ކޮންކްރީޓުގެ ބާރު ޓެސްޓުކުރާ ގޮތް – ފުރަތަމަ ބައި

ތައްޔާރުކޮށްފައިވާ ކޮންކްރީޓްގައި އެކަށީގެންވާ ބާރު ހުރިތޯބަލާ ދެތިން ގޮތެއް އޮވެއެވެ. އެންމެ ރަނގަޅު ގޮތެއްކަމުގައި ގިނަ އިންޖިނޭރުން ދެކެނީ އަސްލު އެ ކޮންކްރީޓަށް ބާރު ދެމުންގޮސް އެ ހަލާކު  ވަންދެން ބާރު ދީ އެ ހަލާކުވީމާ އެއަށް އެރި ބާރު ނޯޓުކޮށް ކޮންކްރީޓުން ހިފާ ބާރަކީ އެއީ ކަމުގައި ކަނޑައެޅުމެވެ.

އެގޮތަށް އެކަންކުރުމަށްޓަކައި، އަލަށް އިމާރާތްކުރަމުންދާ އިމާރާތް ތަކުގައި ކޮންކްރީޓްއަޅަމުންދާއިރު އަސްލު އިމާރާތުގެ ކޮންކްރީޓުގެ އިތުރުން، ހުރިހާބިތެއް އެއްވަރު، ދިގުމިން 6 އިންޗި، ފުޅާމިން 6 އިންޗި އަދި އުސްމިންވެސް 6 އިންޗި ހުންނަ 6  ކޮންކްރީޓު  ކިއުބު ނުވަތަ  ގާ  އެކޮންކްރީޓުން ތައްޔާރު ކުރަނީއެވެ. މިދެންނެވި ގާތައް ތައްޔާރު ކުރަންވާނީ އިމާރާތުގައި ބޭނުންކުރަން ގެށި ކޮންކްރީޓުންނެވެ. ގާ އުފެއްދުމަށް ވަކިން ކޮންކްރީޓު ގަށައިގެން ނުވާނެއެވެ.

ތައްޔާރުކުރެވުނު 6 ގާ ހިކުމުން އަނެއްދުވަހު ތައްގަނޑުން ގާތައް ނެގުމަށްފަހު، ފަންސުރަކުން، ނުވަތަ މާކަރަކުން އެ ތައްޔާރުކުރި ދުވަހާއި ތަނުގެ ނަން ޖަހައި ފާހަގަކުރުމަށްފަހު، ފެން ފުރާފައި ހުރި ޓޭންކަކަށް ނުވަތަ ތައްޕަކަށް ގަންބާފައި ފެނުގެތެރޭގައި ޓެސްޓުކުރާ ދުވަސް ޖެހެންދެން ގާތައް ބަހައްޓަނީއެވެ.

އެ ތައްޔާރުކުރި 6 ގަލުގެ ތެރެއިން 3 ގާ ޓެސްޓުކުރަނީ އެ ގާތައް އެޅިދުވަހުން ފެށިގެން 7 ދުވަސްވާ ދުވަހުއެވެ.  އެހެން ގޮތަކަށް ބުނާނަމަ،  ގަލުގެ ނުވަތަ ކޮންކުރީޓުގެ އުމުރުން 7 ދުވަސް ވާދުވަހުއެވެ. ލަސްވެސް ނުވަތަ އަވަސްވެސް ނުކޮށް ބަރާބަރު އެ ދުވަހު ޓެސްޓު ކުރުން އެދެވިގެންވެއެވެ. ކޮންކްރީޓުގެ ކޮންމެ ޓެސްޓަކަށްވެސް 3 ގާ ބޭނުންވެއެވެ.

ކޮންކްރީޓު ޓެސްޓު ކުރަނީ އެކަމަށް ޚާއްސަ މެޝިނެއް ބޭނުން ކޮށްގެންނެވެ. މެޝިނުގެ ތެރޭގައި ކޮންކްރީޓު ގާ ބޭއްވުމަށްފަހު، މަތިންނާއި ތިރިން ފިއްތަމުން، ބާރު އިތުރުކުރަމުން ގޮސް ގަލަށް އިތުރަށް ބާރު ނުހިފެހެއްޓޭވަރަށް ހަލާކު ކޮށްލަނީއެވެ.   ގާ ފިއްތާ ބާރު އިތުރުކުރާނީ ސިކުންތަކު ވަކި މިންވަރެއްޖެހޭވަރަށް ޚާއްސަ މިންގަނޑެއްގެ ތެރޭގައެވެ. ބާރު އިތުރު ކުރަމުން ގޮސް ގާ ހަލާކުވާވުމުން އެ ގާ ހަލާކު ކޮށްލުމަށް މެޝިނަށް އެރި އެންމެ މަތީބާރު  މެޝިނުން ބެލެން ހުރެއެވެ. އެ ލިބުނު އަދަދު ފޮތުގައި ލިއުމަށްފަހު، ގަލުގެ  ކޮންމެވެސް އެއް ބިތެއްގެ އަކަ ހޯދުމަށް ފަހު، ބާރުއެރިވަރު ( ފޯސް، ނިއުޓަން އިން) ގެއްލާނީ އަކަމިލިމީޓަރަކަށް ބާރު ޖެހޭވަރު ހޯދާށެވެ. ކޮންކްރީޓުގެ ބާރު މިނަކީ އަކަމިލިމީޓަރަކަށް ޖެހޭ ނިއުޓަންގެ (N/mm2) އަދަދެވެ. ހަމަ އެގޮތަށް  3 ގާ ވެސް ޓެސްޓުކޮށް 3 ގަލަށް ލިބުނު ނަތީޖާ އެއެްކޮށްފައި 3 އަކުން ގެއްލައިގެން އެވަރެޖް ގަލަކަށް ޖެހޭވަރު ހޯދާނީއެވެ. އެ ލިބުނު އެވްރެޖް އަކީ 7 ދުވަހުގެ އުމުރުގައި ކޮންކްރީޓުގައި ހުރިބާރެވެ.

އިމާރާތުގައި ކޮންކްރީޓު އެޅި ދުވަހު ނެގި 6 ގަލުގެ ތެރެއިން ބާކީއޮތް 3 ގާ ޓެސްޓު ކުރާނީ އޭގެ އުމުރުން 28 ދުވަސް ވާދުވަހުއެވެ. މަތީގައި ދެންނެވިފައިވާ ފަދަ މެޝިނެއް ބޭނުންކޮށްގެން އެ 3 ގާ ވެސް ޓެސްޓު ކުރުމަށްފަހު އެ 3 ގަލުގެވެސް އެވްރެޖް ހޯދާނީއެވެ. އެ ލިބުނު އަދަދަކީ ކޮންކްރީޓުގެ 28 ވަނަ ދުވަހުގެ ބާރެވެ. ކޮންކްރީޓުގެ 7 ދުވަހުގެ ބާރަށްވުރެ 28 ވަނަދުވަހުގެ ބާރު ބޮޑުތަނުން މަތިވާނެއެވެ. މިސާލަކަށް 7 ވަނަދުވަހުގެ ބާރު ކޮންމެ އަކަމިލިމީޓަރަކަށް 15 ނިއުޓަން ހުރެފައި އުމުރުން 28 ވަނަދުވަހުގެ ބާރު 30 އަށްވުރެ ވެސް މަތިވެދާނެއެވެ. އަދި އުމުރުން ދުވަސް ވީވީހެން ކޮންކްރީޓުގެ ބާރު ދާނީ ގަދަ ވަމުންނެވެ. އަދި ކޮންކްރީޓުގެ މުޅި އުމުރުގައިވެސް އެކަން ކުރިއަށް ދާކަމަށް ވެއެވެ.

އެހެން ނަމަވެސް ކޮންކްރީޓުގެ އުމުރުން 28 ދުވަސްފަހުން މިދެންނެވި ބާރު އިތުރުވާ މިންވަރު ދަށްވެއެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި އެ އިތުރުވާ މިންވަރު 28 ވަނަދުވަހުގެ ފަހުން މާ ބޮޑަށް ދަށްކަމަށް ވާތީ ކޮންކްރީޓުގެ ބާރު ކަމުގައި ކަނޑައަޅަނީ އޭގެ އުމުރުން 28 ވަނަދުވަހުގެ ބާރެވެ.

އެހެންކަމަށް ވާނަމަ،  އުފެދިދާނެ ސުވާލަކީ ކޮންކްރީޓުގެ އުމުރުން 7 ވަނަ ދުވަހު އާއި، އަދި ބައެއްފަހަރު ފަހަރު 14 ވަނަދުވަހުގެ ވެސް ޓެސްޓު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އޭގެ ބޭނުމަކީ 7 ވަނަދުވަހުގެ ކޮންކްރީޓުން ލިބޭ ބާރުގެ އަދަދު ބޭނުންކޮށްގެން ކޮންކްރީޓުގެ 28 ވަނަދުވަހުގެ ލިބިދާނެ ބާރު އަންދާޒާ ކުރުމެވެ. އެގޮތުން 28 ވަނަދުވަހު ލިބެންޖެހޭ ބާރަށްވުރެ މަތީ އަދަދެއް އަންދާޒާ ނުކުރެވުނު އެ ކޮންކްރީޓު ތަޅާލައި ނަގަން ނިންމުމަށްޓަކައެވެ.

ކޮންކްރީޓުގެ ބާރު ބަލާ ކުންފުނިތައް ރާއްޖޭގައި ހުރެއެވެ. އެފަދަ ކުންފުނިތަކަށް ކޮންކްރީޓުގާ ފޮނުވައިގެން ޓެސްޓު ކުރެވެން ހުރެއެވެ. އަދި ބައެއް ކުންފުނިތަކުން އެތަންތަނުގެ މުވައްޒަފުން ސައިޓުތަކަށް ފޮނުވައިގެން ކޮންކްރީޓު ގާ ހަދައިގެން ޓެސްޓު ކޮށްދޭ ކަމަށް ވެއެވެ.

މަސްދަރު: އުވަދޯނި.ކޮމް
ޢަދުނާން ޢަލީ
08 ޖެނުއަރީ 2021

މިވެސް މުހިންމު