ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް

ރޯދަ މަހުގައި އެހެން މަސްތަކާ ޚިލާފަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެވެއެވެ. ކޮންމެ ކަހަލަ ކާބޯއެއްޗެއް ރޯދަމަހު ތައްޔާރުކުރި ނަމަވެސް ޞިއްޙަތަށް ފައިދާހުރި ގޮތަކަށް އެއެއްޗެއް ތައްޔާރުކުރެވޭތޯ ބެލުން މުހިއްމެވެ. ހަމައެހެންމެ ބައެއް ކަހަލަ ކާބޯތަކެއްޗާއި، ދުރުހެލިވުމަކީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރޯދަމަހުގެ ކެއުން ބުއިމުގައި ދުރުހެލިވާންޖެހޭ ކާބޯތީގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ.

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮފީ ބުއިމަށް ދެވިހިފައިވާ މީހުންނެވެ. އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ ވަރަށް ބޮޑަށް ދޯޅުވެފައިވާ މީހުންނެވެ. ހަމައެހެންމެ ވަރަށް ގިނަ މީހުންނަކީ ކޯލާ، ފެންޓާ ސްޕްރައިޓް ފަދަ ފިޒީ ޑްރިންކްސްގެ ބާވަތްތަކާއި، އެކި ކަހަލަ ޕެކެޓްކޮށް ބަންދުކޮށްފައިވާ ބުއިންތައް ބުއިމަށް އާދަވެފައިވާ މީހުންނެވެ. ނަމަވެސް ރޯދަ މަހުގައި މިދެންނެވި ފަދަ ބުއިންތަކާ ދުރުހެލިވާންޖެހެއެވެ.

އެނާޖީ ޑްރިންކްސްގެ ބާވަތްތަކާއި، ކޮފީ، ކޯލާ، ފަދަ ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެން ހުރެއެވެ. ކެފެއިން އެކުލެވޭ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުން ފެންބޭރުވާ މިންވަރު އިތުރުކޮށް، ނޫނީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުމަށް ބާރުއަޅައި، ކަރުހިއްކުން އިތުރުކުރުވައި، ވަރުބަލިކަމާ ލޮޑުކަން ގެނެސްދޭނެ ކަމެކެވެ. ފިޒީ ޑްރިންކްސް ގެ ވައްތަރުތަކާއި، ޕެކެޓް ކޮށްފައިވާ އުފެއްދުން ތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭތީ މިފަދަ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ހަށިގަނޑު ބަރުހެލިވެ، ފަލަވުމަށް މަގުފަހިވާނެ ކަމެކެވެ.

ރޯދަ މަހު ރޯދަ ވީއްލާ ވަގުތާއި، ތަރާވީހު ދަން، އަދި ހާރުދަމުގައި ވެސް ބޭނުންކުރެވޭ ކާބޯތަކެތީގެ ތެރޭގައި ހަވާދުލާފައި ހުންނަ ކުޅިކާނާގެ ބާވަތްތައް ، އަދި މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ހިމެނުން ރަނގަޅެއް ނޫނެވެ. ހަވާދުލީ ބިސް، ހަވާދުލައިގެން މާކުޅިކޮށް ތައްޔާރުކޮށްފައި ހުންނަ މަހުގެ ބާވަތްތަކާ ދުރުހެލިވާށެވެ. ތެލުލާފައި ހުންނަ ހެދިކާގެ ބާވަތްތަކާ، ފްރެންޗް ފްރައިސް ފަދަ ތަކެއްޗާ ވެސް ދުރުހެލިވާށެވެ. އެއީ މިފަދަ ކާތަކެތީގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުގައި މަތިންއެރުމާއި، އަނގައިން ވައިލެވުން، ބަނޑަށް އުދަނގޫވުން، މެއިން ދިލަނެގުން ފަދަ ގޭހުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. ތެލުލި ކާތަކެތީގެ ބަދަލުގައި ފިހެފައި ހުންނަ ކާތަކެއްޗަށް އިސްކަން ދޭށެވެ.

ވަރަށް ގިނަ މީހުންނަކީ ރެސްޓޯރަންޓްތަކުން ޖަންކް ފުޑުގެ ބާވަތްތައް އޯޑަރުކޮށްގެން ވެސް ކައިއުޅޭ މީހުންނެވެ. ޖަންކް ފުޑްގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ލޮނު ހުރެއެވެ. ލޮނުއަޅާފައި ހުންނަ ތަކެތި މާގިނައިން ބޭނުންކުރުމަކީ ކަރުހިއްކުމާއި، ފެންބޮވާ މިންވަރު އިތުރުކުރާނެ ކަމެކެވެ.

އެހެންކަމުން މިރޯދަމަހު ވެސް ޖުމުލަ ގޮތެއްގައި މަތީގައި ދެންނެވުނު ކެފެއިން އެކުލެވޭ ބުއިންތަކާއި، ހަކުރު އެޅި ބުއިންތައް، ކުޅި ހަވާދުލީ ބާވަތްތަކާއި، ތެލާއި ސަރުބީ ގިނަ ބާވަތްތަކާއި، ގިނައިން ލޮނުއެކުލެވޭ ބާވަތްތަކާ ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ވަރުބަލިކަންކުޑަކޮށްދީ، މުޅި ދުވަސް ތާޒާކަންމަތީ ހޭދަކުރެވޭނީ އޭރުންނެވެ.

ނޯޓް: 2 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

މިވެސް މުހިންމު