ގުރުދާގައި އުފެދޭ ހިލަ

ގުރުދާގައި އުފެދޭ ހިލަ(kidney stone) އަކީ ތަފާތު މަޢުދަން ތަކާއި، ލޮނު ނޫނީ ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކާއި، ލޮނުގެ ބާވަތްތައް އެއްވެ، ގުރުދާގައި ޖަމާވާގޮތްވުމުންނެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ. އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި ހިލައުފެދުމަށް “ނެފްރޯލިތިއޭސިސް”(nephrolithiasis)، “ރީނަލް ކަލްކިޔުލައި”(renal calculi) އަދި “ޔޫރޯލިތިއޭސިސް”(urolithiasis) ފަދަ ނަންތައް ބޭނުންކުރެވެއެވެ.

އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ކަޅު މީހުންނަށްވުރެ ދޮންމީހުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަމަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެއްފަހަރު ގުރުދާގައި ހިލައުފެދިއްޖެނަމަ އެމީހަކަށް ދެވަނަ ފަހަރަށް ވެސް ގުރުދާގައި ހިލައުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.

ކުޑަކަމުދާ ނިޒާމުގެ ކޮންމެ ހިސާބެއްގައި ވެސް ހިލަ އުފެދިދާނެ އެވެ. އެގޮތުން ގުރުދާ، ގުރުތާ ، މަސާނާ މިއިން ކޮންމެ ތަނެއްގައި ހިލަ އުފެދިދާނެއެވެ. އާންމު ގޮތެއްގައި ހިލަ އުފެދެނީ ކުޑަކަމު ނަޖިސް، ބޭރުނުވެ ގިނައިރުވުމުން، ކުޑަކަމު ނަޖިސްގައި ހުންނަ މައުދަންތައް ކްރިސްޓަލައިޒްވެ، އެކަތި އަނެކައްޗާއި ތަތްވެ ހަރުލުމުންނެވެ. ކުޑަކަމުދާ ނިޒާމުގައި އުފެދޭ މިފަދަ ހިލަތަކުގެ ސައިޒު އުޅެނީ ލޮނު ފުކެއްގެ މިންވަރުން ފެށިގެން ގޮސް ޒުވާރިފުކެއްގެ މިންވަރާއި ދެމެދުގައެވެ.

ގުރުދާގައި އުފެދޭ ހިލަ މުށި ނޫނީ ރީނދޫ ކުލައިގައި ވެސް ހުރެދާނެ އެވެ. އަދި ހިލަ އޮމާންކޮށް ނޫނީ ކުރަކިކޮށް ވެސް ހުރެދާނެ އެވެ. ގުރުދާގައި އުފެދޭ ހިލައެއް ބޭރުވެގެންދިއުމަކީ ވަރަށް ވޭންހުރި ކަމެކެވެ. ނަމަވެސް ކުރީކޮޅު ދެނެގަނެވިއްޖެނަމަ، ގުރުދާގައި އުފެދޭ މިފަދަ ހިލައިގެ ސަބަބުން ދާއިމީ ގެއްލުމެއް އެއްވެސް ގުނަވަނަކަށް ނުވަތަ ހިސާބަކަށް ނުލިބޭނެ އެވެ. ބައެއް ފަހަރު ތަދަށް ބޭސް ބޭނުންކުރުމާއެކު ގިނައިން ދިޔާތަކެތި ބޭނުންކުރުމުން ވެސް އުފެދިފައިވާ ހިލަ ފައިބައިގެން ހިނގައިދާނެއެވެ. ނަމަވެސް އަނެއްބައިފަހަރު މިސާލަކަށް ކުޑަކަމުދާ ނިޒާމުގެ ހިސާބެއްގައި ހިލަ ތާށިވެފައިވާނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.

ސަބަބުތައް

ގުރުދާގައި ހިލަ އުފެދެން މެދުވެރިވާ ވަކި ޚާއްޞަ ، ފަރުދީ ސަބަބެއް ފާހަގަ އެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ތަފާތު ކަންތައްތަކުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑުކޮށް މަގުފަހި ކުރެއެވެ.

ގުރުދާގައި ހިލަ އުފެދެނީ ކުޑަކަމުނަޖިހުގައި ކްރިސްޓަލް އުފައްދާ މާއްދާތައް މިސާލަކަށް ކެލްސިއަމް، އޮކްސަލޭޓް އަދި ޔުރިކް އެސިޑް ފަދަ މާއްދާތައް ކުޑަކަމުނަޖިހުގައި ހިމެނޭ ދިޔާބައިން އޭގެ ތާސީރު ދަށްކުރެވޭ ވަރަށްވުރެ، މާގިނައިން ހުރުމުންނެވެ. ހަމައެއާއެކު ކްރިސްޓަލް ފޯމްވެ އެކަތި އަނެކައްޗާއި ތަތްވުމުން ރައްކާތެރިކޮށްދޭ މާއްދާތައް ކުޑަކަމު ނަޖިހުގައި ނުހުރުމާއެކު ، ކުޑަކަމު ނަޖިސް، ހިލަ އުފެދުމަށް ފަހި މާހައުލަކަށް ވެގެންދެއެވެ.

ގުރުދާގައި ހިލައުފެދެނީ ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުވުން، ނުވަތަ ހިލައުފެދުމަށް އެހީވެދޭ މާއްދާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި ގިނަވުމުންނެވެ. ގުރުދާގައި އުފެދޭ ހިލައިގައި އެންމެ އާއްމުކޮށް ހިމެނޭ އެއް މާއްދާއަކީ ކެލްސިއަމް އެވެ. މިގޮތުން ކެލްސިއަމް ހުންނަނީ ފޮސްފޭޓް، ނުވަތަ އޮކްސަލޭޓް އާއި ގުޅި ލާމެހިފައެވެ. ގުރުދާގައި ހިލައުފެދުމަށް އެހީވެދޭ އެހެން މާއްދާ ތަކުގެ ތެރޭގައި ޔުރިކް އެސިޑް އަދި ސިސްޓައިން ހިމެނެއެވެ.

ދިޔާތަކެތި ބޭނުންކުރާ މިންވަރު މަދުވުމުން ހަށިގަނޑުން ފެންމަދުވުން، ވަރުބަލި ވަންދެން ކަސްރަތު ކުރުމަށްފަހު ހަށިގަނޑުން ގެއްލިގެންދާ ފެނުގެ ބައި އަބުރައި ހަށިގަނޑަށް ނުލިބުން، ޑައެޓްކުރުން، ބަރުދަން އިތުރުވެ ބަރުހެލިވުން، ބައެއް ކަހަލަ ބަލިތައް ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމަށް މަގުފަހިކުރާ ކަންތައްތައް ކަމުގައި ބެލެވިފައި ވެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ކޮންމެ ވެސް ހިސާބެއްގައި ހުރި ކަމެއްގެ ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސް އެޅުން، އަދި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުން ފަދަ ކަންކަމަކީ ވެސް ގުރުދާގައި ހިލައުފެދުން މެދުވެރިކޮށްފާނެ ކަންތައްތަކެވެ.

ކޮންމެ ޖިންސެއްގެ ކޮންމެ އުމުރެއްގެ މީހަކަށް ގުރުދާގައި ހިލައުފެދުން ކުރިމަތިވެދާނެ އެވެ. ނަމަވެސް ނިސްބަތުން ފިރިހެނުންނަށް ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކަން ފާހަގަކުރެވެއެވެ. އާންމު ގޮތެއްގައި ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކުގެ ތެރެއިން ކެލްސިއަމް، އޮކްސަލޭޓް އަދި ޔޫރިކް އެސިޑް ކުޑަކަމު ނަޖިހުގައި އާދަޔާ ޚިލާފަށް ގިނަވެ، އިތުރުވެގެންނެވެ.

މަގުފަހިކުރާ ކަންތައްތައް

ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) – އާއިލާގެ މެންބަރުގެ ކިބައިގައި ނޫނީ އެމީހެއްގެ ކިބައިގައި ކުރިން ގުރުދާގައި ހިލަ އުފެދިފައިވުން: އާއިލާގެ މެންބަރެއްގެ ކިބައިގައި ކުރިން ގުރުދާގައި ހިލަ އުފެދުމުގެ މައްސަލަ ހުރިކަމުގައިވާނަމަ އެމީހަކަށް ގުރުދާގައި ހިލަ އުފެދުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ނޫނީ އެމީހެއްގެ ގުރުދާގައި ކުރިން ހިލަ އުފެދިފައިވާނަމަ ދެވަނަ ފަހަރަށް ވެސް އެގޮތަށް ހިލަ އުފެދުމުގެ ފުރުޞަތު ބޮޑެވެ.

(ށ) – ހަށިގަނޑުން ފެނުގެބައި މަދުވުން: ކޮންމެ ދުވަހަކު އެކަށޭނަ މިންވަރަކަށް ފެން ނުބުއިމަކީ ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. ހޫނު ހަނަފަސް ހިސާބު ތަކުގައި ދިރިއުޅޭ މީހުން، އަދި ގިނައިން ހޫނުވުމުން ދާހިއްލާ މީހުންނަށް ވެސް ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

(ނ) – ބައެއް ކަހަލަ ކެއުންތައް: ޕްރޮޓީން ގިނަ، ލޮނުގިނަ، އަދި ހަކުރު ގިނަ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ ބައެއް ވައްތަރުތަކުގެ ގުރުދާ ހިލަ އުފެދުމުގެ ހިރާސް އިތުރުކުރުވާ ކަމެކެވެ. އެގޮތުން ލޮނު މާގިނައިން ހިމެނޭ ކާނާ ބޭނުންކުރުމަކީ ގުރުދާއިން ކެލްސިއަމް ފުރާނަދޭ މިންވަރު އިތުރުވެ، އެކަމުގެ ސަބަބުން ހިލަ އުފެދުމަށް މަގުފަހި ވެދާނެ ކަމެކެވެ.. ނޫނީ ކެއުމުގައި ކެލްސިއަމް މަދުވުމާއި، އޮކްސަލޭޓް އަދި ޕްރޮޓީން ގިނަވުމަކީ ވެސް ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިވާ ކަމެކެވެ.

(ރ) – އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން: ބޮޑީ މާސް އިންޑެކްސް މަތިވެ، އުނަގަނޑުގެ ސައިޒުން ބޮޑުވެ، މަތިވުމަކީ އެކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މެދުވެރިވެދާނެ ކަމެކެވެ.

(ބ) – ހަޖަމުކުރާ ނިޒާމުގެ ބަލިތަކާއި އޮޕަރޭޝަންތައް: ގެސްޓްރިކް ބައިޕާސް އޮޕަރޭޝަންކުރުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އަދި އިންފްލެމޭޓަރީ ބަވަލް ޑިޒީޒް ( އަލްސަރޭޓިވް ކޮލައިޓިސް، ކްރޯންސް ޑިޒީޒް) ،ފަދަ ބަލިތަކުގެ ސަބަބުން ހަޖަމުކުރުމަށް ބަދަލުއައިސް، ހަށިގަނޑަށް ކެލްސިއަމް، އާއި ފެން ފަދަ މާއްދާތައް ނެގުމުގައި ހުރަސްތަކާ ކުރިމަތިވެ، އެކަމުގެ ސަބަބުން ހިލަ އުފެދުމަށް އެހީތެރިވެދޭ މާއްދާތައް ކުޑަކަމުދާ ތަކެތީގައި އިތުރުވެގެން ދެއެވެ. ގޮހޮރުގައި އިންފްލެމޭޝަން އުފެދޭ ބަލިތަކާއި، ގޮހޮރުގެ ބައިޕާސް ހަދައިފައި ތިބޭމީހުންނަށް ގުރުދާގައި ހިލައުފެދުމުގެ މައްސަލަ ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

(ޅ) – އެހެނިހެން ޞިއްޙީ މައްސަލަތައް: ބައެއް ކަހަލަ ޞިއްޙީ މައްސަލަތައް މިސާލަކަށް ހައިޕަޕެރަތައިރޮއިޑިޒަމް، ކުޑަކަމު ނަޖިހުގައި ސިސްޓައިން ހުރުން، ރީނަލް ޓިބިޔުލަރ އެސިޑޯސިސް، ހަކުރު ބަލި، މެޑުލަރީ ސްޕަންޖް ޑިޒީޒް އަދި ތަކުރާރުކޮށް ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން އުފެދުމަކީ އެކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ގުރުދާގައި ހިލައުފެދުން މެދުވެރިކުރުވާ އެހެން ބަލިތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ތެރޭގައި އޮކްސަލޭޓް ގިނަވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އާދަޔާ ޚިލާފަށް އިތުރުވުން، އަދި ބައެއް ކަހަލަ ގުރުދާގެ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތެރޭގައި ”’ޔުރިކް އެސިޑް”’ ގިނަވުމުން ކުރިމަތިވާ ގައުޓްގެ ސަބަބުން ޔުރިކް އެސިޑް ހިލަ ގުރުދާގައި އުފެދޭގޮތް ވެއެވެ.

(ކ) – ބައެއް ކަހަލަ ބޭސްތަކާއި ސަޕްލިމެންޓް ތައް: ވިޓަމިން ސީ، ޑައެޓްރީ ސަޕްލިމެންޓްތައް، ލެކްޒޭޓިވްސް، ކެލްސިއަމް ބޭސްޑް އެންޓަސިޑްސް، މައިގްރޭން، ލޭމައްޗަށްދާތީ ބޭނުންކުރާ ބައެއް ކަހަލަ ބޭސްތައް، ސިޕްރޯފްލޮސަސިން އަދި ސަލްފަރ އެކުލެވޭ އެންޓިބަޔޮޓިކް ތައް، ކޯޓިކޯސްޓީރޮއިޑް، އެއިޑްސް ދީ އުޅޭ އިންޑިނަވީރް ސަލްފޭޓް ފަދަ ޕްރޮޓިއޭޒް އިންހިބިޓަރޒް އަދި ޑިޕްރެޝަން އަށް ބޭނުންކުރާ ބައެއް ބޭސްތައް ފަދަ ބޭސްތައް މާގިނައިން ބޭނުންކުރުމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ.

(އ) – ކުޑަކަމުދާ ތަކެތީގައި ކެލްސިއަމް ގިނަވުން: ގުރުދާގައި ހިލައުފެދުން ކުރިމަތިވާ މީހުންގެ 50 އިންސައްތަ މީހުންނަށް ހިލައުފެދުން ކުރިމަތިވަނީ ކުޑަކަމުދާ ތަކެތީގެ ތެރޭގައި ކެލްސިއަމްގެ މިންވަރު އިތުރުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ފޮސްފޭޓް ނުވަތަ އޮކްސަލޭޓް އާއި އެއްވެގެން ފޮސްފޭޓް ހިލަ ނުވަތަ އޮކްސަލޭޓް ހިލަ އުފެދުން މެދުވެރި ކުރުވައެވެ.

ގުރުދާގައި އުފެދޭ ހިލައިގެ ވައްތަރުތައް

ގުރުދާގައި އުފެދިފައިވާ ހިލައިގެ ވައްތަރު އެނގުމަކީ ހިލަ އުފެދެން މެދުވެރިވި ސަބަބާއި، އިތުރު ހިލަތައް އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެގޮތް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކުޑަކަމުދާއިރު ހިލައެއް ބޭރުވެ، އެކަން ފާހަގަ ކުރެވިއްޖެނަމަ، އެހިލަ އެއް ޑޮކްޓަރަށް ދާއިރު ގެންދިއުމަކީ އޭގެ ވައްތަރު ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގުރުދާގައި އުފެދޭ ހިލައިގެ ވައްތަރުތަކުގެ ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ.

ކެލްސިއަމް އެކުލެވޭ ހިލަ

ގުރުދާގައި އެންމެ އާންމުކޮށް އުފެދޭ ހިލަ އަކީ ކެލްސިއަމް އެކުލެވޭ ހިލަ(calcium stones) އެވެ. ކެލްސިއަމް އެކުލެވޭ ހިލަ އެންމެ އާންމުކޮށް އުފެދެނީ “ކެލްސިއަމް އޮކްސަލޭޓް” (calcium oxalate)ގެ ގޮތުގައެވެ. އޮކްސަލޭޓް އަކީ ފުރަމެއިން އުފެއްދުމުގެ އިތުރުން ، ކެއުމުގެ ތެރެއިން ހަށިގަނޑަށް ލިބިދާނެ މާއްދާ އެކެވެ. އެގޮތުން ބައެއް ކަހަލަ ތަރުކާރީއާއި މޭވާގެ ބާވަތްތައް، ބައެއް ކަހަލަ މަދުގެ ބާވަތްތައް، ރުބާބު، އަދި ޗޮކްލެޓް ފަދަ ތަކެތީގައި އޮކްސަލޭޓް ހުރެއެވެ. އާދަޔާ ޚިލާފަށް ގިނައިން ވިޓަމިން ޑީ ބޭނުންކުރުމަކީ ވެސް ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދުމަށް މަގުފަހިވެދާނެ ކަމެކެވެ.

ކެއުމުގައި ގެންގުޅޭ އާދަތައް، ވިޓަމިން ޑީ މަތީ މިންވަރަކަށް ބޭނުންކުރުން، ގެސްޓްރިކް ބައިޕާސް ސާޖަރީ އެއް ހަދާފައިވުން، އަދި ބައެއް ކަހަލަ މެޓަބޮލިކް ޑިސްއޯޑަރ ތަކުގެ ސަބަބުން އޮކްސަލޭޓް އަދި ކެލްސިއަމް ގެ މިންވަރު ކުޑަކަމު ނަޖިހުގައި އިތުރުވާކަން ފާހަގަ ކުރެވެއެވެ. ކެލްސިއަމް އެކުލެވޭ ހިލަ “ކެލްސިއަމް ފޮސްފޭޓް”(calcium phosphate) ގެ ގޮތުގައި ވެސް އުފެދިދާނެ އެވެ. މިވައްތަރުގެ ހިލަ ބޮޑަށް އުފެދެނީ ރީނަލް ޓިބިޔުލަރ އެސިޑޯސިސް ފަދަ ބައެއް ކަހަލަ މެޓަބޮލިކް ޑިސްއޯޑަރ ތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ފިޓްޖެހުން އަދި މައިގްރޭން ފަދަ ބަލިތަކާއި ގުޅިގެން ބޭނުންކުރާ ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ޓޮޕިރަމޭޓް ފަދަ ބޭސްތަކުގެ ސަބަބުން ވެސް މިވައްތަރުގެ ހިލަ އުފެދުމުގެ ފުރުޞަތު އިތުރުވެދާނެ އެވެ.

ސްޓްރޫވައިޓް ހިލަ

ސްޓްރޫވައިޓް ހިލަ (struvite stones) އުފެދެނީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ އިންފެކްޝަން ހެދުމުގެ ސަބަބުންނެވެ. އިންފެކްޝަން އުފައްދާ ބެކްޓީރިޔާ ގެ ސަބަބުން ކުޑަކަމު ނަޖިހުގައި އެމޯނިޔާ އިތުރުވެ ގިނަވާގޮތް ވެއެވެ. އަދި އެކަމުގެ ސަބަބުން ހިލަ އުފެދޭގޮތް ވެއެވެ. މިވައްތަރުގެ ހިލަ ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސައިޒުން ވެސް ބޮޑުވެއެވެ. މިވައްތަރު ހިލަ އުފެދުނަސް އޭގެ އުދަނގޫތައް ނުފެނި، ފާހަގަނުވެ ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޔޫރިކް އެސިޑް އެކުލެވޭ ހިލަ

ޔޫރިކް އެސިޑް އެކުލެވޭ ހިލަ(uric acid stones) އުފެދިދާނެ ސަބަބުތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ބޭރަށް ހިންގުން ފަދަ ކަމެއްގެ ސަބަބުން ހަށިގަނޑުން މާގިނައިން ދިޔާތަކެތި ނުވަތަ ފެންބޭރުވެ ފެންމަދުވުމާއި، ކެއުމުގައި މާގިނައިން ޖަނަވާރުން ލިބޭ ޕްރޮޓީން ހިމެނުން (އެއްގަމުމަސް، ކުކުޅު ބިސް ފަދަ ތަކެތި) ، ހަކުރު ބަލިހުރުން، އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ބަލިތައް ހިމެނެއެވެ. އުފެދުމުގައި ހުންނަ ވަކި ކަހަލަ ވިރާސީ ބަހާއެއްގެ ސަބަބުން ވެސް މިވައްތަރުގެ ހިލަ އުފެދުމުގެ ހިރާސް އިތުރުވެދާނެ އެވެ.

ސިސްޓައިން އެކުލެވޭ ހިލަ

ސިސްޓައިން އެކުލެވޭ ހިލަ (cystine stones)އުފެދެނީ އުފެދުމުގައި ދިމާވާ ވާރުތަވާ ހާލަތެއް ކަމުގައިވާ “މާގިނައިން ކުޑަކަމު ނަޖިހުގައި ސިސްޓައިން ހުރުން” (cystinuria) ފަދަ ހާލަތްތަކުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ގުރުދާއިން ސިސްޓައިން (cystine)ކިޔާ އެމިނޯ އެސިޑް އެއް އާދަޔާ ޚިލާފަށް ގިނައިން ދޫކުރާގޮތް ވެއެވެ. ނުވަތަ ކުޑަކަމު ނަޖިހުން ސިސްޓައިން އަލުން ހަށިގަނޑަށް ނެގުމަށް ނުކުޅެދި، ކުޑަކަމު ނަޖިހުގައި ސިސްޓައިން ގިނަވެ، އެކަމުގެ ސަބަބުން ހިލައުފެދޭގޮތް ވެއެވެ. އެހެންކަމުން މިއީ ވިރާސީ ބަހާއަށް އަންނަ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

އަލާމާތްތައް

ގުރުދާގައި ހިލަ ހުއްޓަސް އޭގެ އެއްވެސް އުދަނގުލެއް ނޫނީ އަލާމާތެއް ފާހަގަ ނުކުރެވި ހިނގައިދާނެއެވެ. ގުރުދާގައި އުފެދޭ ހިލަ، ގުރުދާގެ ތެރޭގައި ދައުރުވެ، ގުރުތާ (ގުރުދާ އާއި މަސާނާ ގުޅުވައިދޭ ހޮޅި) އަށް ނުފޯރަނީސް އާންމު ގޮތެއްގައި މިކަމުގެ އަލާމާތްތައް ނޫނީ އުދަނގޫތައް ފާހަގައެއް ނުކުރެވޭނެ އެވެ. އުފެދިފައިވާ ހިލަ ގުރުތާ އަށް ގޮސް، ގުރުތާގައި ތާށިވެއްޖެނަމަ، ކުޑަކަމު ނަޖިސް ބޭރުވުން ހުއްޓި، ބަންދުވެ، ގުރުދާ ދުޅަވެ، ގުރުތާ އަށް އުދަނގޫވެ، ވަރަށް ބޮޑަށް ރިއްސާނެ އެވެ.

މިހާލަތުގައި އަންނަނިވި އުދަނގޫތަކާއި، ކަންތައްތައް ފާހަގަ ކުރެވޭނެ އެވެ

  • އުނަގަނޑާއި އަރިކަށީގައި (ގުރުދާ އޮންނަ ހިސާބުގައި) ތޫނު ތަދެއް ހުރުން
  • އަރިކަށީގައި ހުންނަ ތަދު ދަށްބަނޑާއި، އުކުޅަވަޅަށް ދިއުން
  • އައިސްފައި ދާ ކަހަލަ ލުއިވެފައި އިތުރުވާ ކަހަލަ ގޮތަކަށް ރިހުން ހުރުން
  • ކުޑަކަމުދާއިރު ރިއްސުން އަދި ދިލަނެގުން

އެހެނިހެން އަލާމާތްތަކުގެ ތެރޭގައި:-

  • ކުޑަކަމުނަޖިސް މުށި، ރަތް، ނޫނީ ފިޔާތޮށި ކުލައިގައި ހުރުން
  • ކުޑަކަމުނަޖިސް ފުސްކޮށް ހުރުން
  • ކުޑަކަމުނަޖިހުން ނުބައިވަސް ދުވުން
  • އަވަސް އަވަހަށް ކުޑަކަމުދާންޖެހުން / އެތިކޮޅުކޮޅުން ކުޑަކަމުދެވުން / އަބަދުވެސް ކުޑަކަމުދާންޖެހިފައި ހުރުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ހުންއައުމާއެކު ހީކެރުވުން

ގުރުދާގައި ހިލަ ހުރެގެން އުފެދޭ ރިހުން އުފެދިފައިވާ ހިލަ ދައުރުކުރާވަރަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ރިހުން ހުންނަ ހިސާބު ނުވަތަ ތަން ވެސް ބަދަލުވެދާނެ އެވެ. ރިހުން ލުއިވެފައި އިތުރުވެސް ވެދާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

ގުރުދާގައި ހިލައުފެދި، ބޮޑެތި ހިލަތަކަށް ދެވޭ ފަރުވާގެ ސަބަބުން ނޫނީ ފަރުވާނުކޮށް ދޫކޮށްލުމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ގުރުތާ ބެދުން
  • ގުރުތާއަށް އަނިޔާވުން
  • އޮޕަރޭޝަން ކުރިތަނުން އާދަޔާ ޚިލާފަށް ގިނައިން އޮޕަރޭޝަންގެ ތެރޭގައި ލޭއައުން
  • އޮޕަރޭޝަންކުރި ހިސާބުގައި ރިހުން
  • ކުޑަކަމުދާ ނިޒާމުގައި ޖަރާސިމު އަޅައި އިންފެކްޝަން ހެދުން
  • ލޭގެ ތެރެއަށް ޖަރާސީމުގޮސް ވިހަވުން

ދެނެގަތުން

ގުރުދާގައި ހިލަ ހުރިކަމަށް ޝައްކުކުރެވޭނަމަ އެކަން ދެނެގަތުމުގެ ގޮތުން އަންނަނިވި ޓެސްޓުތަކާއި، ކަންތައްތައް ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) – ލޭގެ ޓެސްޓުތައް ހެދުން: ލޭގެ ޓެސްޓުތަކުގެ އެހީގައި ލޭގައި މާގިނައިން ކެލްސިއަމް ނުވަތަ ޔޫރިކް އެސިޑް ފަދަ މާއްދާތައް ހުރިނަމަ ދެނެގަނެވޭނެ އެވެ.

މިޓެސްޓުތަކުގެ ނަތީޖާއާއި ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދަންޖެހޭނަމަ އެކަން ޑޮކްޓަރުން ކުރިޔަށް ގެންދަވާނެ އެވެ. (ށ) – ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން: މިޓެސްޓުތަކުގެ އެހީގައި ހިލަ އުފެދުމަށް އެހީތެރިވެދޭ މައުދަންތައް ކުޑަކަމުދާ ތަކެތީގައި ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި ޖެހިޖެހިގެން ދެދުވަހު މިޓެސްޓު ހެދުމަށް ކުޑަކަމު ނަޖިސް ނަގަންޖެހިދާނެ އެވެ. ނުވަތަ ދޭންޖެހިދާނެ އެވެ.

(ނ) – އިމޭޖިންގ ޓެސްޓުތައް: އިމޭޖިންގ ޓެސްޓުތަކުގެ އެހީގައި ގުރުދާގައި ހިލަ އުފެދިފައި ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. ސީޓީ ސްކޭން ފަދަ ޓެސްޓުތަކުން ވަރަށް ކުދިކުދި ހިލަ ތައް ވެސް ދެނެގަންނާނެ އެވެ. އާންމު ގޮތެއްގައި ނަގާ ބަނޑުގެ އެކްސްރޭ ތަކުން ކުދިކުދި ހިލަތައް ނަގައިނުގަނެވުމަކީ ނުވަތަ ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ވެސް ގުރުދާގައި އުފެދިފައި ހުންނަ ހިލަ ދެނެގަނެވޭނެ އެވެ.

(ރ) – ބޭރުކުރެވުނު ހިލަ ތަހުލީލުކުރުން: ބައެއް ފަހަރު ހިލަ އުފެދިފައި ހުންނައިރު ތައްޓެއް ފަދަ އެއްޗަކަށް ކުޑަކަމުދިއުމަށް ބުނެއެވެ. މީގެ ބޭނުމަކީ ހިލަ އެއް ބޭރުވެއްޖެނަމަ އެހިލައެއް ނެގުމެވެ. އަދި އެއަށްފަހު ބޭރުވެގެންދިޔަ ތަހުލީލުކޮށް ބެލުމެވެ. މިގޮތަށް ބެލުމުން އެއީ ކޮންވައްތަރެއްގެ ހިލައެއްކަން ވެސް ދެނެގަނެވޭނެ އެވެ.

ފަރުވާ

ގުރުދާގައި ހިލަ އުފެދުމުން ދޭ ފަރުވާ ބަރޯސާވަނީ ހިލައިގެ ވައްތަރާއި، ހިލަ އުފެދުމަށް ދިމާވި ސަބަބެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ދޭ ފަރުވާތައް ތިރީގައި މިވަނީ އެވެ.

އާދައިގެ ވަރަކަށް އުދަނގޫތައް ކުރިމަތިކުރުވާ، ކުދިކުދި ހިލަތައް ދުއްވާލުން

ގުރުދާގައި އުފެދިފައި ކުދިކުދި ހިލަތައް ދުއްވާލުމަށް އޮޕަރޭޝަން ކުރާކަން ނުޖެހޭނެ އެވެ. ގިނަ ފަހަރު އަންނަނިވި ކަންތައްތައް ފުރިހަމަކޮށްގެން ހިލަ ދުއްވާލެވޭނެ އެވެ. ނުވަތަ ބޭރުކޮށްލެވޭނެ އެވެ.

(ހ) – ގިނައިން ފެންބުއިން: ގިނައިން ފެންބުއިމަކީ ކުޑަކަމު ނަޖިހުގެ ތާސީރު ދަށްކޮށްދީ، ސާފުވެ، ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު މަދުވެގެން 3-2 ލިޓަރުގެ ފެންބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ.

(ށ) – ތަދުކަނޑުވާ ބޭސް ބޭނުންކުރުން: ކުޑަ ހިލައެއް ކުޑަކަމު ނަޖިހާއެކު ބޭރުވެގެން ދިއުމަކީ ތަދާއި ރިހުން އިހުސާސް ކުރެވޭނެ ކަމެކެވެ. އެހެން ކަމުން މިފަދަ ހާލަތުގައި ތަދުކަނޑުވާ ބޭހެއް ބޭނުންކުރަން ޖެހިދާނެ އެވެ.

(ނ) – ހިލަ ދުއްވާލުމަށް ބޭސްދިނުން: ހިލަ ދުއްވާލުމަށް ނޫނީ ބޭރުކުރުމަށް ބައެއް ފަހަރު ބޭސް ލިޔެދީފާނެ އެވެ. މިފަދަ ބޭސްތަކަށް ކިޔަނީ “އަލްފާ ބްލޮކަރ”(alpha blocker) އެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ޓެމްސިޔުލޯސިން ފަދަ ބޭސްތައް ހިމެނެއެވެ.

ބޮޑެތި ހިލަތައް ދުއްވާލުން

ބޮޑެތި ހިލައް ދުއްވާލުމަށް ދޭ ފަރުވާގައި އަންނަނިވި ފަރުވާތަކާއި ކަންތައްތައް ހިމެނެއެވެ.

(ހ) – އަޑުގެ ބާނިތައް ބޭނުންކޮށްގެން ހިލަ ގޮއްވައި މުގުރާލުން: ގުރުދާގައި އުފެދޭ ބައެއް ވައްތަރުގެ ހިލަ، އޭގެ ސައިޒާއި، ހުރިތަނަށް ރިޢާޔަތްކޮށް، ގޮއްވައި މުގުރާލަން ޖެހެއެވެ. މިގޮތަށް ގޮއްވައި މުގުރާލުމަށް ކިޔަނީ “އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ”(Extracorporeal Shock Wave Lithotripsy/ESWL) އެވެ.

އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ(ESWL) ގައި ވަރުގަދަ ވައިބްރޭޝަން ( ޝޮކް ވޭވް) އުފެއްދުމަށްޓަކައި އަޑުގެ ބާނިތައް ބޭނުންކުރެއެވެ. މިޝޮކު ވޭވް ގެ ސަބަބުން ހިލަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެ ފަދަ ކުދިކުދިކޮޅު އެތިކޮޅުތަކަށް މުގުރިގެންދެއެވެ. މިއިޖުރާއާތު ހެދުމަށް ގާތްގަނޑަށް 60-45 މިނިޓް ވަރު ހޭދަވާނެއެވެ. މިއިޖުރާއާތުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ވެދާނެ އެވެ. އެހެންކަމުން މިއިޖުރާއާތު ހެދުމަށްޓަކައި ފަހަރުގައި ނިންދަވައިފާނެ އެވެ. ނޫނީ ކޮންމެވެސް ވަރަކަށް އައްސިކޮށްފާނެ އެވެ.

އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ ހެދުމަށްފަހު ކުޑަކަމުނަޖިހުގައި ލޭ ހުރެދާނެއެވެ. ބަނޑު ނޫނީ ބުރަކަށިން ލޭ އައިސްފާނެ އެވެ. ގުރުދާއާއި ވަށައިގެންވާ ސެލޯށިތަކުން ވެސް ލޭހިލިދާނެއެވެ. ހިލަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާއިރު ކޮންމެވެސް މިންވަރަކަށް ތަދު އިހުސާސް ވެދާނެ އެވެ.

(ށ) – ގުރުދާގައި އުފެދޭ ބޮޑެތި ހިލަތައް ނެގުމަށް އޮޕަރޭޝަންކުރުން: ގުރުދާގައި އުފެދޭ ބޮޑެތި ހިލަތައް ނެގުމަށް ކުރެވޭ އޮޕަރޭޝަނަށް ކިޔަނީ “ޕާރކިޔުޓެނިއަސް ނެފްރޯލިތޮޓަމީ”(percutaneous nephrolithotomy) އެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި ބުރަކަށިން ކުޑަ ތަންކޮޅެއް ކަފާލުމަށްފަހު އެތަނުން ޓެލެސްކޯޕް އަކާއި، އޮޕަރޭޝަން ކުރުމަށް ބޭނުންކުރެވޭ އަދަވާތް އެތެރެކޮށްގެން ގުރުދާގައި އުފެދިފައިވާ ހިލަ ނެގެއެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި އައްސިކުރާނެއެވެ. އަދި ހޮސްޕިޓަލްގައި 2-1 ދުވަސް މަޑުކޮށްލަންޖެހިދާނެއެވެ. މިއޮޕަރޭޝަންކުރަނީ ކުރިން ބަޔާންކުރެވުނު އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ ހަދައިގެން ކާމިޔާބު ނުކުރެވިއްޖެނަމަ އެވެ.

(ނ) – ސްކޯޕް އެއް ބޭނުންކޮށްގެން ހިލަނެގުން: ގުރުދާ ނޫނީ ގުރުތާ ގައި އުފެދިފައި ހުރި ކުދި ހިލަ ނެގުމަށްޓަކައި ކުޑަކަމުދާ ހޮޅީގެ ތެރެއިން ގޮސް، މަސާނާ ހުރަސްކޮށް ގުރުތާ ނުވަތަ ގުރުދާއަށް ކެމެރާއެއް ހަރުކުރެވިފައިވާ ހިމަ، ލުއި ހޮޅިއެއް(ureteroscope) ފޯރުކޮށް ދެވެއެވެ. މިހޮޅި އެތެރެއަށް ފޯރުކޮށްގެން ހިލަ ފާހަގަކުރެވުމުން ވަކި އަދަވާތެއް ބޭނުންކޮށްގެން ހިލަ މުގުރައި ކުދިކޮށްލެވެއެވެ. އަދި އެއަށްފަހު ކުޑަކަމު ނަޖިހާއެކު މުގުރާލެވުނު ހިލައިގެ އެތިކޮޅުތައް ބޭރުވާނެ އެވެ. އެއަށްފަހު ގުރުތާއަށް ކުޑަ ހޮޅި އެއް ނުވަތަ ސްޓަންޓް އެއް ލައްވާނެއެވެ. މިއީ ގުރުތާގެ ދުޅަ ތިރިކޮށްދީ އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއިޖުރާއާތު ހަދާއިރު އެއްކޮށް ހޭނައްތައި ވެސް ދާނެއެވެ. ނޫނީ އޮޕަރޭޝަންކުރެވޭ ހިސާބު ވަކިން އައްސިވެސް ކޮށްފާނެ އެވެ.

(ރ) – ޕެރަތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުން: ގުރުދާގައި އުފެދޭ ހިލަތަކުގެ ތެރެއިން ކެލްސިއަމް ފޮސްފޭޓް އެކުލެވޭ ހިލަ އުފެދެނީ ޕެރަތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް އާދަޔާ ޚިލާފަށް އިތުރުވުމުންނެވެ. ނުވަތަ ހައިޕަޕެރަތައިރޮއިޑިޒަމް ކުރިމަތިވުމުންނެވެ. ޕެރަތައިރޮއިޑް ގްލޭންޑް އަކީ ތައިރޮއިޑް ގްލޭންޑްގެ ހަތަރު ކަނުގައި ހުންނަ ގްލޭންޑް ތަކެކެވެ. މިގްލޭންޑްތަކުން ޕެރަތައިރޮއިޑް ހޯރމޯން އާދަޔާ ޚިލާފަށް ގިނައިން އުފެއްދުމުން ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު މަތިވެ، ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދޭގޮތް ވެއެވެ.

ބައެއް ފަހަރު ޕެރަތައިރޮއިޑް ގްލޭންޑް އެއްގައި ބިނައިން ޓިއުމަރެއް އުފެދިގެން ނޫނީ އެހެން ޞިއްޙީ މައްސަލައެއްގެ ސަބަބުން ވެސް ހައިޕަޕެރަތައިރޮއިޑިޒަމް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ޕެރަތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުމުން ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދުން ހުއްޓެއެވެ. އޮޕަރޭޝަން ނުކުރާކަމުގައިވާނަމަ ޕެރަތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ޕެރަތައިރޮއިޑް ހޯރމޯން ދޫކުރުން މެދުވެރިވާ ސަބަބަކަށް ފަރުވާކޮށް އެކަން ރަނގަޅުކުރަން މަސައްކަތް ކުރެއެވެ.

ރައްކާތެރިވުން

ގުރުދާގައި ހިލަ އުފެދުމުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމުގެ އިތުރުން ބައެއް ކަހަލަ ބޭސްތައް ބޭނުންކުރަން ޖެހެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތައް

އަންނަނިވި ކަންތައްތައް ކުރުމަކީ ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަންކަމެވެ.

(ހ) – ފެންބުއިން: ގުރުދާގައި ހިލަ އުފެދިފައިވާ މީހުން ގިނައިން ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް މަދުވެގެން 2 ލިޓަރުގެ ކުޑަކަމުނަޖިސް ބޭރުވާ މިންވަރަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 3-2 ލިޓަރުގެ ފެން ބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ. ހޫނު ހަނަފަސް ހިސާބެއްގައި ދިރިއުޅޭނަމަ އާންމުކޮށް ބޯވަރަށްވުރެ ގިނައިން ފެންބުއިމަކީ މުހިއްމު ކަމެކެވެ. ކުޑަކަމު ނަޖިސް ސާފުކޮށް ހުންނަނަމަ އޭގެ މާނައަކީ އެކަށޭނަ ވަރަށް ފެންބޮވުމެވެ.

(ށ) – އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން: ކެއުމުގައި އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަކީ މުހިއްމު ކަމެކެވެ. އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ރުބާބު، ބީޓްސް، ބާމިޔާ، ކައްޓަލަ، ބޯވެލިފަތް، ސްވިސް ޗާރޑް ފަތް، އެކި ކަހަލަ މަދުތައް، ސައި، ޗޮކްލޭޓް، އަސޭމިރުސް ،ޕޮޓޭޓޯ ޗިޕްސް، ފްރެންޗް ފްރައިޒް އަދި ސޯއި އުފެއްދުންތައް ހިމެނެއެވެ.

(ނ) – ޖަނަވާރުގެ ޕްރޮޓީން އަދި ލޮނު މަދުން ހުންނަ ކެއުން ޚިޔާރުކުރުން: ކެއުމުގައި ލޮނު މަދުން ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ޖަނަވާރު ޕްރޮޓީންގެ ބަދަލުގައި ލެގިޔޫމް ފަދަ ބާވަތްތައް ޕްރޮޓީންގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ.

(ރ) – ކެލްސިއަމް ހުންނަ ކާނާގެ ބާވަތްތައް ކުރިޔަށް ގެންދިއުން އެކަމަކު ކެލްސިއަމް ސަޕްލިމެންޓް ބޭނުންކުރުމުގައި ސަމާލުވުން: ކާނާގެ ހުންނަ ކެލްސިއަމްގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކުރުމަށް މާބޮޑު ބާރެއް ނާޅައެވެ. އެހެންކަމުން ޑޮކްޓަރު ކެއުމަށް ލަފާނުދޭ ހާ ހިނދަކު ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތައް ކުރިޔަށް ގެންދިޔަސް މައްސަލައެއް ނެތެވެ. ނަމަވެސް ކެލްސިއަމް ސަޕްލިމެންޓް ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފާހޯދުން ބުއްދިވެރި އެވެ.

(ބ) – ކެއުމުގައި ސޯޑިއަމް އަދި ލޮނު ހުންނަ ބާވަތްތައް ބޭނުންކުރުން މަދުކުރުން: ސޯޑިއަމް ގިނަވެއްޖެނަމަ، ކުޑަކަމު ނަޖިހުގައި ކެލްސިއަމް އިތުރުވާގޮތް ވެއެވެ. އަދި މިކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މަގުފަހި ވެއެވެ.

ބޭސް ބޭނުންކުރުން

ބޭސް ބޭނުންކޮށްގެން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ލޮނާއި، މައުދަންތަކުގެ މިންވަރު ކޮންޓްރޯލް ކުރެވިދާނެ އެވެ. މިއީ ބައެއް ވައްތަރުތަކުގެ ހިލަ އުފެދޭ މީހުންނަށް ފައިދާހުރި ކަމަކަށް ވެދާނެ އެވެ. ލިޔެދޭ ބޭހުގެ ވައްތަރު ބަރޯސާވަނީ އެމީހެއްގެ ހަށިގަނޑުގައި ނުވަތަ ގުރުދާގައި އުފެދިފައިވާ ހިލައިގެ ވައްތަރަކަށެވެ. އެގޮތުން ބޭނުންކުރެވޭ ބައެއް ބޭސްތައް ތިރީގައި މިވަނީ އެވެ.

ކެލްސިއަމް އެކުލެވޭ ހިލަ: މިވައްތަރުގެ ހިލަ އުފެދުމުން ރައްކާތެރިކޮށް ދިނުމަށްޓަކައި ތިއެޒައިޑް ޑަޔުރެޓިކް ނުވަތަ ފޮސްފޭޓް އެކުލެވޭ ބޭހެއް ޑޮކްޓަރުން ލިޔެދީފާނެ އެވެ.

ޔުރިކް އެސިޑް އެކުލެވޭ ހިލަ: މިވައްތަރުގެ ހިލައިން ރައްކާތެރިކޮށް ދިނުމަށްޓަކައި ޔޫރިކް އެސިޑް ލެޔާއި، ކުޑަކަމުދާ ތަކެތިން މަދުކޮށްދޭ ބޭސް މިސާލަކަށް އެލޯޕްރިނޯލް ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީފާނެ އެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތަބީޢަތް އަލްކަލައިން ކުރާނެ ފަދަ ބޭހެއް ލިޔެދީފާނެ އެވެ. ބައެއް ފަހަރު އެލޯޕްރިނޯލް އާއި އެކު އަލްކަލައިން ކުރާނެ ބޭހެއް ލިޔެދިނުމުން އުފެދިފައިވާ ހިލަ ބޭރުވެގެންދެއެވެ.

ސްޓްރޫވައިޓް ހިލަ: މިވައްތަރުގެ ހިލައިން ރައްކާތެރިވުމަށްޓަކައި މުހިއްމު ކަމަކީ އިންފެކްޝަން އިން ރައްކާތެރިވުމެވެ. އެގޮތުން އިންފެކްޝަން އިން ރައްކާތެރިވުމަށްޓަކައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ކުޑަކަމުދާން ޖެހުމުން ހިފަހައްޓައިގެން ނުހުރުމާއި، އަދި ގިނައިން ކުޑަކަމު ގޮސް ހެދުން މުހިއްމެވެ.

ސިސްޓައިން އެކުލެވޭ ހިލަ: މިވައްތަރުގެ ހިލައިން ރައްކާތެރިވުމަށްޓަކައި ކެއުމުގައި ލޮނު އަދި ޕްރޮޓީން ހިމެނުން މަދުކުރުމަށް ލަފާދެއެވެ. މީގެ އިތުރުން ކުޑަކަމު ނަޖިސް އުފެއްދުން އިތުރުކުރުމަށްޓަކައި، ގިނައިން ދިޔާތަކެތި ނުވަތަ ފެންބުއިމަށް އިރުޝާދު ދެވެއެވެ. މިގޮތަށް އަމަލުކޮށްގެން ރަނގަޅު ނުވެއްޖެނަމަ ބައެއް ފަހަރު ކުޑަކަމު ނަޖިހުގައި ސިސްޓައިން ގިރިގެންދިއުން އިތުރުކުރުމަށްޓަކައި ބޭހެއް ލިޔެދީފާނެ އެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://www.mayoclinic.org/diseases-conditions/kidney-stones/symptoms-causes/syc-20355755 
https://www.webmd.com/kidney-stones/understanding-kidney-stones-basics

މިވެސް މުހިންމު