ރާއްޖޭގައި އަނބުގަހަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ޢާއްމު އެއް ބައްޔަކީ ދަބަރުބަލި ނުވަތަ ކޮމަން ރަސްޓެވެ. ދަބަރު ބަލި ޖެހިފައި ހުންނަ އަނބުގަހެއްގެ ފަތްތަކުގައި ދަބަރުކުލައިގެ ފުއްތަކެއް ހުރެއެވެ. މިއީ އަލްގޭއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ދަބަރުބަލި ޖެހޭ އިރު ފުރަތަމަ ފަތުގެ ނުފުށުގައި ހުދު ނުވަތަ މުށި ކުލައިގެ ތިކިތަކެއް ޖަހައެވެ. އެއަށްފަހު ދުވަސްކޮޅަކުން އެ ތިކިތަކާ ދިމާލުގައި ފަތުގެ މަތިފަރާތުގައި އުފުލިފައި ހުންނަ ފުއްތަކެއްހެން ހުންނަ ދަބަރުކުލައިގެ ތިކިތަކެއް ޖަހައެވެ.
ދަބަރުބަލީގެ ސަބަބުން ހަކަތަ އުފެއްދުމަށް ފަތްތަކުގައި ހިނގާ ފޮޓޯސިންތެސިސްގެ މަސައްކަތަށް ހުރަސް އެޅި ގަހުގެ ހެދުން ހުއްޓެއެވެ. ދަބަރުބަލި ޖެހި ޙައްލު ނުހޯދި ގިނަ ދުވަސް ވެއްޖެނަމަ މަޑުމަޑުން ގޮސް ގަސް އެއްކޮށް މަރުވެއެވެ.
ދަބަރު ބަލިން ގަސް ސަލާމަތްކޮށް ރައްކައުތެރި ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.
އެންމެ ފުރަތަމަ ކަމަކީ ދުރުދުރުގައި އަނބުގަސް އިންދުމެވެ. އަހަރެމެންގެ ރާއްޖޭގައި ގޯތި ތެރޭގައި އެއް ވަޅުގަނޑެއްގައި އެތައް އަނބުގަހެއް ފީންޏެއްގެ ގޮތުގައި އިންދަމުއެވެ. ނަމަވެސް ބޭރު ގައުމުތަކުގައި އަނބުގަސް ހައްދައިއުޅެނީ އެއްގަހުގެ ފަތްތައް އަނެއް ގަހުގައި ނުޖެހޭހާ ދުރުމިނުގައެވެ. އަހަރެމެން ހައްދާގޮތަށް އަނބުގަސް ހެއްދުމުން ގަހުގެ ގޮފިތަކާއި ފަތްތަކުގެ ތެރޭގައި ވައި ދައުރު ކުރުމަށް ހުރަސް އެޅެއެވެ. އަދި ތެތްކަން ބޮޑުވެއެވެ. މިހެން ވުމުން ދަބަރުބަލި ޖައްސާ އަލްގޭ ފަސޭހައިން އާލާވެއެވެ. އަދި އެއްގަހަށް ބަލި ޖެހިއްޖެނަމަ އެގަހުން ދެންހުރި ގަސްތަކަށް ބަލި ފެތުރެއެވެ. އެހެންކަމުން ރަނގަޅު މުޑުވަކެއްގެ އެއް ގަސް އެއް ބެޑުގައި ހެއްދުމަކީ އެންމެ ރަނގަޅު ގޮތެވެ.
ދެވަނަ ކަމަކީ އެއްވަޅެއްގައި ފީނިގޮތަށް އަނބުގަސް ހެއްދިކަމުގައި ވިޔަސް ވައި ހިނގާނޭ ގޮތް ހެދުމަށް މައިގަހުގެ އެތެރެއަށް ވާގޮތަށް ޖަހާ ގޮފިތައް ކޮށައި އަބަދުވެސް މައިގަހާ ބޭރަށް ގޮފިތައް ހެއްދުމެވެ. އޭރުން ގަހުގެ ތެރޭގައި ތެތްފިނިކަން މަޑުވެ އަލްގޭ އާލާވުމަށް ހުރަސްއެޅެއެވެ. އަދި އެއްވަރަކަށް ގަހުގެ ހުރިހާ އޮފިތަކަކަށް ކާނާ ފޯރުކޮށްދެވި ބަލިތަކުން މުޅިގަސް ދިފާޢުކޮށްދެއެވެ. ގަސް ހެދެމުންދާއިރު ވަށައިގެން އެއްވަރަކަށް ގޮފިޖެއްސުމަކީ ދަބަރު ބައްޔާއި އެހެނިހެން ބަލިތަކުން ގަސް ސަލާމަތްކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
ދަބަރުބަލިން އަނބުގަސް ރައްކައުތެރިކުރުމަށް ކުރެވިދާނެ އިތުރު ކަމަކީ ދޭތެރެދޭތެރެއިން ގަހުގެ ބުޑުގައިވާ ފަސްގަނޑު ދޫކުރުމެވެ. މިކަން ކުރުމަށް މަލްޗުކުރުމަށް އެއްޗެހި އަޅާފައި ހުރިނަމަ އެއެއްޗެހި ނެގުމަށް ފަހު މަދުވެގެން ކޮންމެ 6 މަހަކުން އުދައްޔަކުން ފަސްގަނޑު ޖަހާލާށެވެ. މިހެން ހެދުމުން އަނބުގަހުގެ މޫތަކަށް ފެނާއި ކާނާ ވާސިލުވުމަށް ފަސޭހަވެއެވެ. މިހެން ފަސްގަނޑު ޖަހާއިރު ފަސްގަނޑަށް ޔުނިގުރޯ ނުވަތަ ގެރިގުއި އަޅައި އެއްކޮށްލެވިދާނެ އެވެ. ފެނާއި ކާނާއަކީ ގަސް ހެދުމާއި ބަލިތަކުން ދިފާޢުވުމަށް ކޮންމެހެން މުހިއްމު މާއްދާތަކެވެ.
ދެން އޮތީ އަނބުގަހަށް ދަބަރުބަލި ޖެހުމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.
އެގޮތުން ފުރަތަމަ ކަމަކީ ދަބަރުބަލިން ގަސް ރައްކައުތެރިކޮށްދިނުމަށްވެސް ކުރެވިދާނެ ކަމެކެވެ. އެއީ ދޭތެރެދޭތެރެއިން (3 މަހުން) ގަހަށް ފަންގިސައިޑެއް ސްޕްރޭކުރުމެވެ. މިގޮތުން ސަލްފާ ނުވަތަ ކޮޕާރ އެކުލެވޭ ފަންގިސައިޑެއް ބޭނުންކުރާށެވެ. މިސާލަކަށް ކޯބޮކްސް 10 ގުރާމް، 5 ލިޓަރު ފެނުގެ ނިސްބަތުން ގިރުމަށްފަހު ގުންބާއަކުން ސްޕްރޭކުރެވިދާނެއެވެ.
ދަބަރުބަލި މާބޮޑަށް އަނބުގައި ހުރިނަމަ ކޮންޓްރޯލްކުރުމަށް އެންޓްރަކޯލް (ޕޮރްޕިނެބް) ސްޕްރޭކުރެވިދާނެއެވެ. އެންޓްރަކޯލް ސްޕްރޭކުރާނީ ބަލި ރަނގަޅުވަންދެން ކޮންމެ 14 ދުވަހަކުން 10 ގުރާމް، 5 ލިޓަރު ފެނުގެ ނިސްބަތުންނެވެ.
އަނބުގަސް ހައްދާއިރު އަހަރެމެން ގަހުގެ މައިކުރި މައްޗަށް ހެދެން ދޫކޮށްލަނީއެވެ. އޭގެ ބަދަލުގައި ބޭސް ޖަހަން ޖެހިއްޖެނަމަ އެކަމަށް ފަސޭހަކުރުމާއި އަނބު ބިނުމަށް ފަސޭހަކުރުމަށް މައިކުރި ބުރިކޮށްލައި ގޮފިތައް ކޮށައިގެން ގިނަ ގޮފި ޖައްސުވައިގެން ގަސް ހެއްދުމަށް މަސައްކަތް ކުރާށެވެ. އަދި ގުރާފްޓްކުރި ގަސް ބޭނުންކުރާށެވެ. އަނބުގަހަށް ކާނާއާއި ބޭސް ސްޕްރޭ ކުރާނަމަ ޅަކުރި ޖަހާ މޫސުމާއި އަނބުމައު އަދި އަނބު އަޅާ މޫސުމާ ދިމާ ނުކުރާށެވެ. އަދި ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅާށެވެ.
މަސްދަރު:
އަނބުގަހާއި ދަބަރުބަލި - ހުބާ ޕްލާންޓްސް: 3 ޖެނުއަރީ 2021 - https://thiladhun.com/50418