ފާރެއް ރޭނުމަށް ބޭނުންވާ ގަލާއި ސިމެންތިއާއި ވެލީގެ އަދަދު

 

ފާރެއް ރޭނުމަށް ހޯދަންޖެހޭ ތަކެތި އަންދާޒާ ކުރާ ތަފާތު ގިނަ ގޮތްތަކުގެ ތެރެއިން ގޮތެއްގެ މިސާލެއް ތިރީގައި މިވަނީ އެވެ.

ރާނަން ބޭނުންވާ  ފާރުގެ ބޮޑުމިނަކީ ،  އުސްމިނުގައި 10 ފޫޓު އަދި ދިގުމިނުގައި 20 ފޫޓުކަމުގައި ބަލަން ހިގާށެވެ. އަދި އެ ފާރު ރާނަން ބޭނުންކުރާނީ 1 ފޫޓު ދިގު، 6 އިންޗި އުސް، 5 އިންޗި ފުޅާ އެތެރެ ހުސް އެޅިގަލުންކަމަށް ބަލައި، ފާރު ރޭނުމަށް ފަހު ދެފަރާތުގައި ބައި އިންޗީގެ ސިމެންތި ޖަހަން ނިންމަމާ ހިގާށެވެ. ހިސާބު ކުރާނީ އެ ފާރަށް ދާނެ ތަކެތި ހޯދާށެވެ.

ރޭނުމުގައި ބޭނުންކުރާ މިންގަނޑުތަކަށް ބަލައި ، ރާނަމުން ދާއިރު އެއްގާ ބޭއްވުމަށް ފަހު އަނެއްގާ ބޭއްވުމުގެ ކުރިން ދެގާ ދޭތެރޭގައި އަޅާ ވެލިސިމެންތި ފަށަލައިގެ ބޯމިނުގެ އަންދާޒާ މިންވަރަކީ ބައި އިންޗި ކަމަށް މި ހިސާބުގައި ބަލާނަމެވެ.

މިއަންދާޒާކުރުމުގައި ފުރަތަމަ ހިސާބުކުރާނީ ދާނެ ގަލުގެ އަދަދެވެ.  ރާނާމުންދާއިރު ކޮންމެ ގަލެއްގެވެސް މަތީގަޔާއި އެއްކޮޅުގައި ޖަހާ ބައި އިންޗީގެ ސިމެންތި ފަށަލައަކީ އެގަލުގެ ބޮޑުމިނަށް އިތުރުވާ މިންގަނޑަކަށް ބަލައި އެ އިތުރުވާމިންވަރު ގަލަށް އެއްކުރުމުން ގަލުގެ ބޮޑުމިން ވާނީ 1 ފޫޓު ބައި އިންޗި ދިގު ( 1.042 ފޫޓު ) އަދި  6.5 އިންޗި (0.542 ފޫޓު) އުސް ގަލަކަށެވެ.  އެހެންވީމާ ފާރު ރާނާފަ ސިމެންތި ނުޖަހައި ހުންނައިރު ކޮންމެ ގަލެއްގެވެސް އަކަ އަކީ 1.042 ގުނަ 0.542 އެވެ. އެއީ 0.564 އަކަފޫޓެވެ.

ފާރުގެ ޖުމްލަ އަކައަކީ 200 އަކަފޫޓެވެ. ފާރުގެ އަކަ 200 އަކަފޫޓު، ގަލެއްގެ އަކައިން (0.564 އަކަފޫޓު) އިން ގެއްލީމަ އަންނަނީ 354.61 އެވެ. އެހެންވީމަ އެއީ 355 ގަލެވެ. ރާނަން ބޭނުންވަނީ 355 ގަލެވެ. އެއީ ގަލެއް ހަލާކުނުވާނެކަމަށް ބަލާނަމައެވެ. ކޮންމެވެސް ވަރަކަށް ހަލާކުވެދާނެކަމަށް ބަލައި 2 ޕަސެންޓު އެކުރާނަމަ އެއީ 362 ގަލެވެ.

މުޅިފާރު ރާނާނިމި ސިމެންތި ނުޖަހައި ހުންނައިރު ޖުމްލަ ކޮޑިއަކީ 20 ގުނަ 10 ގުނަ 0.5 ފޫޓެވެ. އެއީ 100 ކޮޑިފޫޓެވެ. 355 ގަލުގެ ޖުމްލަ ކޮޑިއަކީ 1 ގުނަ 0.5 ގުނަ 0.5 އެވެ. އެއީ 88.75 ކޮޑި ފޫޓެވެ. އެހެންވީމާ 100 ކޮޑިން 88.75 ކޮޑި ކެނޑީމަ އެލިބޭ 11.25 ކޮޑިފޫޓަކީ ރާނަން ދިޔަ ވެލިސިމެންތީގެ ޖުމްލަ ކޮޑިއެވެ.

ސިމެންތިޖަހަނީ 0.5 އިންޗިކަމަށް ބަލައި، މުޅިފާރުގެ ދެފަރާތުގައި ޖަހާނެ ސިމެންތީގެ ކޮޑިއަކީ 20 ގުނަ 10ގުނަ 0.041 ގުނަ 2 އެވެ. އެއީ 16.4 ކޮޑިފޫޓެވެ.

އެހެންވީމާ ޖުމްލަ ވެލިސިމެންތީގެ ކޮޑި އަކީ 11.25 އެއްކުރަން 16.4 އެވެ. އެއީ 27.65 ކޮޑިފޫޓެވެ.

ރާނަން ސިމެންތިގަށަން އުވަދޯންޏަށް ސިމެންތިއާއި، ވެއްޔާއި، ފެނާއި އަޅައި ރަނގަޅަށް ގަށައި ނިމޭއިރު އުފެދޭ ވެލިސިމެންތީގެ ޖުމްލަ ކޮޑި އެ އުފައްދަން އެއްކުރި ސިމެންތިއާ ވެއްޔާ އަދި ފެނުގެ ކޮޑިއަށް ވުރެ ކުޑަވެއެވެ. އެއީ ވެލީގެ ތެރެއަށަ ސިމެންތިއާ ފެނާ ވަނުމުން ވާ ކޮޑިމަދުވުމެކެވެ. އެހެންވީމަ މަތީގައި ހިސާބުކުރެވިފައިވާ 27.65 ކޮޑިފޫޓަށް ނިސްބަތުން ބައެއް އިތުރުކުރަންޖެހޭނެއެވެ. އާންމު މިންގަނޑަށްބަލައި،  ގާތްގަނޑަކަށް 33 ޕަސެންޓު އިތުރުވާނެކަމަށް ބަލައި، 27.65 ގުނަ 1.33 އަށް އަންނަ 36.8 ކޮޑިފޫޓަކީ ނުގަށައި ހުރިއިރު އުވަދޯނީގައި ހުރި ސިމެންތިއާ ވެލީގެ ޖުމްލަ ކޮޑިއެވެ .

ރާނާށާއި ސިމެންތިޖަހަން ވެއްޔާ ސިމެންތި ގަށަނީ 7 ބައިކުޅައެއްބަޔަށް ކަމަށް ބަލާނަމަ ސިމެންތީގެ ކޮޑިއަކީ 36.8 ގުނަ 1/7 އެވެ. އެހެންވީމާ ސިމެންތީގެ މިންވަރަކީ 5.25 ކޮޑިފޫޓެވެ. ވެލީގެ މިންވަރަކީ 36.8 ގުނަ 6/7 ، ލިބެނީ 31.54 ކޮޑިފޫޓެވެ.

6 ބައި ކުޅައެއްބަޔަށް ނުވަތަ 5 ބައިކުޅަ އެއްބަޔަށް ސިމެންތި ގަށަން ގަސްދުކުރާނަމަ 1/6 ނުވަތަ 1/5 އާ ގުނަކޮށްގެން ސިމެންތި ހޯދާފައި 5/6 ނުވަތަ 4/5 ބޭނުން ކޮށްގެން ވެލީގެ ކޮޑި ހޯދައިގެން ހިސާބު ކުރިއަށް ގެންދާށެވެ.

ސިމެންތީގެ އާންމު ބަރުދަނަކީ ކޮޑިފޫޓަކަށް 40 ކިލޯއެވެ. ވީމާ 40 ގުނަ 5.25 ވީމާ އެއީ 210 ކިލޯއެވެ. ސިމެންތި ކޮތަޅެއްގައި 50 ކިލޯ ހުންނަކަމަށް ބަލައި 50 ހުން 210 ގެއްލީމަ ލިބޭ 4.2 އަށް ބަލައި  ރޭނުމުގައި ބޭކާރުވާނެ ސިމެންތިއަށްބަލައި ފާރަށް ބޭނުންވާނީ 6 ކޮތަޅު ސިމެންތި ކަމަށް ބެލިދާނެއެވެ.

ހަމައެގޮތުން ވެލީގެ ބަރުދަނަކީ ކޮޑިފޫޓަކަށް 48 ކިލޯ ކަމަށްބަލައި ވެލީގެ ކޮޑިއަށް ޖެހޭ 31.54 ކޮޑިފޫޓު އާގުނަކުރުމުން ލިބެނީ 1514 ކިލޯއެވެ. ވެލިބަސްދާއެއްގައި ހުނަންނަނީ 30 ކިލޯކަމަށް ވާނަމަ ބޭނުންވަނީ 51 ބަސްދާ ވެއްޔެވެ.

ބޭރުން އެތެރެކުރާ ރިވަރސޭންޑުގެ ބަރުދަން ކޮޑިފޫޓަކަށް 52 ކިލޯވަރުޖެހެއެވެ. އެހެންވީމާ މިސާލަކަށް އެގެންނަ ވެލިބަސްދާއެއްގައި 30 ކިލޯހުންނަނަމަ ބޭނުންވާނީ 31.25 ގުނަ 52 ގެއްލަން 30 އެވެ. ލިބެނީ 54 އެވެ. ބައެއް ބޭކާރުވާނެކަމަށް ބަލައި ބޭނުންވަނީ 65 ބަސްދާވެލިކަމަށް ބެލިދާއެވެ.

މަސްދަރު: އުވަދޯނި.ކޮމް

 

 

މިވެސް މުހިންމު