އަންދާސީހިސާބުގެ ކުރު ތައާރަފެއް

މަސައްކަތެއް ކުރަންފެށުމުގެ ކުރިން އެ މަސައްކަތަކަށް ހިނގާނެ ޚަރަދު އެމަސައްކަތުގެ ވެރިފަރާތަށާއި، އަދި އެ މަސައްކަތްކުރާ ފަރާތަށްއެގުން މުހިއްމެވެ. މަސައްކަތަށް ފައިސާހޯދަންވީމިންވަރު ވެރިފަރާތަށް އެގެންޖެހެވެ. އަދި އެމަސައްކަތަށް ހިގާނެ ޚަރަދު އެމަސައްކަތްކުރާފަރާތަށް އެގުމުން ފައިދާލިބޭނެވަރާއި، އަދި އެމަސައްކަތްކުރުމަށް ބޭނުންކުރެވިދާނެ މީހުންގެ އަދަދާއި، ބޭނުންކުރާ ތަކެއްޗަށް އަރާނެ ވަރާއި، ބޭނުންކުރާ އާލާތަށް ހިނގާނެ ޚަރަދު އެގުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެކަށީގެންވާ  އަންދާސީހިސާބެއް ނުހަދާ މަސައްކަތެއް ފެށިއްޖެނަމަ، މަސައްކަތުގެ މެދުތެރެއިން، ޖެހެނީ ފައިސާ ނެތުމުގެ ސަބަބުން، ތަކެތި ނުގަނެވުމުގެ ސަބަބުން، މަސައްކަތް ކުރާމީހުންނަށް ފައިސާ ނުދެވުމުގެ ސަބަބުން، މަސައްކަތް ހުއްޓަލާށެވެ.

އަންދާސީ ހިސާބަކީ މަސައްކަތަކަށް ގާތްގަނޑަކަށް ހިނގާނެ ޚަރަދެވެ. އަސްލުއަދަދެއްނޫނެވެ. އަސްލު އަދަދު ދެނެގަތުމަކީ ވަރަށް އުނދަގޫކަމެކެވެ. މަސައްކަތެއްގެ އަންދާސީ ހިސާބު ހަދާއިރު، އެމަސައްކަތަކަށް ބޭނުންވާނެ ތަކެތި ހިސާބުކުރުމަށް ފަހު، އެތަކެތި ގަތުމަށް ހިގާނެ ޚަރަދު ހިސާބު ކުރުމަށްފަހު، އެތަކެތި ބޭނުންކޮށްގެން މަސައްކަތް ކުރާނެ މީހުންނަށް ދޭނެ އުޖޫރައާއި، ބޭނުންކުރާނެ އާލާތަށް ދާނެ ޚަރަދު ވަކިވަކިން ހެދުމަށް ފަހު ޖުމްލަކޮށް ހިނގާނެ ޚަރަދު ހޯދަންޖެހެވެ.
އެގޮތުން ބަލާއިރު، އެންމެ ފުރަތަމަ ބަލަނީ އަންދާސީ ހިސާބު ހޯދަން ބޭނުންވާ މަސައްކަތް ދޭހަވާގޮތަށް ތައްޔާރުކުރެވިފައިވާ ކުރެހުމެއް ހޯދުމަށެވެ. ކުރެހުން ހަދާފައި ނެތްނަމަ އެފަދަ ކުރެހުމެއް ހެދުމަށެވެ. ބޭނުންވާނެ ކުރެހުން ތަކަކީ، މަސައްކަތުގެ ބޮޑުމިން ދޭހަވާ، ގޯތި ނުވަތަ ތަނުގެ ދިގުމިނާއި ފުޅާމިންއަންގައިދޭ ޕްލޭނަކާއި، ތަނުގެ އުސްމިން އަންގައިދޭ އެލިވޭޝަން ކުރެހުމާއި، އެތެރޭގެ ތަފްސީލުތައް އަންގައިދޭ ސެކްޝަން ކުރެހުމާއި، ގުޅުވުންތައް ނުވަތަ ޖޮއިންޓުތައް އަންގައިދޭ ކުރެހުމެވެ.
ކުރެހުންތައް ލިބުމުން ދެން އެންމެ ފުރަތަމަ ހޯދާނީ މަސައްކަތުގެ އަގުކުރުމާނުލައި، މަސައްކަތްތައް ފާހަގަކޮށް އިމާރާތުގައި އެކުލެވިގެންވާ ހުރިހާ މަސައްކަތެއް ތާވަލުކުރާ އަންދާސީ ހިސާބެވެ.  އެ އީ އެހެން ގޮތަކަށް ބުނާނަމަ ބީ އޯ ކިއު އެވެ. ދެން ތަކެތީގެ އަންދާސީ ހިސާބެވެ. އެއީ ބީ އޯ އެމް އެވެ. އެއަށްފަހު މީހުންނާއި، މެޝިނަރީގެ އަންދާސީ ހިސާބެވެ. އެއަށްފަހު އެހޯދުނު އަންދާސީ ހިސާބުތަކަށް ހިގާނެ ޚަރަދު ހޯދާނީއެވެ. ޖުމްލަ އަދަދަކީ މަސައްކަތުގެ އަގުގެ އަންދާސީ ހިސާބެވެ.
މަސައްކަތެއްގެ އަންދާސީ ހިސާބު ހަދަން ފެށިއިރު ފާހަގަކުރެވުނު ހުރިހާ މަސައްކަތަކަށް އަގުކުރަން އެނގޭވަރަށް މައުލޫމާތު ނެތްނަމަ، ހިންގާފައިވާ އެހެން މަޝްރޫއުއެއްގައި ކުރެވުނު ގުޅުންހުރި މަސައްކެއްގެ އަންދާސީ ހިސާބުބަލައިގެން ގޮތެއް ނިންމިދާނެއެވެ. އަކަފޫޓަކަށް ޖެހޭވަރު ހޯދައި އާ މަސައްކަތަށް އަންދާސީ ހިސާބެއް ހެދިދާނެއެވެ. އެހެނެ ނަމަވެސް އެފަދަ އަންދާސީ ހިސާބެއްގައި ގިނަ މައްސަލަތަކެއް ހުރުން އެކަށީގެންވެއެވެ. މަސައްކަތުން ލިބޭނެ ފައިދާ ޔަގީން ނުކުރެވޭނެއެވެ.
މަސައްކަތުގެ އަންދާސީ ހިސާބު ހެދުމުގައި އެންމެ ރަނގަޅުގޮތަކީ ތަފްސީލުކޮށް އެކަން ކުރުމެވެ. އެއީ  އެމަސައްކަތް ނިމޭނެވަރަށް ފައިސާ ހަމަޖެއްސުމުގެ އިތުރުން އެކަން ކޮށްގެން ލިބޭނެ ފައިދާ ޔަގީން ކުރުމެވެ.

މަސްދަރު: އުވަދޯނި.ކޮމް
13 ފެބުރުއަރީ 2021

މިވެސް މުހިންމު