ފައިލޭރިޔާ (ފައިފަލަ ބަލި)

ފައިލޭރިޔާ ނުވަތަ ފައިފަލަ ބަލި (Filariasis / Elephantiasis/Wucheriasis) އަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނުގައުމުތަކުގައި އުޅޭމީހުންގެ ފުށުންނެވެ.

ސަބަބު އަދި ފެތުރޭގޮތް

ފައިލޭރިޔާ ޖެހެނީ”ވޫކެރީރިއާ ބެންކްރޮފްޓީ (Wuchereria bancrofti) ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ މިބުނި ފަނީގެ ”އިންފެކްޓިވް ލާރވާ”(Infective Larvae) އުފުލާ ކިއުލެކްސް(Culex)، މަދިރީގެ “ކިއުލެކްސް ޕައިޕިއެންސް”(Culex pipiens) ކިޔާ ބާވަތެއްގެ މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި ”އިންފެކްޓިވް ލާރވާ” އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

ފައިލޭރިޔާ ޖައްސާ ޕެރަސައިޓްގެ ދިރި ހުރުމުގެ ބުރު

މިވައްތަރުގެ ފުރިހަމަވެ ބޮޑުވެފައިވާ ފަނި (Wuchereria bancrofti) ދިރިއުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ “ލިމްފް ގޮށް”(Lymph node) ތަކާއި ލިމްފް ދައުރުކުރާ ހޮޅި(Lymph vessels) ތަކުގެ ތެރޭގައެވެ. ފުރިހަމަވެފައިވާ އަންހެން ފަނި ”މައިކްރޯފައިލޭރިއާ”(Microfilariae) ދޫކުރުމުން ”ލިމްފް” ހޮޅިތަކުގެ ތެރެއިން ލޭގެ ތެރެއަށް ވާސިލްވެއެވެ. އާންމުގޮތެއްގައި ލޭގެތެރޭގައި ”މައިކްރޯ ފައިލޭރިއާ” ހުންނަނީ ރޭގަނޑު 10ގެ ފަހާއި، 2އަކާއި ދެމެދުގެ ވަގުތު ތަކުގައެވެ. ދުވާލުގެ ވަގުތު ތަކުގައި ލޭގެ ތެރެއިން ”މައިކްރޯފައިލޭރިއާ” އެއް ނުފެންނާނެއެވެ.

މަދިރިއެއް ފައިލޭރިޔާ ޖައްސާ ޕެރަސައިޓްގެ  ”މައިކްރޯފައިލޭރިއާ” ލޭގައި ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ލެޔާއި އެކު ”މަދިރީގެ ހަށިގަނޑަށް” ”މައިކްރޯފައިލޭރިއާ” ވާސިލްވެއެވެ. މަދިރީގެ ބަނޑުގެ ތެރޭގައި ”މައިކްރޯފައިލޭރިއާ”ގެ ބޭރުންލެވިފައިވާ ”ދޫފަށަލަ” ނެއްޓިގެންދެއެވެ. އެއަށްފަހު ”ބަނޑުގެ އެތެރޭ ފާރު”ގެ ތެރެއިން ގޮސް ”މޭމަތީ”ގައިވާ މަސްތަކަށް ވާސިލްވެ، އެތާގައި ހަފްތާއެއްގެ ތެރޭގައި ދެފަހަރު ތޮށިބޭލުމަށްފަހު ކުރު ”ސޯސޭޖް”ގެ ބައްޓަމަށް އޮންނަ ”ލާރވާ”(Larvae) އަކަށް ބަދަލުވެއެވެ.

ފައިލޭރިޔާ ޖައްސާ ޕެރަސައިޓްގެ ހަޔާތުގެ ބުރުގައި މަދިރީގެ ހަށިގަނޑަށް ”މައިކްރޯފައިލޭރިއާ” ވާސިލްވާތާ 10 ވަނަ ދުވަހު ”އިންފެކްޓިވް ފައިލޭރިފޯރމް ލާރވާ”(Infective filariform larvae) އަކަށް ބަދަލުވެއެވެ. އެއަށްފަހު ބޮލުގެ ތެރެއިން އަގަޔާއި، ތުންފަތަށް ވާސިލްވެއެވެ.

މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ”އިންފެކްޓިވް ފައިލޭރިފޯރމް ލާރވާ” ހަންގަޑުގެ ތެރެއަށް ދޫކޮށްލައެވެ. އެއަށްފަހު ލާރވާ ލިމްފް ގޮށްތަކާއި، ހޮޅިތަކަށް ( ޚާއްޞަ ގޮތެއްގައި ފައިގައި އެކުލެވޭ ލިމްފް ގޮށްތަކާއި، ހޮޅިތަކަށް ) ވާސިލްވެ، އެތާގައި ބޮޑުވެ، ފުރިހަމަވުމަށް 6 މަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއް ހޭދަވެއެވެ.

އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ފައިލޭރިޔާ ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 12-8  މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ފައިލޭރިއާ ޖެހުމުން 2 މަރުހަލާ ކަނޑަތުކުރެއެވެ.

(ހ) – އިންފްލެމޭޝަން އުފެދޭ މަރުހަލާ (Inflammatory phase): މިމަރުހަލާގެ އަލާމާތްތައް ފެންނަނީ އިންފެކްޓްވެފައިވާ މަދިރިއެއް ދަތްއަޅާތާ ނުވަތަ ހަފާތާ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިގޮތުން ކުރިމަތިވާ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

 • ދޭތެރެ ދޭތެރެއިން ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުން (Lymphangitis): އެންމެ އާންމު ގޮތެއްގައި އިންފްލެމޭޝަން އުފެދެނީ ފަޔާއި، ޖިންސީގުނަވަން ހިމެނޭ ހިސާބުގައިވާ ލިމްފް ހޮޅިތަކުގައެވެ.
 • ލިމްފް ގޮށްތައް ދުޅަވުން ނުވަތަ ގޮށްލުން (Lymphadenopathy): ފައިގެ ނުވަތަ އިންފްލެމޭޝަން އުފެދިފައިވާ ހިސާބެއް ގައި ހުރި ލިމްފް ގޮށްތައް ބޮޑުވެ، ބީހުމުން ރިއްސާގޮތް ވެއެވެ.
 • ފައިލޭރިއާ ހުން (Filarial fever: ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ހޮނޑުލެވުން، އަދި ހިތް ނުތަނަވަސް ވުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ. މިގޮތަށް މިމަރުހަލާގައި ހުން އަންނައިރު ގޮށެއް ނުލާނެއެވެ.
 • އޮށްދުޅަވުން އަދި މަނިފައްކާކުރާ ތަން ދުޅަވުން : މިއީ ވެސް ބައެއް ފަހަރު ފައިލޭރިޔާ ޖެހުމުން މެދުވެރިވެދާނެ ކަންކަމެވެ.

(ށ) – ބައްދާލާ ނުވަތަ ހުރަސްއަޅާ މަރުހަލާ (Obstructive phase): މިއީ ތަކުރާރުކޮށް ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުމާއި، ލިމްފް ގޮށްތަކާއި، ހޮޅިތަކުގައި ފައިބްރަސް ޓިޝޫ އުފެދުމާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ހަމަމިހެން ލިމްފް ގޮށްތަކާއި، ހޮޅިތަކުގެތެރޭގައި ބޮޑިއަކަށް އޮޅިފައިވާ ފަނި ތައް ވެސް މިމަރުހަލާ ކުރިމަތިވުމުގައި ދައުރެއް އަދާކުރެއެވެ. މިކަންތައްތަކާއި ގުޅިގެން ލިމްފް ހޮޅިތަކާއި ގޮށްތައް ބެދޭގޮތް ވެއެވެ. މިމަރުހަލާގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

 • ލިމްފް ހޮޅިތައް ފުޅާވެ، ފުއްޕުން : އެގޮތުން ހަށިގަނޑުގެ އެކި ހިސާބުގެ ލިމްފް ހޮޅިތައް ދުޅަވެ ފުއްޕައެވެ.
 • ފުއްޕާފައިވާ ލޭހޮޅިތަކާއި، ގޮށްތައް ފަޅައިގެން ދިއުން
 • ކުޑަކަމުދާ ތަކެތި ކިރު ކުލައަށްހުރުން : މިއީ ކުޑަކަމުދާ ތަކެތީގައި ލިމްފްގެ ދިޔަ ހުރުމުގެ ސަބަބުން ދިމާވާ ގޮތެކެވެ.
 • އުވަރަޅީގައި ފެންހެދި ބޮޑުވުން : އުރަވަޅި(Scrotom)އަށް ބަލީގެ އަސަރު ކޮށްފައި ވާނަމަ އުރަވަޅި ބޮޑުވާގޮތް ވެއެވެ
 • ގުނަވަންތައް އާދަޔާޚިލާފަށް ބިޔަވެ، ބޮޑުވުން (Elephantiasis): ބެދިފައިވާ ލިމްފް ހޮޅިތަކާއި، ގޮށްތަކުގެ ”ޕަރމިއެބިލިޓީ”(Permeability) އިތުރުވުމާއި، ގުޅިގެން ލިމްފް ލީކުވުމާއި، ހަންގަޑުގެ ދަށުގައި އެކުލެވޭ ޕްރޮޓީންގެ މިންވަރު މަތިވެން ދިއުމާއި، ވިދިގެން ”ކަނެކްޓިވް ޓިޝޫ”(Connective tissue) ތައް އުފެދި ގިނަވެ، ”ފައިބްރަސް ޓިޝޫ” އުފެދޭގޮތް މެދުވެރި ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގެ ދަށުގައިވާ ޓިޝޫތައް ހަރުވެ، ދުޅަވެ ފޮއްސިވުން ( ތަބީޢީ ނޫންގޮތެއްގައި ހަށިގަނޑުގެ ބަޔެއް ނުވަތަ ގުނަވަނެއްގައި ފެން ނުވަތަ އެނޫން ދިޔާ އެއްޗެއް ޖަމާވުން )  ކުރިމަތިވާ ގޮތްވެއެވެ. ހަންގަނޑު ބޯވެ، ކުރަކިވެ، ފަޅައިގެންދާ ގޮތް މެދުވެރި ވެއެވެ. މިކަންތައްތަކުގެ ސަބަބުން ބަލީގެ އަސަރު ފޯރާފައިވާ ބައިތައް ނުވަތަ ގުނަވަންތައް އާދަޔާ ޚިލާފަށް ބޮޑުވެއެވެ. މިސާލަކަށް ފަޔަށް ބަލީގެ އަސަރު ކޮށްފައިވާނަމަ އާދަޔާޚިލާފަށް ފައިފަލަވެ، ބޮޑުވެއެވެ. މީގެ އިތުރުން، އުރަވަޅި، ފިރިހެންހަށި، އުރަމަތި، ފަދަ ތަންތަން ވެސް އާދަޔާ ޚިލާފަށް ބޮޑުވެ ދުޅަވެއެވެ. ބަލި ޖެހުމަށް ފަހު ”އިލެފެންޓިއޭސިސް” ގެ އަސަރު ފެންނަނީ 10-5އަހަރާއި، ދެމެދުގެ މުއްދަތެއްގައެވެ.

ދެނެގަތުން

ފައިލޭރިޔާ ދެނެގަތުމަށް ކުރިން ބަލިޖެހިފައިވާ މީހާގެ ހަމާއި ލެއިން ބަލީގެ ޕެރަސައިޓް ހޯދެއެވެ. މިބަލި ދެނެގަތުމަށް އުރަވަޅީގައި ޖަމާވެފައިހުރި ފެނާއި ކުޑަކަމުދާ ތަކެތީގައި މައިކްރޯފައިލޭރިއާ ހުރިތޯ ބަލައެވެ. އުކުޅުވަޅާއި ފައިވަޅުގައި ދުޅަވެފައިވާ ލިމްފް ހޮޅިތައް ބެލުމަށް ބައެއް ފަހަރު ސްކޭން ކުރެވެއެވެ. ބައެއް ފަހަރު ގޮށްލައި ފުއްޕައިވާ ގޮށަކުން އެތިކޮޅެއް ނަގައިގެން ވެސް ޓެސްޓު ކުރެވެއެވެ. ޓެސްޓުކުރުމަށް ލޭ ނަގަންޖެހޭނީ ރޭގަނޑު 10 އާއި 2 އާއި ދެމެދުގެ ވަގުތެއްގައެވެ. ސަބަބަކީ މައިކްރޯފައިލޭރިޔާ ލޭގެތެރޭގައި ދައުރުކުރަނީ މިވަގުތުގެ ތެރޭގައި ކަމަށްވާތީ އެވެ. ލޭގެ ޓެސްޓުތަކުން އީސިނަފިލް ގިނަވެފައި ހުރިކަން ފާހަގަ ކުރެވޭނެ އެވެ. ފައިލޭރިޔާ ޑީއެންއޭ ޓެސްޓުު ޕޮލިމަރޭޒް ޗެއިން ރިއެކްޝަންގެ އެހީގައި ހެދެއެވެ.

ފަރުވާ

ފައިލޭރިޔާގެ ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި، ޑައިއީތައިލްކާބަމެޒިން، އިވެމެކްޓިން،މިބެންޑަޒޯލް އަދި އެލްބެންޑަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ. އެންމެ އާންމުކޮށްދެވޭ ބޭހަކީ ޑައިއީތައިލްކާބަމެޒިން އެވެ.  ފައިލޭރިޔާ އަށް ފަރުވާ ކުރުމަށް މިބޭސްތައް ދުވާލަކު އެއް ފަހަރު 2-1 ހަފްތާގެ މުއްދަތަށް ދޭންޖެހެއެވެ. އަދި މިބޭސް ތައް ގަވާއިދުން އަހަރަކު ދެފަހަރު ނުވަތަ އެއް ފަހަރު ދިނުން ރަގަޅެވެ. އެއީ ބަލިން ރައްކާތެރިވެ ތިބުމުގެ ގޮތުންނެވެ. މިބޭހުގެ ސަބަބުން ލެއިން “މައިކްރޯފައިލޭރިއާ” ތައް ސާފުކޮށްދީ، ބޮޑެތި ފަނިތައް މަރާލައެވެ. މީގެ އިތުރުން ފަރުވާގެ ގޮތުގައި ތަދުކަނޑުވާ ބޭސްތައް، އެންޓިހިސްޓަމިން، އަދި ސްޓީރޮއިޑް ފަދަ ބޭސްތައް ވެސް ދީއުޅެއެވެ. އަދި ޖަރާސީމު އެޅުން ފަދަ ކަމެއް މެދުވެރިވެފައިވާނަމަ އެންޓިބަޔޮޓިކް ދޭން ޖެހެއެވެ. ކުޑަކަމުދާ ތަކެތީގައި ލިމްފް ދިޔަ ހުންނަ ކަމުގައިވާނަމަ، ތެޔޮ އަދި ސަރުބީ ހުންނަ ތަކެތި ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.

ރައްކާތެރިވުން

މެލޭރިޔާ އަކީ މަދިރިން ފެތުރޭ ބައްޔަކަށް ވުމުން މިތަނުގައި މަދިރީގެ ދިރިހުރުމުގެ ބުރު، މަދިރީގެ އާދަކާދަ ތައް ، އަދި މަދިރި ކޮންޓްރޯލް ކުރާނެގޮތަށް ބަލައިލާނަމެވެ.

މަދިރީގެ ދިރިހުރުމުގެ ބުރު : މަދިރި ދިރިހުރުމުގެ ބުރުހަމަކުރުމުގައ 4 މަރުހަލާއެއް ކަޑަތުކުރެއެވެ. އެއީ:-

(ހ) – ބިސް (Eggs): މަދިރިގެ ފުރަތަމަ މަރުހަލާއަކީ ފެންގަޑަށް ދޫކުރާ ބިސް އެވެ. މަދިރި ބިސް އަޅަނީ ވަކިވަކި ބިސްތަކެއްގެ ގޮތުގައި ނުވަތަ ޖަމާއީ ކޮށެވެ. މަދިރި ބިސް އެޅުމަށްފަހު އެބިސް ކޮއްޓިގެން އެއިން ލާރވާ ނިކުތުމަށް ވަކި ފިނިހޫނުމިނެއް ބޭނުން ވެއެވެ. މިސާލަކަށް 52ޑިގްރީ ސެލްޒިއެސްއެވެ.

(ށ) – ލާރވާ (Larvae): ލާރވާ އަކީ މިބުރުގެ ދެވަނަ މަރުހަލާއެވެ. ލާރވާ ފެނުގައި ހަފްތާއެއްގެ ތެރޭގައި 3ފަހަރު ތޮށިބޭލުމަށް ފަހު 4ވަނަ ފަހަރު މަދިރި ފަންޏަކަށް އަކަށް ބަދަލު ވެއެވެ.

(ނ) – މަދިރި ފަނި (Pupa): މަދިރި ފަންޏަކީ ޕިއުޕާ އެވެ. ޕިއުޕާ އަކީ މިބުރުގެ 3ވަނަ މަރުހަލާއެވެ. ޕިއުޕާ ފެނުގެ ތެރޭގައި ދެތިން ދުވަހު ހޭދަކުރުމަށް ފަހު ފުރިހަމަ މަދިރިއަކަށް ( 4ވަނަ މަރުހަލާ) ބަދަލުވެއެވެ. މިގޮތަށް މަދިރީގެ ދިރިހުރުމުގެ ބުރުހަމަކުރުމަށް 2ހަފްތާ ނަގައެވެ. މަދިރިތައް އުފެދި އާލާވަނީ މިބީދައިންނެވެ.

(ރ) – ފުރިހަމަ މަދިރި (Mosquito): މަދިރި ފަނި ފެނުގައި ދެތިން ދުވަހު ހޭދަކުރުމަށްފަހު ފުރިހަމަ މަދިރިއަކަށް ބަދަލުވެއެވެ.

މަދިރީގެ އާދަކާދަ : މަދިރި ކޮންޓްރޯލްކޮށް ނައްތާލުމަށްޓަކައި މަދިރީގެ އާދަތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން މަދިރީގެ އާދަ ކާދަތައް ހުންނަގޮތް ދެދުވަސްވަރަކަށް ބަހާލެވެއެވެ. އެއީ ފެނުގައި ބޮޑުވާ ދުވަސްވަރާއި، ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރެވެ. ކުރިން ބަޔާންކުރެވުނު މަރުހަލާތަކުގެ ތެރެއިން ފުރަތަމަ 3 މަރުހަލާއަކީ ފެނުގައި ބޮޑުވާ ދުވަސްވަރެވެ. 4ވަނަ މަރުހަލާއަކީ ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން މަދިރި ބިސްއެޅުމަށް ފެންގަނޑެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކިވައްތަރުގެ މަދިރީގެ ބިސްތައް ފިނިހޫނުމިނަށް ތަހައްމަލު ކުރާ މިންވަރު ތަފާތެވެ. ހަމަމިހެން ބިސްއެޅުމަށްޓަކައި ފެންގަނޑު އިޚްތިޔާރުކުރާ ގޮތް ވެސް ތަފާތެވެ. ބައެއް ބާވަތުގެ މަދިރި ބާރަށް ނުވަތަ ލަސްލަހުން ދައުރުވާ ފެންގަނޑަށް ބިސްއަޅާއިރު އަނެއް ބާވަތުގެ މަދިރި ބިސްއަޅަނީ ނުދެމޭ ނުވަތަ ދައުރުވާ ފެންގަނޑު ތަކަށެވެ.

ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރު އަންނަނިވި ކަންތައްތަކަށް ފާހަގަ ކުރެވޭނެއެވެ.

 • މަދިރި ލާރވާ ނިކުންނަގޮތާއި، އުދުހޭގޮތް، ބޮޑުވެ ފުރިހަމަވާގޮތް އަދި ބިސްދޫކުރާގޮތް އެއްބާވަތުގެ މަދިރިއާއި، އަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ.
 • މަދިރި އިންސާނުންގެ ހަށިގަނޑުން ލޭބުއިމަށް ފަހު ނުވަތަ އޭގެ ކާނާ ހޯދުމަށްފަހު އަރާމުކުރުމަށް ހޭދަކުރާތަން އެއްބާވަތުގެ މަދިރިއާއި އަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ. މިސާލަކަށް ބައެއް މަދިރިތައް އަދިރި ތަންތާގައި ތިބޭއިރު އަނެއްބައި މަދިރިތައް ސީލިންގ ފަދަ ތަންތާގައި ޖައްސައިގެން ތިބެއެވެ.
 • އާންމުގޮތެއްގައި ފިނިމޫސުމައި މަދިރިތައް މަދުވެއެވެ. އެއީ ގިނަ މަދިރި ފިނިމޫސުމުގައި ހޭދަކުރަނީ ހާރބިނޭޝަން އޭ ކިޔޭ ހާލަތެއްގައެވެ. މިހާލަތުގައި މަދިރިތައް ތިބެނީ ހަރަކާތް މަދުވެ، ވަޅޯވެފައެވެ.
 • ފިނިހޫނުމިނާ ރިޢާޔަތްކޮށް ދިރިހުންނަ މުއްދަތު ތަފާތެވެ. ހޫނު މޫސުމުގައި އަދި ހޫނު ގައުމުތަކުގައި މިމުއްދަތު މަދިރިތައް ހޭދަކުރާލެއް ކުރެވެ.
 • އެކިބާވަތުގެ މަދިރި އުދުހޭ ދުރުމިން ވެސް ތަފާތެވެ.
 • މަދިރި އިންސާނުންގެ ހަށިގަނޑުގައި ދަތްއަޅާގޮތްވެސް އެއްބާވަތް އަނެއްބާވަތާއި ތަފާތެވެ. ކިއުލެކްސް މަދިރިތައް އަންނައިރު ކަންފަތަށް އުދަގޫ އަޑެއް ހުރެއެވެ. އަދި ދަތްއަޅާތަނުގައި ރިއްސައި، ހިރުވުމާއި އެކު ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެނޯފީލްސް މަދިރިތައް ކައިރިވަނީ މަޑުމަޑުން އަޑުލެއްވުމަކާއި ނުލައެވެ. އަދި ދަތްއެޅި ނަމަވެސް ރިހުން އިހްސާސްކުރެވޭލެއް ކުޑައެވެ.

މަދިރި ކޮންޓްރޯލް ކުރުން

ފެނުގައި ކަޑަތުކުރާ މަރުހަލާގައި މަދިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް

o       ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެން ބަދަލުބަދަލުކޮށް ބަދަލުކޮށް ބެހެއްޓުން

o       ވަޅު ދިޔަ ހިއްކުން އަދި ވަޅަށް ފަތްފަދަ ހަނޑި ނޭޅުން

o       ވަޅަށް ކްލޮރިން އެޅުން

o       ވަޅަށް ބޭންގ، ގުރުވަ، ކައްޓަފުޅި ފަދަ މަސްލުން

o       ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް އަޅައި ބެއްދުން

o       މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް ސްޕްރޭކުރުން

o       ބިސްއަޅާ ފެންގަނޑަށް ކަރާސީނު ތެޔޮއެޅުން

o       ގޯތި ތެރޭގައި ފުޅި ދަނޅު ފަދަ ތަކެއްޗަށް ފެން އެޅޭނެ ހެން ނުބެހެއްޓުން

o       ހަފްތާއަކު އެއްފަހަރު ގޯތިތެރޭގައި ހުރި ފެނުގައި ގަސް ހައްދާފައި ހުށި މުށި ފުޅި ފަދަ ތަކެތިން ފެން ބަދަލުކުރުން

o       ފެން ހިފެހެއްޓޭނެ ގޮތަށް ދައުރުނުވާނެހެން ނުބެހެއްޓުން

އުދުހިއުޅޭ(ފުރިހަމަ މަދިރިއެއްގެ)މަރުހަލާގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް

o       މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި މަދިރި ނަރުދާ ހަރުކުރުން

o       ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން

o       ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި ކުރުވާ،މަދިރި ދުރަށް ފޮނުވާ ފަދަ މާއްދާތައް ހަންގަނޑުގައި އުގުޅުން

މައުލޫމާތު :-

 • އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް

މިވެސް މުހިންމު