ތައިރޮއިޑް ދުޅަވުން(thyroiditis) ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ.
ތައިރޮއިޑް ދުޅަވުގެ ސަބަބުން ބައެއް ފަހަރު ތައިރޮއިޑް މަތިވުން އަނެއްބައި ފަހަރު ތައިރޮއިޑް ދަށްވުން ކުރިމަތިވެދާނެ އެވެ.
ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް އާންމު ގޮތެއްގައި 3 މަރުހަލާއަކަށް ބެހިގެން ގޮސްފައި ވެއެވެ.
(ހ) ތައިރޯޓޮކްސިކް މަރުހަލާ (thyrotoxic phase): މިމަރުހަލާގައި ތައިރޮއިޑް ދުޅަވެ، މާގިނައިން ތައިރޮއިޑް ގްލޭންޑް އިން ހޯރމޯން ދޫކޮށްފާނެ އެވެ. އަދި ވަގުތީ ގޮތުން ތައިރޮއިޑް މަތިވުން ކުރިމަތިކުރުވާނެ އެވެ.
(ށ) ހައިޕޯތައިރޮއިޑް މަރުހަލާ (hypothyroid phase): ދެތިން ހަފްތާއަށް ނުވަތަ މަހަށް ތައިރޮއިޑް ގްލޭންޑް އިން މާގިނައިން ތައިރޮއިޑް ހޯރމޯން ދޫކުރުމުން ތައިރޮއިޑް ގްލޭންޑް ގައި އިތުރަށް ދޫކުރާނެ ތައިރޮއިޑް ހޯރމޯން އެއް އެކަށޭނަ ވަރަކަށް ނުހުރެއެވެ. މިގޮތަށް ތައިރޮއިޑް ހޯރމޯން ދޫކުރުން މަދުވުމުން ތައިރޮއިޑް ދަށްވުން ކުރިމަތި ކުރުވައެވެ. ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އަދި ރޭޑިޔޭޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ދާއިމީ ގޮތެއްގައި ދެމިހުންނަނީ ހައިޕޯތައިރޮއިޑް މަރުހަލާ ގައެވެ.
(ނ) ޔޫތައިރޮއިޑް މަރުހަލާ (euthyroid phase): މިމަރުހަލާގައި އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުންނާނީ ރަނގަޅަށެވެ. މާނައަކީ ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުން ވެސް ކުރިމައްޗެއް ނުވާނެ އެވެ. މިމަރުހަލާ ތައިރޮއޑް މަތިވުން ކުރިމަތިވުމަށްފަހު ތައިރޮއިޑް ދަށްވުން ކުރިމަތިވުމުގެ ކުރިން އެދެމެދުގެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ އެވެ.
ސަބަބު
ތައިރޮއިޑް ދުޅަވުން ކުރިމަތިވަނީ ތައިރޮއިޑް އަށް ކުރިމަތިވާ ކަމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވެ، އިންފްލެމޭޝަން ހެދި، ތައިރޮއިޑް ސެލް ތަކަށް ގެއްލުންވުމުންނެވެ. ތައިރޮއިޑްގެ ވައްތަރަށް ރިޢާޔަތްކޮށް ތައިރޮއިޑް ދުޅަވުން ކުރިމަތިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ.
ތައިރޮއިޑް ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު ކަމަކީ އުޓޯއިމިޔޫން ޑިޒީޒް ކުރިމަތިވުމެވެ. އުޓޯއިމިޔޫން ޑިޒީޒް ތަކަކީ އަމިއްލަ ހަށިގަނޑުގެ ދިފާޢީ ނިޒާމް އަމިއްލަ ހަށިގަނޑާއި ދެކޮޅަށް މަސައްކަތްކޮށް ހަމަލާދިނުމުން ފެންމަތިވާ ބަލިތަކެކެވެ. އެގޮތުން ތައިރޮއިޑް ދުޅަވުން އެންމެ ގިނައިން ކުރިމަތިވަނީ ދިފާޢީ ނިޒާމުގައި ހިމެނޭ ހަށިދަމަނަތަކުން ތައިރޮއިޑް ގްލޭންޑް އަށް ނުވަތަ ތައިރޮއިޑް ސެލްތަކަށް ހަމަލާދިނުމުންނެވެ.
ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކާ އޭގެ ސަބަބުތައް ތައިރޮއިޑް ދުޅަވުމުގެ ވައްތަރު މިބައިގައި ލިޔެފައިވާނެ އެވެ.
ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް
ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.
(ހ) ހަޝިމޮޓޮސް ތައިރޮއިޑައިޓިސް (Hashimoto’s Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑަށް ޖެހޭ އުޓޯއިމިއޫން ބައްޔެކެވެ. ބައެއް ފަހަރު މިބައްޔަށް ކްރޯނިކް ލިމްފޯސައިޓިކް ތައިރޮއިޑައިޓިސް މިހެން ވެސް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މިބަލި ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން ހަމަލާދޭ ނުވަތަ މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުންނެވެ. ތައިރޮއިޑް ދުޅަވުމުގެ އެންމެ އާންމު ސަބަބަކީ އަދި އެންމެ އާންމު ވައްތަރަކީ ވެސް މިއީ އެވެ. މީގެ އިތުރުން ތައިރޮއިޑް ދަށްވުން ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކީ ވެސް މިއީ އެވެ.
ވައްތަރު: ހަޝިމޮޓޯސް ތައިރޮއިޑައިޓިސް
ސަބަބު: އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން
އަލާމާތްތައް: ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް
ކުރިއެރުން: ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!
(ށ) ތަދުނުވެ ތައިރޮއިޑް ދުޅަވުން ނޫނީ ސައިލެންޓް ތައިރޮއިޑައިޓިސް (Painless Thyroiditis): ތަދު ނުވަތަ ރިހުމެއް އިހުސާސެއްނުވެ ތައިރޮއިޑް ގްލޭންޑް ދުޅަވުމަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ.
ވައްތަރު: ސައިލެންޓް ތައިރޮއިޑައިޓިސް
ސަބަބު: އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން
އަލާމާތްތައް: ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެނުން
ކުރިއެރުން: އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!
(ނ) ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން (Postpartum Thyroiditis): ވަރަށް މަދުން ކުރިމަތިވާ މިބައްޔަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ. އާންމު ގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ ވިހެއުމަށްފަހު އަންނަ އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
ވައްތަރު: ޕޯސްޓްޕާރޓަމް ތައިރޮއިޑައިޓިސް
ސަބަބު: ވިހެއުމަށްފަހު އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން
އަލާމާތްތައް: ވިހެއުމަށްފަހު 3-1 މަހާއި ދެމެދުގެ މުއްދަތަކަށް ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި، ވިހެއުމަށްފަހު 8-4 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެންނަށް ފެށުން!
ކުރިއެރުން: އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!
(ރ) ރޭޑިއޭޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Radiation induced Thyroiditis): މިއީ ބައެއް ކަހަލަ ކެންސަރުތަކުގެ ފަރުވާގައި ދެވޭ ރޭޑިއޭޝަން ތެރަޕީގެ ތެރެއިން ރޭޑިއޭޝަނަށް ހުށަހެޅުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. ތައިރޮއިޑް ގެ މަސައްކަތް މަތިވުމުން އޭގެ ފަރުވާގައި ރޭޑިއޯއެކްޓިވް އަޔޮޑިން ބޭނުންކުރުމުގެ ސަބަބުން ވެސް މިގޮތަށް ތައިރޮއިޑް ގްލޭންޑް ދުޅަވެދާނެ އެވެ.
ވައްތަރު: ރޭޑިއޭޝަން އިންޑިއުސްޑް ތައިރޮއިޑައިޓިސް
ސަބަބު: ތައިރޮއިޑް މަތިވުމުން ދޭ ފަރުވާގައި ރޭޑިއޯ އެކްޓިވް އަޔޮޑިން ނެގުން ، ނޫނީ ކެންސަރުގެ ފަރުވާގައި ރޭޑިއޭޝަންގެ ފަރުވާ ނެގުން
އަލާމާތްތައް: ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް
ކުރިއެރުން: ތައިރޮއިޑް މަތިވުމުން ރަނގަޅުވެ، އަނެއްކާ ވެސް ކުރިމަތިވެދާނެ! ތައިރޮއިޑް ދަށްވުމުން ދާއިމަށް ހުރެދާނެ! އެކަމަކު ފަރުވާ ކުރެވިދާނެ!
(ބ) ސަބްއެކިއުޓް ތައިރޮއިޑައިޓިސް (Subacute Thyroiditis): ވަރަށް ރިހުން ހުންނަ މިހާލަތް ގިނަ ފަހަރު ކުރިމަތިވަނީ ވައިރަސް އެއްގެ ސަބަބުން މިސާލަކަށް އަރިދަފުސް ރޯގާ ފަދަ އިންފެކްޝަން ތައް ޖެހުމަށްފަހުގައެވެ.
ވައްތަރު: ސަބްއެކިއުޓް ތައިރޮއިޑައިޓިސް
ސަބަބު: ވައިރަލް އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން
އަލާމާތްތައް: ތައިރޮއިޑްގައި ރިހުން، އެއަށްފަހު ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ، އަދި އެއާއި ވިދިގެން ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް
ކުރިއެރުން: އަލާމާތްތަކަށް ދެތިން މަސް ތެރޭގައި ލުއިކަން ލިބޭނެ! ވަރަށް މަދު ފަހަރަކު ތައިރޮއިޑް ދަށްވުން ދެމިހުރެދާނެ! އެކަމަކު ފަރުވާކުރެވޭނެ!
(ޅ) އިންފެކްޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން، ނޫނީ އެކިއުޓް ތައިރޮއިޑައިޓިސް (Infectious Thyroiditis): މިއީ ކޮންމެވެސް ކަހަލަ ބެކްޓީރިޔާއެއް ނޫނީ ޖަރާސީމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވުމެވެ. މިއީ ވެސް ވަރަށް މަދުން ދިމާވާ ހާލަތެކެވެ.
ވައްތަރު: އެކިއުޓް ތައިރޮއިޑައިޓިސް / ސަޕިއުރޭޓިވް ތައިރޮއިޑައިޓިސް
ސަބަބު: ބެކްޓީރިޔާ އެއް ނޫނީ އެހެން ޖަރާސީމެއްގެ ސަބަބުން އުފެދޭ އިންފެކްޝަން
އަލާމާތްތައް: ތައިރޮއިޑް ގައި ރިހުން، އާދައިގެ އިންފެކްޝަންގެ އުދަނގޫތައް ފެނިފައި، ތައިރޮއިޑް ދަށްވުމުގެ އުދަނގޫތައް ފެނުން
ކުރިއެރުން: އިންފެކްޝަން އަށް ފަރުވާކުރުމުން ބަލީގެ އުދަނގޫތައް ލުއިވެގެންދޭ!
(ކ) ބޭހެއްގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Drug induced Thyroiditis): މިއީ ބައެއް ކަހަލަ ބޭސްތައް މިސާލަކަށް “އެމިއެޑެރޯން”، “ލިތިއަމް”، “އިންޓަފީރޯން” އަދި ” ސައިޓޯކައިން” ފަދަ ބޭސް ތައް ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް ދުޅަވުން ކުރިމަތިވުމެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ މިފަދަ ބޭސްތައް ބޭނުންކުރާ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.
ވައްތަރު: ޑްރަގް އިންޑިއުސްޑް ތައިރޮއިޑައިޓިސް
ސަބަބު: އެމިއެޑެރޯން، ލިތިއަމް، އިންޓަފީރޯން ފަދަ ބޭސްތައް ބޭނުންކުރުން
އަލާމާތްތައް: ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެންނާނެ!
ކުރިއެރުން: ބޭސް ކާހައި ދުވަހަކު އުދަނގޫތައް ދެމިހުންނާނެ!
(އ) ރީޑެލް ތައިރޮއިޑައިޓިސް (Riedel Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑް ދާއިމީ ސިފައެއްގައި ދުޅަވެ، ތައިރޮއިޑް ގްލޭންޑް ލަކުނުލުން ކުރިމަތި ކުރުވާ ވަރަށް ނާދިރު ބައްޔެކެވެ.
ތައިރޮއިޑް ދުޅަވުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑު މީހުން
ތައިރޮއިޑް ދުޅަވުން ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އާންމުކޮށް ކުރިމަތިވަނީ ބޮޑެތި މީހުންގެ ތެރެއިން ވެސް އަންހެނުންނަށް ކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ހަޝިމޮޓޮސް ތައިރޮއިޑައިޓިސް ފަދަ ވައްތަރުތައް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް 10 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ. ޚާއްޞަގޮތެއްގައި މިވައްތަރު ކުރިމަތިވަނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. ދެވަނަ އަށް އެންމެ އާންމު ތަދުނުވެ ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ވެސް ބޮޑަށް އާންމީ އަންހެނުންގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ތައިރޮއިޑް ދުޅަވުމުގެ އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، އެހުރި މަރުހަލާއެއްގެ މައްޗަށެވެ. ތައިރޮއިޑް ދުޅަވުމުގެ ގިނަ ވައްތަރުތަކުގައި ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތަކަށްފަހު، ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް ފާހަގަވާން ފަށައެވެ.
އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް އަދި އިންފެކްޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުމުން ތައިރޮއިޑް ހުންނަ ހިސާބުގައި ރިހުން އުފައްދައެވެ. ތައިރޮއިޑް ދުޅަވާ ބައެއް މީހުންނަށް ތައިރޮއިޑް ގްލޭންޑް ދުޅަވެ އޭގެ ސައިޒުން ބޮޑުވެ، “ގޮއިޓަރ” ކުރިމަތި ކުރުވައެވެ.
ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތައް
އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވެ ކުރިމަތިވާ ތައިރޯޓޮކްސިކް މަރުހަލާ ދެމިހުންނަނީ ގާތްގަނޑަކަށް 3-1 މަހާއި ދެމެދުގެ މުއްދަތަކަށެވެ. ތައިރޮއިޑް ސެލްތައް ހަލާކުވެ، އެއިން ތައިރޮއިޑް ހޯރމޯންތައް ގިނައިން ދޫކުރަން ފެށުމުން ނޫނީ އުފެއްދުމުން “ހައިޕަތައިރޮއިޑިޒަމް”(hyperthyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.
- ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން
- ކާހިތްވުން
- ބަރުދަން ލުއިވުން
- ރުޅިގަދަވުން / ނުތަނަވަސްވުން
- ނިދަން އުދަނގޫވުން
- މާބޮޑަށް ދާހިއްލުން
- މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން
- ތުރުތުރުއެޅުން
ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް
އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ހައިޕޯތައިރޮއިޑް މަރުހަލާ ގިނަ ދުވަހަށް ނޫނީ ދާއިމަށް ދެމިހުރެއެވެ. އާދަޔާ ޚިލާފަށް މަދުން ތައިރޮއިޑް ހޯރމޯން އުފެއްދުމުން “ހައިޕޮތައިރޮއިޑިޒިމް”(hypothyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.
- ވަރުބަލިވުން
- ބަރުދަން އިތުރުވުން
- ބަނޑުހަރުވުން
- މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން
- ހަންގަނޑު ހިކި ކުރަކިވުން
- ފިނިވުމުން އުދަނގޫވުން
- މަސްތަކުގެ ވަރުދެރަވުން
- ހަދާންނެތުން
- ކަންކަމަށް ސަމާލުކަން ދޭން ދަތިވުން
ދެނެގަތުން
ތައިރޮއިޑް ދުޅަވުން ހުރިކަން ދެނެގަތުމަށްޓަކައި ބަލިމީހާ ބަލާ ބެލުންތަކުގައި ތަފާތު ސުވާލުތައް ކޮށް މައުލޫމާތު އަހައި އޮޅުން ފިލުވައި ސާފުކުރާނެއެވެ. ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކާ ގުޅޭ ގޮތުން ސުވާލުކޮށް ހަދާނެއެވެ. މީގެ އިތުރުން ކަރުގައި ތައިރޮއިޑް ގްލޭންޑް ހުންނަ ހިސާބު ވެސް ބަލައި ހަދާނެއެވެ. ތައިރޮއިޑް ދުޅަވުން ފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އަންނަނިވި ޓެސްޓުތައް ހަދަން ޑޮކްޓަރުން ލަފާދޭނެ އެވެ.
(ހ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން (thyroid function tests): މިއީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލުމަށް ހެދޭ ލޭގެ ޓެސްޓެކެވެ. ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން އުފައްދައި ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(ށ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން (thyroid ultra sound scan): ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތައިރޮއިޑް ގްލޭންޑްގެ އެނަޓަމީ ނުވަތަ އުފެދިފައި ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑްގައި ނޮޑިއުލް އުފެދިފައިހުރުން، ތައިރޮއިޑް ގްލޭންޑް އަށް ލޭފޯރުވުން، އަދި ތައިރޮއިޑް ގްލޭންޑް ގެ ސައިޒަށް އައިސްފައިވާ ބަދަލުތައް ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.
(ނ) ތައިރޮއިޑް އެންޓިބޮޑީ ޓެސްޓުތައް (thyroid antibodies tests): ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށް ބަލައި ބައެއް ފަހަރު ހަޝިމޮޓޮ’ސް ތައިރޮއިޑައިޓިސް އަދި ގްރޭވްސް ބަލި ފަދަ އުޓޯއިމިޔޫން ޑިސްއޯޑަރ އާއި ގުޅުންހުރި އެންޓިބޮޑީ އެއް ދެނެގަތުމަށް ލޭގެ އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން ދެނެގަންނަ އެންޓިބޮޑީ ތަކުގެ ތެރޭގައި “އެންޓިތައިރޮއިޑް އެންޓިބޮޑީޒް”(TPO) ، އަދި “ތައިރޮއިޑް ރިސެޕްޓަރ ސްޓިމިއުލޭޓިންގ އެންޓިބޮޑީޒް”(TRAb) ފަދަ ހަށިދަމަނަތައް ހިމެނެއެވެ. މިއީ ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އުޓޯއިމިއޫން ބައްޔެއްގެ ސަބަބުން ނޫނީ ސަބަބަކާއި ހެދިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
(ރ) އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް ބެލުން (ESR): މިއީ ހަށިގަނޑުގައި އިންފްލެމޭޝަން އެއް ހުރިތޯ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް ގައި އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް އަވަސްވާނެ އެވެ. ނޫނީ މަތިވާނެ އެވެ.
(ބ) ސީ-ރިއެކްޓިވް ޕްރޮޓީންގެ މިންވަރު ބެލުން (CRP): ސީ-ރިއެކްޓިވް ޕްރޮޓީން އަކީ ވެސް އިންފްލެމޭޝަންގެ އަސަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި އެކިއުޓް އިންފެކްޝަސް ތައިރޮއިޑައިޓިސް ގައި ސީ ރިއެކްޓިވް ޕްރޮޓީން އާދަޔާ ޚިލާފަށް މައްޗަށްދާނެ އެވެ.
(ޅ) ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް ޓެސްޓް (RAIU test): މިޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ކުޑަ މިންވަރެއް ބަލިމީހާއަށް ދެވޭނެ އެވެ. އެއަށްފަހު ޚާއްޞަ ސްކޭނިންގ ޑިވައިސް އެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ މިންވަރާއި، ނިސްބަތް ބެލޭނެއެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ “ތައިރޯޓޮކްސިކް މަރުހަލާ” ގައި މިގޮތަށް ތައިރޮއިދް ގްލޭންޑް އަށް އަޔޮޑިން ނަގާ މިންވަރު ދަށްވެ، މަދުވާނެ އެވެ.
ފަރުވާ
ތައިރޮއިޑް ދުޅަވުމުގެ ފަރުވާ ބިނާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، ކުރިމަތިވެފައިވާ އަލާމާތްތަކުގެ މައްޗަށެވެ.
ތައިރޮއިޑް ދުޅަވެ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ
ތައިރޮއިޑް ދުޅަވުމުގެ ސަބަބުން ކުރިމަތިވާ މަރުހަލާތަކުގެ ތެރެއިން “ތައިރޯޓޮކްސިކް މަރުހަލާ” ކުރިމަތިވެފައިވާނަމަ ފަރުވާގައި ބީޓާ ބްލޮކަރ ގުރޫޕްގެ ބޭސްތައް ބޭނުންކުރަންޖެހިދާނެ އެވެ. އެގޮތުން ބީޓާ ބްލޮކަރ ބޭނުންކުރުމުން ވިންދު އަވަސްވުމާއި، ތުރުތުރުއެޅުން ފަދަ އުނދަގޫތަކަށް ލުއިކަން ލިބެއެވެ. އުދަނގޫތަކަށް ލުއި ލިބުމުން ބޭސް ހުއްޓައިލައިފާނެއެވެ. ޚާއްޞަކޮށް ތައިރޯޓޮކްސިކް މަރުހަލާ އަކީ ކުރު މުއްދަތަކަށް ދެމިހުންނަ މަރުހަލާއަކަށް ވުމުން އެމަރުހަލާ ނިމުމުން އުދަނގޫތައް ވެސް ލުއިވެދާނެ އެވެ.
ތައިރޮއިޑް ދުޅަވެ ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ
ތައިރޮއިޑް ދުޅަވެ އޭގެ ވައްތަރެއް ކަމުގައިވާ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އެކަމުގެ ސަބަބުން ތައިރޮއިޑް ދަށްވުން ކުރިމަތިވެ، ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ނަގަންޖެހެއެވެ. ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ގެ ސަބަބުން ތައިރޮއިޑް ދުޅަވިނަމަ، މުޅި އުމުރަށް ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ބޭނުންކުރަންޖެހޭނެ އެވެ. ސަބަބަކީ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް އަކީ އާންމު ގޮތެއްގައި ދާއިމަށް ދެމިހުންނަ ކަމަކަށް ވާތީ އެވެ.
ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކުގެ ތެރެއިން ސަބްއެކިއުޓް ތައިރޮއިޑައިޓިސް، ތަދުނުވެ ތައިރޮއިޑް ދުޅަވުން، ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން ކުރިމަތިވުން ފަދަ ހާލަތްތަކުގައި ތައިރޮއިޑް ދަށްވުން ކުރިމަތި ވެއެވެ. މިހާލަތްތަކުގައި ފަރުވާ ގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ގާތްގަނޑަކަށް 12-6 މަހާއި ދެމެދުގެ މުއްދަތަކަށް ނަގަންޖެހިދާނެ އެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭސް ހުއްޓާލާނީ މަޑުމަޑުން ހުއްޓަމުން މަދުކުރަމުން ގޮހެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ތައިރޮއިޑް ދަށްވުން ދާއިމީ ސިފައެއްގައި ކުރިމަތިވެފައިވޭތޯ ބެލުމެވެ.
ތައިރޮއިޑް ދަށްވުން ވަރަށް އާދައިގެ މިންވަރަކަށް ކުރިމަތިވި ނަމަ އެއްވެސް ބޭހެއް ބޭނުންކުރާކަން ނުޖެހޭނެ އެވެ.
ތައިރޮއިޑް ދުޅަވުމުން ދެވޭ އެހެނިހެން ފަރުވާތައް
ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އިންފެކްޝަން އެއްގެ ސަބަބުން ކަމުގައިވާނަމަ އިންފެކްޝަނަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭނެ އެވެ. ތައިރޮއިޑް ގްލޭންޑްގައި މުލިހި ފާޑުގެ އެއްޗެއް އުފެދިއްޖެނަމަ ސިރިންޖް ކައްޓަކުން ދޮސްތަކާއި ހަޑި ފެންތައް ނެރެ ސާފުކުރަންޖެހޭނެ އެވެ. އަދި އެގޮތުން ނެގޭ ދޮސް ފަދަ ތަކެތި ބަޔޮޕްސީ ހެދުމަށް ބޭނުންކުރެވޭނެ އެވެ.
ބޭހުގެ ސަބަބުން ތައިރޮއިޑް ދުޅަވުން ކުރިމަތިވިނަމަ ބޭސް ހުއްޓާލަންދެން ތައިރޮއިޑް ދުޅަވުމުގެ މައްސަލަ ދެމިހުންނާނެ އެވެ. އެހާލަތުގައި ޑޮކްޓަރުން ބޭސް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ތައިރޮއިޑް ދުޅަވުން މެދުވެރި ކުރުވާ ބޭސް ކަމުންދާ ދުވަސްވަރު އެއާއެކު ތައިރޮއިޑް ހޯރމޯން ނެގުމަށް ލަފާދީފާނެ އެވެ.
ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ރިހުމާއި ތަދު ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ވަރަށް ގަދަޔަށް ރިހުން ހުންނަ ހާލަތްތަކުގައި ފަރުވާގެ ގޮތުގައި ސްޓީރޮއިޑް ވެސް ބޭނުންކުރަން ޖެހިދާނެ އެވެ. ރީޑެލް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ހަވާލާ
- https://my.clevelandclinic.org/health/diseases/15455-thyroiditis
- https://familydoctor.org/condition/thyroiditis
- https://www.webmd.com/a-to-z-guides/what-is-thyroiditis