ބަނޑުގައި ވައިހެދުން – ގެސްޓްރައިޓިސް

ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ.

ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ އުނދަގޫތައް ކުރިމަތި ކުރުވުމެވެ. ނުވަތަ މިއުދަނގޫތައް ކުރިމަތިކުރުވާ ހާލަތްތަކެކެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި :-

  • ގެސްޓްރޯއީސޮފޭޖިއަލް ރިފްލެކްސް ޑިޒީޒް
  • ބަނޑުގައި ފާރުހެދުން
  • ގޮހޮރުގައި ފާރުހެދުން
  • ބަނޑުގެ ކެންސަރު
  • ގޮހޮރުގެ ކެންސަރު

ބަނޑުގައި ވައިހެދުން ކުއްލިއަކަށް ކުރިމަތިވެ، ކުރު މުއްދަތަކަށް ވެސް ކުރިމަތިވެދާނެ އެވެ. (Acute gastritis)، ނޫނީ މަޑުމަޑުން ގިނަ ދުވަހުން ކުރިމަތިވެ، ދިގުމުއްދަތަކަށް ދެމިގެންވެސް ހިނގައިދާނެ އެވެ. (Chronic gastritis). ބައެއް ފަހަރު ގެސްޓްރައިޓިސްގެ ސަބަބުން، ބަނޑުގައި ފާރުހެދި، ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.

ސަބަބުތައް

ގެސްޓްރައިޓިސްގެ މާނައަކީ ބަނޑުގެ އެތެރޭ ބަތާނަފަށް (އެތެރެއިން ލެވިފައިވާ ދުލިފަށަލަ) ދުޅަވުމެވެ. މައިދާގެ އެތެރޭގެ ފާރު ރައްކާތެރިކުރުމަށް ގުދުރަތީގޮތުން ލެވިފައިވާ ލޮނދީގެ ދުލިފަށަލައިގައި ހުންނަ ދެރަކަމަކުން، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަ(ޖޫސް)އިގެ ސަބަބުން މައިދާގެ ބަތާނަފަށަށް، އަނިޔާވެ، ދުޅަވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރެއެވެ.

ބަނޑުގައި ވައިހެދުން ކުއްލިއަކަށް ކުރިމަތިވެ، ކުރު މުއްދަތަކަށް ވެސް ކުރިމަތިވެދާނެ އެވެ. (އެކިއުޓް ގެސްޓްރައިޓިސް)، ނޫނީ މަޑުމަޑުން ގިނަ ދުވަހުން ކުރިމަތިވެ، ދިގުމުއްދަތަކަށް ދެމިގެންވެސް ހިނގައިދާނެ އެވެ. (ކްރޮނިކް ގެސްޓްރައިޓިސް).

ސަބަބުތަކާ މަގުފަހިކުރާ ކަންތައްތައް

(ހ) ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ޖަރާސީމަކުންޖެހޭ އިންފެކްޝަން އަށަގަތުން: މިއިންފެކްޝަން ޖެހޭ ބައެއް މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވެއެވެ. މިއިންފެކްޝަނަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-

  • ގުދުރަތީގޮތުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން (ވާރުތަވުން)
  • ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
    • ދުންފަތުގެ އިސްތިއުމާލުކުރުން
    • ހާސްވެ ފިކުރުބޮޑުވުން
    • ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އިތުރުވުން

(ށ) ތަދުކަނޑުވާ ބޭސްތައް އާންމުކޮށް (ނޫނީ މާގިނައިން) ބޭނުންކުރުން: އެސްޕިރިން ބުރޫފަން ފަދަ ބޭސްތަކުގެ ސަބަބުން، ކުރު މުއްދަތަކަށް (ކުއްލިއަކަށް) ނުވަތަ މަޑުމަޑުން ގޮސް ގިނަ ދުވަހަށް ދެމިހުންނަގޮތަށް ގެސްޓްރައިޓިސް ކުރިމަތިވެދާނެ އެވެ. މިފަދަ ބޭސްތައް އާންމުކޮށް ނޫނީ މާގިނައިން ބޭނުންކުރުމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށް ހިމާޔަތްކޮށްދޭ މާއްދާތަކުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ދޭތެރެ ދޭތެރެއިން ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ. ޕެރެސިޓަމޯލް ފަދަ ބޭސްތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމައްޗެއް ނުވާނެއެވެ.

(ނ) އުމުރުން ދުވަސްވުން: އުމުރުން ދުވަސްވީ މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބުތަކުގެ ތެރޭގައި:-

  • އުމުރުން ދުވަސްވާވަރަކަށް ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ތުނިވަމުން ދިއުން
  • ހެލިކޮބެކްޓަރ ޕައިލޮރި އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
  • އުޓޯއިމިޔޫން ޑިސްއޯޑަރ ތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން

(ރ) މާގިނައިން ބަނގުރާ ބުއިން: ބަނގުރާ ބުއިމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ހަލާކުވެ، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަތަކުގެ ސަބަބުން ބަނޑުގެ ބަތާނަފަށަށް ގެއްލުންވުމުގެ ފުރުޞަތު އިތުރުވެއެވެ. އާންމުކޮށް ބަނގުރަލުގެ ސަބަބުން ކުރިމަތިވަނި އެކިއުޓް ގެސްޓްރައިޓިސް އެވެ.

(ބ) ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް: ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ސަބަބުން ދިމާވާ އެކިއެކި ފިއްތުންތަކުގެ ސަބަބުން (އޮޕަރޭޝަނެއްކުރުން، ފިހުން، ވެއްޓި އަނގުނެއް ބިނދުން ފަދަ އަނިޔާއެއްލިބުން، ޓީބީ ފަދަ ބައްޔެއް ޖެހުން) އެކިއުޓް ގެސްޓްރައިޓިސް ކުރިމަތިކުރުވައެވެ.

(ޅ) އަމިއްލަ ހަށިގަނޑު ބަނޑުގައިވާ ސެލްތަކަށް ހަމަލާދިނުން (Autoimmune gastritis): މީގެ މާނައަކީ އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އެމީހެއްގެ ބަނޑުގެ ސެލްތަކަށް ހަމަލާދީ، ހަލާކުކޮށްލުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑުގެ އެތެރެއިން ލެވިފައިވާ ރައްކާތެރިކޮށްދޭ ލޮނދި ފަށަލަ ނެތިގެން ދެއެވެ. ހަކުރު ބަލީގެ ޓައިޕް1 އަދި ވިޓަމިން ބީ 12 މަދުވުން ކުރިމަތިވެފައިވާ މީހުންނަށް މިވައްތަރުގެ ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

(ކ) ޕާނިސިއަސް އެނީމިޔާ ކިޔާ ލޭމަދުވުމުގެ ވައްތަރެއް ހުރުން: މިއީ ވިޓަމިން ބީ 12 ހަށިގަނޑަށް ނެގުމަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުން ދިމާވާ ލޭމަދުވުމުގެ ވައްތަރެކެވެ.

(އ) ބައެއް އިންފެކްޝަންތައް: މިފަދަ އިންފެކްޝަން ތަކުގެ ތެރޭގައި :-

  • އެޗްއައިވީ އޭޑްސް
  • ކްރޯންސް ޑިޒީޒް
  • ޕެރަސައިޓްގެ ސަބަބުންޖެހޭ އިންފެކްޝަން ތައް
  • ފަންގަލް އިންފެކްޝަން ތައް

 (ވ) އެހެނިހެން ބައެއް ކަންތައްތައް

  • ރޭޑިއޭޝަނަށް ހުށަހެޅުން
  • ކާނާ ވިހަވުން

ދިރިއުޅުމުގައި ގެންގުޅެވޭ ނޭދެވޭ އާދަތައް

  1. ގަޑިން ގަޑިއަށް ނުކެއުން
  2. ދުންފަތުގެ އިސްތިޢުމާލް ކުރުން
  3. މާގިނައިން ކުޅިއެއްޗެތި ބޭނުން  ކުރުން
  4. ކޮކާކޯލާ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް މާގިނައިން ބޭނުން ކުރުން
  5. ފިކުރުކުރުމާއި އަރާމާއި ނިދި މަދުވުން
  6. ކާތަކެތި ހިނގާހޮޅިއާ، ބަނޑާއި ދެމެދުގައި ސްފިންކްޓަރގެ ބާރު ދޫވާފަދަ ތަކެތި ބޭނުންކުރުން:  (ޗޮކްލެޓް، ކެފޭން ހިމެނޭ ތަކެތި، ބަނގުރާ، ސަރުބީ ގިނަ ކާނާ)
  7. މަސްތުވާތަކެތި ބޭނުންކުރުން: ކޮކޭން ބޭނުންކުރުން

ގެސްޓްރައިޓިސް އުފެއްދުމުގެ ފުރުޞަތު ބޮޑު ކާނާގެ ބާވަތްތައް

  • ކެފޭއިން ހިމެނޭ ބުއިންތައް
  • ކުޅިތެޔޮ ހަވާދުލީ ތަކެތި
  • ހުތްތަކެތި

އަލާމާތްތައް

  • ބަނޑަށް އުނދަގޫވުން: އާންމުކޮށް ބަނޑުގެ މައްޗަށް އުދަނގޫވެ ތަދުވެދާނެ އެވެ. ބައެއް ފަހަރު ކެއުމުން ރަނގަޅުވެފައި، އަނެއްބައިފަހަރު ކެއުމުން މިއުދަނގޫ އިތުރުވެގެން ހިނގައިދާނެއެވެ.
    • ބަނޑަށް އުދަނގޫވުން
    • ބަނޑުފުއްޕުން
    • ބަނޑުގައި ރިހުން
  • މޭނުބައިކުރުން
  • ހޮޑުލެވުން
  • އެއްޗެއް ކާއިރަށް ބަނޑުފުރޭކަމުގެ އިހުސާސްވުން
  • މަތިންއެރުން  
  • މެއިން ދިލަނެގުން
  • މޭއެންދުން
  • އަނގައިން ވައިލެވުން
  • ފުރަގަހުން ވައިލެވުން
  • އުކުޑި ކޮށްޓުން
  • ގިނަ ދުވަސްވުމުން: ކާހިތްނުވުން ހޮޑުގައި ނޫނީ ބޮޑުކަމު ނަޖިހުގައި ލޭހުރުން

ބައެއް ފަހަރު ގެސްޓްރައިޓިސްގެ އުދަނގޫތައް އެއްގޮތަކަށް ކުރިމަތިނުވެ ވެސް ހިނގައިދާނެއެވެ.

ދިމާވެދާނެ ނުރައްކާތައް

  • ބަނޑާއި ގޮހޮރުގައި ފާރުހެދުން
  • ބަނޑާއި ގޮހޮރުގައި ފާރު ހެދި ފޫދިއުން + އެތެރެ ހަށީގައި އިންފެކްޝަން އަށަގަތުން (ޕެރޮޓޮނައިޓިސް)
  • އެތެރެ ހަށިން ލޭއައުން
  • ބަނޑުގެ ކެންސަރު ޖެހުން

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟

ހުރިހާ އެންމެންނަށް ވެސް ގެސްޓްރައިޓިސްގެ އުދަނގޫތައް (ހަޖަމުނުވުން+ ބަނޑަށް އުދަނގޫވުން ފަދަ) ކޮންމެވެސް މިންވަރަކަށް ކުރިމަތިވެދާނެ އެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވާ ގެސްޓްރައިޓިސްގެ އުދަނގޫތައް ހުންނަނީ ކުރު މުއްދަތަކަށެވެ. އެއްވެސް ބޭހެއް ބޭނުން ނުކުރިޔަސް ފިލައިހިނގައިދާނެއެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތަކުގެ ތެރޭގައި:-

  • ހަފްތާއަކަށްވުރެ ގިނަ ދުވަހަށް ގެސްޓްރައިޓިސްގެ އުނދަގޫތައް ހުރުން
  • ހޮޑުގައި ލޭހުރުން
  • ބޮޑުކަމު ނަޖިހުގައި ލޭހުރުން

ދެނެގަތުން

ގެސްޓްރައިޓްސް ހުރިތޯ ދެނެގަތުމަށް ކުރެވޭ ޓެސްޓުތަކުގެ ތެރޭގައި

  1. ހެލިކޮބެކްޓަރ ޕައިލޮރި އިންފެކްޝަން ހުރިތޯ ބެލުން (ލޭ، ބޮޑު ކަމު ނަޖިހުން ބެލިދާނެ)
  2. އެންޑޮސްކަޕީ ހެދުން: އެންޑޮސްކަޕީގެ އެހީގައި ޝައްކު ކުރެވޭ ހިސާބުން އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރެވޭނެ ނޫނީ ބަޔޮޕްސީ ހެދިދާނެ އެވެ. ހެލިކޮބެކްޓަރ ޖަރާސީމުގެ އަސަރު + ކެންސަރުގެ އަސަރު ހުރިތޯ ބެލިދާނެ!
  3. ބޭރިއަމް ސްވެލޯވް ޓެސްޓުހެދުން: ބޭރިއަމް ސަލްފޭޓް ކިޔާ ކެމިކަލް އެއް ބޯން ދިނުމަށްފަހު އެކްސްރޭ ތައް ނެގެއެވެ. އެގޮތުން ކާތަކެތި ހިނގާހޮޅި، ބަނޑު، ގޮހޮރުގެ އެކްސްރޭ ނެގެއެވެ. މިގޮތަށް ނެގުމުން އެކްސްރޭ އިން ބަނޑުގެ އެތެރޭ ފާރު ރީތިކޮށް ފެންނަން ހުންނާނެ އެވެ. އާންމުކޮށް ނަގާ އެކްސްރޭ އިން ފެންނާކަން ނުހުންނާނެއެވެ.
  4. ބޮޑުކަމު ނަޖިސް ޓެސްޓުކުރުން: ލޭހުރިތޯ ބެލުމަށް / ހެލިބެކްޓަރ ހުރިތޯ ބެލުމަށް

ފަރުވާ

  1. ހެލިކޮބެކްޓަރ ހުރިނަމަ ޖަރާސީމު މަރާ ބޭސް: 3 އެންޓިބަޔޮޓިކް – 14-10 ދުވަހުގެ މުއްދަތަށް CAM
  2. އެސިޑް އުފެއްދުން ހުއްޓުވާ ބޭސްތައް: އޮމެޕްރަޒޯލް، ރެބި، ލެންސޮ،އީސޮ، ނޫނީ ޕެންޓޮޕްރަޒޯލް
  3. އެސިޑް އުފެއްދުން ކުޑަކުރާ ބޭސްތައް: ރެނިޓިޑިން،
  4. އެންޓަސިޑްސް: މިއީ ބަނޑުގައި އުފެދޭ ގޭސްތައް ހަމައަކަށް އަޅުވައިދޭ ބޭސްތަކެވެ.: ޑައިޖީން، ރެލްސަރ

ނޯޓް: އެއްވެސް ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރުގެ އިރުޝާދު ހޯދަންވާނެއެވެ.

ގެސްޓްރައިޓިސް ހުންނަ މީހުން އެކަމުގެ އުދަނގޫތައް ކުޑަކޮށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  1. އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން
  2. ކެއުމުގެ އާދަ ވަކި އިންތިޒާމަކުން (ގަޑިންގަޑިއަށް ކެއުން) ބެހެއްޓުން
  3. ތަދުކަނޑުވާ ބޭސްތައް މާގިނައިން ނޫނީ އާންމުކޮށް ބޭނުން ނުކުރުން
  4. ކުޅި، ތެޔޮ، ހަވާދުލީ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން
  5. ހުތްތަކެތި ބޭނުންކުރުން މަދުކުރުން: އަލަނާސި، ލުނބޯ، އޮރެންޖު ފަދަ ހުތްތަކެތި
  6. ދުންފަތުގެ އިސްތިއުމާލުނުކުރުން
  7. ކެފޭއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
  8. ބަނގުރާ ނުބުއިން
  9. މަސްތުވާތަކެތި ބޭނުން ނުކުރުން
  10. ފިކުރުތަކާ ދުރުހެލިވުން
  11. ކާގޮތަށް ނިދަން ނުއޮށޯތުން
  12. ރޭގަނޑު: މަތިންއަރާ މޭއަންދާނަމަ: ބޯދޮށަށް ބާލިހެއް ލައި އުފުލައިގެން އޮތުން

މައުލޫމާތު:

http://www.mayoclinic.org/diseases-conditions/gastritis/basics/definition/con-20021032 
އިންޓަނެޓްގެ ބައެއް އެހެން ވެބްސައިޓުތައް

މިވެސް މުހިންމު