ރޯދަ ވީއްލާގަޑީގައި ގިނައިން ކެއުން

ރޯދަ ވީއްލާ ގަޑިއަކީ ރޯދައަށް ހުރުމަށްފަހު އެންމެ ފުރަތަމަ ހަށިގަނޑަށް ކާއެއްޗެއް އެތެރެވާ ވަގުތެވެ. ރޯދަމަހުގެ ކޮންމެ ކެއުމަކީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބާވަތްތަކެއް ވެސް ހިމެނޭ ހަމަހަމަ ކެއުމަށް ހެދުން ބުއްދިވެރި އެކެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ރޯދަ އަށް ގިނައިރު ހުރެފައި ރޯދަ ވީއްލާ ވަގުތުގައި ވަރަށް ގިނައިން ކެވޭގޮތް ވެއެވެ. ނަމަވެސް ޞިއްޙީ ގޮތުން ބަލާއިރު ރޯދަވީއްލާ ވަގުތު މާގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ޞިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އެންމެ އާންމުކޮށް ދިމާވެދާނެ މައްސަލަ އަކީ ގެސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައިހެދުން ނޫނީ ގޭހުގެ އުދަނގުލެވެ. މާބޮޑަށް ވަރުބަލިވެ، ހަށިގަނޑަށް ލޮޑުކަން އިހުސާސްކުރެވުމަކީ ވެސް މާގިނައިން ކެއުމުން ކުރިމަތިވެދާނެ ކަމެކެވެ. ހަމައެހެންމެ އާދަޔާ ޚިލާފަށް ފަލަވުމަކީ ވެސް މާގިނައިން ކާނަމަ ދިމާވެދާނެ ގޮތެކެވެ.

މާގިނައިން ކެއުމުން މަތިންއެރުމަކީ ވެދާނެ ގޮތެކެވެ. މެއިން ދިލަނެގުމަކީ ވެދާނެ ގޮތެކެވެ. މޭނުބައިކޮށް، ހޮޑުލެވިދާނެ އެވެ. ބަނޑަށް އުނދަގޫވެގެން އުޅެންޖެހިދާނެއެވެ. ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވި، އޯކަށްދެމޭގޮތް ވެދާނެ އެވެ. މިދެންނެވި ހުރިހާ ކަންކަމަކީ ވެސް ގޭހުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކެވެ. މިއުދަނގޫތަކުގެ ނަތީޖާއަކަށްވާނީ ރޭއަޅުކަން ފުރިހަމަ ކުރުމަށް ބުރޫއެރުމެވެ. ރޭގަނޑުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް ނުކުޅެދުމެވެ.

ރޯދަމަހެއް ފެށިގެން ގޮސް ނިމިދާއިރު، އެމަހުގައި ތިބާގެ އާދަ އަކީ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލާގަޑީގައި މާގިނައިން ކެއުން ކަމުގައި ވަނީނަމަ، ރޯދަ މަސް ނިމޭއިރު އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވެގެން ދިއުމަކީ ގާތް ކަމެކެވެ. ހަށިގަނޑު ބުރަހެލިވެ ފަލަވެގެން ދިއުމަކީ ލޭމައްޗަށްދިއުން، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން، ކިޑްނީގެ ބަލިތައް ފަދަ ގައިންގަޔަށްނާރާ ބަލިތަކަށް ހުޅުވާލެވޭ ދޮރެކެވެ.

އެހެންކަމުން ރޯދަ މަހުގެ ކޮންމެ ވަގުތަކީ ވެސް ތިބާގެ ހަށިގަނޑަށް އެކަށޭނަ ވަރަށް ކައިބޮއިއުޅޭ ވަގުތަކަށް ހެދުން މުހިއްމެވެ. ލުއި ހަށިގަނޑަށް ފައިދާހުރި ކެއުންތައް ޚިޔާރު ކުރާށެވެ. ކާބޯހައިޑްރޭޓު ގިނަ، ފައިބަރުން މުއްސަދި ކާނާގެ ބާވަތްތަކަށް އިސްކަން ދޭށެވެ. ތަރުކާރީއާއި މޭވާއާއި، ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުގައި ހިމަނާށެވެ. ޞިއްޙީ މައްސަލަތަކުން އެއްކިބާވެ، މުޅި ރޯދަ މަސް ދުލަހެޔޮކަންމަތީ ވޭތިކުރެވޭނީ އޭރުންނެވެ.

ނޯޓް: 30 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

މިވެސް މުހިންމު