ހޫނަށް ބިހިނެގުން (heat rash) މިއީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްހީ މައްސަލަ އެކެވެ. މިއީ ހޫނު ދުވަސްވަރު މާބޮޑަށް ދާހިއްލުމުގެ ސަބަބުން ހަންގަނޑަށް އުދަނގޫވެ، ހިރުވައި ކެހުމެވެ. ހޫނަށް ބިހިނެގުން ބޮޑަށް އާންމީ ކުޑަކުދިންގެ މެދުގައި ކަމުގައި ވިޔަސް ބޮޑެތި މީހުންގެ ގައިގައި ވެސް ހޫނުވުމުން ބިހިނެގުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ހޫނު ގަދަ ދުވަސްވަރެއްގައި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ހޫނަށް ބިހިނެގުމަށް “މިލިއޭރިއާ”(Miliaria) އަދި “ޕްރިކްލީ ހީޓް”(prickly heat) މިހެން ވެސް ކިޔައި އުޅެއެވެ.
ހަށިގަނޑުގައި ދާއުފެދުން
ދާއުފައްދާ ގްލޭންޑް ތަކުގެ ތެރެއިން އެކްރައިން ގްލޭންޑްތައް ހުންނަނީ ސީދާ ސީދާ ހަމަށް ހުޅުވިފައެވެ. އެޕޯކްރައިން ގްލޭންޑް ތައް ހުންނަނީ ހަމުގެ ސަތަހައިގައި ހުންނަ އިސްތަށީގެ ބުޑުތަކަށް ހުޅުވިފައެވެ. އެޕޯކްރައިން ގްލޭންޑްތައް ހުންނަނީ ހަށިގަނޑުގައި އިސްތަށި ގިނަ ހިސާބުތަކުގައެވެ. މިސާލަކަށް ބޯ، ކިހިލިފަތްދޮށް، އަދި ފައިވަޅު ފަދަ ހިސާބުތަކުގައެވެ. އާންމު ގޮތެއްގައި ދާއުފެއްދުމުގައި ބައިވެރިވަނީ އެކްރައިން ގްލޭންޑް ތަކެވެ. އެޕޯކްރައިން ގްލޭންޑްގެ ދައުރު ދާ އުފެއްދުމުގައި ނިސްބަތުން ކުޑަ އެވެ.
ސަބަބު
ހޫނަށް ބިހިނެގުން ކުރިމަތިވަނީ ހަމުގައި ދާ ހައްޔަރުވެ، ހިފެހެއްޓޭގޮތް ވުމުންނެވެ. ނުވަތަ މިބިހިތައް ނަގަނީ ދާބޭރުކުރާ މަގުތައް ބަންދުވެ، ދުޅަވުމުންނެވެ. އެހެންގޮތަކުން ބުނާނަމަ ހޫނަށް ބިހި ނަގަނީ ދާ އުފައްދާ ގްލޭންޑުން ހަމުގެ ސަތަހައަށް ދާ އުފުލައިދޭ މަގު ބެދުމުން ނޫނީ އެމަގުގައި އިންފްލެމޭޝަން ނޫނީ އިންފެކްޝަން އުފެދުމުންނެވެ. މީގެ ސަބަބުން ދާ ހަށިގަނޑުން ބޭރުކުރާ ހޮއި ނުވަތަ ހަމަށް އިންނަ ހުޅުވުން ބެދިގެން ދެއެވެ. މިހެންވުމުން ދާ ބޭރުނުވެ، ހަމުގެ ތެރޭގައި ދާ ހިފެހެއްޓި ހައްޔަރުވެގެންދެއެވެ. ދާ ހަމުގެ ތެރޭގައި ހިފެހެއްޓި ދާ ބޭރުނުވުމުން، ހަމުގައި ހިރުވައި، ކަހައި، އަދި ބިހިނެގުން ކުރިމަތި ކުރުވައެވެ.
މަގުފަހިކުރާ ކަންތައްތައް
ހޫނަށް ބިހިނެގުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އަލަށް އުފަންވި ތުއްތު ކުއްޖަކަށްވުން : ތުއްތު ކުދިންގެ ދާއުފައްދައި ބޭރުކުރާ ގްލޭންޑްތައް ހުންނާނީ ފުރިހަމަނުވެއެވެ.
- ހޫނުގަދަ ތަނެއްގައި އުޅެންޖެހިފައިވުން ނޫނީ އުޅުން
- ޖިސްމާނީގޮތުން ހަރަކާތްތެރިވެ އުޅުން
- ދިގުމުއްދަތަކަށް އެދުމަތިވެފައިވުން
- ހުންއައުން
ހޫނަށްބިހިނެގުމުގެ ވައްތަރުތައް
ހޫނަށް ބިހިނެގުމުގެ ވައްތަރުތައް ބެހިފައި ހުންނަނީ ހަމުގެ ތެރޭގައި ދާ ބޭރުވެ ބަންދުވެފައި ހުންނަ ފުންމިނެއްގެ މައްޗަށެވެ. އެކި ވައްތަރުގެ އަލާމާތްތައް އެވައްތަރަކަށް ރިއާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
(ހ) މިލިއޭރިއާ ރުބުރާ (Miliaria rubra): މިވައްތަރުގައި ހުންނާނީ ކުދި ފެން ނޫނީ ދޮސް ބިހިތަކެއް ގޮތަށެވެ. ވަރަށް ބޮޑަށް ބިހިތައް ކަހައި ހިރުވާނެއެވެ. އާންމު ގޮތެއްގައި ޕްރިކްލީ ހީޓް އޭ ކިޔަނީ މިވައްތަރަށެވެ. ބައެއް ފަހަރު މިވައްތަރުގައި ފެން ބިހިތަކަށް ދޮސްއެރޭގޮތް ވެއެވެ. މިގޮތަށް ބިހިތަކަށް ދޮސްއެރި ފުރުމުން ކިޔަނީ “މިލިއޭރިއާ ޕަސްޓިޔުލޯސާ” އެވެ.
(ށ) މިލިއޭރިއާ ކްރިސްޓަލީނާ (Miliaria crystallina): މިއީ ހޫނަށް ބިހިނެގުމުގެ އެންމެ އާދައިގެ މިންވަރެވެ. ނޫނީ ވައްތަރެވެ. މިވައްތަރުގެ ހޫނަށް ބިހިނެގުން ކުރިމަތިވަނީ ދާބޭރުކުރާ މަގު ގެ ކޮޅުގައިވާ ހޮއި ނޫނީ ހުޅުވުން ބެދުމުންނެވެ. މިވައްތަރުގައި ބިހިތައް ހުންނަނީ ސާފުކޮށް، އެތެރެއަށް ފެންއެރިފައެވެ. ތަދެއް ނުވާނެއެވެ. އަދި ބިހިތަކުގައި ހިރުވައި ކެހުމެއް ވެސް ނުހުންނާނެ އެވެ. މިވައްތަރުގައި ހޫނަށް ނަގާ ބިހިތައް ވަރަށް ފަސޭހައިން ފަޅައިގެންދާނެ އެވެ.
(ނ) މިލިއޭރިއާ ޕްރޮފަންޑާ (Miliaria profunda): މިވައްތަރުގައި އަސަރުކުރަނީ ހަމުގެ ފުނުގައިވާ ފަށަލަ ޑާރމިސް އަށެވެ. މިވައްތަރުގައި ރިހުން ހުންނަ، ހިރުވައި ކަހާ ބިހިތަކެއް ހަމުން ނަގާނެ އެވެ. މިވައްތަރުގައި ނަގާފައި ހުންނަ ބިހިތައް ހީވަނީ ހީބިހި ތަކެއް ހެންނެވެ.
އަލާމާތްތައް
ހޫނަށް ބިހިނެގުމުން ފެނިދާނެ މައިގަނޑު އަލާމާތަކީ ހަށިގަނޑުގެ ނިވާކުރެވިފައިވާ ހިސާބުގައި (ޚާއްޞަކޮށް ކަދުރާ، މޭމަތި، ފައިވަޅު ނޫނީ އުކުޅުވަޅު، އުޅަބޮށި ކައިރި، އުރަމަތީގެ ދަށްފަރާތް ފަދަ ހިސާބުތަކުގައި) ރަތް އަދި ފިޔާތޮށި ކުލައިގައި ކުދިކުދި ބިހިތަކެއް ނެގުމެވެ. ކުދިކުދި ފެންބިހި ތަކުން ފެށިގެން ގޮސް، ބައެއް ފަހަރު އަޑިއަށް މޫލައި، އިންފެކްޓް ވެފައި ހުންނަ ގަނޑު ގޮތަށް ވެސް ހުރެދާނެއެވެ. ހޫނަށް ބިހިނެގުމަކީ ބައެއް ފަހަރު އެބިހިތަކުގައި ވަރަށް ބޮޑަށް ހިރުވައި ކެހުން ކުރިމަތިވާ ކަމެކެވެ.
ބޮޑެތި މީހުންގެ ގައިގައި އާންމުކޮށް ހޫނަށް ބިހިނަގަނީ ދެހަންގަނޑު ޖެހޭ ހިސާބުތަކުގައެވެ. ގިނަ ފަހަރު މިހިސާބުތަކަކީ ލައިގެން ހުންނަ އަންނައުނު ވެސް ހަމާއި ޖެހި ހަމުގައި ކޭތޭ ހިސާބުތަކެވެ. ތުއްތު ކުދިންގެ ގައިގައި ބިހި ބޮޑަށް ނަގަނީ ކަރުދޮށް، ކޮނޑު، މޭމަތި ، ކިހިލިފަތް ދޮށް، ފައިވަޅު އަދި އުޅަބޮށި ކައިރީގައެވެ.
ތުއްތު ކުދިންނަށް ހޫނަށް ބިހިނެގުން ކުރިމަތިވަނީ މާބޯ ހެދުން ލެއްވުމުންނެވެ. ނުވަތަ މާބޯކޮށް ނުވަތަ ބޯފޮތިން ފަހާފައި ހުންނަ ހެދުން ލެއްވުމުންނެވެ. ތުނި ހެދުމެއް ލެއްވި ނަމަވެސް މާ ހޫނު ގަދަ ނަމަ ބިހި ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ތުއްތު ކުދިންގެ އަތްފައިގައި އަތްލާއިރު ފިނިވާތީ މާބޯކޮށް ހެދުން އެޅުވޭގޮތް ވެއެވެ. ނަމަވެސް ވިސްނަންވީ އެގޮތަށް ފިނިކަން އިހްސާސްވި ނަމަވެސް ބޯކޮށް ހެދުން އެޅުވުމުގެ ބަދަލުގައި ތުނި ކަފައިން ފަހާފައި ހުންނަ ގަޔަށް ދޫހެދުން ލެއްވުމަށް ސަމާލުކަން ދިނުމެވެ.
ހޫނަށް ނަގާ ބިހިތައް ހުންނަނީ ކުދިކުދި ތިކިތަކެއް ނުވަތަ ފެންބިހިތަކެއް ސިފައިގައެވެ. ކުޑަކުދިންގެ ގައިގައި މިބިހިތައް ބޮޑަށް ނަގަނީ ބޯ، ކަރުދަށް، އަދި ކޮނޑުމަތީގައެވެ. ކެހުން، އަދި ހެދުންލެއްވުން ފަދަ ކަންތައްތަކަކީ ބިހިތައް ހިރުވައި އިތުރަށް ކެހުން ކުރިމަތި ކުރުވާނެ ކަމެކެވެ. މަދުން ނަމަވެސް ބިހިތަކުގައި ދޮސްލައި ފާރުވާގޮތް ވެއެވެ.
ނުރައްކާތައް
ހޫނަށް ބިހިނެގުމުން ނަގާ ބިހިތައް އާންމުގޮތެއްގައި ލަކުނު ލުމަކާއި ނުލައި، ފަސޭހަވެ ރަނގަޅުވެދެއެވެ. ހަންގަނޑު ކަޅު މީހުންގެ މިގޮތަށް ނަގާ ބިހިތައް ރަނގަޅުވެ ފަސޭހަވާއިރު، ބިހިތައް ނެގި ހިސާބުގެ ހަންގަނޑު އަލިވެ، ފާހަގަވާން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިގޮތަށް ހަމަށް އަންނަ ބަދަލުތައް ވެސް އާންމު ގޮތެއްގައި ދެތިން ހަފްތާއިން ފެށިގެން ގޮސް، ދެތިން މަހުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވެގެން ދެއެވެ. ވަރަށް މަދު ފަހަރަކު ހަމުގައި އިންފެކްޝަން އުފެދި، ބިހިތަކަށް ދޮސްއެރި، ބޮޑެތި ދޮސް ބިހިތަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަރުވާ
އާދައިގެ ވަރަކަށް ހޫނަށް ބިހިނެގުން ކުރިމަތިވުމުން ކުރެވޭ މައިގަނޑު ކަމަކީ ހަންގަނޑު ނޫނީ ހަށިގަނޑު ފިނިކުރުވުމެވެ. އަދި ހޫނު ހިސާބުގައި ހޭދަކުރުމުން ދުރުހެލިވުމެވެ. ހަށިގަނޑު ނޫނީ ހަންގަނޑު ފިނިވުމުން ހޫނަށް ނެގި ބިހިތައް މަޑުމަޑުން ފިލައިދާނެ އެވެ.
އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް
- މާހޫނުގަދަ ނޫން ތަނެއްގައި ނޫނީ ހިސާބެއްގައި މަސައްކަތްކުރުން
- ބިހިނަގާފައިވާ ހިސާބު ހިކިކޮށް ބެހެއްޓުން
- ހިރުވައި ކެހުން ކެނޑުވުމަށް ބިހިނަގާފައިވާ ހިސާބުގައި ފުށްޖެހުން
- އެއްވެސް ކަހަލަ އޮއިންޓްމަންޓް ނޫނީ ކްރީމެއް ބޭނުން ނުކުރުން : ފަހަރުގައި މިފަދަ އެއްޗެހީގެ ސަބަބުން ހަށިގަނޑު ފިނިކުރުމަށް ނޫނީ ފިނިވުމަށް ހުރަސްއަޅައިފާނެ އެވެ. ކޮންމެވެސް ވަރެއްގެ ހޫނު ތެތްކަމެއް ހަމުގައި ހުރިނަމަ އިތުރަށް ބިހިނެގުން އެކަށީގެންވެއެވެ.
ހޫނަށް ބިހިނެގުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
ހޫނަށް ބިހިނެގުމުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
- ގަޔަށްދޫ، ތުނި، އަދި ކުލަ އަލި އަންނައުނުލުން : މީގެ ސަބަބުން ހަށިގަނޑުން ދަލާއެކު ހޫނުތައް ބޭރުވުމަށް އެހީތެރިވެދެއެވެ. ހޫނު ދުވަސްވަރު ކުޑަކުދިންގެ ގައިގައި މާބޯކޮށް އެއްޗެހި އޮޅާފައި ބެހެއްޓުން ނޫނީ މާބޯކޮށް ހެދުން އެޅުވުން ރަނގަޅެއް ނޫނެވެ.
- ހޫނު ދުވަސްވަރު ބޭރު ތެރޭގައި އުޅުން ޚާއްޞަކޮށް ގަދަ ހޫނުގެ ތެރޭގައި މަސައްކަތްކުރާ މިންވަރު މަދުކުރުން
- ހިޔާ ލިބޭ ހިސާބެއްގައި ވަގުތު ހޭދަކުރުން ނޫނީ އެއަރކޮންޑިޝަން ހުރި ތަނެއްގައި ވަގުތު ހޭދަކުރުން
- ނިދާކޮޓަރި ފިނިކޮށް، ރަނގަޅަށް ވައިދައުރުވާނެހެން ބެހެއްޓުން
- ހަމުގައި ހުންނަ ދާބޭރުކުރާ ހޮއިތައް ބަންދުކުރާނެ ފަދަ ކްރީމް ނޫނީ އޮއިންޓްމެންޓް ފަދަ ތަކެތި ބޭނުން ނުކުރުން
- ދާހިއްލުން އިތުރުވާ ފަދަ ބޭސްތައް މިސާލަކަށް ކްލޯނިޑިން، ބީޓާ ބްލޮކަރސް އަދި އޮޕިއޮއިޑް ފަދަ ބޭސްތަކާ ދުރުހެލިވުން
އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް
- ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް)
- ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
- އަވީތެރޭގައި އުޅޭއިރު ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
- ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
- ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން
- ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން
- ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
- ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
- ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އަންނައުނު ބޭނުންކުރުން
- ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން
- ހޫނުވުން އިތުރުކޮށްފާނެ ފަދަ ބޭސްތަކާއި ދުރުހެލިވުން
- ދުވާލުގެ އެންމެ ހޫނުގަޑީގައި ބޭރުތެރޭގައި ނޫނީ އަވީގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ވީވަރަކުން ނުކުރުން
- އަލަށް ހޫނު ހިސާބަކަށް ދާނަމަ، ގަދަ ހޫނަށް ހޭނެންދެން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުން
- ހޫނުވެގެން ދިމާވާ މައްސަލަތައް ދިމާވުމުގެ ހިރާސް އިތުރު މީހެއްނަމަ ޚާއްޞަ ސަމާލުކަމެއް ދިނުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު