ޢަރަބި ބަހުގެ ފުރަތަމަ “ދޮޅަސް” ފިލާވަޅު – ފުރަތަމަ ބައި
ތަރުޖަމާ: އިޔާޒު ނަސީމް
މިއީ އަލަށް ޢަރަބި ބަސް ދަސް ކުރާން ފަށައިގަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ލިޔެފައި ވާ ފޮތެކެވެ.
ޢަރަބި ބަސް
ޢަރަބި ބަހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ކަލާމްފުޅު ބާވައިލެއްވުމަށް ޚިޔާރު ކުރައްވައި ހޮއްވެވި ބަހެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހޮއްވެވުމަށް ވުރެ ފުރިހަމަ ހޮއްވެވުމެއް ނުވާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ޚިޔާރު ކުރައްވައި ހޮއްވެވި ހޮއްވެވުމަށް ކޮންމެ މުސްލިމަކު ވެސް ލޯބި ކުރާނެއެވެ. އަދި ޢަރަބި ބަސް ދަސްކޮށް އެ ބަހުން ވާހަކަ ދެއްކުމުން ލިބޭ ހިތްހަމަ ޖެހުން ހޯދާން މަސައްކަތް ކުރާނެއެވެ. ކީރިތި ޤުރްއާން ކިޔަވާ އިރާއި، ނަމާދު ކުރާ އިރާއި ހެނދުނާއި ހަވީރުގެ ޒިކުރު ކުރާ އިރު، ފުރިހަމައަށް މާނަ އެނގި ދޭހަ ވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކު ބޭނުން ވާނެ ކަމެކެވެ.
ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، ޢަރަބި ބަހުން އެންމެ ފުރަތަމައަށް ވާހަކަފުޅު ދެއްކެވީ އާދަމް ޢަލައިހިއްސަލާމެވެ. ޢަރަބި ބަހަކީ ޖަންނަތުގެ އަހުލުވެރީންގެ ބަސް ކަމަށް އައިސްފައި ވާ ރިވާޔަތްތަކާއި، އެންމެ ފުރަތަމައަށް އާދަމް ޢަލައިހިއްސަލާމް ލެއްވެވީ ޖަންނަތެއްގައި ކަމަށް ވުމާއި، އާދަމް ޢަލައިހިއްސަލާމަށް ހުރިހައި ތަކެއްޗެއްގެ ނަން ދަސްކޮށް ދެއްވި ކަމަށް ކީރިތި ޤުރްއާނުގައި އޮތުމާއި، ފަހުން އަތުވެދާނޭ ތަކެތީގެ ނަންތައް ވެސް ޢަރަބި ބަހުގެ ވަޒަންތަކުގެ އެހީގައި ދަނެގަނެވޭން ހުރުން ފަދަ އެތައް ސަބަބަކާ ހުރެއެވެ. އަދި އާދަމް ޢަލައިހިއްސަލާމް ދިރިއުޅުއްވީ މައްކާގައި ކަމަށް ވުމާއި، އެންމެ ފުރަތަމަ ނަބިއްޔާއާއި އެންމެ ފަހުގެ ނަބިއްޔާ މައްކާގައި އުޅުއްވުމާއި، އެންމެ ފުރަތަމަ ނަބިއްޔާއާއި އެންމެ ފަހުގެ ނަބިއްޔާގެ ބަހަކީ ޢަރަބި ބަސް ކަމުގައި ވުމީ އޭގައި ޙިކުމަތްތަކެއް އެކުލެވިފައި ވާ ކަންކަން ކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ.
-ނުނިމޭ-