ކިތަންމެ ފުރިހަމައަށް ގޭތެރޭގައާއި ގޯތި ތެރޭގައި ގަސް ހައްދާ ފަރާތެއް ނަމަވެސް، ފެން ދެވޭލެއް މަދުވެގެން ނުވަތަ ގިނަވެގެން ގަހެއް ދެ ގަހެއް ހަލާކުވުމުގެ ތަޖުރިބާ ނުކުރާ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެއެވެ.
ރާއްޖޭގައި އާއްމުކޮށް ދިމާވެފައި ހުންނަނީ މާ ގިނައިން ފެންދެވުމުގެ މައްސަލައެވެ. ނަމަވެސް އޭގެ މާނައަކީ ގަސް މަރުވުމެއް ނޫނެވެ. އެފަދަ ގަސްވެސް ރަނގަޅުކުރެވޭނެ ގޮތްތައް ހުރެއެވެ.
އެންމެ ފުރަތަމަ ގަސް ފެން ބޭނުންކުރާ ގޮތަށް ބަލައިލަމާހެއްޔެވެ؟ ސިއްހަތު ރަނގަޅު ގަހެއް ނަމަ އެގަހުގެ މޫތަކުން ވަޔާއި ފެން އަދި ކާނާ، ގަސްގަނޑަށާއި ފަތްތަކަށް ބޭނުންވާ މިންވަރަށް ނަގަމުން ގެންދެއެވެ. މާގިނައިން ފެން ދީފިނަމަ، މޫތަކުން ވައި ނަގައިދިނުން ހުއްޓެއެވެ. އަދި މޫތައް ގެނބި ގަހަށް ބަދަލުތަކެއް ގެނުވައެވެ.
ގަހަށް ބޭނުންވާ މިންވަރަށްވުރެ ފެން ގިނަވެއްޖެ ކަމުގެ އަލާމާތްތައް ގަހުގެ އެކި ބައިތަކުން ދެނެގަނެވެއެވެ. އެގޮތުން ފާހަގަވާނެ ފުރަތަމަ ކަމަކީ ގަހުގެ ފަތްތައް ތިރިޔަށް އޮޅޭގޮތަށް ލެނބުމެވެ. ގަހުގެ އެންމެ ތިރިން ފެށިގެން ފަތްތައް ރީނދޫ ވާނެއެވެ. އެއަށްފަހު ފަތްތަކުގެ ކޮޅު އަނދައެވެ. މޫތަކާއި ގަހުގެ ތޮށި އަދި ބައެއް ފަހަރު ގަސްގަނޑު ފޯވެ، މަޑުވެ ހިކި ފީވުމަކީ ނުވެ ނުދާނެ ކަންތައްތަކެވެ. އަދި ފަސްގަނޑުގައި ފަންގަސް އާއި ފޫ ގިނަވެ ސަލާމަތުން ހުރި މޫތަކަށް ފަންގަސް އާއި ފޫގެ އަސަރުކުރެއެވެ.
ގަހަށް ބޭނުންވާ މިންވަރަށްވުރެ ފެން ގިނަ ވެފައިވާކަން ދެނެގަނެވޭނެ އެހެނިހެން ގޮތްތައްވެސް ހުރެއެވެ. އެއް ގޮތަކީ ޕޮޓު އުފުލާލާއިރު އާދަޔާ ޚިލާފަށް ޕޮޓު ބަރުވުމެވެ. އަނެއް ގޮތަކީ ފެން ދިނުމުން އަވަހަށް ފެން ނުހިނދި ފެންގަނޑު ބަންޑުން ވުމެވެ. ޕޮޓު ފުލުގައި ހުރި ލޯވަޅުތައް ބެދިފައި ހުރުމާއި ފުލުން ފަލަ މޫ ނުކުމެފައި ހުރުމަކީވެސް ފެން ގިނަ ވެދާނެ ކަމުގެ ނިޝާންތަކެކެވެ.
މިހާ ހިސާބުން ފެން ގިނަވެފައިވާ ގަހެއް ރަނގަޅުކުރާނެ ގޮތަށް ބަލައިލަމާހެއްޔެވެ؟ އެންމެ ފުރަތަމަވެސް ބަލަންވީ ފަސްގަނޑު ތެރެއިން ފެން ދައުރުވޭތޯއެވެ. ޕޮޓުގެ ފުލުގައި ހުރި ލޯވަޅުތައް ވަޅިއެއް ފަދަ އެެއްޗަކުން އަލުން ތޮރުފާލާށެވެ. ބޮޑެތި މޫ ނުކުމުމެފައި ހުރިނަމަ އެމޫތައް ފުލާ ހަމައިން ކޮށާލާށެވެ. ދެން ފަސްގަނޑު ތެރެއަށް ސެންޓިމީޓަރެއްގެ ފަލަމިން ހުންނަ އޮނުކޮޅެއް ފަދަ އެއްޗެއް ކޮށްޕަމުން ދާށެވެ. 2 އިންޗި ދުރުމިނުގައި މުޅި ފަސްގަނޑުގައެވެ.
އެއަށްފަހު ޕޮޓު ގެންގޮސް ސީދާ އިރުގެ އަވި ނުލިބޭ، ނަމަވެސް ވައި ހިނގާ އަދި ލިބޭތަނެއްގައި ބަހައްޓާށެވެ. މިގޮތަށް 2 ދުވަހު ފެން ނުދީ ބެހެއްޓުމަށްފަހު ރޫޓް ސްޓިމިއުލަންޓެއް 2 އެމްއެލް 1 ލިޓަރު ފެނުގައި ގިރުމަށްފަހު ލަސްލަހުން ޕޮޓަށް އަޅަމުން ދާށެވެ. 1 ކިއުބިކް ފޫޓް ފަހަށް 1 ލިޓަރު ދޭން ވާނެއެވެ. ދޭ ވަރަކަށް ޕޮޓުގެ ފުލުން ތިކި ޖަހަން ފަށައި ރަނގަޅަށް ފެންގަނޑު ފައިބަންދެން ދެވިދާނެއެވެ.
އެއަށްފަހު ހަމަ އެތަނުގައި ގަސް ބަހައްޓައިގެން 1 ދުވަސް ދޫކޮށްލުމަށްފަހު ފުރަތަމަ ހަފުތާގައި ކޮންމެ 3 ދުވަހުން 1 ދުވަހު ފުލުން ފައިބާ ވަރަށް ފެން ދޭށެވެ. ޖެހިގެން އަންނަ ހަފުތާ 2 ދުވަހުން 1 ދުވަހު ފެން ދޭށެވެ. އެއަށްފަހު ފެން ދޭނީ ފަސްގަނޑަށް އިނގިލި ހަރާލާއިރު 2 އިންޗި ހިކިފައި ހުންނަ ނަމައެވެ.
ފެން ގިނަ ވުމަކީ ފަތްތައް ހަލާކުވާ ކަމެއް ކަމުން ރީނދޫ ވާ ފަތްތައް އަދި އެލޭ ފަތްތައް ތަނޑި ބެހެއްޓުމަށްފަހު ކޮށަމުން ދާށެވެ. ނަމަވެސް ގަހަށް ގެއްލުން ވާ އަދަދަށް ފަތް ނުކޮށާށެވެ.
މިހެން ކަންތައް ކުރުމުން މާތް ﷲ ގެ އިރާދަފުޅާއެކު ގަސް އިހު ހުރި ރަނގަޅު ހާލަތަށް އިއާދަވާނެއެވެ. ހިތްހަމަ ޖެހޭ ވަރަށް ގަސް ރަނގަޅުވުމުން އިހު ހުރި ތަނަށް ގަސް ގެންދާނީއެވެ. މިލިޔުމުގައި އެވާ ރޫޓް ސްޓިމިއުލަންޓްގެ ގޮތުގައި ވިޓަމިން ބީ ވަން، މެކްސިކްރޮޕް ނުވަތަ ސިފަމިން ބީކޭ ބޭނުންކުރެވިދާނެއެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ތިލަދުން.ކޮމް ގައި ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް
މަސްދަރު: ތިލަދުން.ކޮމް