އުމުރާއި ގުޅިގެން ކައިރިފުސްވުން

އުމުރާއި ގުޅިގެން ކައިރިފުސްވުން (presbyopia) މިއީ އުމުރާއި ގުޅިގެން ފެނުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކައިރި ފުސްވުމެވެ. ނޫނީ ލޮލުގެ ލެންސް ދުވަސްވެ، މުސްކުޅިވުމެވެ. މިއީ ރިފެރިކުރު(refract)މުގައި ހުންނަ އުނިކަމެކެވެ. މިއީ މެދުއުމުރުގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކައިރި ފެނުމަށް ދަތިވާ ހާލަތެކެވެ. އުމުރާއިގުޅިގެން ކައިރިފުސްވުމަކީ ކައިރީގައި ހުންނަ އެއްޗިއްސަށް ލޯއަމާޒުކުރުމަށް ހުންނަ ކުޅަދާނަކަށް އުމުރުން ދުވަސްވާވަރަކަށް މަޑުމަޑުން ގެއްލެމުން ދިއުމެވެ. ނޫނީ ގެއްލުމެވެ. އާންމު ގޮތެއްގައި މިއީ އުމުރުން ދުވަސްވާވަރަކަށް ތަބީޢީ ގޮތުން ވެސް ކުރިމަތި ވެދާނެ ކަމެކެވެ.   

އުމުރުން 45 އަހަރުވުމަށްފަހު ކޮންމެ މީހަކަށް ވެސް މިކަން ދިމާވެދާނެއެވެ. އެހެންކަމުން މިއީ އުމުރުން ދުވަސްވާވަރަކަށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދިރިއުޅުމުގައި ދިމާވެދާނެ ކަމެކޭ ބުނެވިދާނެ އެވެ. ވަރަށް ގިނަ މީހުންނަށް މިހާލަތުގައި ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ. 40 އަހަރުތަކުގައި މިކަން ފާހަގަ ވިޔަސް މަޑުމަޑުން ގޯސްވަމުން ގޮސް އެންމެ ގޯސްވެގެންދަނީ އުމުރުން 65 އަހަރު ހާ ތާގައި ކަން ފާހަގަކުރެވެއެވެ.

ސަބަބު

ލޮލަށް ފެންނަ މަންޒަރެއް ނުވަތަ ތަސްވީރެއް ނަގައިގަތުމަށްޓަކައި ލޯ ބަރޯސާވަނީ ލޮލުގެ ހާމަދުލި އަދި ލެންސް އަށެވެ. މި ދެބަޔަކީ އެއްޗަކުން ރިވެލި(reflect)ވެގެން އަންނަ އަލި އަމާޒުކޮށް (ފޯކަސްކޮށް) ހެދުމުގައި ބައިވެރިވާ ދެބައެވެ. އެއްޗެއް ލޮލާއި ކައިރިވާ ވަރަކަށް ލޮލުގެ ލެންސް ލެބޭ މިންވަރު އިތުރުވާނެ އެވެ.

 • ލޮލުގެ ހާމަދުލި: މިއީ ގުއްބެއްގެ ބައްޓަމަން ލޮލުގެ ކުރިމަތީ ސަތަހައިގައި އިންނަ ސާފު ދުއްޔެކެވެ.
 • ލޮލުގެ ލެންސް: މިއީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައި ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް އެތެރެ ފެންނަގޮތަށް އިންނަ ސާފު ޖިސްމެކެވެ. ނުވަތަ އޮނިގަނޑެކެވެ. 
 • މަތީގައި ބަޔާންކުރެވުނު ދެއޮނިގަނޑު: މިދެއޮނިގަނޑަކީ ވެސް ލޮލަށް ވަންނަ އަލި ރިފެރިކޮށް، ލޮލުގެ ފަހަތުގައި ވާ ލޮލުގެ އަލިދުއްޔަށް އަމާޒުކުރުވުމުގައި ބައިވެރިވާ ދެބައެވެ.

ލޮލުގެ ހާމަދުއްޔާއި ޚިލާފަށް ލޮލުގެ ލެންސް އަކީ ކޮންމެވެސް މިންވަރަކަށް ފަހެލި(flexible) އެއްޗެކެވެ. އަދި އޭގެ ވަށައިގެން ހުންނަ މަސްކޮޅުތަކުގެ އެހީގައި އޭގެ ބައްޓަން ބަދަލު ކުރެއެވެ. އާންމު ގޮތެއްގައި ދުރުގައި ހުންނަ އެއްޗަކަށް ބަލާއިރު މިމަސްކޮޅުތައް ހިނދި ހަމައަކަށް އެޅޭނެ އެވެ. އަދި ކައިރީގައި ހުންނަ އެއްޗަކަށް ބަލާއިރު މިމަސްކޮޅުތައް ކުރުގެޅި ފިތޭނެ އެވެ. މިހެންވުމުން ލޮލަށް ފެންނަ އެއްޗިއްސަށް ފޯކަސްކުރުމުގެ ބާރު ލެންސް ބޭނުންވާ މިންވަރަށް ލެނބުމުން އިތުރުވެގެންދެއެވެ.

އުމުރުން ދުވަސްވުމާއި ގުޅިގެން ކައިރިފުސްވުން ކުރިމަތިވަނީ އުމުރުން ދުވަސްވާވަރަކަށް ލޮލުގެ ލެންސް ހަރުއަރާތީ އެވެ. ލޮލުގެ ލެންސް ހަރުއަރައި، އޭގެ ފަހެލިކަން ދަށްވުމުން ކައިރީގައި ހުންނަ އެއްޗިއްސަށް (ތަސްވީރަށް) ލޯއަމާޒުކުރުމަށް ލެންސް އޭގެ ބައްޓަން ބަދަލެއް ނުކުރާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ތަސްވީރެއް ފޯކަސް އިން ގެއްލިގެންދެއެވެ.މާނައަކީ ކައިރިފުސްވެގެން ދެއެވެ.

މިގޮތަށް ދިމާވަނީ އުމުރުން 45-40 އަހަރުވުމަށްފަހު ލޮލުގެ ލެންސްގައި ހުންނަ އެކި ފަރާތަށް ދެމި، ލެބިހެދުމުގެ ގާބިލިއްޔަތުކަން ދަށްވެ، ހުންނަށްޖެހޭ ވަރަށްވުރެ ހަރުވެ، އެކަށޭނަ ގޮތުގައި “ފްލެކްސް” ނުކުރެވޭތީ ނޫނީ ނުވާތީ ނޫނޭ ލެބެންޖޭ ވަރަށް ނުލެބޭތީ އެވެ. މިހާލަތުގައި ލޮލަށް ވަންނަ އަލި ރަނގަޅަށް ލޮލުގެ އަލިދުއްޔަށް އަމާޒުކުރަށް އުދަނގޫވެއެވެ. ނޫނީ އެގޮތަށް އަމާޒުކުރުން ހުއްޓެއެވެ. މިގޮތަށް ވުމުން ލޮލަށް ލިބިފައިވާ އަމާޒުކުރުމުގެ ކުޅަދާނަކަން ނޫނީ ގާބިލިއްޔަތު ގެއްލި، ކައިރި ރާޖީ(range)  ތަކުގައި ހުންނަ ތަކެތި ނޫނީ އެއްޗެހި ކިޔަން އުދަނގޫވެއެވެ. އާންމުކޮށް އުމުރުން ދުވަސްވުމުން ލޮލުގެ ލެންސް އަށް މިބަދަލާއެކު އެކީގައި ދުރުފުސްވުން، ކައިރިފުސްވުން، އަދި ފުސްވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް

އުމުރުން ދުވަސްވުމާއި ގުޅިގެން ކައިރިފުސްވުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

 • އުމުރު: އުމުރަކީ ކައިރިފުސްވުން ކުރިމަތިވުމަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން އުމުރުން 40 އަހަރުވުމަށްފަހު އުމުރާއި ގުޅިގެން ކައިރިފުސްވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ވަރަށް އާންމު ކަމެކެވެ.
 • އެހެނިހެން ބައެއް ބަލިތައް: ބައެއް އެހެނިހެން ޞިއްޙީ ހާލަތްތައް ކުރިމަތިވެފައިވުމަކީ އުމުރުން ދުވަސްވުމުން ނޫނީ އުމުރާއި ގުޅިގެން ކައިރިފުސްވުން ކުރިމަތިވެދާނެ ކަމެކެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ހަކުރުބަލި، މަލްޓިޕަލް ސްކެލިރޯސިސް، އަދި ހިތުގެ ބަލިތައް ފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތައް ހުންނަ މީހުންނަށް އުމުރުން 40 އަހަރުވުމުގެ ކުރިން ވެސް ކައިރިފުސްވުމަކީ ގާތް ކަމެކެވެ.
 • ބައެއް ކަހަލަ ބޭސްތައް: މިސާލަކަށް އެންޓިޑިޕްރެސަންޓްސް، އެންޓިހިސްޓަމައިން އަދި ޑަޔުރެޓިކްސް ފަދަ ބޭސްތައް ބޭނުންކުރުމަކީ މާއަވަހަށް އުމުރާއި ގުޅިގެން ކައިރިފުސްވުން ކުރިމަތިވެދާނެ ކަމެކެވެ.

އަލާމާތްތައް

އުމުރާއި ގުޅިގެން ކައިރިފުސްވުމަކީ މަޑުމަޑުން ފެނުމަށް ބަދަލު އަންނަމުން ގޮސް ކުރިމަތިވާ ކަމެކެވެ. އެގޮތުން އެންމެ ފުރަތަމަ މިކަން ފާހަގަވާނީ އުމުރުން 40 އަހަރު ފުރުމަށްފަހުގައެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

 • ކައިރީގައި ހުންނަ ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން
 • ކައިރިކޮށްގެން ކިޔަން ދަތިވުން / އެއްޗެއް ކިޔާނަމަ އެއެއްޗަކަށް އަމާޒުކުރުމަށްޓަކައި އެއެއްޗެއް ދުރުގައި ބަހައްޓަންޖެހުން
 • އާންމުކޮށް އެއްޗެއް ކިޔަން ބަހައްޓާ ދުރުމިނުގައި އެއެއްޗެއް ފުސްކޮށް ފެނުން
 • ލޯ(ފަސޭހައިން) ވާޅުވުން
 • ބޮލުގައި ރިހުން: ޚާއްޞަކޮށް އެއްޗެއް ކިޔުން ނޫނީ ކަވި މަސައްކަތެއް (ލޯކައިރިކޮށްގެން ކުރަންޖެހޭކަމެއް) ކުރުމަށްފަހު ބޮލުގައި ރިހުމާއި، ލޯވާޅުވުން ފަދަ ކަންކަން އިހުސާސް ކުރެވިދާނެ އެވެ.

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. ރިފެރިކުރުން ހުރިގޮތް ބެލުމަށް ރިފްރެކްޝަން އެސެސްމެންޓް ހެދުން އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. ރިފްރެކްޝަން އެސެސްމެންޓް ހެދުމުން ލޮލުގައި ނަންބަރެއް ހުރި ނަމަ ނުވަތަ ރިފްރިކުރުމުގައި އުނިކަމެއް (ކައިރިފުސްވުން، ދުރުފުސްވުން، ފުސްވުން އަދި އުމުރާއިގުޅިގެން ކައިރި ފުސްވުން ފަދަ ކަމެއް) ހުރިނަމަ އެކަމެއް ދެނެގަނެވޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ލޮލުގެ ދުޅަހެޔޮކަން ދެނެގަތުމަށް ނުވަތަ ލޮލުގެ ހާލަތު ދެނެގަތުމަށް ބެލުމަށްޓަކައި ލޮލުގެ ކޮއި ފުޅާކޮށްލުމަށްޓަކައި ފަހަރުގައި ލޮލަށް ތިއްކެއް ޖައްސައި، ލޯބެލުމުގެ ކުރިން ވަކިއިރެއްވަންދެން މަޑުކުރަން އިރުޝާދު ދީފާނެ އެވެ. މިގޮތަށް ލޮލުގެ ކޮއި ފުޅާކޮށްލުމަކީ ލޮލުގެ އެތެރޭގެ ބައިތައް ފެނުމަށް ނޫނީ ބެލުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ.

އުމުރު ފުރާއަށް ބަލައި ލޮލުގެ ޗެކަޕް ހަދަންޖެހޭ މުއްދަތުތައް އެމެރިކަން އެކަޑެމީ އޮފް އޮފްތަލްމޮލޮޖީ އިން އިރުޝާދު ދީފައިވާގޮތް ތިރީގައި މިވަނީ އެވެ.

 • 40 އަހަރު ދަށް : ކޮންމެ 10-5 އަހަރާއި ދެމެދުގެ މުއްދަތެއްގައި އެއްފަހަރު
 • 54-40- އަހަރާއި ދެމެދު : ކޮންމެ 4-2 އަހަރަކުން އެއްފަހަރު
 • 64-55 އަހަރާއި ދެމެދު : ކޮންމެ 3-1 އަހަރަކުން އެއްފަހަރު
 • 65 އަހަރުން މަތި : 2-1 އަހަރުން އެއްފަހަރު

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ލެންސް އިމްޕްލާންޓް ކުރުމަކީ ވެސް ކުރެވޭ ކަމެކެވެ.

މީގެ އިތުރުން އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެއްޖެނަމަ އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

 • ކިޔަން ބޭނުންވާ އެއްޗެއް ލިޔެފައިވާ އެތި ދުރުގައި ބެހެއްޓުން
 • ކޮމްޕިއުޓަރުގެ ފޮންޓް ބޮޑުކުރުން
 • ބޮޑެތި އަކުރުން ޕްރިންޓްކޮށްފައި ހުންނަ ފޮތްތައް ކިޔުން

ރިފެރިކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަންކުރުން

މިއޮޕަރޭޝަންތަކުގެ ސަބަބުން ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ސަބަބުން އޭގެ ފަރުވާގެ ގޮތުގައި އަޅަންޖެހޭ އައިނު ނުވަތަ ލޮލަށް ލައްވަންޖެހޭ ލެންސް އަށް އޮންނަ ބޭނުން ކުޑަކޮށްދެއެވެ. ނޫނީ އައިނު އެޅުމާއި ލެންސް ލައްވަންޖެހުމުގެ ފުރުޞަތު ދަށްކޮށްދެއެވެ. މިއޮޕަރޭޝަންތަކުގައި ލޭޒަރ ބީމް ބޭނުންކޮށްގެން ލޮލުގެ ހާމަދުލި އަލުން ބައްޓަންކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިނު އަޅަންޖެހުން ނޫނީ ލެންސް ލައްވަންޖެހުމުގެ ބޭނުން ކުޑަކޮށްދެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހުވެސް ބައެއް ފަހަރު ބައެއް ހާލަތުގައި އައިނު އަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އާންމުކޮށް ކޮށްއުޅޭ ހަދައިއުޅޭ ސަޖިކަލް ޕްރޮސީޖަރ ތައް ތިރީގައި މިވަނީ އެވެ.

 • ކޮންޑަކްޓިވް ކެރަޓޯޕްލާސްޓީ
 • ލޭޒަރ އެސިސްޓަޑް އިންސިޓޫ ކެރަޓޯމައިލިއުސިސް
 • ލޭޒަރ އެސިސްޓަޑް ސަބްއެޕިތީލިއަލް ކެރަޓެކްޓަމީ
 • ފޮޓޯރެފްރެކްޓިކް ކެރަޓެކްޓަމީ

ލެންސް އިމްޕްލާންޓްކުރުން

ރިފެރިކުރުމުގައި ހުންނަ އުނިކަމަށް ފަރުވާކުރުމަށް ބައެއް ފަހަރު ލޮލުގައި އިންނަ ލެންސް ނެގުމަށްފަހު އޭގެ ބަދަލުގައި ސިންތެޓިކް ލެންސް އެއް ލެވެއެވެ. މިގޮތަށް ލެއްވޭ ލެންސް އަށް “އިންޓްރައޮކިއުލަރ ލެންސް” އޭ ކިޔައެވެ. އުމުރާއި ގުޅިގެން ކުރިމަތިވާ ކައިރި ފުސްވުން ރަނގަޅުކުރުމަށް ތަފާތު ވައްތަރުތަކުގެ ލެންސް އިމްޕްލާންޓް ތައް ބޭނުންކުރެވެއެވެ. ބައެއް ފަހަރު ލެންސް އިމްޕްލާންޓް ލެއްވިޔަސް ކައިރި ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ފަހަރުގައި މިފަދަ ހާލަތުގައި ފޮތްކިޔުން ފަދަ ކަންކަމަށް ރީޑިންގ ގްލާސް ބޭނުންކުރަންޖެހިދާނެ އެވެ.

ހަވާލާ

 • https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:
 • https://www.umkelloggeye.org/conditions-treatments/refractive-errors
 • https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors/types-refractive-errors
 • https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/presbyopia
 • https://www.mayoclinic.org/diseases-conditions/presbyopia/symptoms-causes/syc-20363328

މިވެސް މުހިންމު