ބިސްރަވައިގެ ކެންސަރު

އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވަ (Ovary) ނުވަތަ ބިސްއުފައްދާތަނުގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެބިސްރަވަ ވެއެވެ. ބިސްރަވައިގެ ސައިޒަކީ ގާތްގަނޑަކަށް އާމަންޑް މަދެއްގެ ސައިޒެވެ. ބިސްރަވަ އޮންނަނީ ރަހިމުގެ ދެފަރާތުގައި ބިސްދަތުރުކުރާ ހޮޅީގެ ރަހިމާއި ދުރަށްދިޔަކޮޅުގައެވެ. ރަހމާއި، ބިސްރަވަ ގުޅުވައިދޭ ހޮޅިއަކީ ބިސްދަތުރުކުރާ ހޮޅި އެވެ. ބިސްރަވަ އިން ބިސް ދޫކުރުމުގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އުފައްދައިދެއެވެ.

ބިސްރަވައިގެ ކެންސަރު ނުވަތަ ބިސްއުފައްދާތަނުގެ ކެންސަރަކީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްޖެހޭ ކެންސަރެކެވެ.

ސަބަބު

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.އާންމު ގޮތެއްގައި ކެންސަރު އުފެދިގެން އަންނަނީ ރަނގަޅަށް ހުންނަ ސެލްތަކުގެ ވިރާސީ ބަހާއަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކެންސަރ ސެލްތަކަކަށް ރަނގަޅަށްހުރި ސެލްތައް ބަދަލުވާން ފެށުމުންނެވެ. އެގޮތުން ކެންސަރ ސެލްތަކަށް ބަދަލުވުމަށްފަހު، އެސެލްތައް ގިނަވެ، ސެލްގެ ފުނިވަރެއް އުފެދި، އޭގެ ނަތީޖާއެއްގެ ގޮތުން ޓިއުމަރެއްގެ ސިފަ ޖެހިގެން ދެއެވެ. އަދި އެއަށްފަހު ޓިއުމަރާއި ޖެހިގެން ހުންނަ ޓިޝޫތަކުގެ ތެރެއަށް ވަދެ، އާޚިރުގައި މުޅި ހަށިގަނޑަށް ކެންސަރުގެ އަސަރު ފަތުރާލައެވެ. އެހެންކަމުން ވިރާސީ ގޮތުން ޑީއެންއޭ އަށް ބަދަލުއައުމަކީ ބައެއް އަންހެނުންނަށް ބިސްއުފައްދާތަނުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބަކަށް އޮންނަނީ ވެފައެވެ. ބިސްއުފައްދާތަނަށް ކެންސަރު ޖެހޭ ކޮންމެ 100 އަންހެނުންގެ ތެރެއިން 10 އަންހެނުންނަށް ބިސްއުފައްދާތަނަށް ކެންސަރު ޖެހެނީ “ބްރެސްޓް ކެންސަރ ޖީން 1″(BRCA1) ، އަދި “ބްރެސްޓް ކެންސަރ ޖީން2″(BRCA2) އަށް ބަދަލުއައިސްގެން ކަމަށް ބެލެވިފައިވެއެވެ. މިޖީން އަށް ބަދަލުތައް އައިސްފައިވާ މީހުންނަށް އެބަދަލުތައް އައިސްފައިނުވާ މީހުންނަށްވުރެ، ބިސްއުފައްދާ ތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ވައްތަރުތައް

ބިސް އުފައްދާ ތަނުގެ ކެންސަރުގެ 3 ވައްތަރެއް ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:-

(ހ) އެޕިތީލިއަލް ޓިއުމަރ (Epithelial tumor): މިއީ ބިސް އުފައްދާ ތަނުގެ ބޭރު ސަތަހައިގައި ހުންނަ ތުނި ސެލް ފަށަލަތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. ބިސްއުފައްދާ ތަނަށްޖެހޭ ކެންސަރުގެ %90 އަކީ މިވައްތަރުގެ ޓިއުމަރެވެ.

(ށ) ސްޓްރޯމަލް ޓިއުމަރ (stromal tumor): މިއީ ބިސް އުފައްދާތަނުގައި ހުންނަ ހޯރމޯން (އެސްޓްރަޖަން، ޕްރޮޖެސްޓަރޯން) އުފައްދާ ސެލްތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. އާންމުގޮތެއްގައި ބިސް އުފައްދާ ތަނަށް ކުރިމަތިވާ އެހެން ކެންސަރު ތަކަށްވުރެ މިވައްތަރުގެ ކެންސަރު އަވަހަށް ދެނެގަނެވެއެވެ. ބިސްއުފައްދާ ތަނަށްޖެހޭ ކެންސަރުގެ %7 އަކީ މިވައްތަރުގެ ޓިއުމަރެވެ.

(ނ) ޖާރމް ސެލް ޓިއުމަރ (germ cell tumor): މިއީ ބިސް އުފައްދާ ތަނުގައި ހުންނަ ބިސް އުފައްދާ ސެލްތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. އާންމު ގޮތެއްގައި ޒުވާން އަންހެނުންނަށްޖެހެނީ މިވައްތަރުގެ ކެންސަރެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބިސް އުފައްދާ ތަނުގެ ކެންސަރުގެ ވައްތަރެކެވެ.

މަގުފަހިކުރާ ކަންތައްތައް

ބިސްއުފައްދާތަނުގެ ކެންސަރަށް މަގުފަހިކުރާ ނޫނީ ޖެހުމަށް ފުރުޞަތުބޮޑުވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-

(ހ) އުމުރު: ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބިސްއުފައްދާ ތަނުގެ ކެންސަރު ޖެހިދާނެ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ބިސްއުފައްދާ ތަނަށްކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އުމުރުން 40 އަހަރުވުމުގެ ކުރިން ބިސްއުފައްދާތަނަށް ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ގިނަ މީހުންނަށް ކެންސަރު ޖެހެނީ އިއްދައިން ކެނޑުމަށްފަހު ގައެވެ. ނޫނީ އުމުރުން 50 އަހަރުވުމަށްފަހު ގައެވެ. އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ބިސްއުފައްދާތަނަށް ކެންސަރުޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް އެކެންސަރު ޖެހިފައިވަނީ އުމުރުން 63 އަހަރަށްވުރެ މަތިވި ފަހުންނެވެ.

(ށ) ހަށިގަނޑު އާދަޔާ ޚިލާފަށް ބުރަހެލިވެ، ފަލަވުން: މާބޮޑަށް ފަލަވުމަކީ ބިސްއުފައްދާތަނުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމެއްކަމަށް ތަފާތު ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ.

(ނ) ބިސް އުފައްދާތަނަށްޖެހޭ ކެންސަރު އާއިލާގެ މެންބަރުންގެ ތެރޭގައި ދައުރުވަމުން އައުން: މާނައަކީ އާއިލާގެ މެންބަރުންގެ ތެރެއިން މަންމަ، ދައްތަ، ބޮޑު ދައިތަ، މާމަ، ފަދަ މީހަކަށް ކެންސަރު ޖެހިފައިވާނަމަ، އެފަދަ މީހަކަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރެވެ.

(ރ) ބަދަލު އައިސްފައިވާ ވިރާސީ ބަހާ އެއް ވާރުތަވެފައިވުން: އެގޮތުން “ބްރެސްޓް ކެންސަރ ޖީން 1″(BRCA1) ،އަދި “ބްރެސްޓް ކެންސަރ ޖީން2″(BRCA2) އަށް ބަދަލުތައް އައިސްފައިވާ މީހުންނަށް އެބަދަލުތައް އައިސްފައިނުވާ މީހުންނަށްވުރެ، ބިސްއުފައްދާ ތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.

(ބ) ގިނަ ދުވަސްތަކެއްވަންދެން ހޯރމޯން އެކުލެވޭ ބޭސްތައް ބޭނުންކުރުން: މިސާލަކަށް އިއްދައިން ކެނޑުމުން ދިމާވާ އުދަނގޫތައް ލުއިކުރުމަށް ހަމައެކަނި “އެސްޓްރަޖަން” ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ބިސްއުފައްދާ ތަނުގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން (10-5 އަހަރާ ދެމެދުގެ މުއްދަތަކަށް) އެސްޓްރަޖަން ހޯރމޯންގެ ފަރުވާ ނެގުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެއްކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ.

(ޅ) އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވުން: އެންޑޯމެޓްރީއޯސިސްގެ މާނައަކީ ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގަންނަގޮތް ވުމެވެ. އެންޑޯމެޓްރީއޯސިސް ކުރިމަތިވުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ކ) ފުށްޖެހުން: ކުރިމަތި ފަރާތަށް ފުށް (ޓެލްކަމް ޕައުޑަރ) ޖެހުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކުރާ ކަމެކެވެ. ބެލެވިފައިވާގޮތުގައި މިހެން ދިމާވަނީ ކުރިމަތި ފަރާތަށް ފުށްޖެހުމުން ، އެތެރެއަށް ވަންނަ ފުށުގެ އަސަރު ބިސް އުފައްދާތަނަށް ހަމައަށް ފޯރައި، އޭގެ ސަބަބުން ބިސްއުފައްދާތަނަށް ދުޅަވެ، ގިނަ ދުވަސްވެ، ސެލްތަކަށް ކެންސަރާ ގުޅިގެން އަންނަ ބަދަލުތައް އައުމުގެ ސަބަބުންނެވެ.

(އ) ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބިސްއުފައްދާތަނަށް ޖެހޭ ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އެހެނިހެން ކަންތައްތައް

  • ކުރިން އުރަމަތި، ގޮހޮރު، ރަހިމުގެ ދޮރު، އަދި ހަމުގެ ކެންސަރު ފަދަ ކެންސަރެއް ޖެހިފައިވުން ނޫނީ އާއިލާގެ މެންބަރަކަށް މިފަދަ ކެންސަރެއް ޖެހިފައިވުން
  • މާއަވަހަށް ބާލިޣުވުން (އުމުރުން 12 އަހަރުގެ ކުރިން)
  • މާލަހުން އިއްދައިން ކެނޑުން (އުމުރުން 52 އަހަރުގެ ފަހުން)
  • އެއްގޮތަކަށް ވެސް ބަލިވެއިނދެފައި ނުވުން ނޫނީ ދަރިޔަކު ވިހާފައިނުވުން
  • ދަރިން ނުލިބޭތީ ފަރުވާކުރުން
  • ދޭތެރެ ދުރުކުރުމަށް ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުން
  • ބިސްއުފައްދާ ތަނުގައި ވައިކޮތަޅު އުފެދުން (ޕޮލީ ސިސްޓިކް އޯވަރީ ސިންޑްރޯމް ހުރުން)

އަލާމާތްތައް

ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުން އޭގެ އަލާމާތްތައް ގިނަ ފަހަރު ބަލީގެ ކުރީކޮޅުގައި ނުފެނެއެވެ. އަދި މިއަލާމަތްތައް އާންމު ގޮތެއްގައި ފެންނަނީ ވަރަށް ފަހުންނެވެ. ބިސްއުފައްދާތަނުގެ ކެންސަރުގެ އެންމެ އާއްމު އަލާމާތްތަކުގެ ތެރޭގައި:-

  • ބަނޑުފުއްޕުން ގޭހުގެ އުދަނގޫވުން (ބަނޑުފުފުން)
  • ދަށްބަނޑަށް އުނދަގޫވުން (ދަށްބަނޑުގައި ރިހުން)
  • ކާއިރު މާއަވަހަށް ބަނޑުފުރޭހެން ހީވުން
  • މާގިނައިން ކުޑަކަމުދާންޖެހުން
  • ބުރަކަށީގައި ރިހުން
  • ބަރުދަން ލުއިވުން
  • ނޭވާކުރުވުން
  • މައްސަރު ކަންތަކަށް ބަދަލު އައިސް، ގަވާއިދުން މައްސަރުކަންތައް ނުޖެހުން

މީގެ އިތުރުން ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • ވަރުބަލިވެ ވާޅުވުން
  • ކާތަކެތި ރަނގަޅަށް ހަޖަމުނުވުން އުދަނގޫވުން
  • ޖިމާއު ވާއިރު ތަދުވުން
  • ބޮޑުކަމުދިއުމަށް ބަދަލުއައުން (މިސާލަކަށް ބަނޑުހަރުވުން ނޫނީ ބަނޑުދިޔާވުން)
  • މުޅި ހަށިގަނޑުގައި ފެންހެދުމުގެ ސަބަބުން ނޭވާލާން ދަތިވުން (ނޭވާކުރުވުން)
  • ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ހަޑިއެއްޗެހި އައުން ނޫނީ ލޭއައުން

ހަދާން ބަހައްޓަންވީ މީގެ ތެރެއިން ބައެއް އަލާމާތްތަކަކީ ބައެއް އަންހެނުންނަށް ވަރަށް އާންމު އަލާމާތް ތަކެކެވެ. އޭގެ މާނައަކީ އެފަދަ އަންހެނުންނަށް ބިސްއުފައްދާތަނުގެ ކެންސަރު ޖެހިފައިވުމެއް ނޫނެވެ. ނަމަވެސް ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުން ކުރީކޮޅު ގައި ފެންނަ އަލާމާތްތައް ފެންނަމުން އަންނަނީ ވަކި ގޮތަކަށް ނޫނީ ވަކި އުސޫލަކުންނެވެ. އެގޮތުން: –

  • އަލާމާތްތައް ފެށިގެން އަންނަނީ ކުއްލިއަކަށެވެ.
  • އާންމުކޮށް މައްސަރުގެ ތެރޭގައި ދިމާވާ މައްސަލަތައް ނޫނީ ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ދިމާވާ އުދަނގޫތަކާ ތަފާތުވުން
  • ކޮންމެ ދުވަހަކު މިއުދަނގޫތައް ކުރިމަތިވެ، އެއްކޮށް ނުފިލައި ދެމިހުރުން

ދެނެގަތުން

ދެނެގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

  • ބަނޑުގައި ކުޑަ ލޯވަޅެއް އަޅައިގެން ކެންސަރުގެ އަސަރު ހުރި ހިސާބުން ޓިޝޫ ކޮޅެއް ނަގައިގެން ޓެސްޓުކުރުން (biopsy): މިއީ ކެންސަރ ހުރިތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.
  • ހަށިގަނޑު ޗެކުކޮށް ބެލުން: ހަށިގަނޑު ޗެކުކޮށް ބަލާބެލުމުގައި ކުރިމަތި ފަރާތުން ޚާއްޞަ އަދަވާތެއް(speculum)އެތެރެއަށް ކޮށްޕައިގެން، ކަށިވަތު(pelvis) ގެ އެތެރޭގެ ގުނަވަންތައް (ރަހިމުގެ ދޮރު، ރަހިމު ފަދަ ) ބަލައި ޗެކުކުރެވޭނެ އެވެ. އެގޮތުން ބިސްއުފައްދާތަނުގައި ގޮށެއް ނޫނީ އުފެދުމެއް(lump) ފަދަ އެއްޗެއް އިންތޯ ބެލޭނެއެވެ. މީގެ އިތުރުން މިބެލުމުގެ ތެރެއިން ރަހިމުގެ ދޮރު(cervix)ން ސެލްތަކުގެ ނަމޫނާ ކޮޅެއް ނަގައިގެން ޓެސްޓުކުރެވޭނެ(pap test) އެވެ. މިއީ މައިގަނޑު ގޮތެއްގައި ރަހިމުގެ ދޮރުގައި ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.
  • ލޭގެ ޓެސްޓެއް ހަދައި ކެންސަރ އެންޓިޖެން 125 ޕްރޮޓީން(CA125) ބިސް އުފައްދާ ތަނުގެ ކެންސަރު ސެލްތަކުގެ ސަތަހައިގައި ހުރިތޯ ބެލުން: މާގިނައިން ކެންސަރ އެންޓިޖަން 125 ލޭގައި ހުރުމަކީ ބިސް އުފައްދާ ތަނުގެ ކެންސަރުގެ ނިޝާނަކަށްވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ހަދާން ބަހައްޓަންވީ މައްސަރު ކަންތައްޖެހުން، އެންޑޯމެޓްރީއޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން ފަދަ ހާލަތްތަކުގައި ވެސް މި އެންޓިޖަން ލޭގައި އިތުރުވެދާނެ ކަމެވެ.
  • ބަނޑުގެ ސްކޭންކުރުން
  • ބަނޑުގެ ސީޓީ ސްކޭން ހެދުން
  • ބަނޑުގެ އެމްއާރުއައި ހެދުން

ބިސްއުފައްދާތަނުގެ ކެންސަރު ބެހިފައިވާ މަރުހަލާތައް

ބިސްރަވައިގެ ކެންސަރު 4 މަރުހަލާ އަކަށް ބެހިފައިވެއެވެ.

  • ފުރަތަމަ މަރުހަލާ: އެކެއް ނޫނީ ދެ ބިސްރަވައިގައި ވެސް ކެންސަރުގެ އަސަރު ހުރުން
  • ދެވަނަ މަރުހަލާ: ކެންސަރުގެ އަސަރު ކަށިވަތް ނޫނީ ޅިނދު (ޕެލްވިސް) ގެ އެހެން ހިސާބުތަކަށް ކުރުން
  • ތިންވަނަ މަރުހަލާ: ބަނޑަށް ކެންސަރު އަސަރު ފޯރުން
  • ހަތަރުވަނަ މަރުހަލާ: ހަށީގަނޑުގެ އެކި ހިސާބުތަކަށް ފެތުރުން

ފަރުވާ

  • އޮޕަރޭޝަންކުރުން
  • ރޭޑިއޭޝަން ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ކީމޯތެރަޕީ މިބާވަތުގެ ކެންސަރަށް މާރަގަޅުކަމަކަށް ނުވެއެވެ. ނަމަވެސް މިއީ ވެސް ފަރުވާގެ ބައެކެވެ. އެގޮތުން އޮޕަރޭޝަން ކުރުމުގެ ކުރިންނާއި، އަދި އޮޕަރޭޝަނަށްފަހު ވެސް ކީމޯތެރަޕީ ދޭންޖެހިދާނެއެވެ. ބިސްރަވައިގެ ކެންސަރަށް ފަރުވާ ދިނުމުގައި އޮޕަރޭޝަންކުރާއިރު ބަލީގެ އަސަރު މާބޮޑަށް ފެތުރިފައިވާނަމަ، ރަހިމު، ބިސްދަތުރުކުރާ ހޮޅި، އަދި ބިސްރަވަ އެކުގައި ވެސް ނަގަން ޖެހިދާނެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  • ވިހާއުމުރުގެ ހުރިހާ އަންހެނުން ގަވާޢިދުން މެޑިކަލް ޗެކަޕްހެދުން: މިގޮތަށް ޗެކަޕްހަދާއިރު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދައްކައިގެން އިތުރު އެހެން އެއްވެސް މައްސަލައެއް ހުރިތޯ ވެސް ބެލިދާނެއެވެ.
  • ޕެޕްސްމިއަރ ހެދުން
  • 40 އަހަރުން މަތީގެ އަންހެނުން މެޑިކަލް ހަދާއިރު ބަނޑުގެ ސްކޭނެއް ހެދުން
  • ބިސްއުފައްދާތަނުގައި ޓިއުމަރެއް ނުވަތަ ސިސްޓެއް އިންނަމަ، ޓިއުމަރ މާރކަރ ސީއޭ 125 ޓެސްޓުހެދުން
  • ޝައްކުކުރެވޭ ސިސްޓެއް ނުވަތަ ޓިއުމަރެއް ފެނިއްޖެނަމަ ބަޔޮޕްސީ ހެދުން

ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރާ ކަންތައްތަކުގެ ތެރޭގައި:-

  • ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރުން
  • ދަރިން ލިބުން، އަދި ގާތުންދިނުން
  • އޮޕަރޭޝަންކޮށްގެން ބިސްދަތުރުކުރާ ހޮޅީގައި ގޮށްޖެހުން ނޫނީ ރަހިމު ނެގުން: މިއިން އޮޕަރޭޝަނެއް ކޮށްފިނަމަ، ދަރިންނެއް ނުލިބޭނެ އެވެ.

މައުލޫމާތު

ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ
http://www.mayoclinic.org/diseases-conditions/ovarian-cancer/basics/tests-diagnosis/con-20028096
http://www.webmd.com/ovarian-cancer/default.htm
http://www.cancer.org/cancer/ovariancancer/detailedguide/ovarian-cancer-risk-factors
http://www.cancerresearchuk.org/about-cancer/type/ovarian-cancer/about/ovarian-cancer-risks-and-causes
https://www.cdc.gov/cancer/ovarian/basic_info/risk_factors.htm

މިވެސް މުހިންމު