ކަށިފީވުން

އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުންނަށް ކަށީގެ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރުގެ އުމުރުގެ ކުޑަކުދިންނަށް ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ.

ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ ކެލްސިއަމްއެވެ. ހަށިގަނޑުގައި އެކުލެވޭ %99 ކެލްސިއަމް ހިމެނެނީ ދަތާއި،ކަށިތަކުގައެވެ.

އަންހެނުންނަށް މައްސަރުކަންތައް ހުއްޓުމުގެ ކުރިން އެމީހުންގެ ހަށިގަނޑުގައި އެކުލެވޭ އެސްޓްރޯޖެން އަދި ޕްރޯޖެސްޓީރޯން ކަށިތައް ބިނާކުރުމުގަޔާއި، ކަށިތައް ހެދިބޮޑުވުމަށް ބޭނުންވާ ކެލްސިއަމްއާއި، ފޮސްފަރަސް އަދި އެހެނިހެން މައުދަންތައް ކަށިތަކާއި ހަމައަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ކައްޓަކީ އޭގެޒާތުގައި ބިނާކުރުމާއި(anabolism) އަދި ހަލާކުކުރުމުގެ(catabolism) މަސައްކަތްތަކެއް އޭގެ ތެރޭގައި ހިންގާ ޓިޝޫއެކެވެ. މައްސަރުކަންތައް ހުއްޓުމުގެކުރިން ކަށީގެ ތެރޭގައި އެނަބޮލިޒަމް ކެޓަބޮލިޒަމް އަށްވުރެ ބޮޑަށް މަސައްކަތް ކުރެއެވެ. މާނައަކީ ދުވަސްވެފައިވާ ކަށިތައް ހަލާކުވެނެތިގެންދާ މިންވަރަށް ވުރެ އާކަށިތައް އުފެދިބޮޑުވާ މިންވަރު އިތުރުވެއެވެ. ނަމަވެސް މައްސަރުކަންތައް ހުއްޓި ހަށިގަނޑުގައި ކުރިން ބުނި ހޯރމޯންތައް ( އެސްޓްރަޖެން އަދި ޕްރޮޖެސްޓީރޯން ) މަދުވުމުން ކެޓަބޮލިޒަމްގެ ބައި އެނަބޮލިޒަމް އަށްވުރެ އިތުރުވެގެންދެއެވެ. ކަށިފީވުމުގެ އަސްލަކީ މިއީއެވެ.

ކަށިފީވުމަކީ ކަށިތަކުގައި އެކުލެވޭ ކެލްސިއަމް އާ، އެނޫން މައުދަންތައް މަދުވަމުންދާ ދިއުމުގެ ސަބަބުން ކަށިތައް ނިކަމެތިވެ، ބަލިކަށިވުމުން ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލީގެ އަސަރު ކުރަންފަށަނީ އުމުރުން ދުވަސްވެ، ކަށިތައް ނިކަމެތި ވާން ފެށުމުންނެވެ. މިބަލި ހުންނަނަމަ، ކަށިތައް ބަލިކަށިވުމުން، ކަށިތައް ފިތޭގޮތްވެ، އިސްކޮޅުން ކުރުވެ، ގުދުލައެވެ. މިބަލީގެ އަސަރު ބޮޑަށް ހުންނަ މީހުންގެ ކުއްލިއަކަށް ކަށިތަކުގައި ރެނދުލުން، އަދި ކިރިޔާ ވެއްޓޭ ކަހަލަ ގޮތެއް ވިޔަސް ފަސޭހައިން ކަށި ބިދޭގޮތް ވެއެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް ކޮންމެ މީހެއްގެ ވެސް ކަށިތައް ބަލިވެ، ކަށީގެ ބަރުދަން ލުއިވަމުންދާނެ އެވެ. މިބަލީގައި ބޮޑުވަރުވަނީ ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށެވެ.

ކަށިތައް ފީވުމަށް މެދުވެރިވާ ސަބަބު އަދި މަގުފަހިކުރާ ކަންތައްތައް

ކަށިތައް ފީވުމަށް ދިމާވާ އަސްލު ސަބަބެއް އެހާ ރަގަޅަކަށް ނޭނގެއެވެ. މިބަލީގެ އަސަރު ފެންނަ މީހުންގެ ތެރޭގައި (ބަލިޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި):-

(ހ) – ބަދަލުނުކުރެވޭނެ ކަންތައްތައް

  • ޖިންސް: އަންހެނުންނަށް ކަށިފީވުން ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ ބޮޑެވެ.
  • އުމުރު: މުސްކުޅިވާވަރަކަށް ކަށިފީވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ.
  • ނަސްލު: ދޮންމީހުންނާ، އޭޝިޔާ ނަސްލުގެ މީހުންގެ މެދުގައި އެހެން ނަސްލުގެ މީހުންނަށްވުރެ ކަށިފީވުމުގެ މައްސަލަ އާންމުކަން ފާހަގަ ކުރެވެއެވެ.
  • އާއިލާގައި ބަލި ވާރުތަކުރާގޮތް ހުރުން: މައިންބަފައިންނަށް، ނުވަތަ އެއްބަނޑު އެއްބަފާ މީހުންނަށް ކަށިފީވުން ކުރިމަތިވެފައިވާނަމަ އެމީހަކަށް ކަށިފީވުމުގެ ފުރުޞަތު ބޮޑެވެ.
  • ބަލިކަށިކޮށް ތިބޭ މީހުން: ޅައިރު ކަށި އުފެދެމުންދާ ދުވަސްވަރު އެކަށޭނަ ވަރަށް ކެލްސިއަމް ނުލިބިއްޖެނަމަ، ކަށިތައް ބަލިކަށިކޮށް އުފެދި، ހަށިގަނޑު ބަލިކަށިކޮށްހުރެ، އުމުރުން ދުވަސްވުމުން މިބަލީގެ އަސަރު ފެނެއެވެ.
  • އުމުރުން ދުވަސްވުން: އުމުރުން ދުވަސްވެ، ކަށިތައް ބަލިކަށިވާ އަތަށް އެޅުމުން މިބަލިޖެހުން ގާތެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ އިއްދައިން ކެނޑޭތާ ކުރީކޮޅު ވަރަށް ހަލުވި މިނެއްގައި ކަށީގެ ބަރުދަން ލުއިވަމުންދާތީ އެވެ.

(ށ) – ހަށިގަނޑުގައި ހުންނަ ބައެއް ކަހަލަ ހޯރމޯންގެ ނިސްބަތް ހުރިވަރު

  • ޖިންސީ ހޯރމޯން ތައް: އިއްދައިން ކެނޑުމާ ގުޅިގެން އަންހެނުންގެ ޖިންސީ ހޯރމޯން “އެސްޓްރަޖަން” ހޯރމޯންގެ މިންވަރު ދަށްވެގެން ދިއުމަކީ އަންހެނުންނަށް ކަށިފީވުން މެދުވެރިކުރުވާ މައިގަނޑު އެއް ސަބަބެވެ. ބައެއް ކަހަލަ ކެންސަރުތަކުގެ ސަބަބުން ވެސް އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވުމަކީ ވެދާނެ ގޮތެކެވެ. އުމުރުން ދުވަސްވާވަރަކަށް ފިރިހެނުންގެ ޖިންސީ ހޯރމޯން “ޓެސްޓޮސްޓީރޯން” ގެ ނިސްބަތް ވެސް މަޑުމަޑުން ދަށްވެއެވެ. ފިރިހެނުންނަށް ކުރިމަތިވާ ޕްރޮސްޓޭޓް ކެންސަރަކީ ވެސް މިހޯރމޯންގެ މިންވަރު ދަށްކޮށްލާ ބައްޔެކެވެ. ޖިންސީ ހޯރމޯންގެ މިންވަރު ދަށްވުމަކީ ބަލިކަށިވެ ދެރަވެ ނިކަމެތިވުމަށް މަގުފަހިވާ ކަމެކެވެ.
  • ތައިރޮއިޑް ހޯރމޯން: މާގިނައިން ތައިރޮއިޑް ހޯރމޯން އުފެދުމަކީ ކަށިތައް ދެރަވެ، ބަލިކަށިވާނެ ކަމެކެވެ. މިގޮތަށް ދިމާވަނީ “ތައިރޮއިޑް މަތިވުން” ނުވަތަ ތައިރޮއިޑް ދަށްވުމުގެ ފަރުވާގައި މާގިނައިން ތައިރޮއިޑް ހޯރމޯން ބޭނުންކޮށްފި ނަމައެވެ.
  • ޕެރަތައިރޮއިޑް ހޯރމޯން އަދި އެޑްރީނަލް ގްލޭންޑް އިން ދޫކުރާ ހޯރމޯންތައް: މިހޯރމޯންތައް އިތުރުވެ ގިނަވުމަކީ ވެސް ބައެއް ފަހަރު ކަށިފީވުމަށް މަގުފަހިކޮށްދާނެ ކަމެކެވެ.

(ނ) – ކާނާ އާ ގުޅުންހުރި ކަންތައްތައް

  • ކާނާގައި ކެލްސިއަމް ހިމެނޭ މިންވަރު މަދުވުން: ކާނާގައި ކެލްސިއަމް ހިމެނޭ މިންވަރު މަދުވުމަކީ ކަށިފީވުމަށް މަގުފަހިކުރާ ކަމެކެވެ. ކެލްސިއަމްގެ ނިސްބަތް މަދުވުމަކީ ކަށިތައް ދެރަވެ، ނިކަމެތިވެ، ބަލިކަށިވެ، އަވަހަށް ބިނދި ރެނދުލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  • ކެއުމާ ގުޅުންހުރި މައްސަލަތައް: ކާހިތްނުވުމާ ކެއުމާ ދުރު މީހުންނަށް ކަށިފީވުމުގެ ފުރުޞަތު ބޮޑެވެ. ރަގަޅަށް ނުކެއުމަކީ ހަށިގަނޑަށް ކެލްސިއަމް އެތެރެވޭ ނިސްބަތް ދަށްވާނެ ކަމެކެވެ. ކާހިތްނުވުމަކީ އަންހެނުންނަށް މައްސަރު ކަންތައް ޖެހުން ހުއްޓުވާ ކަމެކެވެ. މައްސަރު ކަންތައް ޖެހުން ހުއްޓުމަކީ ކަށިތައް ބަލިކަށިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ރ) – ބައެއް ކަހަލަ ބޭސްތައް

  • ސްޓީރޮއިޑް: ދިގުމުއްދަތަކަށް ސްޓީރޮއިޑް ބޭނުންކުރުމަކީ ކަށިތައް އަލުން އުފެދުމަށް ހުރަސްއަޅާ ކަމެކެވެ.
  • އެހެނިހެން ބޭސްތައް: ފިޓުޖެހުމާ، ހިތާމަކުރުމުގެ ބަލި، ކެންސަރު އަދި މަތިންއަރާ ބަލިފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން ވެސް ކަށިތައް ބަލިކަށިވެ ނިކަމެތިވެދާނެ އެވެ.

(ބ) – ދިރިއުޅުމުގެ އާދަތައް

  • ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކަށިތައް ބަލިކަށިވާނެ ކަމެކެވެ.
  • ހެލިފެލިވެ އުޅުން މަދުވުން: ގިނަވަގުތު އިށީދެ އިނދެ، އޮށޯވެ އޮވެ، އެއްވެސް ހަރަކާތެއްނެތި ގޭތެރޭގައި ހޭދަކުރާ އަންހެނުންނަށް ކަށިފީވުމުގެ ފުރުޞަތު ބޮޑެވެ.
  • ބަނގުރާބުއިން: މާގިނައިން ބަނގުރަލާ، ބަނގުރާ އެކުލެވޭ ބުއިންތައް ބޭނުން ކުރުމަކީ ކަށިތައް ބަލިކަށިވެ ފީވާނެ ކަމެކެވެ. އަދި ފަސޭހައިން ކަށިތަކުގައި ރެނދުއަޅައި ބިނދޭގޮތްވާނެ ކަމެކެވެ.

ކަށިފީމުވުގެ މައްސަލަ އެންމެ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވީ އަންހެނުންނަށެވެ. ނަމަވެސް 50 އަހަރުން މައްޗަށް ދިއުމަށް ފަހު ބައެއް ފިރިހެނުންނަށް ވެސް މިމައްސަލަ ކުރިމަތިވެއެވެ. އުމުރުން ދުވަސްވުމުން ކަށިފީވާން ދިމާވަނީ މިއުމުރުގައި ކަށިތައް ނިކަމެތިވެ ކަށިތަކުގެ ބާރު ދަށްވާތީއެވެ.

މާގިނައިން ވިހާފައި ތިބޭ އަންހެނުންނަށް ކަށިފީވުމުގެ މައްސަލަ ކުރިމަތިވާލެއް އަވަހެވެ. މާބަނޑުދުވަސްވަރު ހަށިގަނޑުން ގިނައަދަދެއްގެ ކެލްސިއަމް އާއި، ފޮސްފަރަސް އަދި އެހެނިހެން މައުދަންތައް ގެއްލިގެންދެއެވެ. ހަމަ މިހެން ހައިޟުގެ ދުވަސްވަރުވެސް ހަށިގަނޑުން ކެލްސިއަމް އަދި ފޮސްފަރަސް އުނިކުރެއެވެ.މިގޮތަށް އުނިވެގެންދާބައި އަބުރާހަށިގަނޑަށް ނުލިބިއްޖެނަމަ ކަށިފީވުމުގެ މައްސަލަ ކުރިމަތިވުމަކީ ގާތްކަމެކެވެ.

ކާނާގައި ކެލްސިއަމްއާއި، ވިޓަމިންޑީ ހިމެނޭ މިންވަރު ދަށްވުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމަކީވެސް ކަށީފީވުމަށް މަގު ފަހިކޮށްދޭ ކަންކަމެވެ.

ކަށިފީވުމުން ފެނިދާނެ އަލާމާތްތައް

ކަށިފީވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް އޭގެ އަލާމާތްތައް ފެންނަލެއް ލަހެވެ. މިފަދަ އަލާމާތްތައް ފާހަގަވަނީ ކަށިތައް ނިކަމެތިވެ، ވެއްޓި އުކުޅުކަށިތައް ބިދުން ނުވަތަ މައިބަދައިގެ ކަށިތައް ފިތި ހަލާކުވުން ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމައެވެ. ކަށިފީވުމުގެ ސަބަބުން ކުރިމަތިވާ އެންމެ އާންމު ކަމަކީ ކަށިތައް ދެރަވެ ބިދޭގޮތްވުމެވެ. އެންމެ އާންމުކޮށް ކަށިފީވުމުގެ މައްސަލަ ދިމާވަނީ މައިބަދައާއި، އަތުގެކުޑަހުޅާއި، ފައިގެ އުކުޅު ކަށިތަކަށެވެ. ބުރަކަށީގައި ރިއްސުން،ގުދުލުން،އަދި ހިގަންއުދަގޫވުން ފަދަ ކަންކަމަކީ ކަށިފީވުމުގެ ސަބަބުން ދިމާވެދާނެ އުދަގޫ ތަކެވެ.

  • ކުއްލިއަކަށް ނުވަތަ ފަސޭހައިން ކަށިތައް ބިންދައިގެން ދާގޮތްވުން
  • ބުރަކަށީގައި ރިހުން
  • އިސްކޮޅުން ކުރުވެ، ގުދުލުން

ކަށިފީވުން ދެނެގަތުން

ބަލިހުރިވަރު ދެނެގަނެ، ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ފެށިދާނެ އެވެ. ފަރުވާއިން ކުރިން ވެފައި ހުރި ގެއްލުމެއް ރަގަޅު ނުކުރެވުނު ނަމަވެސް ބަލި އިތުރަށް ފެތުރުން ހުއްޓުވިދާނެ އެވެ. މިބަލިޖެހުމުން ބަލިޖެހިފައިވާކަން ޔަގީންކުރުމަށްޓަކައި، ކަށީގެ ބޯމިން ބެލުމަށް ހަދަންޖެހޭ ޚާއްޞަ ޓެސްޓެއް ހެދިދާނެ އެވެ. ކަށީގެ ބަރުދަން ބަލާނީ އެކަމަށް ޚާއްޞަ ކުރެވިގެން ނެގޭ އެކްސްރޭ ތަކަކުން ނުވަތަ ސީޓީ ސްކޭން ތަކަކުންނެވެ.

ކަށިފީވުމުގެ ފަރުވާ

ކަށިފީވުމުން އަންހެނުންނާއި ފިރިހެނުންނަށް ވެސް އެންމެ އާންމުކޮށްދީއުޅޭ ބޭހަކީ “ބައިފޮސްފޮނޭޓް” އެވެ. ބައިފޮސްފޮނޭޓްގެ ތެރޭގައި ހިމެނޭ ބޭސްތަކުގެ ތެރޭގައި، “އެލެންޑްރޮނޭޓް”، “ރިސެޑްރޮނޭޓް”، “އިބެންޑްރޮނޭޓް”، އަދި “ޒޮލެޑްރޮނިކް އެސިޑް” ހިމެނެއެވެ. މީގެ އިތުރުން ހޯރމޯން ރިޕްލޭސްމެންޓް ތެރަޕީ އަކީ ވެސް ކަށިފީވުމުގެ ފަރުވާގައި ކުރެވޭ ކަމެކެވެ.

  • ޑޮކްޓަރުގެ ލަފާގެ މަތިން ވަކި ކަސްރަތުތަކެއް ގަވާއިދުން ކުރުން
  • ހަށިގަނޑަށް ކެލްސިއަމް އާ ވިޓަމިން ޑީ އިތުރަށް ލިއްބައި ދިނުމަށްޓަކައި މިމާއްދާތައް ކާނާގައި ހިމެނުން
  • އިއްދައިން ކެނޑުމުން ހޯރމޯން ރިޕްލޭސްމެންޓް ތެރަޕީ ނެގުން

ޑޮކްޓަރަށް ދައްކަންޖެހެނީ ކޮންއިރަކު؟

  • އުމުރުން 35 އަހަރަށްވުރެ މައްޗަށް ދިއުމުން ބަލިދެނެގަނެ، ބަލިބޮޑުނުވާނެގޮތްތައް ދަސްކުރުމަށްޓަކާ ޑޮކްޓަރާ މަޝްވަރާކުރުން
  • އިއްދައިން ކެނޑެން އުޅޭކަމުގެ އަލާމާތްތައް ފެންނަށް އުޅޭ އަންހެން މީހުން ހޯރމޯން ރިޕްލޭސްމެންޓް ތެރަޕީ ނެގުމާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަދެއްކުން
  • ބަލީގެ އަލާމާތްތައް ކަމަށްވާ އިސްކޮޅުން ކުރުވުން، ގުދުލުން، ބުރަކަށީގައި ރިހުން ފަދަ ކަމެއް ފާހަގަކުރެވޭނަމަ، އެކަމާގުޅޭގޮތުން ޑޮކްޓަރަށް ދެއްކުން

އަމިއްލައަށް ކުރެވިދާނެ ކަންތައްތައް

އާއިލީ ގޮތުން މިބަލިޖެހުން އެއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ރަގަޅު ޞިއްޙީ އާދަތަކެއް ގެންގުޅެގެން، ކަށިފީވުމަށް މެދުވެރިވާ ސަބަބުތައް ކޮންޓްރޯލް ކުރެވިދާނެ އެވެ. އޭގެ ތެރޭގައި:-

  • ކާނާގައި ކެލްސިއަމްގެ ބައި ފުދޭވަރަކަށް ހިމެނުން: ޚާއްޞަ ގޮތެއްގައި ޅައުމުރުގައި ކަށިތައް އުފެދެމުންދާ ދުވަސްވަރު، ކެލްސިއަމް ލިބިދިނުން މުހިއްމެވެ. ބޭނުމަކީ ބަރުދަން ރަގަޅު ކަށި އުފެއްދުމެވެ.
  • ގަވާޢިދުން ކަސްރަތުކުރުން: ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި، ކަށިތަކަށް ހަރަކާތް ލިބިދިނުމަކީ މުހިއްމު ކަމެކެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ އެކަމާ ދުރުހެލިވުން

ސަމާލުކަން ދޭންވީ ކަންތައްތައް

  • ދިރިއުޅޭ ތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ބެހެއްޓުން: ސަބަބަކީ މިބަލީގެ މީހުން ވެއްޓި، ނުވަތަ ފައި ކައްސާލި ނަމަވެސް، ކަށިގަނޑު ބިނދުން ނުވަތަ ރެނދުލުމުގެ ފުރުޞަތު ބޮޑުވާނެތީ އެވެ. އެގޮތުން:-
    • ގޭތެރެއާއި، ފާޚާނާގައި ރަގަޅަށް އަލި ބެހެއްޓުން
    • ސިޑިތަކުގައި އަތްގަނޑުލުމާއި، ސިޑިތައް ނުކައްސާގޮތް ހެދުން
    • ބިންމަތި އޮމާންނަމަ ފައިފުހި ނުބެހެއްޓުން
    • ފާކާނާއާ ގޭތެރޭގައި ވެސް ހުންނަ ތަށިމުށި ތަކަކީ ނުކައްސާ އެއްޗަކަށްވުން

ކަށިފީވުމަކީ ނުރައްކާތެރި ބައްޔެއްތަ؟

މިބައްޔަށް ފަރުވާ ނުކުރެވިއްޖެކަމަށްވާނަމަ، މިކަމުން ވަރަށް ސީރިއަސް މައްސަލަތަކެއް ނިކުންނަށް ފަށާނެ އެވެ. އެގޮތުން އުނަގަނޑާ މައިބަދައިގައި ބޮޑެތި ރެނދުލުން ހިމެނެއެވެ. އަދި މީގެ ސަބަބުން އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވެސް ވެދާނެ އެވެ.

ކަށިފީވުމަކީ އާންމު ބައްޔެއް ނަމަވެސް ބަލިން ރައްކާތެރިވުމަށްޓަކައި އުމުރުގެ ކުރީކޮޅުން ފެށިގެން ވިސްނައިގެން ރަގަޅު ޞިއްޙީ އާދަތަކެއް ގެންގުޅެވިއްޖެނަމަ، ވަރަށް ފަސޭހައިން ރައްކާތެރިވެވިދާނެ ބައްޔެކެވެ.

ރައްކާތެރިވުން

ކަށިފީވުމުގެ މައްސަލައިން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރެވިދާނެއެވެ.މިގޮތުން ކަށިފީވުމުގެ މައްސަލަ ކުރިމަތި ވެއްޖެނަމަ އެކަމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބޭސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން އަބަދުވެސް ކެލްސިއަމްއާއި،ވިޓަމިންޑީ އެކުލެވޭ ކާނާ ބޭނުންކުރެވިދާނެއެވެ.

އުމުރުން 50-18 އަހަރާ ދެމެދުގެ އަންހެނުންނާ ފިރިހެނުންނަށް ދުވާލެއްގެ މައްޗަށް 1000 މިލިގްރާމްގެ ކެލްސިއަމް ބޭނުންވެއެވެ. އަންހެނުން އުމުރުން 50 އަހަރަށްވުރެ މަތިވުމުން އަދި ފިރިހެނުން އުމުރުން 70 އަށްވުރެ މަތިވުމުން މިމިންވަރު 1200 މިލިގްރާމަށް އުފުލިގެން ދެއެވެ.

ކިރާއި، ކިރުބޭނުން ކޮށްގެން ހަދާފައި ހުންނަ އުފެންދުންތަކާއި، ފެހިކުލަ ގަދަ ފަތާއި، ސޯޔާ މިލްކް، އޮރެންޖު ޖޫހާއި، ކެލްސިއަމް ފޯރޓިފައިޑް ސީރިއަލް އަދި ދޮންކޭލަކީ ކެލްސިއަމް ވަރަށް މަތީދަރަޖައަކަށް އެކުލެވޭ ބާވަތްތަކެވެ. ކެއުމުގެ ތެރެއިން އެކަށޭނަ ވަރަށް ހަށިގަނޑަށް ކެލްސިއަމް ނުލިބޭނަމަ ގުޅަބޭހުގެ ގޮތުގައި ކެލްސިއަމް ނެގިދާނެ އެވެ. ނަމަވެސް ހަދާން ބަހައްޓަންވީ ކެއުމުގެ ތެރެއިންނާއި، ގުޅަބޭހުގެ ގޮތުގައާއެކު، ހަށިގަނޑަށް ވަންނަ ކެލްސިއަމް އުމުރުން 50 އަހަރުވުމަށްފަހު، 2000 މިލިގްރާމަށްވުރެ މަތިވިޔަ ނުދިނުމެވެ. ކެލްސިއަމް ހަށިގަނޑުގައި ގިނަވުމަކީ ގުރުދާގައި ހިލަ އުފެދުމާ، ހިތުގެ މައްސަލަ ކުރިމަތިކޮށްފާނެ ކަމެކެވެ.

ވިޓަމިން ޑީ އަކީ ކެލްސިއަމް ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. އާންމު ގޮތެއްގައި ގިނަ މީހުންނަށް އިރުގެ އަލިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންޑީ ލިއްބައިދޭނެ އެވެ. ނަމަވެސް އުސް ހިސާބުތަކުގައި އުޅޭ މީހުންނާ، ގޭތެރެއިން ނުނިކުމެ ތިބޭމީހުން، އަދި ގަވާޢިދުން ސަން ސްކްރީން ބޭނުންކުރާ މީހުންނަށް މިކަން މިގޮތަށް (އިރުގެ އަލިން ވިޓަމިން ޑީ ލިބުން) ދިމާނުވުމަކީ ވެދާނެ ގޮތެކެވެ.

މީގެ އިތުރުން ކަސްރަތުކުރުމަކީ ވެސް ކަށިތައް ސަލާމަތުން ހުރުމާއި، މަސްތައް ވަރުގަދަ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. ކަސްރަތުކުރުމަކީ ކޮންމެ ވަގުތަކު ފެށިނަމަވެސް އޭގެ ފައިދާ ހަށިގަނޑަށް ކުރާނެ ކަމެކެވެ. ނަމަވެސް އުމުރުން ޅައިރުއްސުރެ ކަސްރަތުކުރަން ފަށައި، ހުއްޓިނެތި، އެކަން ކުރަމުން އަންނަނަމަ އޭގެ ފައިދާ މޮޅުވެފައި އިތުރުކަން ފާހަގަ ކުރެވެއެވެ. ކުރެވިދާނެ ކަސްރަތު ތަކުގެ ތެރޭގައި، ހިނގުން، ދުވުން، ފުއްމުން، ފެތުން، ސިނޑިން އެރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މައުލޫމާތު:

  • “އޮސްޓިއޮޕޮރޯސިސް” ލީފްލެޓް : ކުލުނު 181 – އޭޕްރީލް 2003 – ޝީ – މާލެ – ދިވެހިރާއްޖެ·
  • http://www.mayoclinic.com/health/osteoporosis/DS00128/DSECTION=risk-factors

މިވެސް މުހިންމު