ކާނާ ވިހަވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާންމުކޮށް ފެންނަ ބައްޔެކެވެ. ކާނާ ވިހަވުމަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަމެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން 250 އަށްވުރެ ގިނަ ތަފާތު ބަލިތަކުގެ ސަބަބުން ކާނާ ވިހަވުން ކުރިމަތި ކުރުވައެވެ.
ކާނާ ވިހަވުމަ(Food poisoning)ކީ ކާނާ އާއި ނުގުޅުމެވެ. ކާނާ ވިހަވުމަކީ ނުރައްކާތެރި ޖަރާސީމު ތަކާ ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ބޭނުންކުރުމުން ޖެހޭ ބައްޔެކެވެ. ނުރައްކާތެރި ޖަރާސީމު ތަކުގެ ތެރޭގައި ބެކްޓީރިޔާ، ޕެރަސައިޓް އަދި ވައިރަސް ތައް ހިމެނެއެވެ. އާންމުކޮށް މިފަދަ ޖަރާސީމު ތައް ފެންނަނީ ރޯ އެއްގަމު މަސް، ރޯކުކުޅު، ރޯކަނޑުމަސް، އަދި ބިހުންނެވެ. ނަމަވެސް ކޮންމެ ބާވަތެއްގެ ކާއެއްޗަކަށް ވެސް މިފަދަ ޖަރާސީމުތައް ހިގައިދާނެއެވެ. މިފަދަ ޖަރާސީމު ތައް އުކާލާފައި ހުންނަ ކާނާ އާ، ގިނަވެފައި ހުންނަ ކާތަކެތީގައި، އަދި ދަޅުގައި ބަންދުކޮށް ގިނަ ދުވަސްވެފައިވާ ތަކެތީގައި ވެސް އަށަގެންފައި ހުރެދާނެ އެވެ. ކެއުމުގެ ކުރިން އަތްނުދޮވުމަކީ ވެސް ބައެއް ފަހަރު ކާނާވިހަވުން މެދުވެރިކޮށްދާނެ ކަމެކެވެ.
ކާނާ ވިހަވަނީ ނުރައްކާތެރި ޖަރާސީމުތަކާ، ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމުންނެވެ. ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ކެއުމުން ހަށިގަނޑުގެ ތެރެއަށް ދާއިރު އޭގައިވާ ޖަރާސީމް ގެ ސަބަބުން ބޭރަށް ހިންގުން، ހޮނޑުލުންފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ގިނަ ފަހަރު ކާނާ ވިހަވުމަކީ އާދައިގެ މިންވަރަކަށް ކުރިމަތިވާ، އަދި އޭގެ އުދަނގޫތައް އޭގެ ޒާތުގައި ފިލައިދާނެ ކަމެކެވެ. ނަމަވެސް ބައެއް ވައްތަރުގެ ކާނާ ވިހަވުމަކީ އޭގެ ސަބަބުން ފުރާނައަށް ގެއްލުންވެދާނޭ ކަމެއްކަން ހަދާން ބަހައްޓަން ޖެހެއެވެ.
ކާނާ ވިހަވުން މެދުވެރިވާގޮތް
ކާނާ ވިހަވުމަކީ ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ކާނާ(ކާތަކެތި، ފެން، ކިރު ފަދަ ތަކެތި) ކެއުމާ ބުއިމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެގޮތުން ބެކްޓީރިޔާ، ވައިރަސް، ޕެރަސައިޓް ފަދަ ޖަރާސީމަކާ ތަޣައްޔަރުވެފައިހުރި ކާއެއްޗެއް ކައިފިނަމަ ކާނާ ވިހަވުމަކީ ގާތް ކަމެކެވެ. އެހެންކަމުން ކާނާ ވިހަވާނީ ބަޔާންކުރެވުނު ފަދަ ޖަރާސީމެއް ކާބޯތަކެތީގެ ތެރެއަށް ގޮސްފައިވަނިކޮށް އެކާބޯތަކެތި ބޭނުންކުރެވިއްޖެނަމަ އެވެ.
ނުރައްކާތެރި ޖަރާސީމުތައް ކާބޯތަކެއްޗަށް ވާޞިލްވަނީ އަންނަނިވި ކަންކަމުގެ ތެރެއިންނެވެ.
(ހ) – އެއްގަމު މަސް ބަންދުކުރުން: އަހަރެމެން ކާން ބޭނުންކުރާ އެއްގަމު ޖަނަވާރުގެ ގޮހޮރުގައި އެކި ކަހަލަ ބެކްޓީރިޔާ ހުރެއެވެ. އެގޮތުން ބައެއް ފަހަރު ޖަނަވާރުގެ ގޮހޮރުގައި ހުންނަ ބެކްޓީރިޔާ ތައް އެއްގަމު މަސް ބަންދުކުރުމުގެ ތެރޭގައި ގޮހޮރުގެ ނޫން އެހެން ބައިތަކުގައި ހޭކި، އެބައިތައް އެބެކްޓްރީޔާތަކާ ތަޣައްޔަރުވެގެން ދެއެވެ. އާންމު ގޮތެއްގައި ކެމްޕައިލަބެކްޓަރ، ސެލްމަނެލާ، އަދި އީކޮލައި ފަދަ ބެކްޓީރިޔާތައް މިގޮތަށް ފެތުރެއެވެ.
(ށ) – ގަހަށް ފެންދިނުން، ނުވަތަ ކާބޯތަކެތި ދޮވުން: ގަހަށް ފެންދިނުމަށް ބޭނުންކުރެވޭ ފެނާ، މޭވާ އާ ތަރުކާރީ އާ ފަތްޕިލާވެލި ދޮވުމަށް ބޭނުންކުރެވޭ ފެނަކީ ޖަރާސީމު ހުރި ފެނެއްނަމަ ކާބޯތަކެއްޗަށް އެޖަރާސީމެއް ފެނާއެކު ވާޞިލްވެ، ކާބޯތަކެތި ޖަރާސީމާ ތަޣައްޔަރު ކުރުވައެވެ. މިސާލަކަށް ކޮޕީފަތް، ފަދަ ތަކެތި ދަނޑުން ގެންނައިރު އެޔަށް ފެން ދިނުމަށް ބޭނުންކުރެވުނު ފެނުގެ ސަބަބުން އޭގައި ޖަރާސީމު ހަރުލާފައި ހުރުމަކީ ވެދާނެ ގޮތެކެވެ. އަދި ރަގަޅަށް ނުދޮވެ، ބޭނުންކޮށްފިނަމަ އެމީހެއްގެ ހަށިގަނޑަށް އެފަތުގައި ހުރި ޖަރާސީމު ދިއުމަކީ ކައިރި ކަމެކެވެ. ސްޓެފައިލޮކޮކަސް، އީކޮލައި، އަދި ޝިގެއްލާ ފަދަ ބެކްޓީރިޔާތައް އާންމުކޮށް ފެތުރެނީ ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ފެނުގެ ތެރެއިންނެވެ.
(ނ) – ކާތަކެތި ތައްޔާރުކުރުމާ އުފުލާހެދުން: އަތުގައި ޖަރާސީމު ހުއްޓައި ކާބޯތަކެތީގައި އަތްލުން، އަދި ޖަރާސީމު ހުރި ކާބޯތަކެތި އެހެން ކާބޯތަކެތީގައި ހޭކިގެން ދިއުމަކީ ޖަރާސީމު އެކަތިން އަނެކައްޗަށް ނަގުލުވާނެ ކަމެކެވެ. މިސާލަކަށް ތަރުކާރީ ކޮށަނީ ރޯމަސް ކޮށާ ކަޓިން ބޯޑުން ނަމަ، ރޯމަހުގައި ހުންނަ ޖަރާސީމު ތަރުކާރީގައި ހޭކި، ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ.
(ރ) – ދިރިއުޅޭ މާހައުލުން: އަހަރެމެން ދިރިއުޅޭ މާހައުލުގައި ހުންނަ، ވެލި، ހިރަފުސް، ހަޑި، ފެން ފަދަ ތަކެތީގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗަށް ދިއުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން މާހައުލުގައި އާންމުކޮށް ހުންނަ ކާބޯތަކެތި ތަޣައްޔަރުކޮށްފާނެ ޖަރާސީމު ތަކުގެ ތެރޭގައި “ކްލޮސްޓްރީޑިއަމް ބޮޗަލިނަމް”، “ކްލޮސްޓްރީޑިއަމް ޕާފްރިންޖެންސް”، “ކްރިޕްޓޮސްޕްރިޑީއަމް ޕަރވަމް” ފަދަ ޖަރާސީމު ތައް ހިމެނެއެވެ. ވައި ނުސާފުވުން ފަދަ ކަންކަމުގެ ސަބަބުން މިފަދަ ޖަރާސީމުތަކުން ކާނާ ވިހަވުން މެދުވެރިކޮށްފާނެ އެވެ.
ކާނާ ވިހަވުން މެދުވެރިކުރުވާ ބައެއް ޖަރާސީމުތައް
އާންމުކޮށް ކާނާ ވިހަވުން މެދުވެރިކުރުވާ ބައެއް ޖަރާސީމުތަކާ އެޖަރާސީމުތަކުންޖެހޭ ބަލިތައް ތިރީގައި މިވަނީ އެވެ.
ޖަރާސީމު | ޖެހޭ ބަލި |
ކްލޮސްޓްރީޑިއަމް ބޮޗަލިނަމް | ބޮޗަލިޒަމް |
ކްލޮސްޓްރީޑިއަމް ޕާފްރިންޖެންސް | ކ.ޕާފްރިންޖެންސް ފޫޑް ޕޮއިޒަނިންގ |
ކެމްޕައިލަބެކްޓަރ | ކެމްޕައިލަބެކްޓީރިއޯސިސް |
ހެޕަޓައިޓިސް އޭ ވައިރަސް | ހެޕަޓައިޓިސް އޭ |
ލިސްޓިރީއާ | ލިސްޓިރީއޯސިސް |
ސެލްމަނެލާ | ސެލްމަނެލޯސިސް |
ޝިގެއްލާ | ޝިގެއްލޯސިސް (ޝިގެއްލާ) |
ސްޓެފައިލޮކޮކަސް | ސްޓެފް ފޫޑް ޕޮއިޒަނިންގ |
ޓޮކްސޮޕްލާޒްމާ | ޓޮކްސޮޕްލާޒްމޯސިސް |
ވިބްރިއޯ ވަލްނިފިކަސް | ވ.ވަލްނިފިކަސް ފޫޑް ޕޮއިޒަނިންގ |
އީކޮލައި | އީކޮލައި އިންފެކްޝަން |
މެރިން ޓޮކްސިން | |
ނޯރޯވައިރަސް |
ކާނާ ވިހަވުމުގެ އަލާމާތްތައް
ކާނާ ވިހަވުން މެދުވެރިކުރުވާ ޖަރާސީމު ހަށިގަނޑަށް އެތެރެވުމަށްފަހު އޭގެ އަލާމަތްތައް ފެނުމާ، އޭގެ އުދަނގޫތައް ކުރިމަތިވާ ނިސްބަތް، އެއުދަނގޫތައް ދިގުދެމިގެންދާ މުއްދަތު، ބަރޯސާވަނީ ކާނާ ވިހަވުން މެދުވެރިކުރުވާ ޖަރާސީމާ، ބަލިމީހާގެ އުމުރު އަދި އާންމު ޞިއްޙަތު ހުރިނެތް ގޮތެއްގެ މައްޗަށެވެ. ކާނާ ވިހަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނާ، އުމުރުން ދުވަސްވީ މުސްކުޅިންނަށެވެ. މިފަދަ މީހުންނަށް ކާނާވިހަވުން މެދުވެރިވެއްޖެނަމަ ރަގަޅުނުވެ ގިނަ ދުވަސް ހޭދަވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން މާބަނޑުމީހުންނާ، ހަށިގަނޑުގެ ދިފާޢީ ބާރު ދަށްމީހުންނަށް ކާނާ ވިހަވުން ކުރިމަތިވި ނަމަވެސް ރަގަޅުނުވެ ދިގުލައި ދިއުމަކީ ވެދާނެ ގޮތެއްކަން ހަދާން ބަހައްޓަން ޖެއެވެ.
ކާނާ ވިހަވުމުން އާންމުކޮށް ފެންނަ ފުރަތަމަ އަލާމާތަކީ ބޭރަށްހިންގުމެވެ. ބަނޑުގައި ރިހުން، މޭނުބައިކުރުން، ހޮނޑުލުމަކީ ވެސް ފެނިދާނެ ކަންކަމެވެ. ބައެއް ވައްތަރުގެ ކާނާ ވިހަވުމުން ހުންއައުމާއެކު، ލޭބޭރަށްހިންގުން ކުރިމަތި ވެއެވެ. މާގިނައިން ހޮނޑުލެވި ބޭރަށްހިންގުމަކީ ހަށިގަނޑުން ފެން ހުސްވާނެ ކަމެކެވެ.
ހަށިގަނޑުން ފެންމަދު ވުމުން ބޮޑެތިމީހުންގެ ފުށުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމުދެވޭލެން މަދުވުން،ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން،އަނގަޔާއި ދޫ ހިކިފައި ހުރުން،ލޯވަޅުވަނުން،ވަރުބަލިކަން އިހްސާސްވުން، ބޯއެނބުރުން، ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން،އަވަސް އަވަހަށް ފުންކޮށް ނޭވާލުން، ވިންދު ބަލިވުން ނުވަތަ ލަސްލަހުން ވިންދު ޖެހުން، ލޭދަށްވުން ނުވަތަ ލޭގެ ޕްރެޝަރު ދަށްވުން އަދި ވާނުވާ ނޭގުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުން ފެން މަދުވެއްޖެނަމަ ފާހަގަ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން، ރޯވަގުތުގައި ލޮލުން ކަރުނަ ނައުން، ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން، ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން، ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން، ހުން ވަރަށް ގަދަކޮށް ހުރުން، އުނދަގޫތަކެއްވާތީ އުޅުން، ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ކާނާ ވިހަވުން މެދުވެރިވާ ކޮންމެ ފަހަރަކު ކުރިމަތިވާނީ ހަމައެކަނި ބޭރަށްހިންގުމާ، މޭނުބައިކޮށް ހޮނޑުލެވުމާ، ބަނޑުގައި ރިހުމެއް ނޫނެވެ. ބައެއް ވައްތަރުގައި މިކަންކަމުގެ އިތުރުން ވަރުދެރަވުން، އައްސިވުން، ވާނުވާ ނޭނގުން، އަތް، ފައި، އަދި މޫނުގައި ކަށިހަރާހެން ހީވުން ފަދަ އިހުސާސް ހުރުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ކާނާވިހަވުން ކުރިމަތިކުރުވާ ގޮތް
އެއްވެސް ޖަރާސީމަކާ ތަޣައްޔަރުވެފައި ހުރި ކާނާ އެއް ބޭނުންކުރެވިއްޖެނަމަ، ކާނާ ވިހަވުމަކީ ވެދާނެ ގޮތެކެވެ. ގާތްގަނޑަށް ހުރިހާ ވައްތަރެއްގެ ކާނާ ވިހަވުމުގައި ވެސް ކަންހިންގަނީ ދާދި އެއް އުސޫލަކުންނެވެ.
ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ކާނާ އެއް ބޭނުންކުރުމަށްފަހު އަލާމާތްތައް ފެނުމަށް ދެތިން ގަޑިއިރުން ފެށިގެން ދެތިން ދުވަހުގެ (އެތައް ދުވަހެއްގެ) މުއްދަތެއް ހޭދަވުމަކީ ވެދާނެ ގޮތެކެވެ. ކެވުނު ކާތަކެތީގެ ތެރެއިން ޖަރާސީމު ބަނޑަށް ގޮސް، ބަނޑުތެރެއިން ކުޑަ ގޮހޮރަށް ދެއެވެ. ކުޑަގޮހޮރުގެ ބަތާނަ ފަށުގައި ތަތްވެ، ޖަރާސީމު ގިނަވެ އިތުރުވާން ފަށައެވެ. ބައެއް ޖަރާސީމުތައް ކުޑަ ގޮހޮރުގެ ހިޔާވަހި ކަމުގައި ތިބޭއިރު، އަނެއް ބައި ޖަރާސީމު ތަކުން ވިހަ އުފައްދައި ލޭގެ ތެރެއަށް ދޫކުރެއެވެ. އަނެއްބައި ޖަރާސީމުތައް ސީދާ ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ވަދެއެވެ. ކުރިމަތިވާ އުދަނގޫތަކާ އަލާމަތްތައް ބަރޯސާވަނީ ކެވުނު ޖަރާސީމެއްގެ މައްޗަށެވެ.
ތަފާތު ޖަރާސީމު ތަކުން އެއް ކަންތައްތަކެއް މިސާލަކަށް ބޭރަށްހިންގުން، ހޮނޑުލެވުން، އަދި ބަނޑުގައި ރިހުން ފަދަ ކަންތައްތައް ކުރިމަތި ވެދާނެ އެވެ. ބޭރަށްހިންގުމާ ހޮނޑުލެވުމަކީ ހަށިގަނޑަށް ވަތް ޖަރާސީމު ބޭރުކުރުމަށް އާންމު އުސޫލުން ހިނގާ ކަމެކޭ ބުނެވިދާނެ އެވެ. އާންމުގޮތެއްގައި ގިނަ ފަހަރު ދެތިން ދުވަހުން ފެށިގެން ގޮސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަގަޅުވާނެއެވެ. ރަގަޅުވިނަމަވެސް ބައެއް ފަހަރު ވަރުބަލިކަން ނުފިލާ ހުރެދާނެ އެވެ.
ކާނާ ވިހަވުމުގެ ސަބަބުން ފުރާނަ އަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
- މާބަނޑު މީހުން
- ކުޑަކުދިން
- މުސްކުޅިން
- ދިފާއީބާރު ދަށްމީހުން
ކާނާ ވިހަވުމަށް މަގުފަހިކުރާ ކަންތައްތައް
- ޖަރާސީމުގެ އަސަރު ނުފިލައި ހުރި ކިރު އަދި ޖޫސް ފަދަ ތަކެތި ބޭނުންކުރުން
- ޖަރާސީމުގެ އަސަރު ނުފިލައި ހުރި ކާނާ މިސާލަކަށް ޗީޒު ފަދަ ތަކެތި ބޭނުންކުރުން
- ރޯ އެއްގަމުމަސް، ކަނޑުމަސް، ކުކުޅު،ބޮލިމަސް، ބިސް، ފަދަ ތަކެތި ކެއުން
- އެއްގަމުމަސް، ކަނޑުމަސް، ކުކުޅު، ބޮލިމަސް، ބިސް، ފަދަ ތަކެތި ރަގަޅަށް ނުކައްކައި ކެއުން
- ބަންދުކުރުމުގެ ތެރޭގައި ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ކާނާ ބޭނުންކުރުން
- ތަރައްގީވަމުން އަންނަ ގައުމަކަށް ދަތުރުކުރުން
ކާނާ ވިހަވެފައިވާކަން ދެނެގަތުން
ކާނާ ވިހަވުން ގިނަ ފަހަރު ކުރިމަތިވަނީ އާދައިގެ މިންވަރަކަށް ކަމަށްވެފައި، ދެތިން ދުވަހުގެ ތެރޭގައި އޭގެ ޒާތުގައި ރަގަޅުވުމުގެ ފުރުޞަތު އޮންނާތީ ގިނަ މީހުން ކާނާ ވިހަވިޔަސް ޑޮކްޓަރަށް ނުދިއުމަކީ ވެދާނެ ގޮތެކެވެ. ކާނާ ވިހަވުން ދެނެގަނެވެނީ ބަލިމީހާ ދޭ މައުލޫމާތާ، ކުރިމަތިވެފައިވާ އުދަނގޫތައް އަދި ހަށިގަނޑު ޗެކުކޮށް ބަލާ ބެލުންތަކަށް ރިއާޔަތްކޮށްގެންނެވެ. އެންމެ ފަހުން ބޭނުންކުރި ބާވަތްތަކާ، ތަންތަން އޮޅުން ފިލުވާނެއެވެ. ހަމަ އެތަކެތި ބޭނުންކުރި އެހެން މީހަކަށް ހަމަ އެއް އުދަނގޫތަކެއް ދިމާވިތޯ އަހައި ސާފުކުރާނެ އެވެ. އަދި ލޭގެ ޓެސްޓުތަކާ، ބޮޑުކަމު ނަޖިސް ވެސް ޓެސްޓުކޮށް ބަލާނެއެވެ.
ކާނާ ވިހަވުމުން ބައެއް ފަހަރު އަންނަނިވި ޓެސްޓުތައް ހަދައި އުޅެއެވެ.
(ހ) – ބޮޑުކަމު ނަޖިހުގެ ކަލްޗަރ ހެދުން: މިޓެސްޓު ހެދުމުން ކާނާ ވިހަވީ ކަނޑައެޅިގެން ކޮން ޖަރާސީމަކުންކަން ދެނެގަތުމަށް ފަސޭހަވާނެ އެވެ.
(ށ) – ލޭގެ ޓެސްޓު ހެދުން: ލޭގެ ޓެސްޓުގެ އެހީގައި ކާނާވިހަވީ ބެކްޓީރިޔާގެ ސަބަބުންތޯ، އަދި ޖަރާސީމުގެ އަސަރު ހުރީ ކިހާ ވަރަކަށްތޯ ވެސް ބެލިދާނެ އެވެ. އަދި ލޭގެ ސެލްތަކާ މިންގަނޑުތައް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ހަށިގަނޑުގައި ލޮނުގެ ބައި ހުރިނެތްގޮތް ވެސް ބަލާލެވޭނެ އެވެ.
(ނ) – ޚާއްޞަ ޓެސްޓުތައް: ކުރިމަތިވެފައިވާ ހާލަތަކާ ގުޅެގެން ބައެއް ކަހަލަ ޚާއްޞަ ޓެސްޓުތައް ވެސް ހަދަންޖެހިދާނެ އެވެ. މިސާލަކަށް މާބަނޑު މީހަކު ޓޮކްސޮޕްލާޒްމޯސިސް އަށް ހުށަހެޅުނުކަމަށް ޝައްކުވާނަމަ، ޓޮކްސޮޕްލާޒްމޯސިސް ޓެސްޓު ވެސް ހަދަންޖެހިދާނެ އެވެ.
ކާނާ ވިހަވުމުންދެވޭ ފަރުވާ
ގިނަ ފަހަރު ފަރުވާއެއް ނުހޯދިނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި ކާނާ ވިހަވުން ރަގަޅުވެދެއެވެ. އެންމެ މުހިއްމު ކަމަކީ ވީވަރަކުން އަރާމުކުރުމާ، ގިނައިން ދިޔާތަކެތި ބޭނުންކުރުމެވެ. އެއީ ހަށިގަނޑުން ފެން ހުސްވިޔަ ނުދިނުމަށްޓަކައެވެ. ބޭރަށްހިންގުމުން ދިމާވާ އެންމެ އާންމު ކަމަކީ އަދި އެންމެ ބޮޑު ނުރައްކަލަކީ ވެސް ހަށިގަނޑުން ފެން ހުސްވުމެވެ.
ބޭރަށްހިންގުމުގެ ފަރުވާ އަމާޒުކުރެވެނީ ބޭރަށްހިންގުމާ ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބީވެދިޔަ ފެނާ ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދާ ދިނުމަށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު، ލޮނު ފެން، ނުވަތަ އާދައިގެ ފެން ބޭނުންކުރަން އާދަކުރާށެވެ. ސޮޑާ އަދި މޭވާ ޖޫހުގައި ހަކުރު އެކުލެވޭތީ ހަށިގަނޑުގައި ފެން ގިނަކުރުމަށް މާގިނައިން އެފަދަ ތަކެތި ބޭނުންކުރުން ރަގަޅެއް ނޫނެވެ. އާންމުކޮށް ވެސް ކައިއުޅޭ ކާތަކެތި ކާން އާދަކުރެވިދާނެ އެވެ. ނަމަވެސް މާގިނައިން ތެލާ، ސަރުބީ ހުންނަ ކާނާ، މާގިނައިން ހަކުރު ހުންނަ ފޮނި ކާތަކެތި، ކޮފީ،ބަނގުރާ، އަދި މާކުޅި ކާނާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ.
ބޭރަށްހިންގުން ހުއްޓުވަން ހުންނަ ބޭސް ބައެއް ފަހަރު ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ކުޑަކުދިން، އަދި ގަދަހުމާއެކު ލޭބޭރަށްހިންގުން ކުރިމަތިވެފައިވާ މީހުން މިފަދަ ބޭސްތައް ބޭނުންކުރުން ރަގަޅެއް ނޫނެވެ. ކާނާވިހަވުމުން އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައެވެ. އަދި އެންޓިބަޔޮޓިކް ބޭނުންކުރެވެނީ ވެސް ވަރަށް މަދުން ވަކި ހާލަތްތަކެއްގައެވެ.
ކާނާ ވިހަވުމުން ރައްކާތެރިވުން
ކޮށްލެވޭ އާދައިގެ ކުދިކުދި ކަންތައްތަކުން ގިނަ ވައްތަރުގެ ކާނާ ވިހަވުމުން ރައްކާތެރި ވެވިދާނެ އެވެ. އެގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.
(ހ) – ސާފުކުރުން: ގިނަގިނައިން އަތްދޮވެ ސާފުކުރާށެވެ. ޚާއްޞަކޮށް ކާތަކެތީގައި އަތްލުމުގެ ކުރިން އަތް ދޮންނަށް އާދަކުރާށެވެ. ވަޅި، ކަޓިންބޯޑު، ތެލި، ތަށި، އޫ، ސަމުސާ، ފަދަ ހިފައިގެންގުޅޭ ތަކެތި ބޭނުންކޮށް ނިންމާފައި، ތާފަނާ ފެނާ، ސައިބޯނިން ރަގަޅަށް ދޮވެ ސާފުކޮށްފައި ބަހައްޓާށެވެ. އެގޮތުން މިފަދަ ތަކެތި ތާފަނާ ފެނާ ސައިބޯނި ބޭނުންކޮށްގެން ދޮވެ ސާފުކުރެވިދާނެ އެވެ. މޭވާއާ ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަގަޅަށް ދޮންނާށެވެ. ފާޚާނާކޮށް ނިމިގެންނާ، ކެއުމުގެ ކުރިން ވެސް ރަގަޅަށް ސާބޯނިލައިގެން އަތް ދޮންނަށް އާދަކުރާށެވެ.
(ށ) – ވަކިކުރުން: ރޯމަހުގައި ހުންނަ ޖަރާސީމު މޭވާ ތަރުކާރީ ފަދަ ތަކެތީގައި ޖެހުނަ ނުދޭށެވެ. ރޯމަސް ކެއްކުމަށްފަހު ކުރިން އެމަސް އަޅާފައި ހުރި ތަށީގައި ނުބަހައްޓާށެވެ. ނުވަތަ އެފަދަ ތަކެތި އެހެން ބާވަތްތަކާ ވަކިން ބަހައްޓާށެވެ. މޭވާ ތަރުކާރީ އަޅަންވާނީ އާންމުކޮށް މަސް އެޅުމަށް ބޭނުންކުރާ ތަށްޓަކަށް ނޫނެވެ. ރޯމަސް އަޅާފައި ހުރި ބޭނުންކޮށް ނިމުމުން ރަގަޅަށް ސާބޯނިލައިގެން ދޮންނަން ވާނެ އެވެ. މަސްފަދަ ތަކެތި ކޮށުމަށް އަދި ތަރުކާރީ ފަދަ ތަކެތި ކޮށުމަށް ވަކިވަކި ދެ ކަޓިންގ ބޯޑު ގެންގުޅޭށެވެ. އެއްގަމުމަސް، ކަނޑުމަސް، ކުކުޅު ފަދަ ތަކެތި ގަނެފައި ވަކި ކޮތަޅެއްގައި ބަހައްޓާށެވެ. ކުޑަކުދިން އެތަކެތީގައި އަތްލިޔަ ނުދޭށެވެ. ފަހަރުގައި ކުޑަކުދިން ރޯމަހުގައި އަތްލައިފައި އަނގަޔަށް އަތްލުމުން ބަލިވުމަކީ ވެދާނެ ގޮތެކެވެ. މަސްފަދަ ތަކެތި ގަނެނިމިގެން ލަސްނުކޮށް ގެއަށްގޮސް އެފަދަ ތަކެތި ފުރިޖަށް ލާށެވެ.
(ނ) – ކެއްކުން، ކެއުން: އެއްގަމު މަސް، ކަނޑުމަސް، ކުކުޅު ފަދަ ރޯމަސް ، އަދި ބިސް ފަދަ ތަކެތި ރަގަޅަށް ރޯފިލަންދެން ކައްކައިގެން ބޭނުންކުރާށެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު ދެވަނަ ފަހަރަށް ބޭނުންކުރުމުގެ ކުރިން އެފަދަ ތަކެތި ހޫނުކޮށްގެން ބޭނުންކުރާށެވެ. ތިމާ ބޭނުންކުރަން ހުރި ކާތަކެއްޗަކީ ހަލާކުވެފައި ހުރި އެއްޗެއްކަމަށް ޝައްކު ކުރެވޭނަމަ ބޭނުން ނުކުރާށެވެ. އާންމުކޮށް ވެސް ކާތަކެތި ބޭނުންކުރަންވާނީ ތާޒާ ކަންމަތީގައެވެ. ގިނައިރު ހާމައަށް މަތިނުޖަހާ ބަހައްޓާފައި ހުންނަ ކާތަކެތި ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.
(ރ) – އުކާލުން: ބޭނުންކޮށްފައި ބާކީ ކާތަކެތި އުކާލާށެވެ! ބަހައްޓަން ބޭނުންތަކެތި ލަސްނުކޮށް އައިސް އަލަމާރި އަށް ލާށެވެ. ގިނައިރު ހާމައަށް ކާތަކެތި ބެހެއްޓުމަކީ ކާތަކެތި ހަލާކުވާނެ ކަމެކެވެ.
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު:
http://www.webmd.com/food-recipes/food-poisoning/food-poisoning-and-safe-food-handling-topic-overview?page=2