ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް
ހަވަނަ ފިލާވަޅު
ފިޢުލު މާޟީ (މަޢުރޫފު)ގެ ޞީޣާތައް
މިސާލެއްގެ ގޮތުން ހުށަހަޅައި މިލަނީ ޟަމީރުތަކާ މުނާސިބު ވާ ގޮތުން ذَهَبَ މި ފިޢުލުގެ ޒަމާންތަކުގެ ތެރެއިން މާޟީގެ ޞީޣާތައް ބަދަލު ވާ ގޮތެވެ. ޢަރަބި ބަހުގެ ފިޢުލު މާޟީގައި ދިވެހި ބަހުގެ ނިމުނުކަމާއި ނިމިނިމުނުކަމުގެ އިތުރުން ކަންހިނގިގޮތް ބަޔާން ކުރާ މާނަ ވެސް ހިމެނެއެވެ.
ذَهَبَ އައީ ޟަމީރު هُوَ އާ ގުޅޭ ޞީޣާއެވެ. ވީމާ ذَهَبَ ތަރުޖަމާ ކުރާނީ އޭނާ/އޭތި މި ޟަމީރާ އެކުގައެވެ. މިސާލު: ذَهَبَ އޭނާ ހިނގައްޖެ، އޭނާ ދިޔަ، އޭނާ ދިޔައީ، އޭތި ހިނގައްޖެ، އޭތި ދިޔަ، އޭތި ދިޔައީ.
ذَهَبَ އޭނާ/އޭތި ދިޔަ / ހިނގައްޖެ (ފ)
ذَهَبَا އެދެމީހުން/އެދޭތި ދިޔަ / ހިނގައްޖެ (ފ)
ذَهَبُوا އެބައިމީހުން ދިޔަ / ހިނގައްޖެ (ފ)
ذَهَبَتْ އޭނާ/އޭތި (އ) ނުވަތަ އެއެއްޗެހި ދިޔަ / ހިނގައްޖެ
ذَهَبَتَا އެދެމީހުން/އެދޭތި ދިޔަ / ހިނގައްޖެ (އ)
ذَهَبْنَ އެބައިމީހުން ދިޔަ / ހިނގައްޖެ (އ)
ذَهَبْتَ ތިބާ ދިޔަ (ފ)
ذَهَبْتُمَا ތިދެމީހުން ދިޔަ (ފ)
ذَهَبْتُمْ ތިޔަބައިމީހުން ދިޔަ (ފ)
ذَهَبْتِ ތިބާ ދިޔަ (އ)
ذَهَبْتُمَا ތިދެމީހުން ދިޔަ (އ)
ذَهَبْتُنَّ ތިޔަބައިމީހުން ދިޔަ (އ)
ذَهَبْتُ އަހަރެން ދިޔައިން.
ذَهَبْنَا އަހަރެމެން ދިޔައިން.
ނޯޓު:-
ذَهَبْتُمَا މުޚާޠަބު ކުރެވޭ އަންހެން ދެ މީހުންނަށް އަދި މުޚާޠަބު ކުރެވޭ ފިރިހެން ދެ މީހުންނަށް ބޭނުން ކުރެވެނީ މި ޞީޣާއެވެ.
ذَهَبْتُ ވާހަކަ ދައްކާ އަންހެން އެކަކު އަދި ވާހަކަ ދައްކާ ފިރިހެން އެކަކު ބޭނުން ކުރާނީ މި ޞީޣާއެވެ.
ذَهَبْنَا ވާހަކަ ދައްކާ އަންހެން ދެ މީހުންނާއި އެއަށް ވުރެ ގިނަ މީހުން އަދި ވާހަކަ ދައްކާ ފިރިހެން ދެ މީހުންނާއި އެއަށް ވުރެ ގިނަ މީހުން ބޭނުން ކުރާނީ މި ޞީޣާއެވެ.
-ނުނިމޭ-