ދިވެހިންގެ ލިޔެކިޔުމުގެ ތާރީހަށް ބަލައިލުމެއް

ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 50000 އަހަރު ވެދާނެ ކަމަށް އިލްމު ވެރީން ގަބޫލުކުރައްވައެވެ. ފުރަތަމަ އިންސާނާއާ އެކު، އިންސާނުންގެ މެދުގައި މުވާސަލާތު ކުރުމުގެ މައި ވަސީލަތެއް ކަމުގައި ވެފައިވަނީ ބަހެވެ. މީގެ އިތުރުން، ވިސްނުމާއި ފިކުރުކުރުމަށް އިންސާނާ ބޭނުން ކުރާ އާލަތަކީ ވެސް ބަހެވެ. ހާއްސަކޮށް އެ މީހެއްގެ މާދަރީ ބަހެވެ. އެމީހެއްގެ މާދަރީ ބަހަށް ކޮށި މީހެއްގެ ވިސްނުން ވެސް ކޮށިވާނެ ކަމަށް ނަފްސާނީ އިލްމުވެރީންނާއި ފަލްސަފާވެރިން ވިދާޅުވެއެވެ.

ބަހަކީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމުގައި ވެފައި، އެއް އިންސާނަކު އަނެއް އިންސާނަކާ މުވާސަލާތު ކުރާއިރު ބަސް ބޭނުން ކުރުމުގެ އެންމެ އަސާސީ ގޮތަކީ އަޑު ބޭނުންކޮށްގެން ދައްކާ ވާހަކަ ކަމުގައި ވިޔަސް، އެއް ޖީލުން އަނެއް ޖީލަށް މައުލޫމާތު ފޯރުކޮށް ދިނުމަށާއި، ކަންކަން ހަނދާނުގައި ބެހެއްޓުމަށާއި، ސިޓީބިޓީ ފަދަ ތަކެތި ބަދަލު ކުރުމަށާއި މުއާހަދާތައް ކުރުންފަދަ، ގިނަ ޒަމާންތަކަށް ދަމަހައްޓަން ޖެހޭ ބަސްވަރާތައް ރައްކާތެރި ކުރުމަށް ޓަކައި، ލިޔެކިޔުމަކީ ކޮންމެހެން ޒަރޫރީ ކަމެއް ކަމުގައި ވުމުން، ލިޔެކިޔުމަކީ ވެސް އުމުރުގެ ގޮތުން ބަލާއިރު އިންސާނާއަށް ވުރެ މާ ހަގު ނޫން ފަންނެއް ކަމަށް އިލްމުވެރީން ގަބޫލު ކުރައްވައެވެ.

ސަމާވީ ދީންތަކުގެ އަހުލުވެރީން ގަބޫލުކުރާ ގޮތުގައި އާދަމުގެފާނަށް މަލަކޫތީ އާލަމުން ލިޔުންތަކެއް ފެނިވަޑައިގަތެވެ. އަދި އެ ލިޔުއްވުންތައް އެކަލޭގެފާނު ވިދާޅުވެ، އެ ލިޔުއްވުންތަކުން ފައިދާ ލިބިވަޑައިގަތެވެ. އަދި އެންމެ ފުރަތަމަ ގަލަމުގެ ބޭނުންކުރެއްވި ބޭކަލަކީ އިދްރީސް ނަބީ ކަލޭގެފާނު ކަމަށް ތާރީހު ފޮތްތަކުގައި ލިޔެވިގެންވެއެވެ. އިދްރީސްގެފާނު ދުނިޔޭގައި އުޅުއްވީ ނޫޙުގެފާނުގެ ޒަމާނުގައި މުޅި ދުނިޔެއަށް ކުރިމަތިވި ބޮޑު ތޫފާނުގެ ކުރީންނެވެ.

ތޫފާނުގެ ކުރީގެ ލިޔުންތައް ފެންނަން ނެތުމާއެކު މިއަދު ފެންނަން ހުރި ލިޔުންތަކުގެ އެންމެ ކުރީގެ ވައްތަރަކީ ފައްޅިތަކާއި ގަނޑުވަރުތަކުގެ ފާރުތަކުގައި ކުރަހާފައިވާ މާނަހުރި ކުރެހުންތަކެވެ. ތޫފާނުގެ ފަހުން ލިޔެކިޔުމުގެ ފުރިހަމަ ނިޒާމެއް އެންމެ ފުރަތަމަ ތަރައްގީ ކޮށްފައިވަނީ އީސާއީ މީލާދުގެ 3500 އަހަރު ކުރީން ނަހުރަބާނު (މެސޮޕޮޓޭމިޔާ) ގައި އޮތް ސޫމާރީ ހަޒާރަތުގެ ދުވަސްވަރު މެސޮޕޮޓޭމިއާ (އިރާގު ކަރައި) ގައެވެ. މި ގޮތުން އެންމެ ކުރީން ތަރައްގީ ކުރެވުނު، ލިޔެކިޔުމުގެ އެންމެ ފުރިހަމަ ނިޒާމުތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، ސޫމާރީންގެ މިސްމާރީ ލިޔުން ނުވަތަ ކިޔުނިފޯމޭ ކިޔޭ ވައްތަރުގެ ލިޔުމާއި މިޞްރުގެ ހިއެރޯގްލިފްއޭ ކިޔޭ ވައްތަރުގެ ލިޔުމެވެ.

މިއަދު ދުނިޔޭގައި ބޭނުންކުރާ ލިޔުމުގައި މައިގަނޑު ހަ ވައްތަރެއް ފާހަގަ ކުރެވެއެވެ. އެއީ ލޯގޯގްރަފީ (ރަސްމު ލަފްޒީ) އަކުރާއި ސިލަބަރީ (މަޤްޠަޢީ) އަކުރާއި އަލިފުބާ (އަލްފަބެޓް) އަކުރާއި އަބުގިޑާ އަކުރާއި އަބްޖަދު އަކުރާއި ފީޗަރަލް (ވަޞްފީ) އަކުރުގެ ނިޒާމެވެ. ޗައިނީޒް ކެރެކްޓަރތަކަކީ ލޯގޯގްރަފީއެވެ. ޖަޕާނުގެ “ކަނަ” އަކީ ސިލަބަރީއެވެ. ލެޓިން އަކުރަކީ އަލިފުބާއެކެވެ. ހިންދުސްތާނުގެ ދޭވަނާގަރީ އަކުރާއި އިހުގައި ދިވެހީން ބޭނުން ކުރި ދިވެސް އަކުރު ހިމެނެނީ އަބުގިޑާ އަކުރުތަކުގެ ތެރޭގައެވެ. އަދި ދިވެހި ތާނަ އަކުރަކީ ވެސް މި ސިފަތައް ހުރި އަކުރަކަށް ވާތީ އަބުގިޑާ އަކުރުތަކުގެ ބައިގައި ވަނީ ހިމެނިފައެވެ. އަރަބި އަކުރަކީ އަބްޖަދު އަކުރެކެވެ. ކޮރެޔާގެ ހަންގުލް އަކުރު ހިމެނެނީ ފީޗަރަލް ނުވަތަ ވަޞްފީ އަކުރުތަކުގެ ބައިގައެވެ. މި ވައްތަރުތަކުގެ އިތުރުން ވެސް އެތައް ވައްތަރެއްގެ ލިޔުމުގެ ނިޒާމު ހުރެއެވެ. މީގެ ތެރޭގައި އައިޑިޔޯގްރާމް ނުވަތަ އައިޑިޔޯގްރާފާއި ޕިކްޓޯގްރާމް ނުވަތަ ޕިކްޓޯގްރާފާއި ބްރެއިލް ހިމެނެއެވެ.

ލިޔެކިޔުމުގެ ހުނަރު ތަރައްގީ ކުރެވުނު ހިސާބުން ފެށިގެން އިންސާނުން ވަނީ އެމީހުންގެ ޝުއޫރުތަކާއި، މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ ތަފާތު އަދަބީ އުފެއްދުންތަކާއި، ތާރީހީ ވާހަކަތަކާއި، ދީނުގެ ހުކުމްތައް ފަދަ، އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތުތައް ލިޔެ ރައްކާކުރަން ފަށާފައެވެ. ބާބިލްގެ ރަސްގެފާނު ހާމޫރާބީގެ އެންގެވުންތަކާއި މިސްރުގެ ފިރުއަނުންގެ ފަތްކޮޅުތަކާއި ސީނުކަރަ އާއި ހިންދުސްތާނުގެ އިލްމީ ފަތްފުށްތަކާއި ޔޫނާނީ ފަލްސަފާވެރިންގެ ލިޔުއްވުންތައް މިއަދާ ހަމައަށް އައިސްފައިވަނީ ލިޔެކިޔުމުގެ ނިޒާމުތަކުގެ ޒަރީއާއިންނެވެ.

ދެކުނު އޭޝިޔާ ސަރަހައްދަށް ބަލާއިރު އީސާއީ މީލާދުގެ 3500 ވަނަ އަހަރާއި 1900 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ލިޔުންތައް ސިންދުވާދީގެ ރަށްވެހިކަން އޮތް ސަރަހައްދުތަކުން ފެނިފައިވެއެވެ. ސިންދުވާދީގެ ރަށްވެހިކަމުގެ އެންމެ މުހިންމު އެއް ބަނދަރު ކަމުގައިވާ، މިހާރުގެ އިންޑިޔާގެ ގުޖުރާތުގެ ލޯތާލާއި ދިވެހިރާއްޖެއާ މެދު ދަތުރުފަތުރުގެ ގުޅުން އޮތް ކަން ޔަގީންކޮށް ދޭ އާސާރީ ހެކިތައް ވަނީ ފެނިފައެވެ. ލިޔެކިޔުމަށް ބަލާއިރު ވެސް މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުމަކީ އިންޑިޔާގެ ބްރަހްމީ އަކުރުން ލިޔެފައިވާ ލިޔުމެކެވެ. މީލާދީން 6 ވަނަ ގަރުނުގެ މި ލިޔުން ފެނިފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ލަންދޫންނެވެ. ނަސީމާ މުޙައްމަދު ވިދާޅުވާ ގޮތުގައި މިލިޔުން ލިޔެފައިވަނީ ޕައްލަވަ ދަރިކޮޅުގެ ވެރިކަން ހިނގި ދުވަސްވަރުގެ ދެކުނު ބްރަހްމީ އަކުރުންނެވެ.

ބްރަހްމީ އަކުރަކީ މިއަދު ދެކުނު އޭޝިޔާގެ ގައުމުތަކުގައި ލިޔަން ބޭނުންކުރާ ގިނަ އަކުރުތައް އުފެދުމުގެ އަސްލެވެ. އަދި ދެކުނު އޭޝިޔާގެ ބަސްތަކުގެ މައި ބަސް ކަމުގައިވާ ސާންސްކްރިތު ބަސް އެންމެ ފުރަތަމަ ލިޔެވުނީ ވެސް ބްރަހްމީ އަކުރުންނެވެ. ބްރަހްމީ އަކުރުން ލިޔެފައި ހުއްޓާ ފެންނަން ހުރި ގިނަ ލިޔުން ހުރީ ގަލާއި ހިލައިގައި ބިންވަޅު ނަގައިގެންކަން ފާހަގަކުރެވޭއިރު، މިއަކުރު އުފެދިފައިވަނީ އީސާއީ މީލާދުގެ 500 އަހަރު ކުރީންނެވެ. ބުނެވޭ ގޮތުގައި ބްރަހްމީ އަކުރު ބިނާ ކުރެވިފައިވަނީ އީސާއީ މީލާދުގެ 2000 އަހަރު ކުރިއާ ހަމަޔަށް ބޭނުން ކުރެވުނު ސިންދު އަކުރުގެ މައްޗަށެވެ. މީގެ އިތުރުން މި އަކުރަކީ ހުޅަނގު ސާމީ ނުވަތަ ދެކުނު ސާމީ އަކުރުތަކުގެ އަސްލުން އުފެދުނު އަކުރެއް ކަމަށްވުން ވެސް އެކަށީގެންވާ ކަމުގައި މުހައްލިލުން ވިދާޅުވެއެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުގައި ސިންދު އަކުރު އުވިގެންދިއުމަށް ފަހު ބްރަހްމީ އަކުރު އުފެދުމާ ދެމެދު ގިނަ ދުވަސްތަކެއް ހޭދަވެފައިވެއެވެ. އެހެންކަމުން ބްރަހްމީ އަކުރުގެ އުފެދުން ސިންދު އަކުރާ ގުޅިފައިވުމަކީ ނާދިރު ކަމެކެވެ.

ބްރަހްމީ އަކުރުން ލިޔެވިފައި ހުރި ލިޔުންތަކުގެ ތެރެއިން މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ ލިޔުންތަކަކީ އިންޑިޔާގެ އަޝޯކާ ރަސްގެފާނުގެ ދުވަސްވަރުގެ ލިޔުންތަކެވެ.
ދެކުނު އޭޝިޔާގެ ގިނަ އަކުރުތަކެކޭ އެއްފަދައިން ބްރަހްމީ އަކުރު ވެސް ލިޔަނީ ވާތުން ކަނާތަށެވެ. އަދި ކޮންމެ އަކުރެއް ވެސް އެހެން ފިއްޔެއްގެ ނިޝާން ނުގުޅުވާހައި ހިނދަކު އޮންނާނީ އަބަފިލީގެ ހާލަތުގައެވެ. އެހެން ކަމުން އަބަފިލި ޖެހުމަށް ވަކި ނިޝާނެއް ބޭނުން ކުރާކަށް ނުޖެހެއެވެ. އަލިފު ފިޔަވައި އެހެން އަކުރުތަކުގައި، އަބަފިލި ނޫން ފިލިތައް ޖެހުމަށް އެ ފިއްޔެއް ރަމްޒުކޮށްދޭ ނިޝާން، އަކުރާ ގުޅުވައިގެން ލިޔާނީއެވެ. މި ސަރަހައްދުގެ ގިނަ އަކުރުތަކާ އެއްފަދައިން ބްރަހްމީ އަކުރުގައި ވެސް މިނިވަން ފިލީގެ އަޑުތައް ނުވަތަ އަލިފުގެ ފިލިތަކުގެ އަޑުތައް ރަމްޒުކޮށްދޭން ހާއްސަ ނިޝާންތަކެއް ހުރެއެވެ. އެހެންކަމުން އަލިފުގެ ކޮންމެ ފިއްޔެއް ވެސް ލިޔަންވާ ތަނުގައި ލިޔަނީ އެ ފިއްޔަކަށް ހާއްސަ އަކުރެވެ.
ބްރަހްމީ އަކުރުގެ ފަހުން ދެން ދިވެހިރާއްޖެއިން ފެނިފައިވަނީ ނާގަރީ އަކުރެވެ.

ލިޔުނި: އިޔާޒު ނަސީމް

މަސްދަރު: ސަން.އެމްވީ
26 ޖެނުއަރީ 2012

 

މިވެސް މުހިންމު