ބެލްސް ޕަލްސީ

ބެލްސް ޕަލްސީ(bell’s palsy)  އަކީ މޫނުގެ އެއް ފަރާތުގެ މަސްތައް ކުއްލިއަކަށް ވަރުދެރަވާ ހާލަތެކެވެ. ގިނަ ފަހަރު މިގޮތަށް މަސްތަކުގެ ވަރުދެރަވަނީ ކުޑަ ދުވަސްކޮޅަކަށެވެ. އަދި ދެތިން ހަފްތާގެ ތެރޭގައި އޭގެ ޒާތުގައި ރަނގަޅުވެދެއެވެ. މޫނުގެ އެއްފަރާތުގެ މަސްތަކުގެ ވަރުދެރަވުމުގެ ސަބަބުން، މޫނުގެ އެ ފަރާތް ބަލާބެލުމަށް ހީވަނީ ތިރިއަށް ވެއްޓިފައި ނޫނީ ޖެހިފައި ހުންނަ ހެންނެވެ. މަސްތައް ދެރަވެފައިވާ ފަރާތުގައި ހިނިތުންވާ އިރު ތަފާތު ކަމެއްހުރެ، އަދި އެފަރާތުގެ ލޯމަރަން އުދަނގޫވެއެވެ.

ބެލްސް ޕަލްސީ ކޮންމެ އުމުރެއްގައި ވެސް ކުރިމަތިވެދާނެ އެވެ. ބެލްސް ޕަލްސީ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައި ނުވެއެވެ. ސައިންސްވެރިން ނުވަތަ އިލްމީ މާހިރުން ގަބޫލުކުރާ ގޮތުގައި ބެލްސް ޕަލްސީ ކުރިމަތިވަނީ މޫނުގެ އެއް ފަރާތުގެ މަސްތައް ކޮންޓްރޯލްކުރާ ނާރު ދުޅަވެ، އިންފްލެމޭޝަން އުފެދުމުގެ ސަބަބުންނެވެ. ވައިރަލް އިންފެކްޝަން އަށްފަހު އަންނަ ރައްދެއްގެ ގޮތުން ވެސް ބެލްސް ޕަލްސީ ކުރިމަތިވެދާނެ އެވެ.

ސަބަބު

ބެލްސް ޕަލްސީ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައި ނުވެއެވެ. ނަމަވެސް ވައިރަސް ތަކުން ޖެހޭ ބަލިތަކާއި ގުޅިގެން ކުރިމަތިވާ ރައްދެއްގެ ގޮތުގައި ބެލްސް ޕަލްސީ ކުރިމަތިވާކަން ހޯދިފައި ވެއެވެ. އެގޮތުން ބެލްސް ޕަލްސީ ކުރިމަތިވެދާނެ ވައިރަސް ތަކުންޖެހޭ އިންފެކްޝަން ތަކުގެ ތެރޭގައި އަންނަނިވި ވައިރަލް އިންފެކްޝަން ތައް ހިމެނެއެވެ.

  • ހާރޕީޒް ސިމްޕްލެކްސް ވައިރަސް އިންޖެހޭ ޖެނިޓަލް ހާރޕީޒް އިންފެކްޝަން
  • ފާނަބަސަނދު ޖައްސާ ޗިކަން ޕޮކްސް ވައިރަސް އިންޖެހޭ ފާނަބަސަނދު އަދި ޝިންގަލްސް / ހާރޕީޒް ޒޯސްޓަރ
  • އެޕްސްޓެންބަރ ވައިރަސް އިން ޖެހޭ އިންފެކްޝަސް މޮނޯނިއުކްލިއޯސިސް އިންފެކްޝަން
  • ސައިޓޯމެގަލޯ ވައިރަސް އިންޖެހޭ އިންފެކްޝަން
  • އެޑީނޯ ވައިރަސްގެ ސަބަބުން ޖެހޭ އަރިދަފުސް ރޯގާ ފަދަ އިންފެކްޝަންތައް
  • ރުބެއްލާ ވައިރަސް އިން ޖެހޭ ޖަރުމަނު ހިމަބިހި
  • މަމްޕްސް ވައިރަސް އިންޖެހޭ ކޯފުއްޕި
  • އިންފުލުއެންޒާ ބީ ވައިރަސް އިންޖެހޭ އިންފުލުއެންޒާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ
  • ކަކްސަކީ ވައިރަސް އިން ޖެހޭ އަތާއި، ފައި އަދި އަނގައިގެ ބަލި

މޫނުމަތީގެ މަސްތައް ކޮންޓްރޯލްކުރާ ފަތިނާރު މޫނަށް ގޮސްފައިވަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި ވާ ހަނި މަގަކުންނެވެ. ބެލްސް ޕަލްސީ ގައި މިފަތިނާރު ގައި އިންފްލެމޭޝަން އުފެދި ދުޅަވެއެވެ. އާންމު ގޮތެއްގައި މިގޮތަށް ފަތިނާރު ދުޅަވަނީ ވައިރަސް އަކުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. މޫނުމަތީގެ މަސްތަކުގެ އިތުރުން މިފަތިނާރުން ކަރުނަ، ކުޅު، ރަހަ، އަދި ކަންފަތުގައިވާ ކުޑަކަށިކޮޅެއް މި ބައިތަކަށް އަސަރުކުރުވައެވެ. ނޫނީ ބާރުފޯރުވައެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ފަރާތްތަކަށް ބެލްސް ޕަލްސީ ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

  • މާބަނޑު މީހުން : ޚާއްޞަ މާބަނޑުގެ ފަހުގެ 3 މަހުގެ ތެރޭގައި ނޫނީ ވިހެއުމަށްފަހު ފުރަތަމަ ހަފްތާގެ ތެރޭގައި ބެލްސް ޕަލްސީ ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.
  • އިންފުލުއެންޒާ އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށްއަރާ ބައްޔެއް ޖެހުން
  • ހަކުރުބަލި ހުރުން
  • ލޭމައްޗަށްދިއުން
  • ހަށިގަނޑު ބަރުހެލިވެ، އާދަޔާ ޚިލާފަށް ފަލަވުން

ދޭތެރެ ދޭތެރެއިން ބެލްސް ޕަލްސީ ކުރިމަތިވުމަކީ ވަރަށް މަދުން ނޫނީ ދިމާވާނެ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި މިގޮތަށް ދޭތެރެ ދޭތެރެއިން ކުރިމަތިވަނީ އާއިލާގެ ތެރޭގައި ބެލްސް ޕަލްސީ ދޭތެރެ ދޭތެރެއިން ކުރިމަތިވުމުގެ މާޒީ އެއް އޮތް ނަމަ އެވެ. މިއިން ދޭހަކޮށްދެނީ ފަހަރުގައި ބެލްސް ޕަލްސީ ކުރިމަތިވުމާއި، އުފެދުމުގައި ވިރާސީ ބަހާއެއް ވާރުތަވުމާއި ގުޅުމެއް އޮވެދާނެ ކަމެވެ.

އަލާމާތްތައް

ބެލްސް ޕަލްސީ ގެ އަލާމާތްތައް އާންމުކޮށް ފެންނަށް ފަށަނީ ކުއްލިއަކަށެވެ. އެގޮތުން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

  • ކުއްލިއަކަށް މޫނުގެ އެއްފަރާތުގެ މަސްތަކުގެ ބާރުދަށްވުން ނޫނީ ވާގިނެތުން : ދެތިން ގަޑިއިރުން ފެށިގެން ގޮސް ދެތިން ދުވަހުގެ ތެރޭގައި މިކަން ކުރިމަތިވެދާނެ އެވެ.
  • މޫނު ތިރިއަށް ޖެހިފައިހުރުން : މިކަމުގެ ސަބަބުން މޫނުމަތިން އާންމުކޮށް ކުރާ ނޫނީ ގެންނަ ހަރަކާތްތައް އޭގެ ތަބީއީ ގޮތުގައި ނުކުރެވުން އެކަށީގެންވެއެވެ. މިސާލަކަށް ހިނިތުންވުން، ނޫނީ ލޯމަރާލުން ފަދަ ކަންކަން ކުރަން ދަތިވެއެވެ. މާނައަކީ ލޯނުމެރުމަކީ އެކަށީގެންވާ ކަމެކެވެ.
  • އަނގައިން ކުޅާއި ސޮނި ފޭބުން
  • ބެލްސް ޕަލްސީގެ އަސަރުކޮށްފައިވާ ފަރާތުގެ ކޯކަށިގަނޑު ވަށައިގެން ނޫނީ ކޯކަށިގަނޑުގައި ނޫނީ ކަންފަތުގައި ފަހަތުގައި ރިހުން
  • ބެލްސް ޕަލްސީގެ އަސަރުކޮށްފައިވާ ފަރާތުގެ ކަންފަތަށް އަޑު ތަހައްމަލުނުކުރެވުން، ނޫނީ އަޑުޖެހުމުން އުދަނގޫވުން
  • ބޮލުގައި ރިހުން
  • ރަހަނުލުން
  • ކަރުނައާއި ކުޅު އުފައްދާ މިންވަރަށް ބަދަލުއައުން

ނުރައްކާތައް

އާންމު ގޮތެއްގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ ބެލްސް ޕަލްސީ މަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެދެއެވެ. މޫނުމަތީގެ މަސްތައް އެއްކޮށް ވާގިނެތުން ކުރިމަތިވާ ހާލަތްތަކުގައި ރަނގަޅުވާން ނަގާ މުއްދަތު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުކޮށް ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

  • މޫނުމަތީގެ ފަތިނާރު “ފޭޝަލް ނާރވް” އަށް އިއާދަނުކުރެވޭނެ ގެއްލުން ލިބުން
  • ހަލާކުވި ނާރީ ފައިބަރު ޣައިރު ތަބީގޮތެއްގައި އަލުން އުފެދުން : މީގެ ސަބަބުން އެއް މަސްގަނޑު ހަރަކާތް ކުރަން މަސައްކަތްކުރާ އިރު އަނެއް މަސްގަނޑު ކުރުގެޅި ފިތި ވާންވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ހިނިތުންވާން މަސައްކަތްކުރާއިރު، ބެލްސް ޕަލްސީގެ އަސަރުކޮށްފައިވާ ފަރާތުގެ ލޯ އޭގެ ޒާތުގައި ބޭ އިޚްތިޔާރުގައި މެރިގެން ދިއުމަކީ ވެދާނެ ގޮތެކެވެ.
  • ބެލްސް ޕަލްސީގެ ސަބަބުން ނުލެއްޕި އިންނަ ލޮލުގެ ފެނުން ދަށްވުން ނޫނީ ލޮލުގެ ފެނުން ގެއްލި ލޯއަނިދިރިވުން : މިގޮތަށް ދިމާވަނީ އަބަދު ލޯ ހުޅުވިފައި އިނުމުގެ ސަބަބުން ލޯހިކި، ލޮލުގެ ހާމަ ދުލި ކަހައި، ހިރުވައި، އިންފެކްޝަން ހެދުމުގެ ސަބަބުންނެވެ.

ދެނެގަތުން

ބެލްސް ޕަލްސީ ދެނެގަތުމަށް ވަކި ޚާއްޞަ ޓެސްޓެއް ކަނޑައެޅިފައެއް ނޯވެއެވެ. މޫނުމަތީގެ މަސްތަކުގެ ހަރަކާތްތައް ދެނެގަތުމަށްޓަކައި މޫނުމަތީ ތަފާތު ހަރަކާތްތައް ގެނައުމަށް ޑޮކްޓަރުން އެދިލައްވާނެއެވެ. އެގޮތުން ލޯމެރުން، ނިއްއެރުވުން، ދަތްތައް ދައްކާލުން، ހިނިތުންވުން، އަދި އާފުރުން ފަދަ ހަރަކާތްތައް ކުރުމަށް އެދިފާނެ އެވެ. ނޫނީ ލަފާދީފާނެ އެވެ.

ބެލްސް ޕަލްސީ ކުރިމަތިވެދާނެ އެހެން ހާލަތްތަކުގެ ތެރޭގައި ސްޓްރޯކްޖެހުން، އިންފެކްޝަނެއް އަށަގަތުން، ލައިމް ޑިޒީޒް ކުރިމަތިވުން، ޓިއުމަރެއް އުފެދުން ފަދަ ކަންކަމަކީ ބެލްސް ޕަލްސީ ކުރިމަތިވެދާނެ ފަދަ ހާލަތްތަކެވެ. ބެލްސް ޕަލްސީގައި ފެންނަ އަލާމާތްތައް އެއީ ސީދާ ކަނޑައެޅިގެން ކޮންކަމެއްގެ ސަބަބުން ކުރިމަތިވި އަލާމާތްތައް ނޫނީ އުދަނގޫތަކެއްކަން ނޭނގޭނަމަ، ފަހަރުގައި އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ހ) އިލެކްޓްރޯމެޔޯގްރަފީ : މިޓެސްޓުގެ އެހީގައި ނާރަށް ގެއްލުންވެފައިވާކަން، އަދި ގެއްލުންވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ. އިލެކްޓްރޯމެޔޯގްރަފީ ގައި މިންކުރަނީ މަސްގަނޑަކަށް ސްޓިމިއުލޭޝަން އެއް ދިނުމުން އެމަސްގަނޑެއްގައި ކަރަންޓްގެ އޮއިވަރު ދައުރުވާގޮތް ނޫނީ ކަރަންޓްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތެވެ. މީގެ އިތުރުން ފަތިނާރެއްގައި ކަރަންޓް ސިގުނަލް ދައުރުވާ ބާރުމިން އަދި އޭގެ ތަބީޢަތް ވެސް މިޓެސްޓުގެ އެހީގައި ދެނެގަނެވޭނެ އެވެ.

(ށ) އިމޭޖިންގ ސްކޭން ތައް : މޫނުމަތީގެ ފަތިނާރު “ފޭޝަލް ނާރވް”އަށް ފިއްތައި ބާރުކުރުވާ މިސާލަކަށް ޓިއުމަރު، ބޮލުގެ ނާށިގަނޑު ބިއްދައިގެން ދިއުން ނޫނީ ރެނދުލުން ފަދަ ކަމެއް ހުރިތޯ ބެލުމަށް މެގްނެޓިކް ރިސޮނަންސް އިމޭޖިންގ އަދި ސީޓީ ސްކޭން ހަދަން ފަހަރުގައި ލަފާދީފާނެ އެވެ.

(ނ) ލޭގެ ޓެސްޓުތައް : ސީދާ ބެލްސް ޕަލްސީ ހުރިތޯ ބެލުމަށް ހެދޭނެ ލޭގެ ޓެސްޓުތަކެއް ނުހުރެއެވެ. ނަމަވެސް ބެލްސް ޕަލްސީގެ އުދަނގޫތައް ކުރިމަތިކުރުވާ އެހެން ބަލިތައް މިސާލަކަށް ލައިމް ޑިޒީޒް ނޫނީ އިންފެކްޝަންތައް ފަދަ ކަމެއް ހުރިތޯ ބެލުމަށް ލޭގެ ޓެސްޓުތައް ހެދުމަށް ލަފާދީފާނެ އެވެ.

ފަރުވާ        

ބެލްސް ޕަލްސީ ކުރިމަތިވާ ގިނަ މީހުން ފަރުވާއާއި އެކު ނުވަތަ ފަރުވާއާއި ނުލައި ވެސް އެއްކޮށް ރަނގަޅުވެދެއެވެ. ބެލްސް ޕަލްސީ އެއްކޮށް، އެއް ފަހަރުން ރަނގަޅުކޮށްދޭނެ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. ފަރުވާގައި އެންމެ އާންމުކޮށް ކުރެވޭ ކަމަކީ ބޭސް ބޭނުންކުރަން ދިނުމާއި، ފިޒިކަލް ތެރަޕީ ދިނުމެވެ. ވަރަށް މަދުން ނަމަވެސް ބެލްސް ޕަލްސީ އާއި ގުޅިގެން އޮޕަރޭޝަން ކުރަންޖެހުމަކީ ވެދާނެ ގޮތެކެވެ.

ބެލްސް ޕަލްސީ ގެ އަސަރުކޮށްފައިވާ ފަރާތުގެ ލޯ އެއްކޮށް ނުމެރޭތީ އެލޮލުގެ ރައްކާތެރިކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ލޯތެތްކޮށް ބެހެއްޓުމަށް ދުވާލު ގަޑީގައި ލޮލަށް ލުބްރިކެންޓް އެއް އެޅުމާއި، ރޭގަނޑު ލޮލުގައި އޮއިންޓްމެންޓް އެއް އުގުޅުމަކީ ލޯ މާބޮޑަށް ހިކިކުނަ ނުދީ، ތެތްކަން މަތީ ބަހައްޓައިދޭނެ ކަމެކެވެ. ދުވާލު އަވިއައިނު ފަދަ އަދަވާތްތައް ބޭނުންކުރުމާއި، ރޭގަނޑު ލޮލުގައި ޕެޗް އެޅުމަކީ ލޯހިރުވައި ކެހުމުން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބޭސް ބޭނުންކުރުން

ބެލްސް ޕަލްސީގެ ފަރުވާގައި އާންމުކޮށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ކޯޓިކޯސްޓީރޮއިޑް : އެންމެ އާންމުކޮށްދެވޭ ކޯޓިކޯސްޓީރޮއިޑް އަކީ ޕްރެޑްނިސޯން އެވެ. މިއީ ބާރުގަދަ އެންޓި-އިންފްލެމޭޓަރީ އެޖެންޓް އެކެވެ. މިބޭސް ބޭނުންކުރުމުގެ ސަބަބުން ފަތިނާރުގެ ދުޅަ ތިރިވެ، ފަތިނާރު މޫނަށް އައިސްފައިވާ ހޮއި ނުވަތަ މަގުގެ ތެރެއަށް ފަތިނާރު ރަނގަޅަށް ފެތިގެން ދިއުމުގެ ނުވަތަ އިނުމުގެ ފުރުޞަތު ލިބިގެން ދެއެވެ. ކޯޓިކޯސްޓީރޮއިޑްގެ އަސަރު އެންމެ ރަނގަޅަށް ކުރަނީ ބެލްސް ޕަލްސީގެ އުދަނގޫތައް ފެންނަތާ ކުރީކޮޅު ބޭސް ބޭނުންކުރަން ފެށިއްޖެނަމަ އެވެ.

(ށ) އެންޓިވައިރަލް ބޭސްތައް: ބެލްސް ޕަލްސީގެ ފަރުވާގައި އެންޓިވައިރަލްގެ ދައުރު އަދި މާބޮޑަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ބެލްސް ޕަލްސީ ހުންނަ މީހުންނަށް ޕްރެޑްނިސޯން އާއި އެކު އެންޓިވައިރަލް ބޭހެއް މިސާލަކަށް ވެލެސައިކްލޯވިރް ނުވަތަ އެސިކްލޯވިރް ފަދަ ބޭހެއް ދީފާނެއެވެ.

ފިޒިކަލް ތެރަޕީ

ބެލްސް ޕަލްސީގެ ސަބަބުން ބާރުދޫވެ، ވާގިނެތިފައިވާ މަސްތައް ހިނދި ކުރުގެޅި، ކުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެގޮތަށް މަސްގަނޑު ކުރުވެ، ހިނދިފައި ދާއިމަށް ވެސް ހުރެދާނެއެވެ. ފިޒިއޮތެރަޕިސްޓުން އާންމުކޮށް މޫނުމަތީގެ ކަސްރަތުތައް ކުރާނެގޮތާއި، މޫނުމަތީގެ މަސްތައް މަސާޖުކޮށް ހަދާނެގޮތް ކިޔައިދޭނެ އެވެ.

އޮޕަރޭޝަންކުރުން

ބެލްސް ޕަލްސީގެ ފަރުވާގައި ކުރިން ޑިކޮމްޕްރެޝަން ސާޖަރީ ހަދައި އުޅުނަސް އޭގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް (ފޭޝަލް ނާރވް އަށް ގެއްލުންވުން، ބީރުވުން ފަދަ ކަންކަމުގެ ސަބަބުން މިހާރު މިއޮޕަރޭޝަން ކޮށެއް ނުއުޅެއެވެ. ވަރަށް މަދުން ނަމަވެސް ފޭޝަލް ނާރވް ގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ޕްލާސްޓިކް ސާޖަރީ ހަދައި އުޅެއެވެ. އެފަދަ ސާޖަރީ ތަކުގެ ތެރޭގައި ބުމަ އުފުލާލުން، ލޮލުގެ ބޮޑި އުފުލާލުން، ފޭޝަލް އިމްޕްލާންޓް ހެދުން އަދި ނާރވް ގްރާފްޓް ކުރުން ހިމެނެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

މިވެސް މުހިންމު