ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް
ހަތަރުވަނަ ފިލާވަޅު
ފިޢުލު ނިސްބަތް ވަނީ ފާޢިލަށް ކަމުގައި ވާ ނަމަ، އެއީ މަޢުރޫފު ފިޢުލެކެވެ. މަޢުރޫފު ފިޢުލަކީ އެ ފިޢުލުން ހެދޭ ޖުމްލައިގައި ކަންކުރާ ބަޔާން ކުރެވިފައި ވާ ފިޢުލެވެ.
މިސާލު: ضَرَبَ زَيْدٌ عَبَّاسًا. ޢައްބާސު ގައިގައި ޒައިދު ޖަހައިފިއޭ.
ފިޢުލު ނިސްބަތް ވަނީ މަފްޢޫލަށށް ކަމުގައި ވާ ނަމަ، އެއީ މަޖްހޫލު ފިޢުލެކެވެ. މަޖްހޫލު ފިޢުލަކީ އެ ފިޢުލުން ހެދޭ ޖުމްލައިގައި ކަންކުރާ ބަޔާން ކުރެވިފައި ނުވާ ފިޢުލެވެ.
މިސާލު: ضُرِبَ عَبَّاسٌ. ޢައްބާސްގައިގައި ކޮންމެވެސް މީހަކު/ބަޔަކު ޖަހައިފިއޭ. (ޢައްބާސް ގައިގައި ޖެހެވެވިއްޖެއޭ.)
މާޟީ އާއި މުޟާރިޢުގެ ކުރިޔަށް ނަފީގެ އަކުރެއް ނާންނަ ނަމަ، އެ ފިޢުލު އެ އޮތީ مثبت ކޮށެވެ.
މިސާލު: ذَهَبَ زَيْدٌ ޒައިދު ހިނގައްޖެ.
يَذْهَبُ زَيْدٌ ޒައިދު ދެޔޭ.
އަދި ނަފީގެ އަކުރެއް އަތުވެއްޖެ ނަމަ، އެ އޮތީ منفي ކޮށެވެ.
މިސާލު: مَا ذَهَبَ زَيْدٌ ޒައިދު ދިޔަ ކަމުގައެއް ނުވެޔޭ.
لَا يَذْهَبُ زَيْدٌ ޒައިދު ނުދެޔޭ.
-ނުނިމޭ-