ޝަމްސިއްޔަ އަކުރާއި ޤަމަރިއްޔަ އަކުރު
މާތް ﷲ ގެ އިސްމުފުޅުތައް ލިޔާއިރު، ޝަމްސިއްޔަ އަކުރާއި ޤަމަރިއްޔަ އަކުރުގެ ހަމަތަކާ ތަބާވާންޖެހެއެވެ.
މާތް ﷲ ގެ މަތިވެރި އިސްމުފުޅު ކަމުގައިވާ (الله) އަށް ޢަރަބި ބަހުން ކިޔާ ނަމަކީ “ލަފުޡުލް ޖަލާލަތި” (لفظ الجلالة) އެވެ.
ތާނަ އަކުރުން ލިޔާނީ “ލަފުޡުލް ޖަލާލަތި” ނުވަތަ “ލަފުޡުލް ޖަލާލާ” އެވެ.
ޢަރަބި ބަހުގެ ޝަމްސިއްޔަ އަކުރާއި ޤަމަރިއްޔަ އަކުރު ނޭނގޭ ކަމަށްވަނީ ނަމަ، މިފަދަ ކަލިމަތައް ލިޔާއިރު ކުށެއް ލިޔެވިދާނެއެވެ. ތިރީގައި މިވަނީ ޝަމްސިއްޔަ އަކުރާއި ޤަމަރިއްޔަ އަކުރުގެ ހަމަތަކެވެ.
ޢަރަބި ބަހުގައި، ޝަމްސިއްޔަ އަކުރަކުން ފެށޭ ލަފުޒެއްގެ ކުރިއަށް އަލިފާއި ލާމު (الـ) އިތުރުވުމުން އެ ލަފުޒެއް ކިޔާނީ އައްޝަމްސު ކިޔާ ގޮތަށެވެ.
މީގެ މިސާލަކީ އައްނޫރު އެވެ.
އައްނޫރުގެ ނޫނަކީ ޝަމްސިއްޔަ އަކުރެކެވެ.
ޢަރަބި ބަހުގައި، ޤަމަރިއްޔަ އަކުރަކުން ފެށޭ ލަފުޒެއްގެ ކުރިއަށް އަލިފާއި ލާމު (الـ) އިތުރުވުމުން އެ ލަފުޒެއް ކިޔާނީ އަލްޤަމަރު ކިޔާ ގޮތަށެވެ.
މީގެ މިސާލަކީ އަލްޖަލާލާ އެވެ.
އަލްޖަލާލާގެ ޖީމަކީ ޤަމަރިއްޔަ އަކުރެކެވެ.
ޝަމްސިއްޔަ އަކުރުތައް:
ޝަމްސިއްޔަ އަކުރުތަކުގެ ޢަދަދަކީ 14 އެވެ. އެއީ:
ت ث د ذ ر ز س ش ص ض ط ظ ل ن މި އަކުރުތަކެވެ.
މިއިން އަކުރަކުން ފެށޭ ލަފުޒެއްގެ ކުރިއަށް އަލިފާއި ލާމު (الـ) އިތުރުވުމުން އެ ލަފުޒެއް ކިޔާނީ “އައްޝަމްސު” ކިޔާ ގޮތަށެވެ. އަލިފާއި ލާމުގެ ފަހަތަށް އަންނަ އަކުރުގައި ތަޝްދީދު ޖަހައިގެންނެވެ.
މިސާލު:
އައްތަރުޖަމާ، އައްދަރުސު، އައްރުކުނު، …
ޤަމަރިއްޔަ އަކުރުތައް:
ޤަމަރިއްޔަ އަކުރުތަކުގެ ޢަދަދަކީ 14 އެވެ. އެއީ:
ا ب ج ح خ ع غ ف ق ك م هـ و ي މި އަކުރުތަކެވެ.
މިއިން އަކުރަކުން ފެށޭ ލަފުޒެއްގެ ކުރިއަށް އަލިފާއި ލާމު (الـ) އިތުރުވުމުން އެ ލަފުޒެއް ކިޔާނީ “އަލްޤަމަރު” ކިޔާ ގޮތަށެވެ. އަލިފާއި ލާމުގެ ފަހަތަށް އަންނަ އަކުރުގެ ފިލި ބަދަލުކުރުމެއްނެތިއެވެ.
މިސާލު:
އަލްބަޙްރު، އަލްޖަމަލު، އަލްކަލާމު، …
<><><>
ޢަބްދުލްމުޢީދު ޙަސަން