ޞަރްފުގެ ޢިލްމު
ލިޔުނީ: އިޔާޒު ނަސީމް
ދެވަނަ ފިލާވަޅު
އިސްމަކީ، ވަކީން އޮންނަ އިރު ވެސް އެއިން ފުރިހަމަ މާނައެއް ދޭހަ ވާ، އަދި މާޒީ، މިހާރު، މުސްތަގުބަލު، މިއިން އެއްވެސް ޒަމާނެއްގައި ހިނގި، ނުވަތަ ހިނގާ، ނުވަތަ ހިނގަހިނގައި ހުރި، ނުވަތަ ހިނގައިފާނޭ ކަމެއް ދަލީލު ކޮށް ނުދޭ ކޮންމެ ކަލިމައެކެވެ. މިސާލު: رَجُلٌ ފިރިހެނެއް. بَقَرَةٌ ގެރިއެއް. سَرِيْرٌ އެނދެއް. الْبَيْتُ ގެ. ޢަރަބި ބަހުގެ އިސްމަކީ ދިވެހި ބަހުގެ މައިގަނޑު ބައިތަކުގެ ތެރެއިން ނަމާއި، ނަންއިތުރާއި، ނަންއިތުރުގެނަމާއި، ކަންއިތުރާއި، އިތުރާއި، މަސްދަރެވެ.
ފިޢުލަކީ، ވަކީން އޮންނަ އިރު ވެސް އެއިން ފުރިހަމަ މާނައެއް ދޭހަ ވާ، އަދި މާޒީ، މިހާރު، މުސްތަގުބަލު، މިއިން ކޮންމެވެސް ޒަމާނެއްގައި ހިނގި، ނުވަތަ ހިނގާ، ނުވަތަ ހިނގަހިނގައި ހުރި، ނުވަތަ ހިނގައިފާނޭ، ނުވަތަ ހިނގުމަށް އެދޭ، ނުވަތަ ހިނގުމަށް ނޭދޭ ކަމެއް ދަލީލު ކޮށް ދޭ ކޮންމެ ކަލިމައެކެވެ. މިސާލު: ضَرَبَ އޭނާ ޖަހައިފިޔޭ. يَضْرِبُ އޭނާ ޖަހައޭ. سَيَضْرِبُ އޭނާ ޖަހާނެއޭ. اِضْرِبْ ޖަހާށޭ. لَا تَضْرِبْ ނުޖަހާށޭ. ޢަރަބި ބަހުގެ ފިޢުލަކީ ދިވެހި ބަހުގެ މައިގަނޑު ބައިތަކުގެ ތެރެއިން ކަމެވެ.
ޙަރްފަކީ، އެހެން ކަލިމައަކާ ގުޅިގެން ނޫނީ އެއިން ކުރެވޭ ގަސްދު ފުރިހަމައަށް ދޭހަ ނުވާ ކޮންމެ ކަލިމައެކެވެ. މިސާލު: مِنْ އިން، إِلَى އަށް، فِيْ ގައި. މި ކަލިމަތައް މި ގޮތަށް ވަކީން ބުނެގެން، ބުނާ މީހާގެ ގަސްދު ސާފެއް ނުވާނެއެވެ. އެހެންނަމަވެސް، މިސާލަކަށް الْبَيْتُ ގެ މި ކަލިމައާ އެއްކޮށް އައުމުން ބުނުމުގެ ގަސްދު ފުރިހަމައަށް ދޭހަ ވާނެއެވެ. މިސާލު: مِنَ الْبَيْتِ ގެއިން. إِلَى الْبَيْتِ ގެއަށް. فِي الْبَيْتِ ގޭގައި. ޢަރަބި ބަހުގެ ޙަރްފަކީ ދިވެހި ބަހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އަކުރެވެ.
އިސްމާއި، ފިޢުލާއި، ޙަރްފާ، މި ތިން ބައި، އެއް މިސާލަކުން ދެކޭން ބޭނުން ވާ މީހަކަށް آمَنْتُ بِاللـهِ ފުދޭނެއެވެ. އެހެނީ آمَنْتُ އަހަރެން އީމާން ވެއްޖައީމޭ، بِاللـهِ، ﷲ އަށް. މި ތަނުގައި آمَنْتُ މިއީ ފިޢުލެކެވެ. بِ މިއީ ޙަރްފެކެވެ. ﷲ މިއީ އިސްމެކެވެ.
ނޯޓު:- ޢަރަބި ބަހުގައި އެންމެ ގިނައިން ކަލިމައަށް ބަދަލު އަންނަނީ ފިޢުލުގައެވެ. އިސްމުގައި މަދުންނެވެ. ޙަރްފަށް އެއްވެސް ބަދަލެއް ނާދެއެވެ. ޞަރްފު ޢިލްމުގައި ވާހަކަ ދެކެވެނީ ބަދަލުތަކާ ބެހޭ ގޮތުން ކަމަށް ވާތީ، ޞަރްފު ޢިލްމުގައި އެންމެ ފުރަތަމައަށް ވާހަކަ ދެއްކުން އައުލާ ވެގެން ވަނީ ފިޢުލާ މެދުގައެވެ.
-ނުނިމޭ-