އަޤްޞާގެ ޠޫފާން – 1

މި ދުވަސްވަރު، ދުނިޔޭގެ ކަޅި ހުއްޓިފައިވަނީ، ފަލަސްޠީނުގެ މުޖާހިދުންނާއި، ހައްދުފަހަނަޅާފައިވާ އިޒްރޭލްގެ ބާބޭރިއަން ސިފައިންނާ ދެމެދު ފެށިފައިވާ ހަނގުރާމައަށެވެ.
މި ހަނގުރާމައަށް މުޖާހިދުން ދީފައިވާ ނަމަކީ، (އަޤްޞާގެ ޠޫފާން) އެވެ.

ފަލަސްޠީނުގެ މުޖާހިދުން މި ހަނގުރާމަ ފެށީ، އޮކްޓޯބަރ ހަތެއްގެ ފަތިހުގެ ވަގުތެއްގައެވެ. މުޖާހިދުންގެ ފުރަތަމަ ޙަމަލާގައި އިޒްރޭލުގެ ތަފާތު ދިމާތަކަށް އެތައްހާސް ރޮކެޓެއް އެއްފަހަރާ ފޮނުވާލިއެވެ. އަދިހަމަ އެއާއެކު، ފޯރވީލް ވެހިކަލްތަކުގެ އިތުރުން މޮޓޯސައިކަލާއި ގްލިޑަރ ތަކުގެ އެހީގައި އިޒްރޭލްގެ ތެރެއަށް ވަދެ، ދިން ވަރުގަދަ ޙަމަލާތަކަށްފަހު، އިޒްރޭލްގެ ސިފައިންގެ ތެރެއިން ބަޔަކު އަސީރުކޮށް، އެ މީހުންގެ ޢަސްކަރީ އާލާތްތަކުގެ ތެރެއިން ބައެއް ޣަނީމާކޮށްގެން އެނބުރި ޣައްޒާއަށް އައުމުގައި މުޖާހިދުން ކާމިޔާބު ހޯދިއެވެ.

މުޖާހިދުންގެ މި ޙަމަލާއަކީ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ދިން ޙަމަލާއެއްކަމުގައި ވިޔަސް، މިއީ، އިޒްރޭލު ހަމަ ބިމަށް ތިރިވެގެންދިޔަ ޙަމަލާއެކެވެ. އަދި މިއީ މުޖާހިދުންގެ ފެކްޝަންތަކުން އިޒްރޭލުގެ ގަޔަށް ހަރާލި ވިހަގަދަ ކަށްޓެކެވެ.

މުޖާހިދުންގެ ހަނގުރާމައިގެ އުކުޅުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކަށިޖެހުމާއި ޒީރޯ ޑިސްޓެންސެވެ. މި އުކުޅުތަކުގެ ސަބަބުން އެންމެ މިޒަމާނުގެ ހަތިޔާރު އެޅި ޞުހްޔޫނީ ޢަދުއްވުންގެ ލަޝްކަރަށް، ޣައްޒާ ވެފައިވަނީ، (ހަނގުރާމައިގެ ޕަޒްލް) އަކަށެވެ!

މުޖާހިދުން ނިކުންނަނީ ބިމުގެ އަޑިންނާއި ޞުހްޔޫނީން ގެ ޙަމަލާތަކުން ފުނޑުފުނޑުވެފައިވާ ބިނާތަކުގެތެރެއިންނެވެ. މުޖާހިދުން ޢަދުއްވުންގެ މައްޗަށް ފާޅުވަނީ ބިރުވެރި ހިޔަނިތަކެއް ފަދައިންނެވެ. ޢަދުއްވުންގެ ގަޔަށް ކަށި ޖެހުމަށްފަހު، އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ލޯމަތިން ގެއްލިދެއެވެ.

މި ހަނގުރާމައިގައި މުޖާހިދުން ބޭނުންކުރާ އުކުޅުތަކަށް އެ މީހުން ދަނީ، ޚާއްޞަ އިޞްޠިލާޙުތަކެއް ބޭނުންކުރަމުންނެވެ. މި ސިލްސިލާގެ 2 ވަނަ ބައިގައި އެ އުކުޅުތަކާ ބެހޭ ތަފްޞީލް ގެނެސްދެވޭތޯ ބަލާނަމެވެ.

ލިޔުނީ: އައްޝައިޚް ޙަސަން ލަޠީފް މޫސާ
5 ޖެނުއަރީ 2024
މަސްދަރު އަދި ލިޔުން ނަކަލުކޮށްފައިވަނީ: ފިޔައޮންލައިން.ކޮމް

މިވެސް މުހިންމު