އީމެއިލް އެޑްރެހުގައިވާ “@” ނިޝާނަކީ ކޯއްޗެއް؟

ބޮޅެއްގެ ތެރޭގައިވާ @ ނިޝާނަކީ، އީމެއިލް އެޑްރެސްތަކުގައި ބޭނުންކުރެވޭ ނިޝާނެކެވެ. ޙަޤީޤަތުގައި، މިނިޝާނަށް ކިޔާ ރަސްމީ ނަމެއް ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރެވޭ ނަމަކީ، “އެޓް” އެވެ. އެހެންނަމަވެސް، މިނިޝާނަށް ކިޔާ ބައިވަރު ނަންތަކެއް ވެއެވެ. ވަރަށް ގިނަ ބަސްތަކުގައި، މި ނިޝާނުގެ ސިފައާ ގުޅުންހުރި ޖަނަވާރުގެ  ނުވަތަ ޖަނަވާރުގެ ގުނަންތަކުގެ ނަންތައް ބޭނުންކުރެއެވެ.

ތިރީގައި މިލިޔެލަނީ އޭގެތެރޭން ބައެއް ބަސްބަހުން، “@” ނިޝާނަށް ކިޔާ ބަސްބަހެވެ.

apestaart – ޑަޗުބަހުން ރާމާމަކުނުގެ ނަގޫ
snabel – ޑެންމާރކު ބަހުން އެތުގެ ދަތް
kissanhnta – ފިންލެންޑު ބަހުން ބުޅަލުގެ ނަގޫ
Klammeraffe- ޖަރުމަނު ބަހުން އެލިގެންއޮންނަ ރާމާމަކުނު
kukac – ހަންގޭރީބަހުން ފަނި (ވޯރމް)
dalphaengi- ކޮރެއާބަހުން ފިނިހަކި
grisehale- ނޯރވޭ ބަހުން އޫރުގެ ނަގޫ
sobachka- ރަޝިޔާ ބަހުން ޅަ ކުއްތާ

އީމެއިލްގައި ބޭނުންކުރާނެ ނިޝާންކަމަށް މިނިޝާން ބޭނުންކުރަންފެށުމުގެ ކުރިން، މިނިޝާން ބޭނުންކުރެވުނީ އެއްޗެހީގެ ބަރުދަނާއި އަގު ވަޒަންކުރުމަށާއި ބަޔާންކުރުމުގައެވެ. މިސާލަކަށް،  3 ރުފިޔާގެ ރޭޓުން 5  އޮރެންޖު ވިއްކާއިރު، ބިލުގައި ލިޔާނީ، ” 5 oranges @ MRF3″ މިހެންނެވެ. މިޒަމާނުގައިވެސް މިނިޝާން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައިވެސް، ބިލްތަކުގެ ބޭނުންކުރެއެވެ.

މިނިޝާނުގެ އަސްލު ފެށިފައިވާގޮތެއް ނޭނގެއެވެ. ޗާޕްކުރުމުގެ މަސައްކަތް އީޖާދުކުރުމުގެ ކުރިން، ކަހީނުން ފޮތްތައް ލިޔުމުގައި ނުވަތަ ކޮޕީކުރުމުގައިވެސް މިނިޝާން ބޭނުންކުރެވުނެވެ. ކޮންމެ ލަފްޒެއްވެސް ލިޔެވެނީ ވަރަށް ބުރަ މަސައްކަތުންކަމަށްވާތީ، ކޮޕީކުރުމުގެ މަސައްކަތްކުރާ ކަހީނުން، ލިޔަންޖެހޭވަރު މަދުކުރުމަށްޓަކައި މިނިޝާން ބޭނުންކުރިއެވެ. އެހެންކަމުން، “at” މިހެން ލިޔާއިރު، ތިންފަހަރު އަތްހިންގަންޖެހޭތީ، “@” މިނިޝާން ބޭނުންކުރިއެވެ. މިއަދު އޭ މާބޮޑުކަމަކަށްނުވިޔަސް، އޭރުގައި ފޮތްތައް ލިޔެއުޅުނު މީހުންނަށް އޭ ވަރަށް ބޮޑު ކަމެކެވެ.

މިނިޝާނާގުޅޭ އެހެން ރައުޔެއްގައިވާގޮތުން، މިނިޝާން ބޭނުންކުރެވުނީ އެމްފޯރާ (amphora – ކަރުހިމަ ދެއަތްގަނޑުލާފައިވާ ތެލާއި ރާ އަޅަން ނުވަތަ އެއްތަނުން އަނެއްތަނަށް ރާ އުފުލަން އިހުޒަމާނުގައި ހަދާފައިހުންނަ ކަންވާރެއް) އަށް އެޅޭ އެއްޗެހި މިނުމުގައި ބޭނުންކުރާ ޔުނިޓަށް ކިޔާ ކުރުނަމެއްގެ ގޮތުގައެވެ. ފްލޮރެންޓީންގެ (Florentine  – އިޓަލީވިލާތުގެ ރަށެއް) ވިޔަފާރިވެރިއެއްކަމަށްވާ ފްރެންސިސްކޯ ލަޕީ (Francesco Lapi) 1536ގައި މިނިޝާން މިގޮތަށް ބޭނުންކޮށްފައިވާކަން އިޓަލީވިލާތުގެ ޢިލްމުވެރިއެއްކަމަށްވާ ޖޯޖިއޯ ސްޓެބިލް ހޯދާފައިވެއެވެ. ބުނެވޭގޮތުގައި، މިހެން ބޭނުންކުރަން ފެށުނީ، ކަހީނުންގެ ފޮތްތަކުގައި މިނިޝާން ބޭނުންކޮށްފައިވާތަން ފެނުމުންނެވެ.

ލިޔުނީ: ޝަމްސުލް ފަލާޙް

މަސްދަރު: ފަންވަތް.ކޮމް

މިވެސް މުހިންމު