ދުރުފުސްވުން

ދުރުފުސްވުން (myopia) މިއީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު “ކައިރި ރަނގަޅަށް ފެނުން”(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ މީހާގެ ފެނުމަށް އަސަރުކުރުވާ ވަރަށް އާންމު ހާލަތެކެވެ.

ދުރުފުސްވުމަކީ މަޑުމަޑުން ގޮސް ކުރިމަތިވެދާނެ ހާލަތެކެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި ދުރުފުސްވުން ކުރިމަތިވެ، އެކަން ގޯސްވެގެންދަނީ ކުޑައިރުގައެވެ. ނޫނީ ފުރާވަރުގެ ތެރޭގައެވެ.

ސަބަބު

ލޮލަށް ފެންނަ މަންޒަރެއް ނުވަތަ ތަސްވީރެއް އަމާޒުކޮށް (ފޯކަސްކޮށް) ހެދުމަށްޓަކައި ލޮލުގައި ދެބައެއް ވެއެވެ.

 • ލޮލުގެ ހާމަދުލި: މިއީ ގުއްބެއްގެ ބައްޓަމަން ލޮލުގެ ކުރިމަތީ ސަތަހައިގައި އިންނަ ސާފު ދުއްޔެކެވެ.
 • ލޮލުގެ ލެންސް: މިއީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައި ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް އެތެރެ ފެންނަގޮތަށް އިންނަ ސާފު ޖިސްމެކެވެ. ނުވަތަ އޮނިގަނޑެކެވެ.

އާންމު ގޮތެއްގައި ލޮލުގެ ބައްޓަން ހުންނަށްޖެހޭ ރަނގަޅު ގޮތުގައި ހުންނައިރު މިއިން ކޮންމެ އުންސުރެއްގައި ރަނގަޅު ލެބުމެއް (އެއްވަރަކަށް) ހުންނާނެ އެވެ. ލޮލަށް ވަންނަ އަލި ލޮލުގެ ފަހަތުގައިވާ އަލިދުއްޔަށް އަމާޒުކުރުވުމަށްޓަކައި ލޮލުގެ ހާމަ ދުއްޔާއި، ލޮލުގެ ލެންސް އިން ލޮލަށް ވަންނަ އަލިތައް ރިފެރިކުރަމުން ގެންދާނެއެވެ.

ލޮލުގެ ހާމަދުލި އަދި ލޮލުގެ ލެންސް އެއްވަރަކަށް ރީތިކޮށް އޭގެ ސަތަހަ ނުލެބޭނަމަ، ލޮލަށް ވަންނަ އަލީގެ ދޯދިތައް ރަނގަޅަށް ރިފެރިނުވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިފެރިކުރުމުގައި އުނިކަމެއް ނޫނީ ގޯހެއް(refractive error)  ފެންމަތިވެގެންދާނެއެވެ.

ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް ދިގުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ ހާމަދުލި އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ކުރިމައްޗަށް އަމާޒުވެގެން ދެއެވެ. މިހެންވުމުން ދުރުގައި ހުންނަ އެއްޗެހި ފުސްވާގޮތް ވެއެވެ. ނޫނީ ދުރުފުސްވުން ކުރިމަތިވެގެން ދެއެވެ.  

އެހެން ނަޒަރަކުން ބަލާއިރު މިގޮތަށް ދިމާވަނީ ލޮލުގެ ބައްޓަމުގެ ސަބަބުން ލޮލަށް ވަންނަ ދޯދިތައް ގޯސްކޮށް ރިފެރިވާތީ (ލެބޭތީ) އެވެ. މިގޯސްކޮށް ރިފެރިކުރުމުން އަލި ސީދާ އަލިދުލީގެ މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ކުރިމައްޗަށް (ތަންކޮޅެއް ކުރިޔަށް) އަމާޒުވެގެން ދެއެވެ.

އާންމު ގޮތެއްގައި ކުޑައިރު މިކަން (ދުރުފުސްވުން) ފާހަގަކުރެވޭނެ އެވެ. އެގޮތުން މިކަން ބޮޑަށް ފާހަގަކުރެވެނީ އުމުރުން 14-6 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ކިބައިންނެވެ. ބެލެވިފައިވާގޮތުގައި މިއުމުރުފުރާގެ ކުދިންގެ ތެރެއިން މިމުއްދަތުގައި ގިނައިރު ބޭރުތެރޭގައި އުޅޭ ކުދިންނަށް މިމައްސަލަ (ދުރުފުސްވުން) ދިމާވުމުގެ ފުރުޞަތު ކުޑައެވެ. އާންމު ގޮތެއްގައި ބަޔާންކުރެވުނު އުމުރުގައި މިކަން ފާހަގަވާން ވިޔަސް އެންމެ ބޮޑަށް ގޯސްވެގެންދަނީ އުމުރުން 20 ގެ އަހަރުތަކުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

ހިރާސްތައް

ދުރުފުސްވުން ކުރިމަތިވުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ނޫނީ ހިރާސްތައް ހުރެއެވެ. އެފަދަ ބައެއް ހިރާސްތައް ތިރީގައި މިވަނީ އެވެ.

 • ވާރުތަވުން: ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. އެހެންކަމުން އާއިލާގެ މެންބަރެއްގެ ކިބައިގައި ނޫނީ މައިންބަފައިންގެ ކިބައިގައި ކުރިން ދުރުފުސްވުން ހުރިކަމުގައިވާނަމަ އެ ހިރާސް އާއިލާގެ އެހެން މެންބަރުންނަށް އިތުރުވެގެން ދެއެވެ. މައިންބަފައިންގެ ތެރެއިން ދެމީހުންގެ ކިބައިގައި ވެސް ދުރުފުސްވުމުގެ މައްސަލަ ހުރިނަމަ މިހިރާސް ވަކިން ބޮޑަށް އިތުރުވެގެން ދެއެވެ.
 • ދިރިއުޅޭ ވެށި: ބައެއް ދިރާސާތަކުން ހޯދިފައިވާގޮތުގައި ބޭރު ތެރެއަށް ނިކުމެ ނޫޅޭނަމަ، ދުރުފުސްވުން ކުރިމަތިވުމުގެ ހިރާސް އިތުރުވުމަކީ ވެދާނެ ގޮތެކެވެ.

އަލާމާތްތައް

 • ދުރުގައި ހުންނަ ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން
 • ރަނގަޅަށް ނޫނީ ސާފުކޮށް އެއްޗެއް ފެންނާނެގޮތް ހެދުމަށް އަމިއްލައަށް (ލޮލުގެ ދެބޮޑި ކައިރިކޮށްލައި) ލޯކުޑަކޮށްލަންޖެހުން ނޫނީ ލޯ އަވަރުކޮށްލަންޖެހުން
 • ލޯ(ފަސޭހައިން) ވާޅުވުން
 • ބޮލުގައި ރިހުން (ބައެއް ފަހަރު ބައެއް މީހުންނަށް)
 • ދުއްވާއިރު ދުރު ނުފެނުން ( ޚާއްޞަކޮށް ރޭގަނޑު މިހެން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ).

އާދައިގެ ވަރަކަށް ދުރުފުސްވުން ކުރިމަތިވެފައި ވިޔަސް ބައެއް ފަހަރު އެއްވެސް އަލާމާތެއް ފާހަގަނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައި ލޮލުގައި އެއްވެސް މައްސަލައެއް ނޫނީ ރިފެރިކުރުމުގެ މައްސަލައެއް ދިމާވެފައިވާކަން ކަށަވަރު ކުރެވިދާނެ އެވެ. ވަރަށް ބޮޑަށް ދުރުފުސްވުން ކުރިމަތިވުމަކީ އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތަކުގެ ތެރެއިން ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން ފަދަ ނުރައްކާތައް ކުރިމަތި ކުރުވައިފާނެ ކަމެކެވެ.

މީގެ އިތުރުން ދުރުފުސްވުން ކުރިމަތިވެއްޖެނަމަ ފަހަރުގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފާހަގަވުން ނޫނީ މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

 • ދާއިމީކޮށް ލޯއަވަރުވުން
 • ޓީވީ ބެލުމަށް ޓީވީ އާއި މާކައިރީގައި އިންނަށްޖެހުން
 • ދުރުގައި ހުންނަ އެއްޗެހި ވަކިކުރަން ނޭނގުން
 • މާގިނައިން އެސްފިޔަޖެހުން
 • މާގިނައިން ލޯއުގުޅުން

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. ރިފެރިކުރުން ހުރިގޮތް ބެލުމަށް ރިފްރެކްޝަން އެސެސްމެންޓް ހެދުން އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. ރިފްރެކްޝަން އެސެސްމެންޓް ހެދުމުން ލޮލުގައި ނަންބަރެއް ހުރި ނަމަ ނުވަތަ ރިފްރިކުރުމުގައި އުނިކަމެއް (ކައިރިފުސްވުން، ދުރުފުސްވުން، ފުސްވުން އަދި އުމުރާއިގުޅިގެން ކައިރި ފުސްވުން ފަދަ ކަމެއް) ހުރިނަމަ އެކަމެއް ދެނެގަނެވޭނެ އެވެ.  އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ލޮލުގެ ދުޅަހެޔޮކަން ދެނެގަތުމަށް ނުވަތަ ލޮލުގެ ހާލަތު ދެނެގަތުމަށް ބެލުމަށްޓަކައި ލޮލުގެ ކޮއި ފުޅާކޮށްލުމަށްޓަކައި ފަހަރުގައި ލޮލަށް ތިއްކެއް ޖައްސައި، ލޯބެލުމުގެ ކުރިން ވަކިއިރެއްވަންދެން މަޑުކުރަން އިރުޝާދު ދީފާނެ އެވެ. މިގޮތަށް ލޮލުގެ ކޮއި ފުޅާކޮށްލުމަކީ ލޮލުގެ އެތެރޭގެ ބައިތައް ފެނުމަށް ނޫނީ ބެލުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ.

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އާންމު ގޮތެއްގައި އޮޕަރޭޝަން ކުރާއިރު ލޮލުގެ ހާމަދުލީގެ ބައްޓަން ބަދަލުކުރެވެއެވެ. މިހެން ހެދުމުން ހާމަދުލިން އައްޔަށް ފޯކަސްކުރުން ހަރުދަނާވެ ރަނގަޅުވެގެން ދެއެވެ.  އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ. އެހެންކަމުން ރިފެރިކުރުމުގައި ހުންނަ އުނިކަންކަމަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ ގޮތްތައް ތިރީގައި މިވަނީ އެވެ.

 • ލޮލުގެ ނަންބަރެއް ނަގައި އައިނު ހެއްދުން
 • ލޮލަށް ލެންސް ލެއްވުން
 • ލޮލުގެ އޮޕަރޭޝަނެއް ކުރަންޖެހުން

ދުރުފުސްވުމަށް ދެވޭ ފަރުވާގެ ތެރޭގައި ލޮލުގެ އިތުރު މައްސަލަތައް ކުރިމަތިވުމުން މިންޖުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެގޮތުން ލޮލަށް ދިމާވާ ތަފާތު ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ހިމެނޭ ލޮލަށް ފުސްއެރުން، ގުލަކޯމާ، ލޮލުގެ އަލިދުލި ވީދައިގެންދިއުން، ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން އަދި ލޮލުގެ އަލިދުލީގެ މެދަށް ގެއްލުންވުން ފަދަ ހާލަތެއް ކުރިމަތިވޭތޯ ބެލުމަށް ގަވާއިދުން މޮނީޓަކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. ރިފެރިކުރުމުގައި ހުންނަ އުނިކަމަށް ފަރުވާކުރުމަށް އާންމުކޮށް ބޭނުންކުރެވޭ ޕްރިސްކްރިޕްޝަން ލެންސްތަކުގެ ތެރޭގައި ހިމެނެނީ އައިނު އަދި ލޮލަށް ލައްވާ ލެންސް އެވެ.

ރިފެރިކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަންކުރުން

މިއޮޕަރޭޝަންތަކުގެ ސަބަބުން ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ސަބަބުން އޭގެ ފަރުވާގެ ގޮތުގައި އަޅަންޖެހޭ އައިނު ނުވަތަ ލޮލަށް ލައްވަންޖެހޭ ލެންސް އަށް އޮންނަ ބޭނުން ކުޑަކޮށްދެއެވެ. ނޫނީ އައިނު އެޅުމާއި ލެންސް ލައްވަންޖެހުމުގެ ފުރުޞަތު ދަށްކޮށްދެއެވެ. މިއޮޕަރޭޝަންތަކުގައި ލޭޒަރ ބީމް ބޭނުންކޮށްގެން ލޮލުގެ ހާމަދުލި އަލުން ބައްޓަންކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިނު އަޅަންޖެހުން ނޫނީ ލެންސް ލައްވަންޖެހުމުގެ ބޭނުން ކުޑަކޮށްދެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހުވެސް ބައެއް ފަހަރު ބައެއް ހާލަތުގައި އައިނު އަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އާންމުކޮށް ކޮށްއުޅޭ 3 އޮޕަރޭޝަން ތިރީގައި މިވަނީ އެވެ.

 • ލޭޒަރ އެސިސްޓަޑް އިންސިޓޫ ކެރަޓޯމައިލިއުސިސް
 • ލޭޒަރ އެސިސްޓަޑް ސަބްއެޕިތީލިއަލް ކެރަޓެކްޓަމީ
 • ފޮޓޯރެފްރެކްޓިކް ކެރަޓެކްޓަމީ

ދުރުފުސްވުން އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމަށް ނޫނީ ލަސްކުރުމަށް ކުރެވޭ ކަންތައްތައް އަދި ދެވޭ ފަރުވާތައް

 • ލޮލަށް އެޓްރޮޕިން ތިކި ޖެއްސުން
 • ޑުއަލް ފޯކަލް ކޮންޓެކްޓް ލެންސް ބޭނުންކުރުން
 • ބޭރު ތެރޭގައި އުޅުން ގިނަކުރުން
 • އޯތޯކެރަޓޮލޮޖީ ގެ ބޭނުންހިފުން

ހަވާލާ

 

މިވެސް މުހިންމު