ޞަރްފުގެ ޢިލްމު – ފަސްވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް

ފަސްވަނަ ފިލާވަޅު

ފިޢުލު މާޟީ
ފިޢުލު މާޟީއަކީ ހިނގި ނުވަތަ ހިނގައިފި ކަމެއް ދޭހަ ކޮށް ދޭ ފިޢުލެވެ. ޢަރަބި ބަހުގައި ކަންކުރާގެ ޢަދަދަށާއި ޖިންސަށް ފިޢުލު ތަބާ ވާތީ، ފިޢުލު މާޟީގެ 14 ޞީޣާއެއް އޮވެއެވެ. އެއީ އެމީހުންގެ ވާހަކަ ދެކެވޭ ފިރިހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، އެމީހުންގެ ވާހަކަ ދެކެވޭ އަންހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، މުޚާޠަބު ކުރެވޭ ފިރިހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، މުޚާޠަބު ކުރެވޭ އަންހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، ވާހަކަ ދައްކާ ފަރާތުގެ ނިސްބަތުގައި 2 ޞީޣާއެވެ. މީގެ ތެރެއިން މުޚާޠަބު ކުރެވޭ ދެ ފިރިހެނުންނަށާއި މުޚާޠަބު ކުރެވޭ ދެ އަންހެނުންނަށް ނިސްބަތް ވާ ޞީޣާ އޮންނަނީ އެއް ގޮތަކަށެވެ. ބައެއް ޞީޣާތައް މިފަދައިން އެއް ގޮތަކަށް ނާންނަ ނަމަ އަސްލުގައި 18 ޞީޣާ އޮތީހެވެ.

ފިޢުލުތަކުގެ ޞީޣާތައް ދަސް ކުރުމުގެ ކުރީން ދަރިވަރުންގެ ކިބައިން އެދެވިގެން ވަނީ، އެމީހެއް ނުވަތަ އެބައެއްގެ ވާހަކަ ދެކެވޭ ފަރާތާއި (ޣާއިބާއި)، މުޚާޠަބު ކުރެވޭ ފަރާތާއި (މުޚާޠަބާއި)، ވާހަކަ ދައްކާ ފަރާތު (މުތަކައްލިމު)ގެ ނިސްބަތުގައި، ޢަރަބި ބަހުން ބޭނުން ކުރާ ބަދަލުނަންތައް (ޟަމީރުތައް) ދަސް ކުރުމެވެ. ދަސް ކުރާނީ ފުރަތަމައަށް ޣާއިބުގެ ފިރިހެން، ދެން ޣާއިބުގެ އަންހެން، ދެން މުޚާޠަބުގެ ފިރިހެން، ދެން މުޚާޠަބުގެ އަންހެން، ދެން މުތަކައްލިމު، މި ތަރުތީބުންނެވެ. ޟަމީރާ ގުޅިގެން ފިޢުލުތަކަށް އަންނަ ބަދަލުތައް ނުވަތަ ފިޢުލުގެ ޞީޣާތައް ވެސް ދަސް ކުރާނީ ޟަމީރުތައް ދަސް ކުރި ތަރުތީބުންނެވެ. މިއީ ދަސް ކުރާން އެންމެ ފަސޭހަ ތަރުތީބު ކަމުގައި ވަނީ ބަލައިގަނެވިފައެވެ. ތިރީގައި މިވަނީ ޢަރަބި ބަހުގެ ޟަމީރުތަކާއި، އޭގެ ދިވެހި ދޭހައެވެ. (ފ) އަކީ ފިރިހެނެވެ. (އ) އަކީ އަންހެނެވެ.

هُوَ އޭނާ/އޭތި/އެތަން (ފ)
هُمَا އެދެމީހުން/އެދޭތި/އެދެތަން (ފ)
هُمْ އެބައިމީހުން (ފ)
هِيَ އޭނާ/އޭތި/އެތަން (އ) އަދި އެއެއްޗެހި/އެތަންތަން
هُمَا އެދެމީހުން/އެދޭތި/އެދެތަން (އ)
هُنَّ އެބައިމީހުން (އ)
أَنْتَ ތިބާ (ފ)
أَنْتُمَا ތިދެމީހުން (ފ)
أَنْتُمْ ތިޔަބައިމީހުން (ފ)
أَنْتِ ތިބާ (އ)
أَنْتُمَا ތިދެމީހުން (އ)
أَنْتُنَّ ތިޔަބައިމީހުން (އ)
أَنَا އަހަރެން
نَحْنُ އަހަރެމެން

-ނުނިމޭ-

މިވެސް މުހިންމު