ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަސަބާއި ކުންޔާ އަދި ލަޤަބު

އެކަލޭގެފާނަކީ ޢުޘްމާން ބުން ޢައްފާން ބުން ޢަބުލްޢާޞް ބުން އުމައްޔާ ބުން ޢަބްދުއްޝަމްސު ބުން ޢަބްދު މަނާފު ބުން ޤުޞައްޔު ބުން ކިލާބެވެ. އެކަލޭގެފާނުގެ ނަސަބު ނަބިއްޔާ صلى الله عليه وسلم އާ ގުޅެނީ ޢަބްދު މަނާފާ ހިސާބުންނެވެ.

އެކަމަނާގެ މަންމާފުޅަކީ އަރްވާ ބިންތު ކަރީޒެވެ. އެކަމަނާގެ މަންމާފުޅަކީ އަލްބައިޟާއު ބިންތު ޢަބްދުލްމުއްޠަލިބެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުދައިތައެކެވެ.

ޢުޘްމާނުގެފާނުގެ ތިން ކުންޔާއެއް ވެއެވެ. އެއީ އަބޫ ޢަމްރާއި އަބޫ ޢަބްދުﷲ އަދި އަބޫ ލައިލާއެވެ.

އެކަލޭގެފާނުގެ ލަޤަބަކީ ޛިއްނޫރައިނިއެވެ. މި ލަޤަބު އެކަލޭގެފާނަށް ދެއްވުނީ އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ ދެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވުމުންނެވެ. އެކަލޭގެފާނު ރުޤައްޔަތުގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް ފަހު، ބަދުރު ހަނގުރާމައިގެ ދުވަސްވަރު އެކަމަނާ އަވަހާރަވުމުން، ދެން އެކަލޭގެފާނު ކައިވެނި ބައްލަވައިގެންނެވީ އުންމު ކުލްޘޫމުގެފާނާއެވެ. އެކަމަނާވެސް ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި އަވަހާރަވެއްޖެއެވެ.

އުފަންވުން

ޢުޘްމާނުގެފާނު އުފަންވީ ޢާމުލްފީލުގެ 6 އަހަރު ފަހުން ޠާއިފުގައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ހިޖުރައަށް ވަޑައިގެންނެވުމުގެ 47 އަހަރު ކުރިންނެވެ. އެއީ މީލާދީ ގޮތުން 577 ވަނަ އަހަރެވެ.

އެކަލޭގެފާނަކީ އިސްކޮޅުގައި މެދުމިނުގެ ބޭކަލެކެވެ. އަދި މޫނުފުޅު ރީތި ބޭކަލެކެވެ. އަދި މޫނުފުޅުގައި ތިކިތަކެއް ވެއެވެ. އަދި ހަންގަނޑު އޮމާން، މުށިކުލައަކަށްދާ ހަންގަނޑެއްގެ ވެރި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ތުނބުޅިފުޅު ހުންނެވީ ވަރަށް ބޯކޮށެވެ. އަދި ހަށިގަނޑުގައިވެސް އިސްތަށި ގިނައެވެ.

_______________________________________________

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

ލިޔުނީ: އަލް އުޚްތު އުންމު ޢަބްދިލްޢަފުއްވު

މަސްދަރު: ދިސަލަފިއްޔާ.ނެޓް
29 މާޗް 2023

 

މިވެސް މުހިންމު