ޞަރްފުގެ ޢިލްމު – ތިންވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް

ތިންވަނަ ފިލާވަޅު

ފިޢުލު
ޢަރަބި ބަހުގެ ފިޢުލު ހުންނަނީ މާޟީއާއި، މުޟާރިޢުއާއި އަމްރުގެ ގޮތުގައެވެ. މާޟީއަކީ ހިނގި ނުވަތަ ހިނގައިފައިވާ ކަމެކެވެ. މުޟާރިޢުއަކީ ހިނގާ ނުވަތަ ހިނގަހިނގައި ހުރި ނުވަތަ ހިނގާނޭ ކަމެކެވެ. އަމްރަކީ ކަމެއް ކުރުމަށް ހުކުމް ކުރުމެވެ. ޞަރްފު ޢިލްމުގެ އަހުލުވެރީން ކުރެ ބައެއް ބޭފުޅުން މާޟީއާއި، މުޟާރިޢުއާއި، އަމްރުގެ އިތުރުން މި ލިސްޓަށް ނަހީ ވެސް ގެންނަވައެވެ. ނަހީއަކީ ކަމެއް މަނާ ކުރުމަށް ބުނާ ބުނުމެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީ މުޟާރިޢުގެ ތެރޭގައި އަންނަ ބައެކެވެ. މީގެ ތަފްސީލު އަދި ފަހުން އަންނާނެއެވެ.

ޢަރަބި ބަހުގައި ހުންނަނީ ދެ ވައްތަރެއްގެ ފިޢުލެވެ. އެއީ ލާޒިމް ފިޢުލާއި މުތަޢައްދީ ފިޢުލެވެ. ލާޒިމް ފިޢުލަކީ ކަންކުރާ (ފާޢިލު) ފިޔަވައި އެހެން ފަރާތަކަށް ރައްދުނުވާ ފިޢުލެވެ. މުތަޢައްދީ ފިޢުލަކީ ކަންކުރާ (ފާޢިލު) ފިޔަވައި އެހެން ފަރާތަކަށް ރައްދުވާ ފިޢުލެވެ.

ލާޒިމް ފިޢުލަކުން ހެދޭ ޖުމްލައެއްގައި ކަމާއި (ފިޢުލާއި) ކަންކުރާ (ފާޢިލު)ގެ އިތުރުން އަންނަ ކަލިމަތައް އާއްމުކޮށް އަންނާނީ ޙަރްފެއް އައުމަށް ފަހުގައެވެ. މި ގޮތުން ލާޒިމް ފިޢުލާ އެކު އަންނަނީ ޙަރްފުގެ ތެރެއިން، ޙަރްފު ޖައްރެވެ. ލާޒިމް ފިޢުލުން ހެދޭ ޖުމްލައިގެ މާނަ ބިނާ ވަނީ ލާޒިމް ފިޢުލާ އެކު އަންނަ ޙަރްފު ޖައްރުގެ މައްޗަށެވެ. އެހެންކަމުން ލާޒިމް ފިޢުލު ދަސް ކުރާން ވާނީ އެއާ އެކު އަންނަ ޙަރްފު ޖައްރާ އެކުގައެވެ.

މުތަޢައްދީ ފިޢުލަކުން ހެދޭ ޖުމްލައެއްގައި ކަމާއި (ފިޢުލާއި) ކަންކުރާ (ފާޢިލު)ގެ އިތުރުން ދެން އަންނާނީ ރައްދުވާ (މަފްޢޫލުން ބިހީ)އެވެ.

ޢަރަބި ބަހުގައި ފިޢުލުގެ އަސްލު ހުންނަނީ 3 އަކުރުންނާއި 4 އަކުރުންނެވެ. މީގެ އިތުރުން 4 އަކުރުން ނުވަތަ 5 އަކުރުން ނުވަތަ 6 އަކުރުން ހުންނަ ފިޢުލަކީ އަސްލު ފިޢުލަށް އެއް އަކުރު، ނުވަތަ ދެ އަކުރު، ނުވަތަ ތިން އަކުރު އިތުރު ވެގެން އުފެދިފައި ހުންނަ ފިޢުލެވެ. 3 އަކުރުން ހުންނަ ފިޢުލު ދަސް ކުރާން ވާނީ އޭގެ މާޟީއާއި، މުޟާރިޢުއާއި މަޞްދަރާ އެކުގައެވެ. އެހެނީ 3 އަކުރަށް ވުރެ އިތުރަށް އަކުރު ހުންނަ ފިޢުލުތަކުގައި މާޟީގައި ވެސް އަދި މުޟާރިޢުގައި ވެސް އޮންނަނީ އެއްމެ ވަޒަނެކެވެ. އަދި މަޞްދަރު ވެސް އަންނަނީ ކަނޑައެޅިފައިވާ ވަޒަންތަކަކަށެވެ. އެހެން ނަމަވެސް 3 އަކުރުގެ ފިޢުލުގައި މާޟީއާއި މުޟާރިޢުއާ އެކުގައި ބަލާނަމަ، 6 ބާބަކަށް ވަޒަންތައް ބެހެއެވެ. އަދި 3 އަކުރުން ހުންނަ ފިޢުލުގެ މަޞްދަރުގެ ވަޒަންތައް ވަރަށް ގިނައެވެ. އެހެންކަމުން އެންމެ ފަސޭހަ ގޮތަކީ 3 އަކުރުގެ ފިޢުލު ދަސް ކުރާއިރު އޭގެ މާޟީއާއި، މުޟާރިޢުއާއި މަޞްދަރާ އެކުގައި ދަސް ކުރުމެވެ.

-ނުނިމޭ-

މިވެސް މުހިންމު