ފުރަގަސްފަރާތު ބަލި

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް

މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް ފުރަގަސްފަރާތު ބައްޔާއި ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގެ އެތެރޭ ޕްރެޝަރު މަތިވުމާއި ގުޅުމެއް ވާކަމަށް ވަނީ ސާބިތުވެފައެވެ. އާންމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި މެދުވެރިވަން ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި(veins) ތަކަށް އާދަޔާ ޚިލާފަށް ޕްރެޝަރު ބޮޑުވުމުންނެވެ.

އާންމު ގޮތެއްގައި ފުރަގަސް ފަރާތު ދޮރު ވަށައިގެންވީ ހިސާބުގެ ޓިޝޫތައް ހުންނަނީ ލެއިން ފުރިފައެވެ. މިއީ ގޮހޮރު ހަރަކާތްތައް ފަސޭހަކޮށްދޭނެ ކަމެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި ބާރުލާނަމަ، ލޭހޮޅިތަކުގެ އެތެރޭގެ ޕްރެޝަރު މަތިވެއެވެ. ލޭހޮޅީގެ އެތެރޭގެ ޕްރެޝަރު މަތިވެއްޖެނަމަ ލޭހޮޅި ދެމި، ފުފޭގޮތްވާނެ އެވެ. ބަނޑުހިކުމަކީ އެކަމުގެ ސަބަބުން ބޮޑުކަމުދާއިރު ހިފާލަންޖެހި، ލޭހޮޅިތަކުގެ ޕްރެޝަރު އިތުރުކޮށްފާނެ ކަމެކެވެ.

މިގޮތުން ޕްރެޝަރު އިތުރުވެ، ފުރަގަސް ފަރާތު ބަލި މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) – ދިގުމުއްދަތަކަށް ބަނޑުހަރުވުން: މިގޮތަށް ބަނޑުހަރުވުމުން ބޮޑުކަމުދާ ކޮންމެ ފަހަރަކު ބާރުލާން ޖެހުމުން ލޭހޮޅިތަކަށް ޕްރެޝަރ އިތުރުވެ، ފުއްޕާގޮތް ވެއެވެ.

(ށ) – ވިރާސީގޮތުން ފުރަގަސްފަރާތު ބަލި ޖެހުން: މިހާތަނަށް ހޯދި ހޯދުން ތަކުން އެގިފައިވާގޮތުގައި އެއްއާއިލާ އެއްގެ މެމްބަރުންގެ މެދުގައި މިބަލި ޖެހޭ މިންވަރު އިތުރެވެ. މާނައަކީ އާއިލާގެ މީހުންގެ ތެރެއިން ދޮއްޓަށް ތިބި މީހުންނަށް ފުރަގަސްފަރާތު ބަލި ޖެހިފައިވާނަމަ ހަގަށް ތިބި މީހުންނަށް ވެސް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމެވެ. އުފެދުމުގައި ލޭހޮޅީގެ ފާރުގައި ދެރަކަމެއް ހުރުމަކީ މިބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.

(ނ) – ކުޑަކަމުދާއިރު ބާރުލާންޖެހުން: ޚާއްޞަކޮށް ޕްރޮސްޓޭޓް ގްލޭންޑް ގެ މައްސަލަ ހުންނަ ފިރިހެނުންނަށް މިގޮތަށް ކުޑަކަމުދާއިރު ބާރުލާންޖެހުމުން އެހިސާބުގައިވާ ލޭހޮޅިތަކުގެ ޕްރެޝަރު އިތުރުވެ ފުއްޕާގޮތްވެއެވެ.

(ރ) – ކެންސަރު ގެ ވައްތަރުތައް: ޅިނދު އަދި ބޮޑުގޮހޮރުގެ ހިމެނޭ ހިސާބުގައި ކެންސަރު އުފެދުމަކީ ވެސް ފުރަގަސް ފަރާތު ބަލި މެދުވެރިކޮށްފާނެ ކަމެކެވެ. އެގޮތުން ފުރަގަސް ފަރާތު ބަލީގެ މައްސަލަ މެދުވެރިކޮށްފާނެ އެންމެ އާންމު ކެންސަރުތަކަކީ ބޮޑު ގޮހޮރުގެ ކެންސަރު، އަދި ފުރަގަސް ފަރާތު ދޮރަށްޖެހޭ ކެންސަރެވެ.

(ބ) – މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން އިތުރުވުން: މާބޮޑަށް ބަރުދަން އިތުރުވެ، ފަލަވެ ބަރުހެލިވުމަކީ ވެސް ފުރަގަސް ފަރާތު ބަލި މެދުވެރިވުމަށް މަގުފަހިކުރާ ކަމެކެވެ. އެހެނީ ބަނޑާ، ޅިނދު ހިމެނޭ ހިސާބު މާބޮޑަށް ފަލަނަމަ، އެހިސާބު ހިމެނޭ ލޭހޮޅިތަކުގެ ޕްރެޝަރު މަތިވާގޮތް ވެއެވެ. ލޭހޮޅިތަކުގެ ޕްރެޝަރު މަތިވުމަކީ ލޭހޮޅި ފުއްޕާނެ ކަމެކެވެ.

(ޅ) – މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލި ޖެހުން: މިކަން ކުރިމަތިވަނީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ދުޅަވެ، ފުއްޕުމުގެ ސަބަބުންނެވެ. މިގޮތަށް ދުޅަވެ، ފުއްޕަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީ އެވެ. މީގެ އިތުރުން މިކަން ކުރިމަތި ވަނީ ރަހިމުގައި ދަރިފުޅު ބޮޑުވަމުން އަންނަ އިރު ހަށިގަނޑުގައި ހިތަށްވުރެ ތިރީގައިވާ ބައިތަކުން ހިތަށް ލޭފޮނުވައިދޭ ބޮޑުލޭހޮޅިއެއް ކަމަށް ”އިންފީރިއާ ވީނަކެވާ”(IVC)އަށް ރަހިމުން ފިއްތާތީއެވެ. މާބަނޑުވުމުން ކުރިމަތިވާ ފުރަގަސްފަރާތު ބަލީގެ އުދަގޫ ވިހެއުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ.

ބަނޑުހިކުމުގެ މައްސަލަ ހުންނަ ނަމަ ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވެ ފުރަގަސް ފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާ ހިރުވުމާއި، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ކުރިމަތިވެދާނެ ކަންކަމެވެ. މިކަމުން ސަލާމަތް ވުމަށް ތިރީގައި މިބަޔާންކުރާ ކަންތަންތަކަށް ސަމާލުކަން ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

  • ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުން ކުރުން.
  • ގިނައިރުތަކެއް ވަންދެން ކޮޅަށްނުހުރުން ނުވަތަ އިށީދެ ނުއިނުން
  • ތާފަނާ ފެނުން ވީވަރަކުން ފެންވެރުން
  • ކަސްރަތު ކުރުން
  • ފުރަގަސްފަރާތު ބައްޔަށް ޚާއްސަކޮށްގެން އުފައްދައިފައި ހުންނަ ކްރީމްއެއް ބޭނުންކުރެވިދާނެއެވެ.

(ކ) – ބައެއް ކަހަލަ ބޭސްތައް: ހިތާ، މޭގަނޑުގެ ބަލިތަކަށް ދިގުމުއްދަތަށް ބޭސް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ބަނޑާ، ޅިނދު ހިމެނޭ ހިސާބުގެ ލޭހޮޅިތަކުގައި ލޭގިނަވެ، ލޭގެ ޕްރެޝަރު އިތުރުވާނެ ކަމެކެވެ. ލޭހޮޅިތަކުގެ ޕްރެޝަރު މަތިވުމަކީ ލޭހޮޅި ފުއްޕާނެ ކަމެކެވެ.

(އ) – އުމުރުން ދުވަސްވުން: އުމުރުން 50 އަހަރަށްވުރެ މަތިވުމުން ފުރަގަސް ފަރާތު ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ވެއެވެ. އާންމު ގޮތެއްގައި 50އަހަރުން މަތީގެ ގިނަ މީހުން ފުރަގަސްފަރާތު ބައްޔަށް ފަރުވާކުރާކަމަށް ދިރާސާތަކުން ދައްކައެވެ.

(ވ) – އެހެނިހެން ސަބަބުތައް: ފުރަގަސްފަރާތު ބަލިޖެހުމަށް މެދުވެރިވާ މިނޫން އެހެން ބައެއް ސަބަބު ތަކުގެ ތެރޭގައި  ނުވަތަ ފުރަގަސް ފަރާތު ބަލި ޖެހުމަށް މަގުފަހިކުރާ އެހެނިހެން ސަބަބު ތަކުގެ ތެރޭގައި، ދިގުމުއްދަތަކަށް ކެއްސާތީ އުޅެން ޖެހުން، ހިތާ، މޭގަނޑުގެ ބަލިތައް، އާއިލާ ތެރޭގައި ފުރަގަސް ފަރާތު ބަލި ދައުރުވަމުން އައުން، ދިގުމުއްދަތަކަށް ބޭރަށްހިންގުން ކުރިމަތިވުން، އަދި އަވަހަށް ބޮޑުކަމުގޮސް ނިންމުމަށްޓަކައި ތަކުރާރުކޮށް ބާރުލުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނޯޓް: ގިނަމީހުނަށް ހީވެފައި އޮންނަ ގޮތާއި ޚިލާފަށް ގިނައިރު ކޮޅަށް ހުރުން، ނުވަތަ އެއްތާކު އިށީދެގެން އިނުން، ނުވަތަ ބަރު އެއްޗެތި އުފުލައިހެދުން، ފަދަ ކަންތައްތަކަކީ ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިކުރުވާ ސަބަބުތަކެއް ނޫނެވެ. ނަމަވެސް މިއީ ފުރަގަސް ފަރާތު ބަލިޖެހުމަށްފަހު އެކަމުގެ އުދަނގޫ އިތުރަށް ގޯސްކުރާނޭ ކަންތައްތަކެކެވެ.

ފުރަގަސްފަރާތު ބަލީގެ ވައްތަރުތައް

ފުރަގަސްފަރާތު ބަލީގެ ދެވައްތަރެއް ވެއެވެ.

(ހ) – އިންޓަރނަލް ޕައިލްސް (internal piles): މިވައްތަރުގައި ފުއްޕާފައި ހުންނަ ލޭނާރުތައް ހުންނަނީ އެތެރޭގައެވެ. ބޭރަށް ފެންނާކަން ނުހުރެއެވެ. މިހާލަތުގައި ފުއްޕަނީ ފުރަގަސްފަރާތު ދޮރުގެ ތިރީބައިގައިވާ ” އިންޓަރނަލް ހެމޮރޮއިޑަލް ޕްލެކްސަސް”(internal hemorrhoidal plexus) އޭ ކިޔޭ ލޭނާރު ފުންޏެކެވެ. މިގޮތަށް ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ގޮހޮރުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް(mucosa) އިން ފޮރުވިފައެވެ.

މިވައްތަރު ހުންނަމީހަކު، ފާޚާނާކޮށް ނިމުމުން ފާޚާނާ ތަށީގެ ތެރެއިން ރޮނދި ފަށްތަކެއްހެން ހުންނަ މަޑު ރަތްކުލައިގެ ލޭކޮޅުކޮޅު ފެންނަން ހުރެދާނެ އެވެ. ނުވަތަ ބޮޑުކަމު ނަޖިހުގައި ލޭކުލަ ނުވަތަ ސާފު ލޭ ވެސް ހުރެދާނެ އެވެ.

(ށ) – އެކްސްޓަރނަލް ޕައިލްސް (external piles): މިއީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ، ފެންނަށް ހުރުމެވެ. މިހާލަތުގައި ފުއްޕަނީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ހަންގަޑަށްވުރެ ކުޑަތަންކޮޅެއް އެތެރޭގައިވާ ”އެކްސްޓަރނަލް ހެމޮރޮއިޑަލް ޕްލެކްސަސް”(external hemorrhoidal plexus) އޭ ކިޔޭ ލޭނާރު ފުންޏެކެވެ. ފުއްޕާފައިވާ ލޭނާރުތައް ހުންނަނީ ހަމައެކަނި ހަމުގެ ފަށަލައަކުން ފޮރުވިފައެވެ.

ފުރަގަސް ފަރާތް ބަލީގެ އެތެރެއަށް ފައިބައިފައި ހުންނަ ވައްތަރާމ އަދި ބޭރަށް ފައިބައިފައި ހުންނަ ވައްތަރު އެކު އެކީގައި ޖެހުމަކީ ވެސް ވެދާނެ ގޮތެކެވެ.

ފުރަގަސްފަރާތު ބަލި ޖެހިފައިވާ މިންވަރު ބަހާލެވިދާނެ ދަރަޖަތައް

ފުރަގަސްފަރާތު ބަލީގެ އެތެރެއަށް ލޭނާރުތައް ފުއްޕާފައި ހުންނަ ވައްތަރު އެކި ދަރަޖަތަކަށް ބަހާލެވިފައި ވެއެވެ.

  • ފުރަތަމަ ދަރަޖައިގައި ފުއްޕާފައި ހުންނަ ލޭނާރު ތައް ހުންނަނީ ފުރަގަސްފަރާތު ދޮރުގެ އެތެރޭގައެވެ.
  • ދެވަނަ ދަރަޖައިގައި ފުއްޕާފައިވާ ލޭނާރުތައް ބޮޑުކަމުދިއުމުގެ ތެރޭގައި ބޭރަށް ނިކުމެއެވެ. އަދި ބޮޑުކަމުދެވި ނިމުމުން އޭގެ ޒާތުގައި އަމިއްލައަށް އެތެރެއަށް ރުޖޫޢަވެއެވެ.
  • ތިންވަނަ ދަރަޖައިގައި ވެސް ފުއްޕާފައިވާ ލޭނާރުތައް މިގޮތަށް ބޭރަށް ނިކުމެއެވެ. ނަމަވެސް އެތެރެއަށް ވަންނާނީ ހަމައެކަނި އިގިލިން ނުވަތަ އެއްޗަކުން އޮއްބާލުމުންނެވެ. ފުރަގަސްފަރާތު ބަލީގެ އެންމެ ނުރައްކާތެރި ދަރަޖަ ކަމުގައި ބެލެވެނީ 3ވަނަ ދަރަޖައެވެ.
  • ހަތަރުވަނަ ދަރަޖައިގައި ފުއްޕާފައިވާ ލޭހޮޅިތައް އަބަދުވެސް ބޭރަށް ނިކުމެ، ފެންނަށް ހުރެއެވެ.

ނޯޓް: ފުގަސްފަރާތް ފޭބުން ނިސްބަތް ކުރެވެނީ ފަހުން މިބުނި ވައްތަރަށެވެ. އެއީ ފުއްޕާފައިވާ ލޭހޮޅިތައް ބޭރަށް ނިކުމެ ފެންނަށް ހުރުމެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތައް

މިބަލީގެ އަލާމާތްތައް ފާހަގަނުވެ ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފުރަގަސްފަރާތު ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ފުރަގަސް ފަރާތުގައި ރިހުން، ފުރަގަސްފަރާތުގައި ހިރުވުން،  ފުރަގަސްފަރާތް ކެހުން، ފުއްޕާފައިވާ ލޭނާރުތައް ބޭރަށް ނިކުމެ ފެންނަށް ހުރުން، ފުރަގަސްފަރާތް ފާރުވުން، އަދި ފުރަގަސްފަރާތުން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ. ފުރަގަސްފަރާތުން ލޭއައުން ބޮޑަށް އާންމުކަމަށް ފާހަގަކުރެވިފައިވަނީ ”އެތެރެއަށް ލޭނާރު ފުއްޕާފައި ހުންނަ ވައްތަރު”ގައެވެ. ބޮޑުކަމުދިއުމުގެ ކުރިންނާއި، ބޮޑުކަމުދިއުމުގެ ތެރޭގައި، އަދި އޭގެ ފަހުން ވެސް ފުރަގަސްފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން ލޭބޭރުވާނަމަ ދުވަސްކޮޅެއްގެ ތެރޭގައި ލޭދަށްވުން(anemia) ކުރިމަތިވާގޮތް ވެއެވެ. ބައެއްފަހަރު ބޮޑުކަމު ގޮސް ނިމުމުން ވެސް، އަދިވެސް ބޮޑުކަމުދާ އެއްޗެހި ހުސްނުވެ ހުންނަހެން އިހްސާސްވުން، ގޮހޮރު ނުވަތަ ފުރަގަސްފަރާތް ފުރިފައި ހުންނަހެން އިހްސާސްވުން ފަދަ ކަންތައް ދިމާވެއެވެ. މަދު ފަހަރަކު ފުރަގަސްފަރާތް ހިމެނޭ ހިސާބުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ.

ފުރަގަސްފަރާތު ބަލި ޖެހިފައިވާކަން ދެނެގަތުން

ފުރަގަސްފަރާތު ބަލި ޖެހިފައިވާކަން ދެނެގަތުމަށް ބަލިމީހާއަށް ކުރިން ދިމާވެފައިވާ ކަންތައްތަކާ، ބަލިމީހާގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިނެތް ގޮތާ، ބޮޑުކަމު ދިއުމުގެ އާދަ ހުރިނެތްގޮތާ ބެހޭ މައުލޫމާތު ޑޮކްޓަރުން އޮޅުން ފިލުވާނެއެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުން ބަލަންޖެހޭ ބެލުންތައް ވެސް ބަލާނެއެވެ. އެގޮތުން ފުރަގަސްފަރާތުން އިގިލި އެތެރެއަށް ފޯރުވައިގެން އެތެރެއަށް ފުރަގަސްފަރާތް ފައިބައިފައި ހުރިތޯ ބަލާނެއެވެ. އަދި ބޭރުފުށުން ވެސް ފައިބައިފައި ހުރިތޯ ބަލައި ހަދާނެއެވެ. ބައެއް ފަހަރު ކުޑަ ބައްތި އެއް ފަދަ އެއްޗެއްގެ އެހީގައި ފުރަގަސްފަރާތުގެ އެތެރެ ބަލައި ހަދައެވެ.

ބައެއް ފަހަރު ފުރަގަހުން އެތެރެއަށް ކެމެރާއެއް ފަދަ އެއްޗެއް ވައްދައިގެން ގޮހޮރުގެ ތިރީގެ ތިންބައިކުޅަ އެއްބައި ކެމެރާގެ އެހީގައި ބަލަ(sigmoidoscopy) އެވެ. އަދި އަނެއްބައި ފަހަރު މިފަދަ ކެމެރާއެއްގެ އެހީގައި މުޅި ގޮހޮރު ހުރިނެތްގޮތް ބަލަ(colonoscopy) އެވެ.

ފުރަގަސްފަރާތު ބަލި ޖެހުމުން ދެވިދާނެ ފަރުވާ

ފުރަގަސްފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި ދުރާލާ އެކަމަށް ވިސްނައި އެގޮތަށް އަމަލުކުރުމެވެ. ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ބެހެއްޓުމަށް ފައިބަރުން މުއްސަދިވެފައިވާ ކާނާ ބޭނުންކުރުމާއި، ދިޔާތަކެތި ގިނަގިނައިން ބުއިން އަދި ކަސްރަތުކުރުމަކީ ވަރަށް މުހިއްމު ކަންތައްތަކެވެ.

ބޮޑުކަމުދެވި ނިމުމުން ކޮންމެ ފަހަރަކު އާދައިގެ ސާބޯންޏަކާއި ތާފަނާފެން ބޭނުންކޮށްގެން ފުރަގަސްފަރާތް ހިމެނޭ ހިސާބު ރަގަޅަށް ސާފުކުރާށެވެ. އެއަށްފަހު ސާފު ފޮތިގަނޑަކުން ނުވަތަ ތެތްޓިޝޫއެއް ފަދަ އެއްޗަކުން ފުރަގަސް ފަރާތް ފުހެލާށެވެ. މިގޮތަށް ހެދުމުން ދުޅަތިރިކޮށް، ހިރުވުން ކުޑަކޮށްދެއެވެ. ހައިޑްރޯކޯޓިޒޮން ފަދަ ކްރީމެއް ފުރަގަސްފަރާތު ދޮރުގެ ވަށައިގެން އުގުޅުމުން ރިހުން ކުޑަކޮށްދެއެވެ.

ތާފަނާ ފެން ނުވަތަ ކޮންމެވެސް ވަރަކަށް ހޫނުކަންއެކުލެވޭ ފެން ހުރި ޓަބަކަށް އެރިގެން ފެންވަރުން،ނުވަތަ އެފަދަ ޓަބަކަށް އެރި 15ވަރަކަށް މިނިޓް ވަރު ހޭދަކުރުން އަދި ގަނޑުފެން ގަނޑެއް ފަދަ އެއްޗެއް ބޭރަށް ނިކުމެފައިވާ ބައިގައި ޖެއްސައިގެން ބޮޑިތާންކުރުން ފަދަ ކަންކަމަކީ ފުރަގަސްފަރާތު ބަލީގެ ސަބަބުން އެހިސާބުގައި އުފެދިފައިވާ ރިހުމާއި،ދުޅަ ތިރިކޮށްދޭނެ ކަންކަމެވެ.

ފުރަގަސްފަރާތު ބައްޔަށްދެވޭ ބޭހުގެ ފަރުވާ

(ހ) – ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ހަން ހިމާޔަތްކުރުމަށް އުގުޅާ ބޭހެއް ބޭނުންކުރުން: އެގޮތުން އެންމެ ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ބޭސްތަކަކީ “ޒިންކު އޮކްސައިޑް” އަދި “ޕެޓްރޯލިއަމް ޖެލް” އެވެ.

(ށ) – ސްޓީރޮއިޑް އުގުޅާ ބޭސް ބޭނުންކުރުން: މިއީ ފުރަގަސްފަރާތުގެ ދޮރުގެ ވަށައިގެން އުފެދޭ ދުޅަޔާ، ރިހުން އަދި ހިރުވުމާ ކެހުން ކުޑަކޮށްދޭ ބޭހެކެވެ. މިފަދަ ބޭސް 2 ހަފްތާއަށްވުރެ ދިގުމުއްދަތަކަށް ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.

(ނ) – ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވީ ހިސާބު އައްސިކޮށްލާ ފަދަ އުގުޅާ ބޭހެއް ބޭނުންކުރުން: މިފަދަ ބޭސްތަކުގެ ސަބަބުން ތަދާއި، ރިހުން އަދި އެހިސާބުގައި ހުންނަ އުދަނގޫ ކުޑަކޮށް ދެއެވެ.

(ރ) – ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން: އެގޮތުން ޕެނަޑޯލް ބުރޫފަން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ތަދުކެޑުވުމަށްޓަކައި އުފައްދާފައި ހުންނަ ބޭސްތަކުގެ ތެރެއިން ”ކޮޑެއިން” އެކުލެވޭ ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެއްނޫނެވެ. އެއީ މިބުނި ވައްތަރުގެ ބޭހުގެ ސަބަބުން ބަނޑުހަރުވުން ކުރިމަތިވެ، ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވާގޮތް ވެއެވެ.

ފުރަގަސްފަރާތު ބައްޔަށް ދެވޭ ބައެއް ފަރުވާ:

ފުރަގަސްފަރާތު ބައްޔަށް ދެވޭ ބައެއް ފަރުވާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(1) – ފުއްޕާފައިވާ ބަޔަށް ޖެހުމަށް ޚާއްޞަ އިންޖެކްޝަނެއް ޖެހުން (Injection Sclerotherapy): ކެމިކަލް އެކުލެވޭ މިއިންޖެކްޝަން ޖެހުމުން ފުއްޕާފައިވާ ބައި ގަނޑުވެ، ހިނދި، ނުވަތަ ބެދި ފަސޭހަ ވެގެން ދެއެވެ. މިވައްތަރުގެ އިންޖެކްޝަން ޖެހުމަކީ ބަލިމީހާއަށް މާ ވޭންހުރި ކަމެއް ނޫނެވެ. 1ނުވަތަ 2 ފަހަރު މިކަހަލަ އިންޖެކްޝަނެއް ޖަހަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(2) – ރަބަރު ބޭންޑެއް އަޅުވައިގެން ފައިބާފައި ހުރިބައި ވައްޓާލުން (Rubber  Band Ligation): މިފަރުވާ ދިނުމުގައި ފައިބާފައި ހުރި ބައި ނުވަތަ ފުއްޕާފައިވާ ލޭނާރުބައިގެ ބުޑުގައި އެކަމަށް ޚާއްޞަކުރެވިފައިވާ އިންސްޓްރްމަންޓް ތަކެއްގެ އެހީގައި ރަބަރު ބޭންޑެއް އެޅުވެއެވެ. މިބޭންޑް އެޅުވުމުން ފުއްޕާފައިވާ ބަޔަށް ހަށިގަނޑުން ލޭފޯރުވުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްކޮޅެއްގެ ތެރޭގައި އެބައި ހިނދި، ވެއްޓި ބޮޑުކަމުދާތަކެއްޗާއި އެކު ބޭރުވެގެން ދެއެވެ. އާންމުގޮތެއްގައި މިގޮތަށް ބޭންޑް އަޅުވާތާ 5-2ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފައިބާފައި ހުރިބައި ވެއްޓިގެންދެއެވެ. ބައެއްފަހަރު ކޮންމެ ވެސް ވަރަކަށް ތަދު އިހްސާސްވުމަކީ ބޭންޑް އަޅުވާފައި ހުންނަ މުއްދަތުގައި ވެދާނެ ކަމެކެވެ. އެހެންކަމުން މިމުއްދަތުގައި ވީވަރަކުން އަރާމްކުރުމަކީ އެދެވިގެންވާ ކަމެކެވެ.

(3) – ކްރަޔޯސާޖަރީ ހެދުން (Cryosurgery): މިއީ ފައިބާފައި ހުރިބައި ފިނިކޮށްގެން މަރާލުމެވެ.

(4) – އައްޔެއް ބޭނުންކޮށްގެން ލޭގަނޑުކޮށްލުން (Infrared Coagulation): މިގޮތުން އިންފްރާރެޑް ދޯދި ބޭނުންކޮށްގެން ފުއްޕާފައިވާ ލޭހޮޅީގައިވާ ދައުރުވާ ލޭ ގަނޑުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން އެބައި ހިނދި ފަސޭހަ ވެގެން ދެއެވެ. އާންމުކޮށް މިފަރުވާ ބޭނުންކުރަނީ އެތެރެއަށް ފުއްޕާފައި ހުންނަ ވައްތަރު ރަގަޅު ކުރުމަށެވެ.

(5) – އޮޕަރޭޝަން ކޮށްގެން ފުއްޕާފައިވާ ބައި ނެގުން (Haemorrhoidectomy): މިއޮޕަރޭޝަން ކުރަން އައްސިކޮށްގެން ހޭނައްތަން ޖެހެއެވެ. އޮޕަރޭޝަންކޮށްގެން ފުއްޕާފައިވާ ބައި ނެގުމަށްފަހު ރަގަޅުވުމަށް އާންމުގޮތެއްގައި 6ހަފްތާގެ މުއްދަތެއް ނަގައެވެ. މިއީ އާންމުކޮށް 3ވަނަ ދަރަޖައިގެ ހާލަތުގައި ކޮންއުޅޭ އޮޕަރޭޝަނެކެވެ.

ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ބަނޑުހަރުވުމުން ދުރުހެލިވުން

(ހ) – ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން: މިގޮތުން ރޯމޭވާ، ތަރުކާރީ، ތޮޅި، ހޯލް ގްރޭންސް ފަދަ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.

(ށ) – ގިނަގިނައިން ފެނާ، އެހެން ދިޔާތަކެތި ބޭނުންކުރުން: ގިނައިން ދިޔާތަކެތި ބޯނަމަ ކުޑަކަމު ނަޖިސް ހުންނާނީ ސާފު ފެން ކުލައަށެވެ.

(ނ) – ގަވާއިދުން ކޮންމެ ދުވަހަކު ކަސްރަތު ކުރަން އާދަކުރުން: އެގޮތުން މަދުވެގެން ހަފްތާއަކު 5 ދުވަހު ކޮންމެ ދުވަހަކު ½ ހާއިރު ކަސްރަތު ކުރުމަށް އާދަކުރާށެވެ.

(ރ) – އެއްގަޑިއެއްގައި ބޮޑުކަމުދިއުމަށް އާދަކުރުން: ކޮންމެ ދުވަހަކު އެއްގަޑިއަކަށް ބޮޑުކަމު ދިއުމަށް އާދަކުރުމަކީ ބަނޑުހިކުމުން ދުރުކޮށްދޭނެ ކަމެކެވެ.

(ބ) – ފައިބަރު ސަޕްލިމެންޓެއް ޚިޔާރުކުރުން: މާބޮޑަށް ބަރުހަރުވާނަމަ ފައިބަރު އެކުލެވޭ ބޭހެއް ބޭނުން ކުރެވިދާނެ އެވެ.

ބޮޑުކަމުދިއުމުގައި ރަގަޅު އާދައެއް ހިފެހެއްޓުން

(ހ) – ބޮޑުކަމުދާން ޖެހުމުން ހިފަހައްޓައިގެން ނުހުރެ ބޮޑުކަމުދިއުން

(ށ) – ބޮޑުކަމުދާއިރު ބާރުނުލުހުން

(ނ) – ބޮޑުކަމުދާއިރު ނޭވާ ހިފަހައްޓައިގެން ނުއިނުން

(ރ) – ބޮޑުކަމުގޮސް ނިމުމުން މާގިނައިރު ފާޚާނާ ތަށިމަތީ ނުއިނުން

ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނައުން

(ހ) – ގިނައިރު އިށީދެ، ނުވަތަ ކޮޅަށް ނުހުރުން

(ށ) – މާފަލަނަމަ ބަރުދަން ލުއިކުރުން

(ނ) – ބަރުތަކެތި އުފުލާ ނުހެދުން

(ރ) – މާބަނޑުނަމަ ވާތްފަރާތަށް ބުރަވެއޮވެ ނިދުން

(ބ) – ކޮފީ، ކަޅު ސައި، ކޯލާ، ފަދަ ކެފޭން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

Healthwise, W. M. (2010, 09 22). WebMD - Hemorrhoids. 
Retrieved 08 21, 2013, from http://www.webmd.com/: 
http://www.webmd.com/a-to-z-guides/hemorrhoids-topic-overview

މިވެސް މުހިންމު