އުރަމަތި ދުޅަވެ ދޮސްގަތުން

އުރަމަތި ދުޅަވެ ދޮސްގަތުން(Mastitis) ނުވަތަ އުރަމަތި ދުޅަވުމަކީ އުރަމައްޗާއި، އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ފަރުވާ ކުރުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ވަރަށް ގިނަ ޒުވާން އަންހެނުންގެ އުރަމަތި ޢައިބުވެ، އަދި ކުޑަކުއްޖާއަށް އުރަމަތިން ކިރުނުދެވޭ ހިސާބަށް ވެސް ބައެއް ފަހަރު ކަންތައް ދެއެވެ. ނަމަވެސް މިމައްސަލަ ދެނެގަނެ ދޭންޖެހޭ ފަރުވާ ލަސްނުކޮށް ލިބިގަނެވެއްޖެނަމަ މިއީ ޙައްލުކުރެވިދާނެ މައްސަލަ އެކެވެ.

އާންމު ގޮތެއްގައި އުރަމަތި ދުޅަވުން ނިސްބަތް ކުރެވެނީ ދެވައްތަރަކަށެވެ. އެއީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ދިމާވާ އުރަމަތި ދުޅަވުމާއި، އާއި އެފަދަ ނޫންމީހުންނަށް ދިމާވާ އުރަމަތި ދުޅަވުމެވެ. އެންމެ އާންމުކޮށް އުރަމަތި ދުޅަވެ، ދޮސްގަތުން ކުރިމަތިވަނީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށެވެ. އުރަމަތި ދުޅަވެ ދޮސްގަތުމުން، އުރަމަތީގައި ރިހުމާއި، ބީހިލުމުން ރިއްސުމާއި، އުރަމަތި ރަތްވުމާއި، ހޫނުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ހުންއައިސް، ހީކެރުވުމަކީ ވެދާނެ ގޮތެކެވެ.

ވިހެއުމަށްފަހު ގާތުންދޭ މައިންނަށް އާންމުކޮށް އުރަމަތި ދުޅަވެ ދޮސްގަތުން ކުރިމަތިވަނީ ވިހާތާ 12-3 ހަފްތާއާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިގޮތަށް އާންމުކޮށް ދުޅަވަނީ ކޮންމެވެސް އެއް ފަރާތެއްގެ އުރަމަތިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެއަށްފަހު ގާތުންކިރުދެމުންދާއިރު ކޮންމެ ހިނދެއް ގައި ވެސް އުރަމަތި ދުޅަވެ، ދޮސްގަތުމަކީ ވެދާނެ ގޮތެކެވެ. އުރަމަތި ދުޅަވެ ދޮސްގަތުމުގެ ސަބަބުން ބައެއް މައިންނަށް ކުދިންނަށް މާއަވަހަށް ކާންދޭން ފަށަންޖެހެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އުރަމަތި ދުޅަވެ ދޮސްގަތުމަށް އެންޓިބަޔޮޓިކް ބޭނުން ކުރަމުން ދިޔަސް، ތުއްތު ދަރިފުޅަށް ހުއްޓާނުލައި، ގާތުންދެމުން ގެންދިއުމެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމަށް މެދުވެރިވާ ސަބަބުތައް

އުރަމަތި ދުޅަވެ ދޮސްގަތުމަކީ އުރަމަތީގެ ޓިޝޫތަކުގެ ތެރޭގައި ޖަރާސީމް އަށަގަނެ ވަކި އޭރިޔާއެއްގައި ދޮހުގެ ޖީބެއް ނުވަތަ ކޮތަޅެއް އުފެދުމެވެ. ބައެއް ފަހަރު ފާހަގަކުރެވޭ މިފަދަ އޭރިޔާއެއް ނެތި މުޅި އުރަމަތި ދުޅަވެ، ރަތްވެ އަދި ހޫނުމިން މައްޗަށް ދާގޮތް ވެސް ވެއެވެ. އުރަމަތި ދުޅަވެ ދޮސްގަތުމަކީ ކިރުދޭ މައިންނަށް ގިނައިން ދިމާވާ ކަމަކަށް ވިޔަސް އެނޫން އަންހެނުންގެ އުރަމައްޗަށް ވެސް މިމައްސަލަ ދިމާވެއެވެ. ދިރާސާތަކުން ހާމަވާގޮތުގައި ގާތުންކިރުދޭ މައިންގެ ތެރެއިން ކޮންމެ 3 މީހުންގެ ތެރެއިން 1 އަކަށް އުރަމަތި ދުޅަވުމުގެ މައްސަލަ ދިމާވެއެވެ. އެންމެ ގިނައިން ދިމާވަނީ ވިހެއުމަށްފަހު 3 ނުވަތަ 4 ހަފްތާގެ ތެރޭގައެވެ.

އާންމުގޮތެއްގައި ފާހަގަ ކުރެވިފައިވާ ގޮތުން ވިހެއުމަށްފަހު އަންނަ ފުރަތަމަ 2 މަސް ދުވަހުގެ ތެރޭގައި އުރަމަތި ދުޅަވެ ދޮސްގަތުން އިތުރެވެ. ދޮސްގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:-

(ހ) ތުއްތު ދަރިފުޅުގެ އަނގައިގެ ތެރޭގައިވާ ޖަރާސީމު މައިމީހާގެ ވައްގަނޑުގެ ތެރެއިން ލާފައި އުރަމަތީގެ ޓިޝޫތަކުގެ ތެރެއަށް ވަނުމުން އެތާގައި ޖަރާސީމު އަށަގަނެ އުރަމަތި ދުޅަވެ ދޮސްގަތުން ހިމެނެއެވެ. މިގޮތުން ވަށްގަނޑުގެ ތެރެއިން މައިމީހާގެ ހަށިގަނޑަށް ޖަރާސީމު ވަންނަނީ ވަށްގަނޑުގައި އެޅިފައިވާ ކޫރުމެއްގެ ތެރެއިން، ނޫނީ ވަށްގަނޑަށް ހުޅުވިފައިވާ ކިރުހޮޅިތަކުގެ ހޮއިތަކުގެ ތެރެއިންނެވެ.

(ށ) ވިހެއުމަށްފަހު ގާތުން ކިރުދޭން ނުފެށި ގިނައިރުވެ، މަންމަގެ އުރަމަތި ކިރުއެރި ފުރުމުގެ ސަބަބުން ކިރު ހޮޅިތަކުގެ ތެރޭގައި ގަނޑު ކިރުކޮޅުތައް އުފެދި، އެކިރު ހޮޅިތައް ބަންދުވުމުން، އުރަމައްޗަށް ވާންވެ ހުން އައިސް ދުޅަވުމުގެ ސަބަބުން ވެސް މިމައްސަލަ ދިމާވެއެވެ. ކުއްޖާއަށް ގާތުން ކިރުދިނުން ހުއްޓާލާ ދުވަސްވަރު ވެސް މިމައްސަލަ ދިމާވެއެވެ.

(ނ) އުމުރުން ދޮށީ އަންހެނުންނަށް ވެސް އުރަމަތި ދުޅަވުން ދިމާވެއެވެ. އޭގެ ސަބަބެއް ކަމުގައިވަނީ އިއްދައިން ކެނޑުން ޖެހުމާއެކު ހަށިގަނޑުގައި ދައުރުކުރާ ހޯމޯން ތަކުގެ މިންވަރު ބަދަލުވެ، އުރަމަތީގެ ކިރުއުފައްދާ ގްލޭންޑް ތަކުގެ ތެރޭގައި ގަނޑު ކިރުކޮޅުތައް އުފެދި އެހޮޅިތައް ބަންދުވެ އޭގެ ތެރޭގައި ޖަރާސީމް އަށަގަންނަގޮތް ވުމެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމަށް މަގުފަހިކުރާ ކަންތައްތައް

އުރަމަތި ދުޅަވެ ދޮސްގަތުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-

  • ވިހެއުމަށްފަހު ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި ގާތުންދިނުން
  • އުރަމަތި ފާރުވުން، ނޫނީ އުރަމަތީގެ ފާރުވެގެން ގޮސް ކޫރުން އެޅުން ނޫނީ ކަނޑައިގެން ގޮސްފައި ހުރުން
  • ގާތުންދިނުމަށް އަބަދު އެއްގޮތަކަށް ބޭއްވުމުގެ ސަބަބުން އުރަމަތިން ކިރު ރަނގަޅަށް ހުސްނުކުރެވުން
  • މާގަޔަށް ބާރުކޮށް ހުންނަ ކިރުހިއްޕި އެޅުން، ނޫނީ އުރަމައްޗަށް ބާރުވާ ފަދަ ކަމެއްގެ ސަބަބުން ކިރު ދައުރުވުމަށް ހުރަސްއެޅުން
  • މާބޮޑަށް ވަރުބަލިވުން ނޫނީ ފިކުރުބޮޑުވުން
  • ކުރިން ވިހެއުމަށްފަހު އުރަމަތި ދުޅަވެ ދޮސްގަތުން ކުރިމަތިވެފައިވުން
  • ރަނގަޅުކާނާ ނުލިބުން ނޫނީ ނުކެއުން: މިސާލަކަށް ލޭމަދުވުން ފަދަ ކަންކަމުގެ ސަބަބުން ދިފާޢީ ބާރު ދަށްވެ، ތަފާތު އިންފެކްޝަންތަކަށް މީހާ ހުށަހެޅިގެންދެއެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމުގެ އަލާމާތްތައް

އުރަމަތި ދުޅަވެ ދޮސްގަތުމުގެ އަލާމާތްތައް ކުއްލިއަކަށް ފެނިދާނެއެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • އުރަމަތީގައި ރިއްސުން
  • އުރަމަތީގައި ބީހިލުމުން ރިއްސުން
  • އުރަމަތީގައި ހޫނުކަމެއްހުރުން
  • ނުތަވަނަސްވުން (ބަލިހެން އިހުސާސްކުރެވުން)
  • އުރަމަތި ދަތްވެ ދުޅަވުން (އުރަމަތީގެ ހަމުގައި ރަތްކަމެއް ހުރުން)
  • ގާތުންދޭއިރު އުރަމައްޗަށް ތަދުވެ، ދިލަނެގުން
  • ހުންއައުން
  • ހީކެރުވުން
  • ގައިގައި ރިހުން
  • ކިހިލިފަތް ދޮށުގައި ގޮށްލުން (ބައެއް ފަހަރު)
  • ހިތުގެ ވިންދު އަވަސްވުން (ބައެއް ފަހަރު)

އުރަމަތި ދުޅަވުމަށް އެކަށީގެންވާ ފަރުވާ ރަގަޅުވަގުތުގައި ނުދެވިއްޖެނަމަ އުރަމަތީގައި މުލިހި އުފެދި، ފަޅައިގެން ގޮސް ދޮސް އައުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި ފަޅާލައިގެން ރަނގަޅަށް އެތެރޭގައި ހުރި ދޮސްތައް ސާފުކުރަންޖެހޭނެ އެވެ.

ޑޮކްޓަރަކާ މަޝްވަރާކުރުން

ކުރިން މިއިޝާރާތްކުރި އަލާމާތްތައް ފެންނަން ފަށައިފިނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އުރަމަތީގެ ވަކި އޭރިޔާއެއް ދުޅަވެ، ރަތްވެ، އެހިސާބުގެ ހޫނުމިން މައްޗަށް ގޮސް، އަތްޖައްސާލަން ވެސް ނުކުރެވޭ ތަދުވުމަކީ އެތާގައި ދޮސް އުފެދިފައިވާ ކަމުގެ އަލާމާތެކެވެ. މިފަދަ ޙާލަތްތަކުގައި ބޮޑަށް ރަގަޅުވާނީ އޮޕަރޭޝަންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމެވެ. ލަސްވުމަކީ ބައެއް ފަހަރު ޖަރާސީމްގެ އަސަރު އެހެން ހިސާބުތަކަށް ފޯރާނެކަމަށްވާތީ އަވަހަށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ފަރުވާ

އަމިއްލައަށްކުރެވިދާނެ ފަރުވާ

އުރަމަތީގައި ރިއްސައި ތަންކޮޅެއް ރަތްވެފައިވާނަމަ، ތަދު ރަނގަޅު ކުރުމަށްޓަކައި ތާފަނާ ފެންފޮދެއް ބޭނުންކޮށްގެން، ބޮޑިތާންކުރުމުން ތަދު ކޮންމެވެސް މިންވަރަކަށް ރަގަޅުވެއެވެ. ނޫނީ ގާތުންދޭ ފެށުމުގެ ކުރިން 15 މިނިޓް ވަންދެން، ސާފު ފޮތި ގަނޑެއް ތާފަނާ ފެނުން ތެތްމާލުމަށްފަހު، ދުޅަވެފައިވާ އުރަމަތީގައި ބޭއްވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު އަމަލުކުރެވިދާނެއެވެ. މިފަދަ ކަމަކުންވެސް ރަނގަޅުނުވާނަމަ ދަރިފުޅަށް ގާތުން ކިރުދިނުމަށްފަހު، އައިސް ފެންއެޅުމުން ވެސް ތަދު ލުއިވާގޮތް ވެއެވެ. ކިރު ދިނުމުގެ ކުރިން އައިސް ފެން އެޅުމުން ކިރުދޭން ދަތިވެދާނެއެވެ.

އުރަމަތި ދުޅަވި ކަމުގައި ވިޔަސް ދަރިފުޅަށް ގާތުން ކިރުދިނުން ހުއްޓާނުލުން މުހިއްމެވެ. ކިރުގެ ސަބަބުން ދަރިފުޅަށް އެއްވެސް ބައްޔެއް ނުޖެހޭނެއެވެ. ހަގީގަތުގައި މަންމަގެ އުރަމަތީގައި އުފެދޭ ދުޅައިގެ އަސްލަކީ ދަރިފުޅުގެ އަނގައިގެ ތެރެއިން އައިސްފައިވާ ޖަރާސީމެވެ. ތަދުވުމުގެ ސަބަބުން ދަރިފުޅަށް ކިރުނުދެވޭ ކަމަށްވާނަމަ، ބްރެސްޓް ޕަމްޕެއް ބޭނުންކޮށްގެން ވިޔަސް، ނުވަތަ އަތުން ފެލައިގެން ކަމަށްވިޔަސް އުރަމަތިން ކިރު ހުސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ދުޅަވެފައިވަނީ ކުޑަކުޑަ އޭރިޔާ އަކަށްވެފައި، އެހެން އަލާމާތްތައް ނެތްނަމަ، ތަދު ކެނޑުވުމަށްޓަކައި ބޭޙެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިފަދަ ބޭހެއްގެ ސަބަބުން ދަރިފުޅަށް އަސަރެއް ކުރޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އުރަމަތި މަސާޖުކުރުމަކީ ކިރު ދައުރުވުން ރަނގަޅުކޮށް، ކިރުހޮޅިތަކުގެ ތެރޭގައި ގަނޑުކިރުކޮޅު އުފެދި، ކިރުހޮޅި ބެދުން ކުޑަކޮށްދޭނެ ކަމެކެވެ.

އުރަމަތި ދުޅަވެފައިވާ ފަރާތުން ވެސް ގާތުން ދެވިދާނެއެވެ. ދުޅަވެފައިވާ ފަރާތުން ގާތުންދޭ ފެށުމުން މާބޮޑަށް ތަދުވާނަމަ، ފުރަތަމަ ރަނގަޅަށްހުރި ފަރާތުގެ އުރަމަތިން ގާތުން ދެވިދާނެއެވެ. ދެން ދުޅަވެފައިވާ ފަރާތުން ކިރު ބޭރުވާން ފެށުމުން އެފަރާތުން ދެވިދާނެއެވެ. ވަށްގަނޑު ފާރުވެ، ނޫނީ ކަނޑައިގެން ގޮސްފައިވާނަމަ، އަތުން ފެލައިގެން ނޫނީ ބްރެސްޓް ޕަމްޕަކުން ކިރު ނަގައިގެން ދަރިފުޅަށް ދެވިދާނެއެވެ. ގާތުން ނުދެވޭނަމަ މިގޮތަށް ފެލައިގެން ވިޔަސް، އުރަމަތި ހުސްކުރުން މުހިއްމެވެ.

އުރަމަތި ދޮސްގަތުމުން ދޭފަރުވާ

ހަމައެކަނި ދުޅަވެފައިވާނަމަ ނުވަތަ ދޮސްގަނެފައި ނެތްނަމަ، ޖަރާސީމް މެރުމަށް ބޭނުންކުރާ ބޭސް ނުވަތަ އެންޓިބަޔޮޓިކް ބޭނުންކުރުމުން ރަނގަޅު ވެއެވެ. އާންމު ގޮތެއްގައި އުރަމަތި ދުޅަވެ ދޮސްގަތުމުން އެންޓިބަޔޮޓިކް 14-10 ވަރަކަށް ދުވަހަށް ބޭނުންކުރަން ޖެހިދާނެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރާތާ 2-1 ދުވަހުގެ ތެރޭގައި ލުއިކަން އިހުސާސް ވާން ފަށާނެއެވެ. މިފަދަ ބޭސްދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި މައިމީހާއާއި ދަރިފުޅަށް ރައްކާތެރި، އަދި އެބޭސް ބޭނުންކުރުމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާނުވާ ބޭސް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ތަނދުކެނޑުވުމާއި، ދުޅަ ތިރިކުރުމަށް ބޭސް ދެވެއެވެ. ނަމަވެސް އުރަމަތި ދުޅަވެ، ދޮސްގަނެފައިވާނަމަ، އެދޮސްތައް ނެރުމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހެއެވެ. މިއޮޕަރޭޝަން ކުރާނީ ކުޑަ އިރުކޮޅަކަށް ހޭނެއްތުމަށްފަހު ގައެވެ. ވުމާއެކު މިކަމަށްޓަކައި ހޮސްޕިޓަލްގައި އެނދުމަތިވެ، އަދި 6 ގަޑިއިރު ވަންދެން އެއްޗެއްނުކައި ނުބޮއި ގޮހޮރު ހުސްކުރަން ޖެހެއެވެ.

އޮޕަރޭޝަނަކީ ދޮސް ނެރުމަށްޓަކައި ދޮސްގަނެފައިވާތަން ފަޅާލުމަށްފަހު، ދޮސްތަން ނެރެ އެތަން ސާފުކޮށް ބޭސް އެޅުމެވެ. އެއަށްފަހު ފާރުކޮޅު ރަގަޅުވަންދެން ކޮންމެ ދުވަހަކު އެއްފަހަރު ބޭސް އަޅަމުން ދިއުމެވެ. އޮޕަރޭޝަނަށްފަހު ވީހާވެސް އަވަހަށް ގާތުން ދިނުމަކީ އެންމެ ރަގަޅު ގޮތެވެ. އޮޕަރޭޝަން ކޮށްފައިވާ ފަރާތުން ކިރުނުދެވޭނަމަ ބްރެސްޓް ޕަމްޕެއް ބޭނުންކޮށްގެން ކިރުތަން ނެރެ ސާފުކުރުމަކީ އެންމެ ރަގަޅު ގޮތެވެ.

އުރަމަތި ދުޅަވެ ދޮސްގަތުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  • ގާތުންދޭއިރު، ކިރުދީ އުރަމަތި ރަނގަޅަށް ހުސްކުރުން
  • ގާތުން ދިނުމުގެ ތެރޭގައި އެއް އުރަމަތިން އަނެއް އުރަމައްޗަށް ބަދަލުކުރާއިރު، ތުއްތު ދަރިފުޅު އެއް އުރަމަތި ރަނގަޅަށް ހުސްކުރުމުން އަނެއް އުރަމައްޗަށް ބަދަލުކުރުން
  • ގާތުން ދިނުމަށް ދަރިފުޅު ބާއްވާގޮތް އެއްފަހަރުން އަނެއް ފަހަރަށް ބަދަލުކުރުން
  • ގާތުންދޭއިރު ތުއްތު ދަރިފުޅު ބޭއްވިފައި އޮންނަނީ ރަނގަޅަށްތޯ ކޮންމެ ފަހަރަކު ޔަގީންކުރުން

މައުލޫމާތު:

އުރަމަތި ދުޅަވެ ދޮސްގަތުން – ޑރ ޢަބުދުﷲ ޢުބައިދު – ހަވީރު ނޫސް- ދިވެހިރާއްޖެ
http://www.mayoclinic.org/diseases-conditions/mastitis/basics/definition/con-20026633
http://www.webmd.com/parenting/baby/tc/mastitis-while-breast-feeding-topic-overview

 

މިވެސް މުހިންމު