މައްސަރު ތެރޭގައި ބަނޑުގައި ރިހުން(Dysmennorrhea) ނިސްބަތް ކުރެވެނީ ހައިޟުގެ ދުވަސްވަރު (މައްސަރުގެ ތެރޭގައި) ދަށްބަނޑުގައި ރިހުމަށެވެ. ވަރަށް ގިނަ އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ކުރިންނާއި، މައްސަރުގެ ތެރޭގައި ބަނޑުގައި ރިއްސައި ތަދުވާގޮތް ދިމާވެއެވެ. ބައެއް އަންހެނުންނަށް މައްސަރު ތެރޭގައި މިގޮތަށް ދަށްބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ، (އޭގެ ވޭން ބޮޑުވުމުގެ ސަބަބުން) އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ކޮށްއުޅުމަށް ހުރަސްއަޅާ ކަމަކަށް އޮންނަނީ ވެފައެވެ. މައްސަރުގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވާ އެންމެ އާންމު ޞިއްޙީ މައްސަލަ އަކީ މިއީ އެވެ. އާންމު ގޮތެއްގައި ½ އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިވެއެވެ.
މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ވައްތަރުތައް
މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ދެވައްތަރެއް ހުރެެއެވެ. އެއީ ޕްރައިމަރީ ޑިސްމެނޮރިއާ އާއި ސެކަންޑަރީ ޑިސްމެނޮރިއާ އެވެ.
ޕްރައިމަރީ ޑިސްމެނޮރިއާ
ޕްރައިމަރީ ޑިސްމެނޮރިއާ(Primary Dysmenorrhea) އަކީ އާންމު ގޮތެއްގައި މައްސަރާއި ގުޅިގެން ކުރިމަތިވާ (ނޫނީ ދޭތެރެ ދޭތެރެއިން މިސާލަކަށް ޙައިޟުގެ ދުވަސްވަރު) ދަށްބަނޑުގައި ނޫނީ ބަނޑުގައި ރިހުމެވެ. މިވައްތަރުގައި އާންމު ގޮތެއްގައި ބަނޑުގައި ރިހެން ފަށަނީ މައްސަރު ކަންތައް ޖެހުމުގެ 2-1 ދުވަސް ކުރިންނެވެ. ނޫނީ މައްސަރު ކަންތައް ޖެހުމުން ނުވަަތަ ޙައިޟުވުމުންނެވެ. އެއީ މިދުވަސްވަރު ރަހިމުގެ ބަތާނަ ފަށުން “ޕްރޮސްޓަގްލޭންޑިން” އުފެއްދުން އިތުރުވާތީ އެވެ. ރިހުން އާންމުކޮށް ހުންނަނީ ބަނޑުގެ ތިރިން ދަށްބަނޑޭ ކިޔޭ ހިސާބުގައެވެ. ވަރަށް ކުޑަ މިންވަރަކުން ފެށިގެން ގޮސް ވަރަށް ބޮޑަށް ވެސް ތަދުހުރެދާނެ އެވެ. ދަށްބަނޑުގައި މައްސަރާއި ގުޅިގެން ރިހޭ ރިހުން 12 ގަޑިއިރުން ފެށިގެން ގޮސް 72 ގަޑިއިރު ވަންދެން ވެސް ހުރެދާނެ އެވެ. މިވައްތަރުގައި އާންމުކޮށް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ދަށްބަނޑުގައި ރިހުމުގެ އިތުރުން މޭނުބައިކުރުން، ހޮޑުލެވުން، ވަރުބަލިވެ ވާޅުވުން އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕްރައިމަރީ ޑިސްމެނޮރިއާ ކުރިމަތިވަނީ ރަހިމުގެ ބަތާނަ ފަށުން އުފައްދާ ތަދާއި، ދުޅަ ކުރިމަތިވުމުގައި ބައިވެރިވާ “ޕްރޮސްޓަގްލޭންޑިން”(Prostaglandin) ފަދަ މާއްދާތަކުގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މައްސަރުގެ ކުރީކޮޅު ޕްރޮސްޓަގްލޭންޑިންގެ މިންވަރު މަތިވާނެއެވެ. މައްސަރު ކުރިޔަށްދާ ވަރަކަށް ލޭބޭރުވަމުންދާވަރަކަށް ޕްރޮސްޓަގްލޭންޑިން ގެ މިންވަރު ދަށްވަމުންދާނެއެވެ. ޕްރޮސްޓަގްލޭންޑިން ގެ މިންވަރު ދަށްވާވަރަކަށް ރިހުން ވެސް ކުޑަވަމުން ދާނެއެވެ. އާންމު ގޮތެއްގައި މައްސަރު ކަންތައް ޖެހެން ފެށުމާއެކު ޕްރައިމަރީ ޑިސްމެނޮރިއާ ކުރިމަތިވާން ފަށައެވެ. އަދި އުމުރުން ދުވަސްވާވަރަކަށް މިވައްތަރުގެ ސަބަބުން ދަށްބަނޑުގައި ރިހުން ކުޑަވަމުން ދެއެވެ. ބައެއް މީހުންނަށް ވިހެއުމުން ވެސް ނޫނީ ވިހެއުމަށްފަހު މިވައްތަރުގެ ރިހުން ކުރިމަތިވުން ކުޑަކޮށްދެއެވެ.
ސެކަންޑަރީ ޑިސްމެނޮރިއާ
ސެކަންޑަރީ ޑިސްމެނޮރިއާ(Secondary Dysmennorrhea) އަކީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގައި ހުންނަ ތަފާތު މައްސަލަތަކުގެ ސަބަބުން ދިމާވާ ދަށްބަނޑުގައި ރިހުމެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެންޑޯމެޓްރީއޯސިސް، އެޑީނޯމަޔޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ނޫނީ ދަރިމައިވުމުގެ ނިޒާމުގެ ބައެއްގައި އިންފެކްޝަން ހެދުން ފަދަ ކަންތައްތައް ހިމެނެއެވެ. ސެކަންޑަރީ ޑިސްމެނޮރިއާގެ ސަބަބުން ކުރިމަތިވާ ދަށްބަނޑުގައި ރިހުން އާންމުކޮށް ފެށެނީ މައްސަރުގެ ކުރީކޮޅުގައެވެ. ނޫނީ މައްސަރުކަންތައް ޖެހޭތާ ދެތިން ދުވަސް ފަހުންނެވެ. މިފަދަ ރިހުން އާންމު ގޮތެއްގައި މައްސަރުގެ ސަބަބުން އަންނަ އާންމު ރިހުމަށްވުރެ، ގިނަ ދުވަސްވެ، ދިގުލައިދާނެ އެވެ. މައްސަރު ކަންތައް ނިމިދާއިރު ވެސް ދަށްބަނޑުގެ ރިހުން ނުފިލައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މިފަދަ ރިހުމާއެކު މޭނުބައިކޮށް، ހޮޑުލެވި، ބޭރަށްހިންގައި، ވާޅުވުން ފަދަ ކަންތައްތައް ކުރިމައްޗެއް ނުވާނެއެވެ.
ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިވައްތަރުގައި ދަށްބަނޑުގައި ރިހުން ދުވަސްވާވަރަކަށް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދިއުން އެކަށީގެންވެއެވެ.
ސަބަބުތައް
މައްސަރުގެ ތެރޭގައި ރަހިމުގެ ބަތާނަފަށް ވަކިކޮށް، ބޭރުކުރުމަށްޓަކައި (ލޭބޭރުކުރުމަށްޓަކައި) ރަހިމު ކުރުގެޅި، ފިއްތަމުން ގެންދާނެއެވެ. ތަދާއި، ދުޅަ ކުރިމަތިވުމުގައި ބައިވެރިވާ “ޕްރޮސްޓަގްލޭންޑިން”(Prostaglandin) ފަދަ މާއްދާތަކުގެ ސަބަބުން ރަހިމުގެ ފާރުގެ ކުރުގެޅި ފިއްތުމުގެ މަސައްކަތަށް މައްސަރުގެ ތެރޭގައި އިތުރު ބާރެއް ލިއްބައިދެއެވެ. އެހެންކަމުން ޕްރޮސްޓަގްލޭންޑިންގެ މިންވަރު މަތިވި ވަރަކަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިއްސުން އިތުރުވެ، ތަދު ބޮޑުވާކަން ފާހަގަ ކުރެވެއެވެ.
އާދަޔާ ޚިލާފަށް ރަހިމުގެ މަސްތައް ކުރުގެޅި ފިއްތަމުން ގެންދިއުމަކީ ރަހިމަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް ހިމަކޮށް ހަނިކޮށްފާނެ ކަމެކެވެ. މާނައަކީ ރަހިމުގެ މަސްތަކަށް ލޭދިއުން ނޫނީ ލޭލިބުން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މައްސަރުގެ ތަދު ކުރިމަތިވަނީ މިހެންދިމާވެ، ރަހިމުގެ މަސްތަކަކަށް ލޭލިބުން ދަށްވެ، އޮކްސިޖަން ލިބުމުގައި ދަތިތަކާ ކުރިމަތިވުމުންނެވެ. މައްސަރު ތެރޭގައި ދަށްބަނޑުގައި އުފެދޭ ރިހުމަކީ ހާޓް އެޓޭކް ޖެހުން ފަދަ ހާލަތްތަކުގައި މޭގައި އުފެދޭ ރިހުމާއި، އެއްގޮތް ކަމެއް ހުންނަ ފަދަ ތަދެކެވެ.
ސެކަންޑަރީ ޑިސްމެނޮރިއާގެ ސަބަބުން މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިކޮށްފާނެ ސަބަބުތަކުގެ ތެރޭގައި:-
(ހ) އެންޑޯމެޓްރީއޯސިސް(Endometriosis): އެންޑޯމެޓްރީއޯސިސް އަކީ ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް “އެންޑޯމެޓްރީއަމް”ގެ ޓިޝޫތައް ނޫނީ ހަތާތައް، ރަހިމުން ބޭރުގައި ހުރުމެވެ. ނޫނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދި، އަށަގަތުމެވެ. މިގޮތުން އެންޑޯމެޓްރީއަމްގެ ޓިޝޫތައް އެންމެ ގިނައިން ހަރުލަނީ ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، މަސާނާ، ހިމަގޮހޮރު ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ކޮންމެވެސް ޓިޝޫއެއްގައެވެ. މިއީ ދަށްބަނޑުގައި ވޭންދެނިވި ރިހުމެއް އުފައްދައިފާނެ ހާލަތެކެވެ.
(ށ) ރަހިމުގައި ފައިބްރޮއިޑް އުފެދުން (Uterine Fibroid): ރަހިމުގައި އުފެދޭ ފައިބްރޮއިޑް އަކީ ރަހިމުގެ ފާރުގައި އުފެދޭ ކެންސަރަށް ބަދަލުނުވާ ޓިއުމަރެކެވެ. މިއީ ވެސް ދަށްބަނޑުގައި ރިހުން އުފައްދައިފާނެ ހާލަތެކެވެ.
(ނ) އެޑީނޯމަޔޯސިސް (Adenomyosis): މިއީ ރަހިމު ބޯވުމެވެ. މީގެ މާނައަކީ ރަހިމުގެ އެތެރޭ ބަތާނަ( ރަހިމުގެ އެތެރޭ ފަށަލަ) ފަށުގެ ޓިޝޫތައް ރަހިމުގެ މަސް ފަށަލައިގެ (ރަހިމުގެ ބޭރުފަށަލަ) ތެރެއަށް ގޮސް، ހެދިބޮޑުވުމެވެ. ރަހިމު ބޯވުމަކީ ރަހިމު ބޮޑުވާނެ ކަމެކެވެ. ރަހިމު ބޯވެ ބޮޑުވުމުން ކޮންމެ މައްސަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަދުވެ، ވަރަށް ގިނައިން ލޭ ފައިބާނެ އެވެ. ޖިމާއުވާއިރު ތަދުވުމަކީ ވެސް ވެދާނެ ގޮތެކެވެ.
(ރ) ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި(ޅިނދުގައި) ދުޅަ އުފައްދާ ބަލި ހުރުން:(PID) މިއީ ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާ ހޮޅި ފަދަ ނަސްލު އުފައްދާ ނިޒާމު ނުވަތަ ދަރިމައިވުމުގެ ނިޒާމުގެ ބައިތަކުގައި ދުޅައުފެދި، ޖަރާސީމު އަށަގަންނަ ހާލަތެކެވެ. މައިގަނޑު ގޮތެއްގައި މިގޮތަށް ދިމާވަނީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ސަބަބުންނެވެ.
(ބ) ރަހިމުގެ ދޮރު ހިމަވުން (Cervical Stenosis): ބައެއް އަންހެނުންގެ ރަހިމުގެ ދޮރު މާހިވަމުގެ ސަބަބުން މައްސަރުގެ ލޭ ފޭބުމަށް ހުރަސްތަކާ ކުރިމަތިވެ، ރަހިމުގެ އެތެރޭގެ ޕްރެޝަރު މަތިވެ، އޭގެ ސަބަބުން މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން އުފެދޭގޮތް ވެއެވެ.
މަގުފަހިކުރާ ކަންތައްތައް
އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާނަމަ މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.
- އުމުރުން 30 އަހަރަށްވުރެ ހަނގުވުން
- އުމުރުން 11 އަހަރުވުމުގެ ކުރިން (މާއަވަހަށް) ބާލިޣުވުން ނުވަތަ ޙައިޟުވުން ނުވަތަ މައްސަރުކަންތައް ޖެހުން
- މައްސަރު ތެރޭގައި މާގިނައިން ލޭފޭބުން
- މައްސަރުގެ ލޭ ގަވާޢިދުން ނުފޭބުން / ނުވަތަ މައްސަރުކަންތައް ގަވާޢިދުން ނުޖެހުން
- ދަރިމައިވެފައިނުވުން (ބަލިވެ އިނދެ ވިހައިފައިނުވުން)
- އާއިލާގެ މެންބަރުގެ ތެރޭގައި މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުން ދައުރުވަމުން އައުން
- ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށްވުން
އަލާމާތްތައް
މައްސަރުގެ ތެރޭގައި ބަނޑުގައި ރިހުމުން ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި:-
- ދަށްބަނޑުގައި ރިއްސައި ތަދުވުން (އެއްޗެއް ފިއްތާ ކަހަލަ ތަދެއް / ދިގު ދެމިދާ ތަދެއްހުރުން)
- އުނަގަނޑުގައި ރިހުން
- ފައިގެ ފަލަމަސްގަނޑުގައި ރިހުން
ބައެއް މީހުންނަށް ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި:-
- މޭނުބައިކުރުން
- ބޭރަށްހިންގުން
- ބޮލުގައި ރިހުން
- ބޯއެނބުރުން
ދިމާވެދާނެ ނުރައްކާތައް
މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ އެކަމުގެ ސަބަބުން މާބޮޑު ޞިއްޙީ ނުރައްކާތަކެއް ދިމާވާނެ ކަމެއް ނޫނެވެ. ނަމަވެސް މިތަދުގެ ރިހުން ބޮޑުކަމުން ބައެއް ފަހަރު ދިރިއުޅުމުގެ އެކިއެކި ކަންތައްތަކުން އެއްކިބާވެލަން ޖެހިދާނެ އެވެ. ނޫނީ އިޖުތިމާޢީ ހަރަކާތްތަކުން ދުރުވެލަން ޖެހިދާނެ އެވެ.
ނަމަވެސް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން މެދުވެރިކުރުވާ ބައެއް ހާލަތްތަކުގެ ސަބަބުން ތަފާތު ނުރައްކާތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް އެންޑޯމެޓްރީއޯސިސްގެ ސަބަބުން ދަރިމައިވުމަށް ހުރަސްއަޅާފާނެއެވެ. އަދި ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި(ޅިނދުގައި) ދުޅަ އުފައްދާ ބަލި ހުރެއްޖެނަމަ، ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު އޮވެއެވެ.
މައްސަރުގެ ތެރޭގައި ޕެޑް ބޭނުންކުރަމުން ދަނިކޮށް އަންނަނިވި ކަންތައްތައް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.
- ގަދަޔަށް ހުންއައުން
- ހޮޑުލުން
- ބޭރަށްހިންގުން
- ބޯއެނބުރުން، އަނބުރައިގަތުން، ނޫނީ ހޭނެތުން
މިއީ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް ކަމުގައިވާ “ޓޮކްސިކް ޝޮކް ސިންޑްރޯމް”(toxic shock syndrome) ގެ އަލާމާތްތެކެވެ.
ދެނެގަތުން
ބަލިމީހާގެ މައުލޫމާތުތައް އޮޅުން ފިލުވުމަށްފަހު، ޖިސްމާނީ ގޮތުން ބަލާބެލުންތައް ޑޮކްޓަރުން ބަލާނެއެވެ. އެގޮތުން ދަށްބަނޑާއި ޅިނދު ހިމެނޭ ހިސާބު (ކުރިމަތި ފަރާތް ހިމެނޭގޮތަށް) ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އެގޮތުން އެހިސާބުގައި އެއްވެސް ކަހަލަ އިންފެކްޝަން އެއް ހުރިތޯ އާއި، އަދި ނަސްލު އުފައްދާ ނިޒާމުގައި އާދަޔާ ޚިލާފުކަމެއް ހުރިތޯ ބަލާނެއެވެ. އެގޮތުން ކުރިމަތި ފަރާތުގެ އެތެރެ ބެލުމަށް ޚާއްޞަ “ސްޕެކިޔުލަމް” ލައްވައިގެން ކުރިމަތިފަރާތާއި، ރަހިމާއި، ރަހިމުގެ ދޮރު ޗެކުކޮށް ހަދާނެއެވެ. ޑޮކްޓަރުން ބަލާބެލުމުން ކުރިމަތި ފަރާތް ހިމެނޭ ހިސާބުން އެއްވެސް ކަހަލަ ކަމެއް ފާހަގަ ކުރެވޭނަމަ ކުރިމަތިފަރާތުން ކުޑަ ދިޔަކޮޅެއް ޓެސްޓުކުރުމަށްޓަކައި ނަގައިފާނެއެވެ. މައްސަރުގެ ތެރޭގައި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސައި 3-2 ދުވަހަށްވުރެ އިތުރުވާނަމަ ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން ރަނގަޅެވެ.
މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިވާނަމަ ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި:-
- ޅިނދު ހިމެނޭ ހިސާބު ބަލައި ޗެކުކުރުން: ދަށްބަނޑާއި ޅިނދު ހިމެނޭ ހިސާބު (ކުރިމަތި ފަރާތް ހިމެނޭގޮތަށް) ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އެގޮތުން އެހިސާބުގައި އެއްވެސް ކަހަލަ އިންފެކްޝަން އެއް ހުރިތޯ އާއި، އަދި ނަސްލު އުފައްދާ ނިޒާމުގައި އާދަޔާ ޚިލާފުކަމެއް ހުރިތޯ ބަލާނެއެވެ. އެގޮތުން ކުރިމަތި ފަރާތުގެ އެތެރެ ބެލުމަށް ޚާއްޞަ “ސްޕެކިޔުލަމް” ލައްވައިގެން ކުރިމަތިފަރާތާއި، ރަހިމާއި، ރަހިމުގެ ދޮރު ޗެކުކޮށް ހަދާނެއެވެ.
- ސްކޭންކުރުން: ސްކޭންކުރުމުން، ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، އަދި ޅިނދު ހިމެނޭ ހިސާބުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު އުފެދުމެއް، ސިސްޓެއް ފަދަ ކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.
- ސީޓީ ސްކޭން ހެދުން
- އެމްއާރުއައި ހެދުން
- ލެޕަރޮސްކޮޕީ ހެދުން: ލެޕަރޮސްކަޕީ ގެ މާނައަކީ ލޯވަޅު އަޅައި، އޭގެތެރެއިން ކެމެރާއެއް ލައްވައިގެން އެތެރެ ބެލުމެވެ. މިޓެސްޓްގެ އެހީގައި އެންޑޯމެޓްރީއޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ބިސްއުފައްދާ ތަނުގައި ސިސްޓް އުފެދުން، އަދި ރަހިމުން ބޭރުގައި ގަރުބަގަތުން ފަދަ ކަންކަން ދެނެގަނެވިދާނެ އެވެ.
ފަރުވާ
މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ ފަރުވާ ކުރެވިދާނެ ކަމެކެވެ. އެގޮތުން ޑޮކްޓަރުން ފަރުވާގެ ގޮތުގައި:-
- ތަދުކަނޑުވާ ބޭސް ދިނުން: މައްސަރު ކަންތައް ޖެހުމުން ނޫނީ ދަށްބަނޑުގައި ރިހެން ފެށުމުން ބޭސް ބޭނުންކުރެވިދާނެއެވެ. 3-2 ދުވަހަށް ނޫނީ ތަދުކެނޑެންދެން ބޭސް ކުރިޔަށް ގެންދެވިދާނެ އެވެ. ތަދުކަނޑުވާ ބޭހަކީ ޕްރޮސްޓަގްލޭންޑިން އުފެއްދުން މަދުކޮށްދީ، އޭގެ އަސަރު ކުޑަކޮށްދޭނެ ބޭހެކެވެ. މިކަމުގެ ސަބަބުން ދަށްބަނޑުގައި ހުންނަ ރިހުން ކުޑަކޮށްދޭނެ އެވެ. ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ތަދުކަނޑުވާ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ޚާއްޞަކޮށް ނޭވާހިއްލުން، ލޭފާއްދާ ބަލިތައް ، ބަނޑުގައި ފާރުހެދުން ފަދަ މައްސަލަަތައް، ގުރުދާގެ މައްސަލަތައް އަދި ފުރަމޭގެ މައްސަލަތައް ހުންނަ މީހުން ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
- ދޭތެރެ ދުރުކުރާ ބޭސް: ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމުން ބިސްއުފައްދާތަނުން ބިސްދޫކުރުން ހުއްޓުވައި، މައްސަރުގެ ތެރޭގައި ތަދުވާ މިންވަރު ކުޑަކޮށްދެއެވެ. ދޭތެރެދުރުކުރާ ވަޞީލަތްތައް އެކި ސިފަސިފައިގައި ތައްޔާރުކޮށްފައި ހުރެއެވެ. އެގޮތުން އެސްޓްރަޖަން ހޯރމޯން، އަދި ޕްރޮޖެސްޓިރޯން ހޯރމޯން ހުންނަ ދޭތެރެ ދުރުކުރާ ވަޞީލަތްތައް މައްސަރުގެ ރިހުން ކުޑަކުރުމަށް ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ. ބައެއް ފަހަރު ހޯރމޯން އެކުލެވޭ ރަހިމަށްލައްވާ އެތިކޮޅު(IUD) ވެސް ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ.
- އޮޕަރޭޝަން ކުރުން: މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިއްސަނީ އެންޑޯމެޓްރީއޯސިސް ނޫނީ ރަހިމުގައި ފައިބްރޮއިޑް އުފެދުން ފަދަ ކަމަކާ ގުޅިގެން ނަމަ އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. ދަރިން ހޯދުމަށް ބޭނުންނުވާނަމަ، އޮޕަރޭޝަންކޮށްގެން ރަހިމު ވެސް ނެގިދާނެއެވެ.
ގޭގައި ކުރެވިދާނެ ކަންތައްތައް
- ކަސްރަތުކުރުން: ކަސްރަތުކުރުމަކީ މައްސަރުގެ ތެރޭގައި ކުރިމަތިވާ ތަދާއި ރިހުން ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.
- ހޫނުކުރުން: ހޫނުފެން އަޅާފައި ހުރި އެއްޗެއް ބޭނުންކޮށްގެން ދަށްބަނޑަށް ހޫނުކުރުމަކީ މައްސަރުގެތެރޭގައި ދިމާވާ ތަދާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.
- ބައެއް ކަހަލަ ޑައެޓަރީ ގުޅަ ބޭސްތައް : ވިޓަމިން އީ، އޮމެގާ 3ފެޓީ އެސިޑް، ވިޓަމިން ބީ1، ވިޓަމިން ބީ12 ، އަދި މެގްނީޒިއަމް ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމަކީ މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުޑަކޮށްދޭ ކަމެއްކަމަށް ވަރަށް ގިނަ ދިރާސާތަކުން ހޯދިފައިވެއެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާބުއިމާ ދުރުހެލިވުން
- ފިކުރުތަކާ ދުރުހެލިވުން
- ކެފެއިން ހުންނަ ކާތަކެއްޗާއި، ބުއިންތަކާ ދުރުހެލިވުން
- އަރާމުކުރުން
- އުނަގަނޑާއި، ދަށްބަނޑު މަސާޖުކުރުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ޙަވާލާ
- http://www.mayoclinic.org/diseases-conditions/menstrual-cramps/basics/definition/con-20025447
- https://my.clevelandclinic.org/health/diseases/4148-dysmenorrhea#:~:text=Dysmenorrhea%20is%20the%20medical%20term,Dysmenorrhea%20Menu
- https://www.acog.org/patient-resources/faqs/gynecologic-problems/dysmenorrhea-painful-periods
- https://www.webmd.com/women/menstrual-cramps#1