ލަފްޒީގޮތުން ބަލާއިރު “ހައިޑްރޯ”(hydro) ގެ މާނައަކީ “ފެން” އެވެ. އަދި “ނެފްރޯސް”(nephros) ގެ މާނައަކީ ގުރުދާ އެވެ. އެހެންކަމުން ހައިޑްރޯނެފްރޯސިސް ގެ ލަފްޒީ މާނައަކީ “ގުރުދާގައި ފެންހަރުލުމެވެ”. ހައިޑްރޯނެފްރޯސިސް(hydronephrosis) އަކީ ދެގުރުދާއިންކުރެ ގުރުދާއެއް ދުޅަވުމެވެ. ގުރުދާ ދުޅަވަނީ ކުޑަކަމު ނަޖިސް ގުރުދާއިން ބޭރުނުވެ، ގުރުދާގައި ޖަމާވުމުންނެވެ. މިގޮތަށް ދިމާވަނި ގުރުދާއިން މަސާނާއަށް ކުޑަކަމު ނަޖިސް އުފުލައިދޭ ހޮޅި “ގުރުތާ” ގައި ބެދުމެއް ނޫނީ ހުރަހެއް ހުރެގެންނާއި، އުފެދުމުގައި ކުޑަކަމު ނަޖިސް މަސާނާއަށް ދިއުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް ހުރެގެންނެވެ.
ހައިޑްރޯނެފްރޯސިސް އަކީ ކުޑަކަމުދާ ނިޒާމަށް ކުރިމަތިވާ ހާލަތެކެވެ. މިހާލަތުގައި އެއް ގުރުދާ ނޫނީ ދެގުރުދާ ވެސް ދުޅަވެދާނެއެވެ. މިކަން ދިމާވަނީ ކުޑަކަމު ނަޖިސް އެއްކޮށް، ރަނގަޅަށް ހަށިގަނޑުން ބޭރު ނުކުރެވުމުންނެވެ. ނޫނީ ކުޑަކަމުދާ ނިޒާމުން އުފެދިފައި ހުރި ކުޑަކަމު ނަޖިސް އެއްކޮށް ހަށިގަނޑުން ބޭރުކޮށް ހުސްކޮށް ނުލެވުމުންނެވެ. ހައިޑްރޯނެފްރޯސިސް އަކީ ކުއްލިއަކަށް (ކުރު މުއްދަތެއްގެ ތެރޭގައި) ނޫނީ މަޑުމަޑުން (ގިނަ ދުވަހުން) ކުރިމަތިވާ ކަމަކަށް ވެދާނެއެވެ. ބައެއް ނޫނީ އެއްކޮށް ކުރިމަތިވާ ކަމަކަށް ވެސް ވެދާނެއެވެ. އެއް ފަރާތް (އެއް ގުރުދާ) ނޫނީ ދެފަރާތަށް (ދެގުރުދާއަށް) ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ހައިޑްރޯނެފްރޯސިސް ކުޑަކަމުދާ ނިޒާމުގެ ކޮންމެ ހިސާބެއްގައި ( ގުރުދާ ފެށޭ ހިސާބު، ގުރުތާ، މަސާނާ އަދި ހީސްހޮޅި) ބެދުމެއް ނޫނީ ހުރަހެއް ހުރެގެން ވެސް ކުރިމަތިވެދާނެ އެވެ.
ހައިޑްރޯނެފްރޯސިސް ކޮންމެ އުމުރެއްގައި ވެސް ކުރިމަތިވެދާނެއެވެ. ކުޑަކުދިންނަށް ކުރިމަތިވާ ހައިޑްރޯނެފްރޯސިސް އެންމެ ތުއްތު އިރު ނޫނީ ކުޑައިރު، ނޫނީ އުފަންވުމުގެ ކުރިން ހެދޭ މައިމީހާގެ ބަނޑުގެ ސްކޭން އަކުން ވެސް ދެނެގަނެވިދާނެ އެވެ. އެންމެ ގުރުދާއެއްގައި ހައިޑްރޯނެފްރޯސިސް ކުރިމަތިވެއްޖެނަމަ ކިޔަނީ ” ޔުނިލެޗްރަލް ހައިޑްރޯނެފްރޯސިސް”(unilateral hydronephrosis) އެވެ. ދެގުރުދާގައި ހައިޑްރޯނެފްރޯސިސް ކުރިމަތިވެއްޖެނަމަ ކިޔަނީ ” ބައިލެޗްރަލް ހައިޑްރޯނެފްރޯސިސް”(bilateral hydronephrosis) އެވެ. ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ދާއިމީ ސިފައެއްގައި ގުރުދާއަށް ގެއްލުންވެ، މަދުން ނަމަވެސް ގުރުދާ ފޭލްވުން (ޚާއްޞަކޮށް ދެގުރުދާގައި ހައިޑްރޯނެފްރޯސިސް ކުރިމަތިވެއްޖެނަމަ) ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް އާންމުކޮށް ހައިޑްރޯނެފްރޯސިސް ކުރިމަތިވަނީ އެއް ގުރުދާއަށް ކަމަށްވުމުން އަނެއް ގުރުދާ އިން ބަރާބަރަށް މަސައްކަތްކުރާނެތީ އެއްކޮށް ގުރުދާ ފޭލްވެގެންދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
ސަބަބު
އާންމު ގޮތެއްގައި ގުރުދާއިން އިން ފޮނުވާ ކުޑަކަމު ނަޖިސް މަސާނާއަށް އެޅެނީ ގުރުތާ (ގުރުދާއިން މަސާނާއަށް ކުޑަކަމުނަޖިސް އުފުލައިދޭ ހޮޅި( ހުރަސްކޮށެވެ. ނޫނީ ގުރުތާގެ ތެރެއިން ގޮހެވެ. ނަމަވެސް ބައެއް ފަހަރު ކުޑަކަމުނަޖިސް ފަހަތަށް އެނބުރި ގޮސް ގުރުދާ ނޫނީ ގުރުތާގެ ތެރޭގައި ހަރުލާފައި ހުރެއެވެ. މިހެން ދިމާވަނީ ހައިޑްރޯނެފްރޯސިސް ކުރިމަތިވުމުންނެވެ.
ކުޑަކުދިންނަށް ގިނަ ފަހަރު ހައިޑްރޯނެފްރޯސިސް ކުރިމަތިވަނީ އުފެދުމުގައި ކުޑަކަމުދާ ނިޒާމުގައި ހުންނަ މައްސަލަ އަކުންނެވެ. ތަންކޮޅެއް ބޮޑެތި ކުދިންނަށް ހައިޑްރޯނެފްރޯސިސް ކުރިމަތިވަނީ ގުރުދާގައި ހިލަ އުފެދުމުގެ ސަބަބުންނެވެ.
ހައިޑްރޯނެފްރޯސިސް ކުރިމަތިވުމަށް ދިމާވާ އާންމު ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.
ބޮޑެތި މީހުންނަށް ހައިޑްރޯނެފްރޯސިސް ކުރިމަތިވަނީ އަންނަނިވި ކަންތައްތަކުގެ ސަބަބުންނެވެ.
(ހ) ގުރުދާގައި ހިލައުފެދުން (kidney stones): އެގޮތުން ގުރުދާގައި ނޫނީ ކުޑަކަމުދާ ނިޒާމުގެ ކޮންމެ ހިސާބެއްގައި ހިލަ އުފެދިފައި ހުއްޓަސް ހައިޑްރޯނެފްރޯސިސް ކުރިމަތިވެދާނެއެވެ.
(ށ) ކެންސަރު (cancer): އެގޮތުން ޕްރޮސްޓޭޓް ކެންސަރު، މަސާނާގެ ކެންސަރު، ރަހިމުގެ ކެންސަރު ނޫނީ އެހިސާބުގެ އެހެން ގުނަވަނަކަށް ނުވަތަ ބަޔަކަށް ޖެހޭ ކެންސަރުގެ ސަބަބުން ކުޑަކަމުދާ ތަކެތި ހިނގާ މަގު ބެދި، ހައިޑްރޯނެފްރޯސިސް އަށް މަގުފަހި ކުރުވައެވެ.
(ނ) ޕްރޮސްޓޭޓް ބޮޑުވުން (BPH): ޕްރޮސްޓޭޓް ބޮޑުވުމަކީ އެކަމުގެ ސަބަބުން ހީސްހޮޅި އަށް ފިތި ބާރުވާނެ ކަމެކެވެ. މިގޮތަށް ހީސްހޮޅި އަށް ފިތިބާރުވުމަކީ ހައިޑްރޯނެފްރޯސިސް އަށް މަގުފަހިވާނެ ކަމެކެވެ.
(ރ) ގަނޑުލޭކޮޅެއް އުފެދުން (blood clots): ގުރުދާގައި ނޫނީ ގުރުތާގައި ގަނޑުލޭކޮޅެއް އުފެދުމަކީ ހައިޑްރޯނެފްރޯސިސް ކުރިމަތިވެދާނެ ކަމެކެވެ.
(ބ) ކުޑަކަމުދާ ނިޒާމުގެ ބައެއް ހިމަވުން ނޫނީ ހަނިވުން (narrowing or stricture): މިގޮތަށް ހިމަވެ، ހަނިވުން ކުރިމަތިވަނީ ، އިންފެކްޝަން، ސާޖަރީކުރުން، އަނިޔާއެއް ލިބުން ނޫނީ އުފެދުމުގައި ހުރި ޢައިބެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މިފަދަ ހިމަކަމެއް ނޫނީ ހަނިކަމެއް ކުޑަކަމުދާ ތަކެތި ހިނގާ މަގުގައި ހުރުމަކީ ހައިޑްރޯނެފްރޯސިސް އަށް މަގުފަހިކުރާނެ ކަމެކެވެ.
(ޅ) ފަތިނާރު ނޫނީ މަސްގަނޑުގެ މައްސަލަތައް: މިފަދަ މައްސަލަތަކުގެ ސަބަބުން ވެސް ގުރުދާއަށް އަސަރުކޮށް (މިސާލަކަށް ހަކުރުބަލީގެ ސަބަބުން ގުރުދާ ހަލާކުވުން) ހައިޑްރޯނެފްރޯސިސް އަށް މަގުފަހިކޮށްދާނެ އެވެ.
(ކ) ފަހަރުވާ ހިފެހެއްޓިފައިހުރުން (urinary retention): ބައެއް ފަހަރު މަސާނާ އިން ކުޑަކަމުދާ ތަކެތި ބޭރުނުކުރެވި މަސާނާގައި ހިފެހެއްޓިފައި ހުރެދާނެއެވެ. މިފަދަ ހާލަތުގައި ވެސް ހައިޑްރޯނެފްރޯސިސް ކުރިމަތިވުމުގެ ހިރާސް އޮވެއެވެ.
(އ) ވެސައިކޯޔުރެޓިރަލް ރިފްލަކްސް (vesicoureteral reflux): މީގެ މާނައަކީ މަސާނާގައި ހުރި ކުޑަކަމު ނަޖިސް ގުރުތާގެ ތެރެއިން އަނބުރާ ގުރުދާއަށް އައުމެވެ. މިހެންވުމުން ކުޑަކަމު ނަޖިސް ގުރުދާގައި ހަރުލައެވެ. އަދި ގުރުދާ ދުޅަވާގޮތް ވެއެވެ.
(ވ) ޔުޓީރޯސީލް (uterocele): މީގެ މާނައަކީ ގުރުތާގެ ތިރީގައި މަސާނާގެ ތެރެއަށް ފުއްޕައި ނިކުތުމެވެ. މިހާލަތުގައި ވެސް ހައިޑްރޯނެފްރޯސިސް އަށް މަގުފަހިވެދާނެ އެވެ.
(މ) ކުޑަކަމުނަޖިސް ހިނގާ މަގުން ބައެއް ބެދުން (blockage in urinary tract): އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތި ހިނގާ މަގު ބެދެނީ ގުރުދާއާއި ގުރުތާ ގުޅޭ ހިސާބުންނެވެ. ވަރަށް މަދުން ނޫނީ ގުރުތާ އާއި މަސާނާ ގުޅޭ ހިސާބުން ކުޑަކަމުދާ ތަކެތި ހިނގާ މަގު ނުބެދެއެވެ.
މީގެ އިތުރުން އަންނަނިވި ސަބަބުތަކާހުރެ އަންހެނުންނަށް ހައިޑްރޯނެފްރޯސިސް ކުރިމަތިވެދާނެ އެވެ.
(ހ) މާބަނޑުވުން (pregnancy): މިއީ ރަހިމުގެ ބޮޑުވަމުންދާއިރު ގުރުތާ އަށް ފިއްތައި، ކުޑަކަމުނަޖިސް އަނބުރާ ގުރުދާއާއި ދިމާލަށް ފޮނުވާތީ ދިމާވެދާނެ ކަމެކެވެ.
(ށ) ތަލީވައި (uterine prolapse): މިއީ ރަހިމު އޭގެ މަގާމުން ނެއްޓި ވެއްޓުން ނޫނީ އެލުން ކުރިމަތިކުރުވައިފާނެ ކަމެކެވެ. މިގޮތަށް އޭގެ މަގާމުން ރަހިމު ނެއްޓުމުން ބައެއް ފަހަރު ކުޑަކަމުދާ ނިޒާމުގެ ބައިތަކަށް ނޫނީ ބަޔަކަށް ފިއްތުމުގެ ފުރުޞަތު އޮވެއެވެ. މާނައަކީ މިކަމުގެ ސަބަބުން ހައިޑްރޯނެފްރޯސިސް އަށް މަގުފަހިކޮށްދާނެ އެވެ.
(ނ) ސިސްޓޯސީލް (cystocele): މީގެ މާނައަކީ އަންހެނާގެ ޖިންސީ ގުނަވަނާއި މަސާނާއާއި ދޭތެރޭގައިވާ ފާރުގެ ބާރުދަށްވެ، މަސާނާ އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ވެއްޓިގެންދިއުން ނޫނީ ފޭބިގެންދިއުން ކުރިމަތިވުމެވެ. މިހާލަތުގައި ވެސް ހައިޑްރޯނެފްރޯސިސް އަށް މަގުފަހިކޮށްދާނެ އެވެ.
އަލާމާތްތައް
ހައިޑްރޯނެފްރޯސިސް ގެ އަލާމާތްތައް ބަރޯސާވަނީ އެކަން ދިމާވުމަށް މެދުވެރިވި ސަބަބަކަށެވެ. ހައިޑްރޯނެފްރޯސިސް އަކީ ކޮންމެ ފަހަރަކު އޭގެ އަލާމާތްތައް ފެންނަ ކަމެއް ނޫނެވެ. ނަމަވެސް އަލާމާތްތައް ފެންނަ ފަހަރަކު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- އުނަގަނޑާއި އަރިކަށީގައި ރިހުން : މިރިހުން ކުރިމައްޗަށް ގޮސް ދަށްބަނޑާއި، ޅިނދުމަތީގައި ވެސް ހުރެދާނެ އެވެ.
- ކުޑަކަމުދާއިރު ރިހުން
- އަވަސް އަވަހަށް ކުޑަކަމުދާންޖެހުން
- ކުޑަކަމުދާން ޖެހުމުން ހިފަހައްޓަން އުދަނގޫވުން
- ކުޑަކަމު ނަޖިހުގައި ލޭހުރުން
- މޭނުބައިކުރުން
- ހޮޑުލެވުން
- ހުންއައުން
- ވަރުދެރަވުން އަދި ނުތަނަވަސްވުން
- ބޮޑުނުވުން (ތުއްތުކުދިން)
ދެނެގަތުން
ހައިޑްރޯނެފްރޯސިސް ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހަދައި އުޅެއެވެ.
(ހ) ހަށިގަނޑު ބެލުން: ގުރުދާ އަދި މަސާނާ އޮންނަ ހިސާބު ބަލައި ހަދާނެއެވެ. މީގެ ބޭނުމަކީ އެއްވެސް ކަހަލަ ދުޅައެއް ކަމެއް އެހިސާބުތަކުގައި ފާހަގަވާން ހުރިތޯ ބެލުމެވެ. ބަލިމީހާ އާއި ބަލިމީހާގެ އާއިލާގެ ކުރީގެ ޞިއްޙީ ހާލަތު ހުރިގޮތް ވެސް އަހައި އޮޅުން ފިލުވާނެއެވެ.
(ށ) ލޭގެ ޓެސްޓުހެދުން: މިއި ގުރުދާގެ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. މީގެ އިތުރުން އިންފެކްޝަން އެއް ހުރިތޯ ވެސް ލޭގެ ޓެސްޓުގެ އެހީގައި ދެނެގަނެވޭނެ އެވެ.
(ނ) ކުޑަކަމުނަޖިސް ޓެސްޓުކުރުން: މިއީ އިންފެކްޝަނެއްގެ އަސަރު ނޫނީ ކުޑަކަމުދާ ނިޒާމުގައި ހިލައިގެ އަސަރު ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
(ރ) ސްކޭންކުރުން: ބަނޑުގެ ސްކޭން ހަދައިގެން ގުރުދާ، ގުރުތާ، މަސާނާ ގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ބަލާނެއެވެ.
(ރ) އެހެނިހެން އިމޭޖިންގ ޓެސްޓުތައް: އަލްޓްރާ ސައުންޑް ސްކޭންގެ އިތުރުން ބައެއް ފަހަރު ހާލަތަށް ރިޢާޔަތްކޮށް، ސީޓީ ސްކޭން ހެދުން ނޫނީ އެމްއާރުއައި ސްކޭން ހެދުން ފަދަ ކަމެއް ކުރަން ޖެހިދާނެ އެވެ.
ފަރުވާ
ހައިޑްރޯނެފްރޯސިސްގެ ފަރުވާ ބަރޯސާވަނީ އެކަން ކުރިމަތިވުމަށް މެދުވެރިވި ސަބަބަށެވެ. ބައެއް ފަހަރު ސާޖަރީ ހަދަން ޖެހުނަސް އާންމު ގޮތެއްގައި ހައިޑްރޯނެފްރޯސިސް އޭގެ ޒާތުގައި ރަނގަޅުވެދެއެވެ. ހައިޑްރޯނެފްރޯސިސްގެ ފަރުވާގެ އަމާޒަކީ ކުޑަކަމުދާ ތަކެތި ރަނގަޅަށް ހަށިގަނޑުން ބޭރުކޮށް، ގުރުދާގައި އުފެދިފައިވާ ދުޅަ ތިރިކޮށްދީ، މަސާނާއިން މައްޗަށް ގުރުދާއަށް ކުޑަކަމު ނަޖިސް އަނބުރާ އައުމުގެ ޕްރެޝަރު ކުޑަކުރުމެވެ.
(ހ) އާދައިގެ މިންވަރަކުން މެދު މިންވަރަކަށް ހައިޑްރޯނެފްރޯސިސް ހުރުން: މިފަދަ ހާލަތުގައި މަޑުކޮށްގެން އަންނަ ބަދަލުތައް ބަލަމުން ގެންދާނެއެވެ. ފަހަރުގައި ކުޑަކަމުދާ ނިޒާމު ޖަރާސީމު އެޅުމުން ރައްކާތެރިކުރުމަށްޓަކައި އެންޓިބަޔޮޓިކްގެ ފަރުވާ ނަގަން ޖެހިދާނެއެވެ.
(ށ) ނުރައްކާތެރި މިންވަރަކަށް ހައިޑްރޯނެފްރޯސިސް ހުރުން: މިހާލަތުގައި ކުޑަކަމުދާ ނިޒާމުގައި ، ކުޑަކަމުދާ ތަކެތި ހިނގާ މަގުގައި ހުރި ބެދުން ނޫނީ ހުރަސް ފިލުވާލުމަށް އޮޕަރޭޝަން ކުރަންޖެހިދާނެއެވެ.
ހައިޑްރޯނެފްރޯސިސް ކުރިމަތިވީ ކުއްލިއަކަށް ނޫނީ އެކިޔުޓް ކަމެއްގެ ގޮތުގައި ކަމުގައިވާނަމަ، ފަރުވާގައި ގުރުދާއަށް ހިމަ މަޑުހޮޅި އެއް ފޯރުވައިގެން (ގުރުދާއަށް ހޮޅިއެއްލެއްވުން: nephrostomy) ގުރުދާގައި ޖަމާވެފައިވާ ކުޑަކަމު ނަޖިސް ލެއްވުނު ހޮޅީގެ އެހީގައި ބޭރުކުރެވެއެވެ. ބައެއް ފަހަރު ގުރުދާއާއި މަސާނާ އާއި ދެމެދަށް ވެސް މިފަދަ ހޮޅިއެއް ލެއްވެއެވެ. މިއަށް ކިޔަނީ “ޔުރެތުރަލް ސްޓެންޓް”(urethral stent) އެވެ. މިހޮޅި ލެއްވެނީ ކެމެރާއެއްގެ އެހީގައި މަސާނާގެ އެތެރެ ބެލުން (cystoscopy) ފަދަ ކަމެއް ކުރުމުގެ ތެރެއިންނެވެ.
ހައިޑްރޯނެފްރޯސިސް ކުރިމަތިވަނީ ގުރުދާ، ނޫނީ ގުރުތާ ގައި ހިލައުފެދި ކުޑަކަމުދާ ތަކެތި ހިނގާ މަގު ބެދިގެން ކަމުގައިވާނަމަ އަންނަނިވި ކަންތައްތައް ފަރުވާގެ ގޮތުގައި ކުރެވެއެވެ.
(ހ) ހިލަ ގޮއްވުން (shock wave lithotripsy): މިއީ ގުރުދާގެ ގައި އުފެދޭ ހިލަ ނައްތާލުމަށް އެންމެ އާންމުކޮށް ދެވޭ ފަރުވާ އެވެ. ހިލަ ގޮއްވާލައި ފުޑުފުޑުކޮށްލަނީ މެޝިނަކުން ފޮނުވާ މަތީ ހަކަތައިގެ ޝޮކް ވޭވް ތަކުންނެވެ. މިގޮތަށް ހިލަ ގޮއްވާލައި ފުޑުފުޑުކޮށްލުމުން ކުޑަކަމު ނަޖިހާއެކު ފުޑުފުޑުވެފައިވާ ހިލައިގެ އެތިކޮޅުތައް ބޭރުވެގެންދާނެއެވެ.
(ށ) ޔުރެޓީރޯސްކަޕީ (ureteroscopy): ޔުރެޓީރޯސްކަޕީ ގައި ހީސްހޮޅީގެ ތެރެއިން ޚާއްޞަ އަދަވާތެއް ހަރުކޮށްފައިވާ ހިމަ ހޮޅިއެއް އެތެރެއަށް ލެއްވެއެވެ. މިއީ ހިލަ މުގުރާލައި، ބޭރުކުރުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި މިގޮތަށް ހެދެނީ ގުރުތާގެ ތިރީ ބައިގައި އަދި މަސާނާގައި ހުންނަ ހިލައަށް ފަރުވާކުރުމުގެ ގޮތުންނެވެ. ބައެއް ފަހަރު އެހެން ފަރުވާ ތަކާއެކުގައި ވެސް މިކަން ކުރެވެއެވެ. އެގޮތުން ލޭޒަރު ބޭނުންކޮށްގެން ހިލަ ގޮއްވާލުން ފަދަ ހާލަތްތަކުގައި އެއާއި އެކުއެކީގައި ޔުރެޓީރޯސްކަޕީ ހެދެއެވެ.
(ނ) ސާޖަރީ ހެދުން (surgery): އާންމު ގޮތެއްގައި ހިލަ ބޮޑުވެފައި ގޮއްވާލައިގެން ބޭރުކުރަން އުދަނގޫނަމަ ސާޖަރީ ހަދައިގެން ގުރުދާގައި ނޫނީ ކުޑަކަމުދާ ނިޒާމުގައި އުފެދިފައިވާ ހިލަ ނަގަން ޖެހެއެވެ. މީގެ އިތުރުން ޓިއުމަރެއް ނޫނީ އެހެން ވެސް ކަމަކުން ކުޑަކަމުދާ ނިޒާމުގައި ހުރަހެއް ނޫނީ ބެދުމެއް ހުރިނަމަ އެކަން ރަނގަޅުކުރުމަށް ސާޖަރީ ހަދަންޖެހެއެވެ.
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.