ތައިރޮއިޑް ކެންސަރު

ތައިރޮއޑް ކެންސަރު(thyroid cancer) ނުވަތަ ތައިރޮއިޑް ގްލޭންޑް ގެ ކެންސަރަކީ ތައިރޮއިޑް ގްލޭންޑްގެ ސެލް/ދިރު ތަކުން އުފެދިގެން އަންނަ ކެންސަރެކެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ވަރަށް ލަސްލަހުން ހެދިބޮޑުވާއިރު، އަނެއްބައި ވައްތަރުތައް ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސަބަބުން ނުރައްކާތައް ކުރިމަތިކުރުވާކަން ފާހަގަ ކުރެވެއެވެ. ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތައް ފަރުވާދީގެން ރަނގަޅު ކުރެވެއެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ލަގޮޑިވަޅަށްވުރެ ތަންކޮޅެއް މަތީގައި ވައިނޮޅި ކަށިގަނޑުގެ ދަށުގައި ކަރުމަތީގައި އިންނަ ގްލޭންޑް އެކެވެ. މިގްލޭންޑް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ކަނާތް ފަރާތު ބައި އަދި ވާތް ފަރާތު ބައި އެވެ. މިދެބައި ވަނީ އެއްބައި އަނެއްބަޔާއި ގުޅިފައެވެ. މިގްލޭންޑްގެ މަސައްކަތަކީ ބޭނުންކުރާ ކާނާގައި ހިމެނޭ އަޔޮޑިންގެ މާއްދާ ލެޔާއި ގުޅުވައިދީގެން ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި އުފައްދައި ދިނުމެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯރމޯން ތަކުން ހަށިގަނޑު ބަރާބަރަށް ހިނގުމަށް ބޭނުންވާ ބައެއް މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރި ވެއެވެ. އޭގެ ތެރޭގައި ހިތުގެ ވިންދާއި، ލޭގެ ޕްރެޝަރު، އަދި ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ސަބަބު

ތައިރޮއިޑް ކެންސަރު ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑްގެ ސެލްތަކުގެ ޑީއެންއޭ(DNA) އަށް ބަދަލުއައުމުންނެވެ. ސެލްގެ ޑީއެންއޭ ގައި އެސެލްއެއް ކުރަންވީ ކަންތައް ބުނެދޭނެ އިރުޝާދު ތައް ރައްކާކުރެވިފައި ހުރެއެވެ. ޑީއެންއޭ އަންނަ ބަދަލުތަކުގެ ސަބަބުން ސެލްތައް އަވަހަށް ހެދިބޮޑުވެ، އިތުރުވުމަށް ބާރުއަޅައެވެ. ނޫނީ ބުނެދެއެވެ. ދުޅަހެޔޮ ރަނގަޅު ސެލްތައް އޭގެ ޒާތުގައި މަރުވެދާއިރު ވެސް މިފަދަ ސެލްތައް ދިރިހުރެއެވެ. އަދި ސެލްތައް އެއްވެ އެއްބޮޑިވެ، ސެލް ފުނިވަރެއްގެ ސިފަޔަށް އުފެދެއެވެ. އާންމު ގޮތެއްގައި “ޓިއުމަރު” ކިޔަނީ މިފަދަ ސެލް ބޮޑިވަރަކަށެވެ.

ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ޓިއުމަރު ބޮޑުވެ، ވަށައިގެންވާ ސެލޯށިތަކުގެ ތެރެއަށް ވަދެގެންދެއެވެ. ކަރުގައި ހުންނަ ލިމްފް ގޮށްތަކުގެ ޒަރީޢާއިން ދުރަށް ފެތުރެއެވެ. ބައެއް ފަހަރު ކެންސަރުގެ ސެލްތައް ކަރަށްވުރެ ދުރަށް . ފުއްޕާމެޔަށް، ކައްޓަށް އަދި ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރޭގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ތައިރޮއިޑް ގްލޭންޑް ގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ނުވަތަ މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

 • އަންހެނުން: ފިރިހެނުންނަށްވުރެ އަންހެނުންނަށް ތައިރޮއިޑް ކެންސަރު ޖެހުމުގެ ފުރުޞަތު ޖެހުމުގެ ބޮޑެވެ. ބެލެވިފައިވާގޮތުގައި މިއީ އަންހެނުންގެ ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯން އިތުރުވުމުން ދިމާވާ ގޮތެކެވެ.
 • ރޭޑިޔޭޝަންގެ މަތީ މިންވަރަކަށް ހުށަހެޅުން: ކަރުންމަތީގެ ހިސާބުތަކަށް ރޭޑިޔޭޝަންގެ ފަރުވާ ދިނުމަކީ ތައިރޮއިޑް ކެންސަރުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
 • ވާރުތަވާ ބައެއް ބަލިތައް: ވާރުތަވާ ބައެއް ބަލިތައް މިސާލަކަށް ކަވްޑެން ސިންޑްރޯމް، މަލްޓިޕްލް އެންޑޮކްރައިން ނިއޯޕްލޭޒިއާ، އަދި ފެމިލިއަލް އެޑީނަމޮޓަސް ޕޮލީޕޯސިސް ފަދަ ބަލިތަކުގެ ސަބަބުން ތައިރޮއިޑް ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެއެވެ.

ތައިރޮއިޑް ކެންސަރުގެ ވައްތަރުތައް

ޓިއުމަރުގައި ހުންނަ ސެލްތަކަށް ރިއާޔަތްކޮށް ތައިރޮއިޑް ކެންސަރު ބަހާލެވިފައިވަނި ދެބަޔަކަށެވެ. ތައިރޮއިޑް ކެންސަރުގެ ވައްތަރު ކަނޑައެޅެނީ ޓެސްޓުކުރުމަށްފަހު ގައެވެ. ތައިރޮއިޑް ކެންސަރަށް ފަރުވާކުރުމުގައި ތައިރޮއިޑް ކެންސަރުގެ ވައްތަރަށް ރިޢާޔަތްކުރެވެއެވެ.

އެގޮތުން ތައިރޮއިޑް ކެންސަރުގެ ފާހަގަކުރެވޭ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރު ތައް

ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރު(differentiated thyroid cancer) ތަކަކީ ތައިރޮއިޑް ގްލޭންޑްގެ ފޮލިކިއުލަރ ސެލް ތަކުން އުފަންވެގެން އަންނަ ތައިރޮއިޑް ކެންސަރެވެ. ފޮލިކިޔުލަރ ސެލް ތަކަކީ ތައިރޮއިޑް ހޯރމޯން އުފައްދާ ސެލްތަކެވެ. މައިކްރޮސްކޯޕެއްގެ ދަށަށް ލައިގެން ބަލައިފިނަމަ، މިވައްތަރުގެ ސެލްތައް (ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ސެލް) ތައް ފެންނާނީ ދުޅަހެޔޮ ސެލްތަކާ ދާދި އެއްގޮތަށެވެ. ގިނަ ތައިރޮއިޑް ކެންސަރ އަކީ މިވައްތަރުގެ ކެންސަރ އެވެ.މިފަދަ ކެންސަރ ގައި އެކުލެވޭ ސެލްތައް ރަނގަޅު ތައިރޮއިޑް ސެލްއާވަރަށް ވައްތަރުވާނެއެވެ. މިވައްތަރުތަކަކީ ތައިރޮއިޑް ގެ ފޮލިކިއުލަރ ވައްތަރުގެ ސެލްއިން އުފެދޭ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021).

(ހ) ޕެޕިލަރި ތައިރޮއިޑް ކެންސަރު (papillary thyroid cancer): ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރ ގެ ތެރެއިން 8 ކެންސަރަކީ މިވައްތަރެވެ. އާންމުކޮށް މިފަދަ ކެންސަރ އުފެދޭނީ ވަރަށް ލަސް ލަހުންނެވެ. އަދި އާންމުކޮށް އުފެދޭނީ ގްލޭންޑް ގެ އެއްފަޅީގައެވެ. ލަހުން އުފެދި އިތުރުވީކަމުގައި ވިޔަސް މިވައްތަރު އާންމުކޮށް ފެތުރޭނީ ކަރުގެ ގޮށްތަކަށެވެ. މިފަދަ ކެންސަރ ގޮށްތަކަށް ފެތުރުމަށް ފަހުވެސް ކާމިޔާބުކަމާ އެކު ފަރުވާކުރެވި ޝިފާލިބެއެވެ (ޑރ މުހައްމަދު ޝިފާން، 2021). ތައިރޮއިޑް ކެންސަރުގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. މިވައްތަރުގެ ކެންސަރު ކޮންމެ އުމުރެއްގައި ވެސް ޖެހިދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް ފާހަގަކުރެވެނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ފުށުންނެވެ. މިވައްތަރުގެ ގިނަ ކެންސަރު ހުންނަނީ ވަރަށް ކުދިކޮށެވެ. އަދި ފަރުވާކޮށްގެން ފަސޭހަ ކަމާއެކު ރަނގަޅުކުރެވެއެވެ. މިވައްތަރުގެ ކެންސަރުގެ ވަރަށް މަދު މިންވަރެއް ކަރުގެ ސެލޯށިތަކަށް ނޫނީ ހަށިގަނޑުގެ އެހެން ހިސާބަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު (follicular thyroid cancer): ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރުގެ ތެރެއިން 1 ކެންސަރ އަކީ މިވައްތަރުގެ ކެންސަރއެވެ. މިފަދަ ވައްތަރު އާންމުކޮށް ގިނައިން ފެންނަނީ ކެއުމުގައި ހަށިގަނޑަށް ލިބެންވާ އަޔޮޑިން ނުލިބޭ މީހުންނަށެވެ. މިވައްތަރަކީ ގޮށް ތަކަށް ފެތުރޭ ވައްތަރެއްނޫނެވެ. ނަމަވެސް ދުރުހިސާބުތަކަށް ފެތުރޭ ވައްތަރެކެވެ.(މިސާލަކަށް ކައްޓާ، ފުއްޕާމޭ ފަދަ ގުނަވަނެވެ). މިވައްތަރަކީ ވެސް ފަރުވާ އަށް ފަހު ޝިފާލިބޭ މިންވަރު ރަނގަޅު ވައްތަރެކެވެ (ޑރ މުހައްމަދު ޝިފާން، 2021). މިއީ ތަންކޮޅެއް މަދުން ފެންނަ ވައްތަރެކެވެ. އާންމު ގޮތެއްގައި ފާހަގަކުރެވެނީ އުމުރުން 50 އަހަރަށްވުރެ މަތީ އުމުރުގެ މީހުންގެ ފުށުންނެވެ. ބައެއް ފަހަރު މިކެންސަރު ދުރު ހިސާބުތަކުން ފެތުރެއެވެ. އެގޮތުން ފުއްޕާމޭ، އަދި ކަށްޓަށް ފެތުރޭގޮތް ވެއެވެ.

(ނ) ހާރތުލް ސެލް ތައިރޮއިޑް ކެންސަރު(hurthle thyroid cancer): ގާތްގަނޑަކަށް މިވައްތަރަކީ ޑައިގްނޯސް ކުރެވޭ ތައިރޮއިޑް ކެންސަރުގެ %3 އެވެ. މިއީ މަތީގައި ބަޔާންކުރެނިވި ދެވައްތަރަށް ވުރެ ފަރުވާ ކުރުމަށް ފަހު ޝިފާލިބޭ ވަރު މަދު ވައްތަރެވެ (ޑރ މުހައްމަދު ޝިފާން، 2021). މިއީ ތައިރޮއިޑް ގްލޭންޑްގެ ވަށައިގެންވީ ކަރުގެ ސެލޯށިތަކަށާއި، އަދި ހަށިގަނޑުގެ ދުރު ހިސާބުތަކަށް ވެސް ފެތުރިދާނެ ތައިރޮއިޑް ކެންސަރުގެ ވައްތަރެކެވެ.

އެނަޕްލާސްޓިކް (އަންޑިފަރެންޝިއޭޓަޑް) ކެންސަރ

އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރ(anaplastic thyroid cancer) އަކީ ވަރަށް މަދުން ފެންނަ ވައްތަރެއްގެ ކެންސަރ އެކެވެ. ގާތްގަނޑަކަށް ޑައިގްނޯސް ކުރެވޭ ހުރިހާ ތައިރޮއިޑް ކެންސަރުގެ ކެންސަރުގެ %2 ވަރެވެ. މިވައްތަރަކީ މިއީ ޑައިގްނޯސް ކުރެވޭ އިރުވެސް 4 ވަނަ ސްޓޭޖް ކެންސަރ އެވެ. މިއީ ވަރަށް އަވަހަށް ދުރަށް ފެތުރޭ ވައްތަރެކެވެ. އަދި މިއީ ފަރުވާކުރަން އެންމެ އުނދަގޫ ވައްތަރެވެ (ޑރ މުހައްމަދު ޝިފާން، 2021). މިވައްތަރުގެ ކެންސަރު އާންމުކޮށް ފެންނަނީ އުމުރުން 60 އަހަރުން މަތީ އުމުރުގެ މީހުންގެ ފުށުންނެވެ. މިވައްތަރުގެ ކެންސަރުގެ ސަބަބުން ކަރު ވަރަށް ބޮޑަށް ދުޅަވެ، ނޭވާލާން އުދަނގޫވުން އަދި ކާތަކެތި ދިރުވަން އުދަނގޫވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މެޑިއުލަރީ ތައިރޮއިޑް ކެންސަރ

މެޑިއުލަރީ ތައިރޮއިޑް ކެންސަރ(medullary thyroid cancer) އަކީ ގާތްގަނޑަކަށް ޑައިގޮނޯސް ކުރެވޭ ތައިރޮއިޑް ކެންސަރ ގެ %4 އެވެ. މި ވައްތަރަކީ ތައިރޮއިޑް ގްލޭންޑް ގެ “ޕެރާފޮލި ކިއުލަރ ސީ ސެލް” އިން އުފެދޭ ކެންސަރ އެކެވެ. މަތީގައި ބަޔާން ކުރެވިފައި ވާފަދައިން މިފަދަ ސެލްއިން އުފައްދާނީ ކެލްސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ. ބައެއްފަހަރު މިފަދަ ކެންސަރެއް ތައިރޮއިޑް ގްލޭންޑް އިންފެނުމުގެ ކުރިން އެހެނިހެން ދުރުހިސާބުތަކަށް ފެތުރުރިފަ ހުއްޓަފެނެއެވެ(ޑރ މުހައްމަދު ޝިފާން، 2021). ލޭގައި ކެލްސިޓޯނިން ގެ މިންވަރު އިތުރުވެފައި ހުރެއްޖެނަމަ އެއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރުގެ ކުރީކޮޅުގައިކަމަށްވުމީ ވެދާނެ ގޮތެކެވެ. ބައެއް ވައްތަރުގެ މެޑިއުލަރީ ތައިރޮއިޑް ކެންސަރު މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ވިރާސީ ބަހާ އަކުން ޖެހެއެވެ. މިވިރާސީ ބަހާއަށް ކިޔަނީ “ރެޓް” އެވެ.

މިވައްތަރުގެ ތައިރޮއިޑް ކެންސަރުގެ މައިގަނޑު ދެވައްތަރެއްވެއެވެ.

(ހ)ސްޕޮރޭޑިކް މެޑިއުލަރީ ތައިރޮއިޑް ކެންސަރ (sporadic medullary thyroid cancer): މިވައްތަރު ފެންނާނީ، ޑައިގްނޯސް ކުރެވޭ މެޑިއުލަރީ ތައިރޮއިޑް ކެންސަރުގެ ގާތްގަނޑަކަށް 10 އަކުން 8 ފަހަރެވެ. އަދި މިއީ ވާރުތަކުރާ ވައްތަރެއްނޫނެވެ. އަދި އާންމުކޮށް ފެންނާނީ ދޮށީ އުމުރުގެ މީހުންގެ އެވެ. ގިނަފަހަރު ފެންނާނީ ތައިރޮއިޑް ގެ އެއްފަޅިން ނެވެ (ޑރ މުހައްމަދު ޝިފާން، 2021).

(ށ) ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ (familial medullary thyroid cancer): މިއީ އެއް ޖެނަރޭޝަނުން އަނެއްޖެނެރޭޝަނަށް ވާރުތަ ކުރާ ވައްތަރެކެވެ. މިވައްތަރު އާންމުކޮށް ފެންނަނީ ކުޑައިރު ނޫނީ ފުރާވަރަށް އަރާހިސާބުގައެވެ. މިއީ އަވަހަށް ފެތުރޭ ވައްތަރެކެވެ. ހާއްސަކޮށް މިވައްތަރަކީ އެހެނިހެން ގުނަވަންތަކުގެ ކެންސަރާއެކު ފެންނަވައްތަރެކެވެ (ޑރ މުހައްމަދު ޝިފާން، 2021).

އާންމުނޫން ވައްތަރުތައް

ތައިރޮއިޑް ގްލޭންޑް އަށް ވަރަށް މަދުންޖެހޭ ކެންސަރުތައް ހުރެއެވެ. އެފަދަ ކެންސަރު ތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ގެ ދިފާއީ ސެލްތަކުން އުފެދިގެން އަންނަ “ތައިރޮއިޑް ލިމްފޯމާ”، ތައިރޮއިޑް ގްލޭންޑް ގެ ކަނެކްޓިވް ޓިޝޫ ތަކުން އުފެދިގެން އަންނަ “ތައިރޮއިޑް ސާރކޯމާ” ފަދަ ކެންސަރު ފަދަ ވައްތަރުތައް ހިމެނެއެވެ.

އަލާމާތްތައް

ތައިރޮއިޑް ކެންސަރުގެ ކުރީކޮޅު އެއްވެސް ކަހަލަ އަލާމާތެއް ނުފެނިދާނެ އެވެ. ނަމަވެސް ކެންސަރު ޓިއުމަރު ހެދިބޮޑުވަމުން އަންނަ ވަރަކަށް ބަލީގެ އަލާމާތްތަކާއި، ނިޝާންތައް ފާޅުވެ ފެންނަމުންދާނެ އެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

 • ގަނޑެއް / ދުޅައެއް ނޫނީ ގޮށެއްގެ ގޮތުގައި (ކަރުކުރިމަތިން) ތައިރޮއިޑް ގްލޭންޑް ދުޅަވުން
 • އަޑުކުރަކިވެ، ފިސްވުން / އަޑަށް ބަދަލުއައުން
 • ކާތަކެތި ދިރުވަން އުދަނގޫވުން
 • ކަރުގެ ދެފަރާތުގައިވާ ލިމްފް ގޮށްތައް ދުޅަވެ ގޮށްލުން
 • ކަރުގައި ރިހުން / ކަނދުރާގައި ރިހުން
 • ގަމީސް ފަދަ އެއްޗެއް ލާއިރު ގިރުވާނު މާބާރުހެން ހީވުން

ނުރައްކާތައް

އަލުން އުފެދޭ ތައިރޮއިޑް ކެންސަރު ނުވަތަ ދެވަނަ ފަހަރަށް އަލުން އަބުރާ އަންނަ ކެންސަރު

ތައިރޮއިޑް ކެންސަރަށް ފަރުވާކޮށް ރަނގަޅުކުރެވުނު ނަމަވެސް އަލުން އެނބުރި ތައިރޮއިޑް ކެންސަރު އުފެދިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއްކޮށް ތައިރޮއިޑް ނަގާފައިވީ ނަމަވެސް އަލުން އުފެދިގެން އަތުވެދާނެ އެވެ. މިގޮތަށް ދިމާވަނީ ކެންސަރުގެ ސެލްތައް ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަން ކޮށްގެން ނެގުމުގެ ކުރިން ދުރު ހިސާބުތަކަށް ފެތުރިފައިވާނަމަ އެވެ.

ގިނަ ތައިރޮއިޑް ކެންސަރުތައް އަލުން އުފެދުމުގެ ފުރުޞަތު ކުޑައެވެ. އެގޮތުން ތައިރޮއިޑް ކެންސަރުގެ އާންމު ވައްތަރުތައް ކަމުގައިވާ ޕެޕިލަރީ ތައިރޮއިޑް ކެންސަރު އަދި ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު އަލުން އުފެދިގެން އައުމުގެ ފުރުޞަތު ކުޑައެވެ. އާންމު ގޮތެއްގައި އަލުން އުފެދިގެން އައުމުގެ ފުރުޞަތު އޮންނަ ކެންސަރެއްނަމަ ގިނަ ފަހަރު ޑޮކްޓަރުން ދުރާލާ އެކަން ބަލިމީހުންނަށް އޮޅުން ފިލުވައިދޭނެ އެވެ.

އުފެދިފައިވާ ކެންސަރަކީ “އެގްރެސިވް” ކެންސަރެއް ނަމަ އަލުން އުފެދުމުގެ ފުރުޞަތު ބޮޑެވެ. އަދި ތައިރޮއިޑް ގްލޭންޑް އިން ބޭރުވެ، ދުރަށް ފެތުރިދާ ކެންސަރެއްނަމަ އަލުން އުފެދިގެން އައުމުގެ ފުރުޞަތު ބޮޑެވެ. އަލުން ތައިރޮއިޑް ކެންސަރު އުފެދޭ ކަމުގައިވާނަމަ، ގިނަ ފަހަރު ތައިރޮއިޑް ކެންސަރު ހުރިކަން ފުރަތަމަ ފާހަގަވާތާ 5 އަހަރުގެ ތެރޭގައި އެކަން އެނގޭނެ އެވެ. ނޫނީ ފެނިގެންދާނެ އެވެ.

އަލުން ތައިރޮއިޑް ކެންސަރު ފެންމަތިވި ނަމަވެސް ފަރުވާކޮށްގެން ފަސޭހަ ކުރެވިދާނެ އެވެ.

ތައިރޮއިޑް ކެންސަރު އުފެދިގެން އައިސްފާނެ ބައިތަކުގެ ތެރޭގައި:-

 • ކަރުގައިވާ ލިމްފް ގޮށްތައް
 • އޮޕަރޭޝަންގެ ތެރޭގައި ނުނެގި އިންނަ ތައިރޮއިޑް ސެލޯށީގެ ކުޑަ ތަންކޮޅެއް
 • ހަށިގަނޑުގެ އެހެން ހިސާބުތައް: މިސާލަކަށް ފުއްޕާމޭ، ކަށިތައް

ތައިރޮއިޑް ކެންސަރު އަލުން އުފެދިފައިވޭތޯ ބެލުމަށް ދޭތެރެ ދޭތެރެއިން ލޭގެ ޓެސްޓުތަކާއި ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ ތެރޭގައި ތައިރޮއިޑް ކެންސަރު އަލުން އުފެދިއްޖެނަމަ ފެނިދާނެ އަލާމާތަކާއި ގުޅޭގޮތުން އަހައި އޮޅުން ފިލުވާނެ އެވެ. އެގޮތުން އަންނަނިވި އަލާމާތްތައް ނުވަތަ ނިޝާންތައް ހުރިތޯ އަހައި އޮޅުން ފިލުވާނެއެވެ.

 • ކަދުރާގައި / ކަރުގައި ރިހުން
 • ކަރުގައި ދުޅައެއް އިނުން
 • ކާތަކެތި ދިރުވަން އުދަނގޫވުން
 • އަޑު ބަދަލުވުން އަޑު ފިސްވެ ކުރަކިވުން

ދުރު ހިސާބުތަކަށް ފެތުރޭ ތައިރޮއިޑް ކެންސަރު

ތައިރޮއިޑް ކެންސަރު ބައެއް ފަހަރު ކައިރީގައިވާ ލިމްފް ގޮށްތަކަށް ނޫނީ ހަށިގަނޑުގެ ދުރު ހިސާބުތަކަށް ފެތުރޭގޮތް ވެއެވެ. ދުރު ހިސާބުތަކަށް ފެތުރިފައިވާ ކެންސަރުގެ އަސަރު ފުރަތަމަ ބަލި ދެނެގަނެވޭއިރު ނޫނީ ފަރުވާދޭ ފަހުން ވެސް ފާހަގަކުރެވިދާނެ އެވެ. ނަމަވެސް ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތަކަކީ ދުރު ހިސާބުތަކަށް ފެތުރޭ ވައްތަރުތަކެއް ނޫނެވެ. ތައިރޮއިޑް ކެންސަރު ދުރު ހިސާބުތަކަށް ފެތުރޭއިރު އާންމުކޮށް ފެތުރެނީ ކައިރީގައިވާ ލިމްފް ގޮށްތައް، ކަށި، ފުއްޕާމޭ، ސިކުނޑި، ފުރަމޭ، އަދި ހަމަށެވެ.

ދުރަށް ފެތުރިފައި ހުންނަ ތައިރޮއިޑް ކެންސަރު އާންމުކޮށް ފާހަގަކުރެވެނީ ތައިރޮއިޑް ކެންސަރު ހުރިތޯ ޓެސްޓުކުރުމަށް އެމްއާރުއައި، ނޫނީ ސީޓީ ސްކޭން ފަދަ ޓެސްޓުތައް ހެދުމުގެ ތެރޭގައެވެ. ތައިރޮއިޑް ކެންސަރަށް ފަރުވާކުރުމަށްފަހު ފޮލޯއަޕްގައި ވެސް ކެންސަރު ދުރަށް ފެތުރިފައި ހުރިތޯ ދެނެގަތުމަށް ނުވަތަ ބެލުމަށް ޑޮކްޓަރުން މަސައްކަތް ކުރާނެ އެވެ.

ދެނެގަތުން

ތައިރޮއިޑް ކެންސަރު ދެނެގަތުމަށްޓަކައި ހެދޭ ޓެސްޓުތަކާއި ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ބޭރުފުށުން ބެލުން: އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް އަށް އައިސްފައި ހުންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކަރުން ތައިރޮއިޑް ގްލޭންޑް ހުންނަ ހިސާބު އަތްލައި ބަލައި ހަދާނެއެވެ. މިގޮތަށް ބެލުމުގެ ބޭނުމަކީ ދުޅައެއް ނުވަތަ ގަނޑެއް ނޫނީ އެއްވެސް ބަދަލެއް ބޭރުފުށުން ނޫނީ އަތްލައި ބަލާ ބެލުންތަކުން ފާހަގަވޭތޯ ބެލުމެވެ. މީގެ އިތުރުން އާއިލާގެ ތެރޭގައި ތައިރޮއިޑް ކެންސަރު ކުރިން ޖެހިފައިވާ މެންބަރަކު ހުރުން، ކުރިން ރޭޑިޔޭޝަން ފަރުވާއެއް ނެގުން އަދި އެހެނިހެން ހިރާސްތަކާއި ބެހޭގޮތުން ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ.

(ށ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން: މިއީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލުމަށް ހެދޭ ލޭގެ ޓެސްޓެކެވެ.

(ނ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން: ތައިރޮއިޑް ގެ އަލްޓްރާ ސައުންޑް ސްކޭން ހަދާއިރު، ތައިރޮއިޑް ނޮޑިއުލް ފެންނަން އިންނަ ގޮތުން ނުވަތަ ސިފަ އިން ޑޮކްޓަރުންނަށް އެއީ ކެންސަރުގެ ހިރާސް އޮތް ދުޅައެއްކަން ނުވަތަ ގަނޑެއްކަން ދެނެގަންނަށް އެހީތެރިކަން ލިބިއެވެ. ތައިރޮއިޑް ނޮޑިއުލް އަކީ ކެންސަރަށް ބަދަލުވެދާނެ އެއްޗެއްކަން ސްކޭންކުރާއިރު ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި ނޮޑިއުލްގެ ތެރޭގައި ކެލްސިއަމް ހަރުލާފައި ހުރުން އަދި އެއްވެސް ގޮތަކުން ކުރެ ގޮތަކަށް ނުވާ ގޮތަށް ނޮޑިއުލްގެ ވަށައިގެންވީ ބޯޑަރު ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ނޮޑިއުލް އަކީ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު އެއްޗެއްނަމަ ކެންސަރު ކަން ކަށަވަރުކޮށް އޭގެ ވައްތަރު ކަނޑައެޅުމަށްޓަކައި އިތުރު ޓެސްޓުތައް ހަދަންޖެހިދާނެއެވެ.

(ނ) ތައިރޮއިޑް ސެލޯށި އިން ސާމްޕަލް އެއް ނެގުން: އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ހިމަ ސިރިންޖު ކަށްޓެއް ނުވަތަ ތިނޯހެއް ފަދަ އެއްޗެއް ތައިރޮއިޑް ނޮޑިއުލް އަށް ހަރައިގެން އެއިން ކުޑަ ސާމްޕަލް އެއް (ސާމްޕަލް ސެލްކޮޅެއް) ބަޔޮޕްސީ ހެދުމަށް ނަގާނެއެވެ. އެއަށްފަހު ލެބޯޓަރީ އަށް ފޮނުވައިގެން ކެންސަރުގެ އަސަރުހުރިތޯ ޓެސްޓު ކުރެވޭނެ އެވެ.

(ރ) ރޭޑިޔޯ އެކްޓިވް ޓްރޭސަރ އެއް ބޭނުންކޮށްގެން އިމޭޖިންގ ޓެސްޓެއް ހެދުން: ރޭޑިޔޯ އެކްޓިވް އަޔޮޑިން ސްކޭން ގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން އާއެކު ކުޑަ ކެމެރާއެއް ބޭނުންކުރާނެ އެވެ. މިއީ ކެންސަރު ސެލްތައް ތައިރޮއިޑްގައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. އާންމުކޮށް މިޓެސްޓު ހެދެނީ އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމަށްފަހު، ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށެވެ. މިޓެސްޓު އެންމެ ފައިދާ ކުރަނީ ޕެޕިލަރީ ތައިރޮއިޑް ކެންސަރު އަދި ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު ފަދަ ހާލަތްތަކުގައެވެ.

އާންމު ގޮތެއްގައި ދުޅަހެޔޮ ތައިރޮއިޑް ސެލްތައް ލެއިން ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައި ބޭނުންކުރެ އެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ސެލްތައް ވެސް މިގޮތަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައި ބޭނުންކުރެއެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އިންޖެކްޝަންގެ ޒަރީޢާއިން ނޫނީ އަނގައިން ހަށިގަޏޑަށް އެތެރެކުރެވުމުން ތައިރޮއިޑް ކެންސަރު ސެލްތައް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާނެއެވެ. އާންމު ގޮތެއްގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ސްކޭން ގައި މިގޮތަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ ތައިރޮއިޑް ކެންސަރު ސެލްތައް ފާހަގަކޮށްދޭނެ އެވެ.

(ބ) އެހެނިހެން އިމޭޖިންގ ޓެސްޓުތައް: އަލްޓްރާ ސައުންޑް ސްކޭން، ރޭޑިޔޮ އެކްޓިވް އަޔޮޑިން ސްކޭން ގެ އިތުރުން ސީޓީ ސްކޭން އަދި މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި ފަދަ ޓެސްޓުތައް ވެސް ހަދަންޖެހިދާނެއެވެ.

(ޅ) ޖެނެޓިކް ޓެސްޓިންގ: މެޑިއުލަރީ ތައިރޮއިޑް ކެންސަރަކީ ކޮންމެވެސް ވަރަކަށް މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ވިރާސީ ބަހާއަކުން ކުރިމަތިވާ ކެންސަރެކެވެ. އެހެންކަމުން މެޑިއުލަރީ ތައިރޮއިޑް ކެންސަރަށް ތުހުމަތުކުރެވޭނަމަ މިޓެސްޓު ހަދަންޖެހިދާނެ އެވެ. މިކަމުގެ މުހިއްމުކަން ފެންނަނީ ފެމިލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ އަށް ހުށަހެޅުން ގާތް މީހުންނަށެވެ. މަތީގައިވާ ބަޔާންކުރެވިފައިވާ ފަދައިން މިއީ އެއް ދަރިކޮޅުން އަނެއް ދަރިކޮޅަށް ވާޞިލްވާ ވައްތަރެކެވެ. ބަދަލުވެފައިވާ ޖީން އެއް ވާނަމަ ބަލި ފެނުމުގެ ކުރިން މިގްލޭންޑް އޮޕަރޭޝަންކޮށްގެން އެކީ ނެގިއްޖެނަމަ މިފަދަ ބައްޔަކުން ރައްކާތެރިވީ އެވެ (ޑރ މުހައްމަދު ޝިފާން، 2021).

ފަރުވާ

ތައިރޮއިޑް ކެންސަރުގެ ފަރުވާ ބަރޯސާވަނީ ކެންސަރުގެ ވައްތަރު، ދަރަޖަ، އަދި ބަލިމީހާގެ ޞިއްޙީ ހާލަތު ހުރިނެތް ގޮތެއްގެ މައްޗަށެވެ. ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތައް ފަރުވާކޮށްގެން މުޅިން ރަނގަޅުކުރެވެއެވެ. ތައިރޮއިޑް ކެންސަރުގެ ފަރުވާގައި ދެވޭ މައިގަނޑު ފަރުވާތައް ތިރީގައި މިވަނީ އެވެ.

ބަލަމުން ގެންދިއުން

އޮޕަރޭޝަންކުރުން

ތައިރޮއިޑް ކެންސަރު ޖެހޭ މީހުންނަށް ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކޮށްގެން ތައިރޮއިޑް ގްލޭންޑް އިން ބައެއް ނޫނީ ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގަންޖެހެއެވެ. ކުރާނެ އޮޕަރޭޝަން ބިނާވަނީ ކެންސަރުގެ ވައްތަރާއި، ސައިޒާއި، ވަށައިގެންހުރި ލިމްފް ގޮށްތަކަށް ފެތުރުން ފަދަ ކަންކަމުގެ މައްޗަށެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ކެންސަރުގެ ފަރުވާގައި އަންނަނިވި އޮޕަރޭޝަންތައް ކޮށްއުޅެއެވެ.

(ހ) އެއްކޮށް ނެގުން (total thyroidectomy) ނޫނީ މުޅިން ކަހަލަގޮތަކަށް ތައިރޮއިޑް ނެގުން (near total thyroidectomy): ތައިރޮއިޑް ގްލޭންޑް ނެގުމަށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނެގުން، އަދި ގާތްގަނޑަކަށް މުޅިން ކަހަލަ ގޮތަކަށް ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަން ކޮށްގެން ނެގުން ހިމެނެއެވެ. އާންމު ގޮތެއްގައި ޕެރަތައިރޮއިޑް ގްލޭންޑް ކައިރިން ކުޑަ ތަންކޮޅެއް ތައިރޮއިޑް ގްލޭންޑް އިން ނުނަގައި ބަހައްޓައިފާނެއެވެ. މިއީ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުން ކުޑަކުރުމަށްޓަކައި ކުރާ ކަމެކެވެ. ޕެރަތައިރޮއިޑް ގްލޭންޑް އަކީ ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ގްލޭންޑް އެކެވެ.

(ށ) ތައިރޮއިޑް ގްލޭންޑް އިން ބައެއް އޮޕަރޭޝަންކޮށްގެން ނެގުން (partial thyroidectomy):މިއޮޕަރޭޝަން ގައި ވަކިކޮށް ނަގާނީ ތައިރޮއިޑް ގްލޭންޑް އިން ބައެކެވެ. ނޫނީ ތައިރޮއިޑް ގްލޭންޑް އިން ½ ބައެވެ. މިއޮޕަރޭޝަން އާންމުކޮށް ކުރަނީ ލަހުން އުފެދެމުން ނޫނީ ބޮޑުވަމުން އަންނަ ތައިރޮއިޑް ކެންސަރުގެ ވައްތަރެއް ހުރުން، ލިމްފް ގޮށްތަކަށް ތައިރޮއިޑް ކެންސަރު ފެތުރިފައި ނެތުން، އަދި ކެންސަރަށް ޝައްކުވާ ފަދަ ނޮޑިއުލް އެއް ތައިރޮއިޑް ގްލޭންޑް ގައި ނުހުރުން ފަދަ ހާލަތްތަކުގައެވެ.

(ނ) ކަރުގައި ހުންނަ ލިމްފް ގޮށްތައް އޮޕަރޭޝަންކޮށްގެން ނެގުން: ތައިރޮއިޑް ކެންސަރު ކަރުގައި ހުންނަ ލިމްފް ގޮށްތަކަށް ފެތުރެއެވެ. ކަރުގެ އަލްޓްރާ ސައުންޑް ސްކޭން ހަދައިގެން ކަރުގެ ލިމްފް ގޮށްތަކަށް ތައިރޮއިޑް ކެންސަރު ފެތުރިފައި ހުރިކަން ދެނެގަނެވޭނެ އެވެ. އެގޮތަށް ލިމްފް ގޮށްތަކަށް ފެތުރިފައިވާ ކަމަށް ޝައްކުކުރެވޭނަމަ، އޮޕަރޭޝަންކޮށްގެން ލިމްފް ގޮށްތައް ނަގައި ޓެސްޓުކުރެވެއެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރުމަށްޓަކައި އާންމުގޮތެއްގައި ކަރުގެ ތިރީކޮޅުން ކުޑަ ތަންކޮޅެއް ކަފާލާނެ އެވެ. ކަފާލާނެ ސައިޒު ބަރޯސާވަނީ ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިނާއި، ކުރާ އޮޕަރޭޝަނެއްގެ މައްޗަށެވެ. ތައިރޮއިޑް އޮޕަރޭޝަނަކީ އިންފެކްޝަން ހެދުމާއި، ލޭމަނާނުވެ ލޭފޭބުމުގެ ހިރާސް އޮންނަ ކަމެކެވެ. މީގެ އިތުރުން އޮޕަރޭޝަންގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގެ ކައިރީގައިވާ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ގެއްލުން ވެއްޖެނަމަ ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު ދަށްވެއެވެ.

އޮޕަރޭޝަނަށްފަހު އަޑުފޮށްޓާއި ގުޅިފައިވާ ފަތިނާރު އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން އަޑު ފިސްވެ، އަޑުކުރަކިވެ އަޑުދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފަރުވާކޮށްގެން މިކަން ރަނގަޅުކުރެވޭނެ އެވެ.

އޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އަންނައިރު ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ރަނގަޅުވެ ފަސޭހަވުމަށް ނަގާ މުއްދަތު ބަރޯސާވަނީ އޮޕަރޭޝަންގެ ވައްތަރާއި، ބަލިމީހާއަށް ކުރިމަތިވެފައިވާ ހާލަތެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ގިނަ މީހުންނަށް 14-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވެ ފަސޭހަވެދެއެވެ. ރަނގަޅުވި ނަމަވެސް އިތުރު ދެތިން ހަފްތާއަށް ބުރަ މަސައްކަތްތައް ކޮށް ނޫޅުމަށް ލަފާދީފާނެ އެވެ.

ތައިރޮއިޑް އެއްކޮށް ނެގުން ނުވަތަ ގާތްގަނޑަކަށް މުޅިންހެން ތައިރޮއިޑް ނެގުމަށްފަހު ، ތައިރޮއިޑް ކެންސަރުގެ އަސަރު އިތުރަށް ހުރިތޯ ބެލުމަށް ލޭގެ ޓެސްޓް ހަދަންޖެހިދާނެ އެވެ. މިޓެސްޓުން އަންނަނިވި ކަންތައްތައް މިންކޮށްފާނެ އެވެ.

 • ތައިރޯގްލޯބިއުލިން: މިއީ ދުޅަހެޔޮ ތައިރޮއިޑް ސެލްތަކާއި، އަދި ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ސެލްތަކުން ދޫކުރާ ޕްރޮޓީން އެކެވެ.
 • ކެލްސިޓޯނިން: މިއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރު ސެލްތަކުން ވެސް އުފައްދާ ހޯރމޯން އެކެވެ.
 • ކާސިނޯއެމްބްރިޔޯނިކް އެންޓިޖަން: މިއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރު ސެލްތަކުން ވެސް އުފައްދާ ކެމިކަލް އެކެވެ.

އަލުން ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ވެސް ހަމަ މިޓެސްޓުތައް ހެދެއެވެ.

ތައިރޮއިޑް ހޯރމޯންގެ ފަރުވާދިނުން

ތައިރޮއިޑް ހޯރމޯން ގެފަރުވާ އަކީ އާންމު ގޮތެއްގައި ގުޅަ ބޭހުގެ ގޮތުގައި ދެވޭ ފަރުވާ އެކެވެ. މިއީ ތައިރޮއިޑް ނެގުމުން ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭނެތީ އެކަމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފަރުވާ އެކެވެ. އަދި މިއީ އަބަދު ކުރިޔަށް ގެންދަންޖެހޭނެ ފަރުވާ އެކެވެ. މިފަރުވާ ދެވޭ ނޫނީ ބޭނުންކުރެވޭ ހާލަތްތައް ތިރީގައި މިވަނީ އެވެ.

(ހ) އޮޕަރޭޝަނަށްފަހު ތައިރޮއިޑް ހޯރމޯން ދިނުން: އޮޕަރޭޝަން ކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ ތައިރޮއިޑް ހޯރމޯން ބޭހުގެ ގޮތުގައި މުޅި އުމުރަށް ބޭނުންކުރަންޖެހޭނެ އެވެ. އެއީ ތައިރޮއިޑް ނެގުމުން ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭނެތީ އެވެ. ބަލިމީހާއަށް އެކަށޭނަ ޑޯޒު ދެވޭނަމަ މި ހޯރމޯންގެ ފަރުވާ ބޭނުންކޮށްގެން އެއްވެސް ނޭދެވޭ އަސަރެއް ކުރިމައްޗެއް ނުވާނެއެވެ. ތައިރޮއިޑް ގްލޭންޑްގެ އެއްބައި ނެގުމަށްފަހު ތައިރޮއިޑް ހޯރމޯން އުފެއްދުން މާދަށްނަމަ، ތައިރޮއިޑް ހޯރމޯން ފަރުވާގެ ގޮތުގައި ނަގަން ޖެހިދާނެ އެވެ.

(ށ) ތައިރޮއިޑް ކެންސަރު ސެލްތައް ހެދިބޮޑުވުން ދަށްކޮށްލުން: ތައިރޮއިޑް ހޯރމޯން ގެ މަތީ މިންވަރެއް ދިނުމުން ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފެއްދުން ދަށްކުރެއެވެ. ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ކެންސަރު ސެލްތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެގްރެސިވް ތައިރޮއިޑް ކެންސަރުތަކުގެ ފަރުވާގައި ތައިރޮއިޑް ހޯރމޯންގެ މަތީ ޑޯޒެއް ބޭނުންކުރަން ދީފާނެ އެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިން

ރޭޑިޔޯ އެކްޓިވް އަޔޮޑިން(radioactive iodine) އަކީ ރޭޑިޔޯ އެކްޓިވް އަޔޮޑިން ބޭނުންކޮށްގެން އޮޕަރޭޝަނަށްފަހު ބާކީ ހުރެދާނެ ތައިރޮއިޑްގެ ދުޅަހެޔޮ ސެލްތަކާއި، އަދި ތައިރޮއިޑް ކެންސަރު ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. އާންމު ގޮތެއްގައި މިފަރުވާ ދެނީ ދުރަށް ފެތުރުމުގެ ހިރާސް އޮންނަ ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރުގެ ވައްތަރުތަކަށެވެ. އަދި މިފަރުވާ އިޖާބަދެނީ ވެސް ބޮޑަށް މިވައްތަރުގެ ކެންސަރުތަކުގެ ތެރޭގައި ހިމެނޭ ޕެޕިލަރީ ތައިރޮއިޑް ކެންސަރު، ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު، އަދި ހާތުލް ސެލް ތައިރޮއިޑް ކެންސަރު ފަދަ ކެންސަރުތައް ހިމެނެއެވެ. އާންމު ގޮތެއްގައި އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރު އަދި މެޑިއުލަރީ ތައިރޮއިޑް ކެންސަރު މި ފަރުވާއަކަށް އިޖާބައެއް ނުދޭނެ އެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިން ހުންނަނީ ކެޕްސޫލް އެއްގެ ގޮތުގައެވެ. ނުވަތަ ބޯންދޭ ދިޔައެއްގެ ގޮތުގައެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އާންމު ގޮތެއްގައި ހަށިގަނޑަށް ނަގަނީ ދުޅަހެޔޮ ތައިރޮއިޑް ސެލް ތަކުންނާއި، ތައިރޮއިޑް ކެންސަރު ސެލްތަކުންނެވެ. މިހެންކަމުން މިކަމުގެ ސަބަބުން ހަށިގަނޑުގެ އެހެން ސެލްތަކަށް ގެއްލުންވުމުގެ ފުރުޞަތު ކުޑައެވެ.

ރޭޑިޔޯއެކްޓިވް އަޔޮޑިންގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ބަރޯސާވަނީ ނަގާ ޑޯޒެއްގެ މިންވަރަށެވެ. މަތީ މިންވަރެއްގެ ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައިފިނަމަ ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި:-

 • އަނގަތެރެ ހިނކުން
 • އަނގައިގައި ރިހުން
 • ލޮލުގައި އިންފްލެމޭޝަން ހެދުން
 • ރަހަ ނުވަތަ ވަހަށް ބަދަލުއައުން

ހަށިގަނޑަށް ފަރުވާގެ ތެރެއިން އެތެރެވާ ރޭޑިޔޯ އެކްޓިވް އަޔޮޑިންގެ ބޮޑުބައެއް ފަރުވާ ފުރިހަމަކުރާތާ ދެތިން ދުވަހުގެ ތެރޭގައި ކުޑަކަމު ނަޖިހުގެ ތެރެއިން ހަށިގަނޑުން ބޭރުވެއެވެ. މިދުވަސްވަރު ތިބާގެ ފުށުން އެހެން މީހުންނަށް ރޭޑިޔޭޝަން ހުށަހެޅުން ކުޑަކުރުމަށްޓަކައި އެހެން މީހުންނާއި ގައިގޯޅިވުން ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި ގައިގޯޅިވުމުން ދުރުހެލިވުން ބުއްދިވެރި އެވެ.

ކެންސަރުގެ އަސަރު ހުރި ހިސާބަށް އަލްކޮހޯލް އިންޖެކްޓްކުރުން

މިއީ ތައިރޮއިޑް ކެންސަރުގެ އަސަރު ހުރި ހިސާބުގެ ކުޑަ ތަންކޮޅަކަށް އަލްކޮހޯލް އިންޖެކްޓް ކުރުމެވެ. މިގޮތަށް ހެދުމަށް “އަލްކޮހޯލް އެބްލޭޝަން” ނޫނީ “އިތަނޯލް އެބްލޭޝަން” އޭ ކިޔައެވެ. މިޓެސްޓު ހަދާއިރު ބޭނުންކުރާ ކަށި ކެންސަރުގެ އަސަރު ހުރި ހިސާބަށް ފޯރުކުރުވުމަށް އަލްޓްރާ ސައުންޑް ސްކޭންގެ އެހީތެރިކަން ހޯދައެވެ. މިގޮތަށް އަލްކޮހޯލް އިންޖެކްޓް ކުރުމުން ތައިރޮއިޑް ކެންސަރު ސެލްތައް ހިނދޭކަން ފާހަގަ ކުރެވެއެވެ.

އަލްކޮހޯލް އެބްލޭޝަން އަކީ ފަހަރުގައި ހަމައެކަނި ކުޑަ ތަންކޮޅަކަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ. މިސާލަކަށް އޮޕަރޭޝަން ކުރުމަށްފަހު ލިމްފް ގޮށްތަކުގައި ކެންސަރުގެ އަސަރު ހުރިނަމަ މިގޮތަށް ފަރުވާ ކުރެވިދާނެ އެވެ. ބައެއް ފަހަރު ހާލަތު ހުރިގޮތުން އޮޕަރޭޝަން ނުކުރެވޭނަމަ ވެސް މިގޮތަށް މިފަރުވާ ކުރަން ޖެހިދާނެއެވެ.

އެޑްވާންސްޑް ތައިރޮއިޑް ކެންސަރުތަކަށް ދެވޭ ފަރުވާ

އަވަހަށް ހެދިބޮޑުވާ އެގްރެސިވް ކެންސަރުތަކުގައި ފަހަރުގައި ފަރުވާ ކުރެވޭ އިތުރު ގޮތްތައް ޚިޔާރުކުރަންޖެހިދާނެ އެވެ. އެގޮތުން ދެވިދާނެ ބައެއް ފަރުވާތައް ތިރީގައި މިވަނީ އެވެ.

(ހ) ޓާގެޓް ކުރެވިގެންދޭ ފަރުވާ (targeted drug therapy): ޓާގެޓް ކުރެވިގެންދޭ ފަރުވާ އަމާޒުކުރެވެނީ ކެންސަރު ސެލްތަކުގައި ހުންނަ ޚާއްޞަ ކެމިކަލް ތަކަކަށެވެ. މިފަރުވާގައި ކެމިކަލްތައް ބަންދުކޮށްލުމުން، ކެންސަރު ސެލްތައް މަރުވާގޮތް ވެއެވެ. ބައެއް ފަހަރު ގުޅަ ބޭހުގެ ގޮތުގައި އަނެއްބައިފަހަރު ލެޔަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި މިފަރުވާ ދެވެއެވެ.

ތައިރޮއިޑް ކެންސަރުގައި ޓާގެޓް ކުރެވިގެންދޭ ފަރުވާގެ ގޮތުގައި ތަފާތު ބޭސްތައް ނޫނީ ތަފާތު ގޮތްގޮތަށްދޭ ބޭސް ބޭނުން ކުރެވެއެވެ. އެގޮތުން ބައެއް ފަރުވާ އަމާޒުކުރެވެނީ ކެންސަރު ސެލްތަކަށް ކާނާ ގެނެސްދޭ ލޭހޮޅިތަކަށެވެ. އަނެއްބައި ފަރުވާ އަމާޒުކުރެވެނީ ވިރާސީ ބަހާއަށް އަންނަ ނޫނީ ގެންނަ ވަކި ބަދަލަކަށެވެ. ފަހަރުގައި އެންމެ އެކަށޭނައީ ކޮން ފަރުވާއެއްތޯ ކަނޑައެޅުމަށް ވަކި ޚާއްޞަ ޓެސްޓެއް ނޫނީ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ށ) ރޭޑިއޭޝަން ތެރަޕީ (radiation therapy): ރޭޑިޔޭޝަން ތެރަޕީގައި ދެވެނީ “އެކްސްޓާރނަލް ބީމް ރޭޑިއޭޝަން” އެވެ. މިއީ އެކްސްރޭ، ޕްރޮޓޯން ފަދަ ހައި-އެނާޖީ ބީމް ބޭނުންކޮށްގެން ކެންސަރު ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. އެހެން ފަރުވާތަކުން ކެންސަރަށް އަސަރު ނުކުރާނަމަ، ނުވަތަ އަލުން އަނބުރާ ދެވަނަ ފަހަރަށް ކެންސަރުގެ އަސަރު ފެނިއްޖެނަމަ، ފަހަރުގައި ރޭޑިއޭޝަން ދީފާނެ އެވެ. ކަށްޓަށް ފެތުރޭ ކެންސަރުގައި ކުރިމަތިވާ ރިހުން ކޮންޓްރޯލް ކުރުމަށް ވެސް ރޭޑިއޭޝަންގެ ފަރުވާ ދީއުޅެއެވެ. ރޭޑިއޭޝަންގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރު ބަރޯސާވަނީ ރޭޑިއޭޝަން ދެވޭ ހިސާބަކަށެވެ. ކަރަށް ރޭޑިއޭޝަން ދޭނަމަ އަވިން އަނދާފައި ހުންނަ ކަހަލަގޮތަކަށް ކަރުގެ ހަންގަނޑު ހުރުން، ކެއްސުން އަދި ކާތަކެތި ދިރުވާއިރުއިރު ތަދުވެ އުދަނގޫވުން ފަދަ ކަންކަން ނޭދެވޭ އަސަރުގެ ގޮތުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) ކީމޯތެރަޕީ (chemotherapy): ކީމޯތެރަޕީ އަކީ ކެންސަރު ސެލްތައް މަރާލުމަށް ކެމިކަލްތަކެއް ބޭނުންކުރާ ފަރުވާ އެކެވެ. ވަކިންނާއި، އެހެން ބޭހަކާއި އެއްކޮށް ވެސް ކީމޯތެރަޕީގައި ދެވޭ ވަރަށް ގިނަ ތަފާތު ބޭސްތައް އުފައްދާފައި ހުރެއެވެ. ބައެއް ބޭސްތައް ގުޅަބޭހުގެ ގޮތުގައި ހުންނައިރު އަނެއްބައި ބޭސްތައް ދޭންޖެހެނީ ލެޔަށް ފޮނުވާލެވޭ އިންޖެކްޝަންގެ ސިފައިގައެވެ. އަވަހަށް ހެދިބޮޑުވަމުންނަ މިސާލަކަށް އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރު ފަދަ ހާލަތްތަކުގައި ފަހަރުގައި ކެންސަރު ކޮންޓްރޯލް ކުރުމަށް ފަރުވާގެ ގޮތުގައި ކީމޯތެރަޕީ ދޭންޖެހިދާނެ އެވެ. އަދި ޚާއްޞަ ޙާލަތްތަކުގައި ބައެއް އެހެން ވައްތަރުތަކުގެ ތައިރޮއިޑް ކެންސަރަށް ވެސް ފަރުވާ ކުރުމުގައި ކީމޯތެރަޕީ ބޭނުންކުރަން ޖެހިދާނެ އެވެ. ބައެއް ފަހަރު ރޭޑިއޭޝަން ތެރަޕީ އާއެކު ވެސް ކީމޯތެރަޕީ ދީފާނެ އެވެ. ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ބަރޯސާވަނީ ކީމޯތެރަޕީގައި ދޭ ބޭހެއްގެ މައްޗަށެވެ.

(ރ) ހޫނާއި ފިނި ބޭނުންކޮށްގެން ކެންސަރު ސެލްތައް ހަލާކުކޮށްލުން (destroying cancer cells with heat and cold): މިފަރުވާގައި ކަށި، ފުރަމޭ، އަދި ފުއްޕާމެޔަށް ފެތުރިގެންދާ ތައިރޮއިޑް ކެންސަރުގެ ސެލްތައް މަރާލުމަށް ހޫނާއި، ފިނި ބޭނުންކުރެވެއެވެ. އިލެކްޓްރިކް އެނާޖީ ބޭނުންކޮށްގެން ހޫނުކޮށްގެން ކެންސަރު ސެލްތައް މަރާލުމަށްކިޔަނީ ” ރޭޑިޔޯ ފްރެކްއެންސީ އެބްލޭޝަން”(radiofrequency ablation) އެވެ. އަދި ގޭސް ބޭނުންކޮށްގެން ކެންސަރު ސެލްތައް ގަނޑުކޮށް، މަރާލުމަށް ކިޔަނީ ” ކްރިޔޯ އެބްލޭޝަން”(cryoablation) އެވެ. ކުޑަ ހިސާބަކަށް ނުވަތަ ތަންކޮޅެއްގައި ހުންނަ ކެންސަރު ސެލްތައް ނައްތާލުމަށް މިގޮތް ބޭނުން ކުރެވެއެވެ.

ޕެލިއޭޓިވް (ސަޕޯޓިވް) ކެއަރ

ޕެލިއޭޓިވް ކެއަރ(palliative care)  އަކީ ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ރިހުމާއި، ތަދާއި އެހެނިހެން އުދަނގޫތައް ލުއިކޮށްދިނުމަށް އަމާޒުކޮށްގެން ދެވޭ ޚާއްޞަ ޞިއްޙީ ފަރުވާ އެކެވެ. ޕެލިއޭޓިވް ކެއަރ ސްޕެޝަލިސްޓުން މަސައްކަތްކުރާނީ ބަލިމީހާއާއި، ބަލިމީހާގެ އާއިލާ، އަދި ފަރުވާދޭ ޓީމާއި ގުޅިގެން ޖުމުލަކޮށް ބަލިމީހާއަށް ލުއި ފަސޭހަ، ހިތްހަމަޖެހޭ ފަދަ ގޮތްތަކެއް ހޯދައިދީ، އެހުރި ހާލަތަކަށް ރިއާޔަތްކޮށް ދިރިއުޅުން ބައްޓަންކޮށް، ހާނައި ކުރިޔަށް ގެންދިއުމަށް އެހީތެރިވުމަށެވެ.

ކެންސަރާއި ގުޅިގެން ކުރެވޭ ތަފާތު ކަންތައްތަކުގެ ތެރޭގައި މިސާލަކަށް ސާޖަރީހެދުން، ކީމޯތެރަޕީ ދިނުން، ރޭޑިއޭޝަން ތެރަޕީ ދިނުން ފަދަ ހާލަތްތަކުގައި ވެސް ޕެލިއޭޓިވް ކެއަރ ކުރިޔަށް ގެންދެވިދާނެ އެވެ. އެހެން ފަރުވާތަކާއެކު ޕެލިއޭޓިވް ކެއަރ ވެސް ކުރިޔަށް ގެންދިއުމުން ބަލިމީހާއަށް ލުއިކަމާއި ހިތްހަމަޖެހުން ލިބި އުފާވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެން ދެއެވެ.

ޕެލިއޭޓިވް ކެއަރ ފޯރުކޮށްދެވެނީ ނަރުހުންނާއި، ޑޮކްޓަރުން އަދި އެހެނިހެން ގޮތްގޮތުން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަންނީ ފަރާތްތައް މިސާލަކަށް ޑައެޓިޝަން، ފިޒިއޮތެރަޕިސްޓް، އޮކިޔުޕޭޝަނަލް ތެރަޕިސްޓު ފަދަ ފަރާތްތައް ގުޅިގެންނެވެ. މިފަރާތްތައް ގުޅިގެން ކެންސަރު ބަލީގެ އަހުލުވެރިޔާއާއި އޭނާގެ އާއިލާއަށް ކެންސަރާ އެކު ވެސް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރުމަށް މަސައްކަތްކޮށްދޭނެ އެވެ.

ތައިރޮއިޑް ކެންސަރުން ރަނގަޅުވާ މީހުން ފޮލޯއަޕް ހެދުން

ކެންސަރަށް ފަރުވާކޮށް ނިމުމުން ޑޮކްޓަރުން ފޮލޯއަޕްގައި ޓެސްޓުތަކާއި އެހެނިހެން އިޖުރާއާތްތައް ފުރިހަމަކުރުމަށް ލަފާދޭނެ އެވެ. މީގެ ބޭނުމަކީ އަލުން ދެވަނަ ފަހަރަށް ކެންސަރު އުފެދެމުން އާދޭތޯ ޔަގީންކުރުމެވެ. ނޫނީ ބެލުމެވެ. އެގޮތުން ފަރުވާ ނިމުމަށްފަހު ވެސް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ޑޮކްޓަރަށް ދައްކައިގެން ލަފާދެއްވާ ޓެސްޓުތައް ހެދުމަކީ ބޭނުންތެރި ކަމެކެވެ.

ފޮލޯއަޕް ގެ ގޮތުގައި ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނޭނެ އެވެ.

 • ކަރު ބޭރުފުށުން ބަލައި ހެދުން
 • ލޭގެ ޓެސްޓުތައް
 • ކަރުގެ އަލްޓްރާ ސައުންޑް ސްކޭން އެއް ހެދުން
 • އެހެނިހެން އިމޭޖިންގ ޓެސްޓުތައް (އެމްއާރުއައި، ސީޓީ ސްކޭން) ހެދުން

ހަވާލާ

 • https://www.mayoclinic.org/diseases-conditions/thyroid-cancer/symptoms-causes/syc-20354161
 • http://drshifan.com/archives/2740
 • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ – މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005

މިވެސް މުހިންމު