޭސްތަކާއި، އެޓޯޖިޕެންޓް އަދި ރިމެޖިޕެންޓް ފަދަ ބޭސްތައް ހިމެނެއެވެ.

އާންމު ގޮތެއްގައި ބޮލުގެ އެއްފަޅީގެ ރިހުމަށް ދެވޭ ފަރުވާ ބަރޯސާވަނީ ކުރިމަތިވާ ގިނަމިން، ކުރިމަތިވާ ނުރައްކާތެރިކަމުގެ ދަރަޖަ، ނޫނީ ކުޑަބޮޑުމިން، ބޮލުގައި ރިހުމާއެކު މޭނުބައިކޮށް ހޮޑުލެވުން ހުރުން، އަދި ބަލިމީހާގެ ކިބައިގައި ހުރި އެހެނިހެން ޞިއްހީ ހާލަތްތަކުގެ މައްޗަށެވެ.

ސަމާލުކަންދޭވީ ބައެއް ކަންތައްތައް

ބޮލުގެ އެއްފަޅީގައި ރިހެން ފެށުމުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

 • މަސައްކަތެއް ކުރަމުން ދާނަމަ އެކަމެއް ހުއްޓާލުން
 • އަދިރި ކޮޓަރިއެއް ފަދަ ތަނެއްގައި އަރާމްކޮށްލުމަށް ނުވަތަ ނިދާލުމަށް ޖައްސާލުން
 • ބޮލުގައި ރިހުން ހުރި ހިސާބަށް ފިތުމާއި އެކު ތާފަނާ ފެނުން މަސާޖުކުރުން
 • އެސްޕިރިން، ޕަރަސިޓަމޯލް ފަދަ ބޭހެއް ވީއެންމެ އަވަހަކަށް ބޭނުންކުރުން
 • ނިދި ފުރިހަމަކުރުން
 • ރިލްކްސޭޝަން ޓެކްނީކްތައް ފަރިތަކުރުން
 • ގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
 • ބޮލުގައި ރިހުން ކުރިމަތިވާ ގިނަމިން ބެނުމަށް ހެޑޭކް ޑައިރީއެއް ހަދައިގެން ގެންގުޅުން
 • ގަވާއިދުން ކަސްރަތުކުރުމާއި، ހެލިފެލިވެއުޅުން އިތުރުކުރުން
 • ކޮފީ ކޯލާ އެނާޖީ ޑްރިންކްސް ފަދަ ކެފޭއިން ހިމެނޭ ބުއިންތައް މާގިނައިން ބޭނުންނުކުރުން

ނޯޓް: މިއީ ހަމައެކަނި މައުލޫމާތެއްގެ ގޮތުގައި ލިޔެވިފައިވާ އެއްޗެކެވެ.

މައުލޫމާތު

މިވެސް މުހިންމު