އެނބޫ

އެނބޫ އަކީ ކުޑަވަރެއްގެ ހުތް މޭވާ އެކެވެ. ދޮންވީމާ ރީނދޫ ކުލައިގައި ހުންނަ މިމޭވާގެ އޮށް ވަރަށް ބޮޑުވާނެ އެވެ. މީގައި އާންމުކޮށް ކައިއުޅެނީ، އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ.

އެނބޫ އިން ލިބޭ ބައެއް  ޞިއްޙީ ފައިދާތައް

  • އެނބޫ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
    • ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
    • ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
    • ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
    • ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
    • އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
    • ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ. 
  • ކެލްސިއަމް ގިނަވުން: އެނބޫ އަކީ ކެލްސިއަމް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ކެލްސިއަމް ގިނަވުމަކި ކަށިތައް ވަރުގަދަވެ، ކަށިތަކުގެ މަސައްކަތް ހަލުވިކޮށްދޭ ކަމެކެވެ. އަދި މިއީ އުމުރުން ދުވަސްވުމުން އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ދިމާވާ ކަށިފީވުމުގެ މައްސަލައިން މިންޖުކޮށްދިނުމަށް އެހީވެދޭ މާއްދާއެއް ވެސް މެއެވެ.
  • ޓްރައިޕެނަސޯމާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ނައިޖީރިޔާގައި މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި އެނބޫގަހުގެ މުލުގެ ތޮށި މުގުރައި ޗިސްކޮށްގެން އެއިން އުފެދޭ “އެކްސްޓްރެކްޓް” ބޭނުންކޮށްގެން ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ “ޓްރައިޕެނެސޯމޯސިސް”(Trypanosomosis) ކިޔާ ބައްޔަކަށް ފަރުވާ ކުރެވެއެވެ. އަދި އެދިރާސާގައި ބުނެފައިވަނީ މިބުނި އެކްސްޓްރެކްޓްގައި ޓްރައިޕެނަސޯމާ ޕެރަސައިޓް މަރާލުމުގެ ގާބިލިއްޔަތު އެކުލެވޭ ކަމަށެވެ. މިދެންނެވި ބާރު އެއެކްސްޓްރެކްޓްގައި ހުންނަނީ އޭގައި އެކުލެވޭ ފްލޭވޮނޮއިޑްގެ ސަބަބަބުންނެވެ.
  • ހަމުގެ ބައެއް މައްސަލަތައް: ނެމީބިއާ ގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަނގައިގައި ހުދުމާއެޅުން ނުވަތަ އަނގައިގައި ފަންގަސް އިންފެކްޝަން އަށަގަތުން، ހާރޕީޒް ޒޯސްޓަރ، ހާރޕީޒް ސިމްޕްލެކްސް ފަދަ ހަމުގެ މައްސަލަތަކަށް، ފަރުވާކުރުމަށް އެނބޫގަހުގެ ބައިތައް (ފަތް، މޫ، ތޮށި، މޭވާ) ބޭނުންކުރެވިދާނެ ކަމަށެވެ. އަދި މީގެ އިތުރުން ހަންގަނޑު ގައި ނަގާ ބިއްސާއި، ދަތުގައި ރިހުން ފަދަ ކަންކަމަށް ވެސް އެނބޫގަހުގެ ބައިތަށް ބޭނުންކޮށްގެން ފަރުވާކޮށް ފައި ވެއެވެ.
  • އެހެނިހެން ބައެއް ފައިދާތައް:
    • ބަނޑުގައި ރިހުން، ދަތްހެލުން، އަދި އަނގަފާރު ފަދަ ކަންތައްތަކަށް އެނބޫގަހުގެ މޫ ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ.
    • ބަނޑުހިކުމުގެ މައްސަލައިން ދުރުވެ ހުރުމަށާއި، ބަނޑު ސާފުކޮށް ދިނުމަށް ވެސް ބޭނުން ކުރެވެއެވެ.
    • މިއީ ޓޮނިކެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން އެސްޓްރިންޖެންޓެއްގެ ގޮތުގައި ބޭނުންކުރާ މޭވާ އެކެވެ.
    • ބޭރަށްހިންގުމާއި، ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، އަދި ކެއްސުން ބައްޔަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.

މައުލޫމާތު:-

http://www.101healthyrecipes.com/health-benefits-of-fruit/
ximenia-fruit-facts-health-benefits-properties-101.php
http://www.mdpi.com/1420-3049/13/3/581/pdf
http://www.springerlink.com/content/k7u4qh562tgh06w8/
http://www.ncbi.nlm.nih.gov/pmc/articles/PMC2944155/
http://www.ajol.info/index.php/ajb/article/viewFile/59149/47453
http://www.aminoz.com.au/ximenia-americana-yellow-plum-fruit-food-8970.html 

މިވެސް މުހިންމު