އަޤްޞާގެ ޠޫފާން – 2

މި ހަނގުރާމާގައި ފަލަސްޠީނުގެ މުޖާހިދުން، އިޒްރޭލްގެ ޞުހްޔޫނީ ލަޝްކަރާ ދެކޮޅަށް ބޭނުންކުރާ އުކުޅުތަކުގެ ތެރެއިން އެއް އުކުޅަކީ:

  • “اللَّدْغَة” (ކަށިޖެހުން)، (ކުޅަނދުރުފަދައިން ކުއްލިއަކަށް ކަށި ޖެހުން، ނުވަތަ ކުއްލި ހަމަލާ ދިނުން):
    މުޖާހިދުންގެ ފެކްޝަންތަކުން، ޞުހްޔޫނީ ހަނގުރާމަވެރިންގެ ގަޔަށް ކަށިޖެހިކަން އިޒްރޭލްގެ ނޫސްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ޞުހްޔޫނީ ހަނގުރާމަވެރިންނާ ޙަވާލާދީ އިޒްރޭލްގެ ނޫސްތަކުގައި ލިޔެފައިވާ ގޮތުން، މުޖާހިދުން އެ މީހުންގަޔަށް ބަޑިޖަހާ ގޮތުން އެ ޙަމަލާތަކުން ސަލާމަތްވުމަށް، އެބައިމީހުން ވަނީ ނުކުޅެދިފައެވެ. އެހެނީ އެ ބައިމީހުންނަކީ އެހެން ދުނިޔެއަކުން އަންނަ ބައެކޭ އެއްފަދައެވެ. މުޖާހިދުން ބިމުގެ އަޑިން ނިކުމެ ފާޅުވާން ފަށައެވެ. އަދި ހީވެސް ނުކުރާހާ އަވަހަށް ވީރާނާ ވެފައިވާ ޢިމާރާތްތަކުގެ ތެރެއަށް ވަދެ ފިލައެވެ. ސިޓީ ތަކުގައި މިކަން އަދި މާ އުނދަގުލެވެ. އެހެންކަމުން ޞުހްޔޫނީ ލަޝްކަރަށް ސިޓީތެރޭގައި ހަނގުރާމަ ކުރަން ޖެހުމުން، އެތައް އަހަރެއް ވަންދެން މިފަދަ ޙަމަލާތަކާއި އުކުޅުތައް ބޭނުންކުރުމަށް އާދަވެ، އެކަމުގެ ކުޅަދާނަކަން ލިބިފައިވާ މުޖާހިދުންނާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވެއެވެ.
    ސިޓީތަކުގެ ތެރޭގައި ހަނގުރާމަކުރުމުގައި ޞުހްޔޫނީ ލަޝްކަރަށް ގޮންޖެހުންތަކާ ކުރިމަތިކުރުވުމުގައި ބޭނުންކުރާނެ ހުނަރުތަކާއި ޓެކްޓިކްތަކަށް މުޖާއިދުންގެ ފެކްޝަންތަކުން ތައްޔާރުވެފައިވާ މިންވަރު، މިފަދަ އުކުޅުތަކުން ދަނީ ހާމަވަމުންނެވެ.
  • “اِضْرِبْ وَاخْتَفِ” (Strike and disappear): މިއީ މުޖާހިދުން ހަނގުރާމައިގާ ބޭނުންކުރާ، ދެބަހުގެ އުކުޅެކެވެ. މުޖާހިދުން މި އުކުޅު ބޭނުންކުރަނީ، ޞުހްޔޫނީންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށެވެ. މިގޮތުން މުޖާހިދުން ކުއްލި ހަމަލާ ދެނީ، ކުރީގައިވެސް ދެންނެވިހެން ބިންގަރާސްތަކުން ނިކުމެގެން އަންނަ ބާރުމިނުގައާއި، ފުނޑުފުނޑުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި ފިލައި ތިބެގެންނެވެ. މި ޙަމަލާތަކުގައި މުޖާހިދުން ބޭނުންކުރަނީ ވަރަށް އިތުބާރުހުރި އެންޓިޓޭންކް ޝެލްތަކާއި މިސައިލްތަކެވެ. އެއަށްފަހު، އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި، ޢަދުއްވުންގެ ލޯމަތިން އެއްފަރާތް ވެއެވެ. އަދި އެންމެ ޙައިރާންވާ ކަމަކީ، މިފަދަ ޙަމަލާތައް ދޭ ބަޔަކު ތިބި ތަނެއް ހޯދުމުގައި، ޢަދުއްވުންގެ ޑްރޯންތަކާއި ހަނގުރާމަ މަތީގައި ބޭނުންކުރާ، އެންމެ މިޒަމާނުގެ އެޕާޗޭ ހެލިކޮޕްޓަރުތަކަށްވެސް ނުކުޅެދިފައި ވާ ކަމެވެ.
    ދެން އޮތީ، ޒީރޯ ޑިސްޓެންސްގެ ވާހަކައެވެ. އެ ވާހަކަ، މި ސިލްސިލާގެ 3 ވަނަ ބައިގައި ގެނެސްދެވޭތޯ ބަލާނަމެވެ.

ލިޔުނީ: އައްޝައިޚް ޙަސަން ލަޠީފް މޫސާ
7 ޖެނުއަރީ 2024
މަސްދަރު އަދި ލިޔުން ނަކަލުކޮށްފައިވަނީ: ފިޔައޮންލައިން.ކޮމް

މިވެސް މުހިންމު