ބަނޑުހިކުން

ބަނޑުހިކުމަކީ ކޮބާ؟

އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ މިންވަރާ އަޅާ ރިއާޔަތްކުރާ އިރު ވެސް އެކަކު އަނެކަކާ ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.

”ބަނޑުހިކުން”(constipation) މިބަސް ބުނެވެނީ ޢާންމުކޮށް ދެވޭ ވަރަށް ވުރެ މަދުން ބޮޑުކަމުދާން ޖެހުމުން، ނުވަތަ ބޮޑުކަމުދާތަކެތި ހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާން އުދަގޫވުމުން، ދެވޭ މިންވަރު މަދުވުމަށް ނިސްބަތްކޮށެވެ. 2  ދުވަހުން އެއްފަހަރު ނަމަވެސް، ބޮޑުކަމުދާ އިރު އެއްވެސް އުދަގުލެއްނެތި ފަސޭހަ ކަމާއި އެކު ބޮޑު ކަމު ދެވޭނަމަ އެއީ ބަނޑުހިކުން ކަމުގައެއް ނުބެލެވޭނެ އެވެ.

އާންމު ނަޒަރަކުން ބަލާއިރު 3 ދުވަހަށްވުރެ ގިނަ ދުވަހު ބޮޑުކަމުނުދެވި ހުރެއްޖެނަމަ، ގޮހޮރާ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުންނަ ނަޖިސް ހަރުވެ، ދައުރުވުމަށް އުދަނގޫވާނެ އެވެ. ބަނޑުހިކުން މެދުވެރިވެފައިވާކަމަށް ނިންމޭނީ އަންނަނިވި ކަންތައްތަކުގެ ދެކަމެއް ނުވަތަ އެއަށްވުރެ ގިނަ ކަންކަން މަދުވެގެން 3 މަސްދުވަސް ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ކުރިމަތިވި ނަމައެވެ.

  • ބޮޑުކަމުދާއިރު ހިފާލަންޖެހުން (%25 އަށްވުރެ ގިނައިން)
  • ބޮޑުކަމު ނަޖިސް ހަރުކޮށްހުރުން (%25 އަށްވުރެ ގިނައިން)
  • ބޮޑުކަމުގޮސް ނިމޭއިރު ބަނޑު ހުސްނުވެހުރުން (%25 އަށްވުރެ ގިނައިން)
  • ހަފްތާއަކު 2 ފަހަރަށްވުރެ މަދުން ބޮޑުކަމުދާންޖެހުން

ބަނޑުހިކެނީ ކީއްވެ؟

ބަނޑުހިކުން ކުރިމަތިކުރުވާ އެންމެ މައިގަނޑު އެއްސަބަބަކީ ބޮޑުކަމުދާން ޖެހޭ ހިނދު، ނުވަތަ އެކަމަށް އާދަވެފައިވާ ވަގުތު ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމެވެ. މިގޮތަށް ހުރުމުން ނަޖިސް ގޮހޮރުގައި ހަރުލާގޮތްވެ ނުވަތަ ޖަމާވާގޮތް ވެއެވެ. މިހެން ހަރުލާހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސްހިކި، ހަރުވެ، ބޭރުކުރަން އުދަގޫވާގޮތް ވެއެވެ.

ބަނޑުހިކުން މެދުވެރިވާ ދެވަނަ ސަބަބަކީ ބޮޑުގޮހޮރުގެ ހަރަކާތް ހިނގުން ލަސްވުމެވެ. ގޮހޮރުގެ ހަރަކާތް ހިގުން ލަސްވުމަށް މެދުވެރިވާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުމާއި، ޕްރޮޓީން އެކުލެވޭ ކާނާ ( މަސް، ބިސް ފަދަ ) ބޭނުންކުރުން ގިނަވުމާއި، އަދި ދިޔާތަކެތި ބުއިންމަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަނޑުހިކުން މެދުވެރިކުރުވާ އެހެނިހެން ބައެއް ސަބަބަތުކަކުގެ ތެރޭގައި،  ދިރިއުޅުމުގައި ދިމާވާ ފިއްތުއްތަކާ، ހާސްވެ، ފިކުރުބޮޑުވުން، މާޔޫސްވުން، ހެލިފެލިވެ އުޅުން މަދުވުން، މާބަނޑުވުން، ބަރާބަރަށް ނުކެއުން، ބައެއް ބާވަތުގެ ބޭސް ބޭނުންކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ހަކުރު ބަލި، ތައިރޮއިޑް ދަށްވުން، އިރިޓަބަލް ބަވަލް ސިންޑްރޯމް، އަދި ފުރަގަސްފަރާތު ބައްޔާ، ގޮހޮރުގެ ކެންސަރު އަދި މިނޫނަސް އެހެން ބަލިތައް ޖެހުމުން ބަނޑުހިކުން ކުރިމަތި ކުރުވައެވެ. ބަނޑު ފަސޭހަކުރުމަށްދޭ ބޭސް މާގިނައިން ބޭނުންކުރުމަކީ އޭގެ ސަބަބުން ގޮހޮރުގެ މަސްތަކުގެ ބާރުދޫވެ، ގޮހޮރުގެ ހަރަކާތަށް ބަދަލު ގެނެސް ބަނޑުހިކުން މެދުވެރި ކުރުވާނެ ކަމެކެވެ.

ކުޑަކުދިންނާއި ބަނޑުހިކުން

ބަނޑުހިކުން މެދުވެރިވަނީ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޭރުކުރަން އުދަގޫވުމުންނެވެ. ބައެއް މައިންބަފައިން އެމީހުންގެ ކުޑަދަރިފުޅު ބޮޑުކަމުދަނީ ކިތައް ފަހަރުތޯ ނުވަތަ ބޮޑުކަމުދޭތޯ ބަލަން ބޭނުންވެއެވެ. އެއީ އެމީހުންނަށް ހީވެފައި އޮންނަނީ ޞިއްޙަތު ސަލާމަތުން ހުރި ކުއްޖެއް ނަމަ ކޮންމެ ދުވަހަކު ބޮޑުކަމުދާން ޖެހޭނެ ކަމަށެވެ. މިއީ ހަގީގަތެއް ނޫނެވެ. ކުޑަދަރިފުޅަށް ފަސޭހަ ކަމާއި، އެކު ބޮޑުކަމުދެވޭނަމަ ބޮޑުކަމުދެވެނީ ކިތައް ފަހަރުތޯ ކިތައް ދުވަހުން ތޯ ބެލުމަކީ މުހިއްމު ކަމެއް ނޫނެވެ. އެއީ ތަބީއީ ގޮތެއްގައި ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ދުވާލެއްގެ މައްޗަށް ނުވަތަ ހަފްތާއެއްގެ ތެރޭގައި ބޮޑުކަމުދެވޭ މިންވަރު ތަފާތު ވާތީ އެވެ.

ތުއްތު ދަރިފުޅު އެންމެ ކުޑައިރު ދުވާލަކު 4-1 ފަހަރާއި ދެމެދުގެ މިންވަރަކަށް ދިޔާކޮށް ނުވަތަ މަޑުކޮށް ހުންނަ ބޮޑުކަމުދާ ތަކެތި ބޭރު ކުރެއެވެ. ގާތުން ދޭ ދުވަސްވަރު އާންމު ގޮތެއްގައި މިމިންވަރު އިތުރުވެއެވެ. ބައެއް ކުދިން ގާތުން ދޭ ނިމޭތަނާހެން ބޮޑުކަމުދެއެވެ. ކުޑަދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ބޮޑު ކަމުދެވޭ މިންވަރު މަދުވެ، ބޮޑުކަމުދާ ތަކެތީގެ ގިނަމަދުމިން އިތުރުވެއެވެ. ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށް ވެސް ބޮޑުކަމުދެވޭ މިންވަރު އެއްކުއްޖަކު އަނެއްކުއްޖަކާއި ތަފާތެވެ. އުމުރުން 3 ނުވަތަ 4 އަހަރުގެ ކުއްޖަކު ނަމަ ގިނަވެގެން ދުވާލަކު 3 ފަހަރު ވެސް ބޮޑުކަމު ހިގައިދާނެއެވެ. އަދި މަދުވެގެން ހަފްތާ އަކު 3 ފަހަރު ވެސް ބޮޑުކަމު ހިގައިދާނެ އެވެ.

ކުޑަކުދިންނަށް ބޮޑުކަމުދެވޭ ”ތަބީއީ” ބައިވަރު ގޮތްތައް ވާކަން ދެނެގަތުމަކީ ކޮންމެ މައިންބަފަޔަކަށްމެ މުހިއްމު ކަމެކެވެ. ބައެއް ކުދިންނަށް ބޮޑުކަމުދާން އުދަގޫވުމަކީ ތަބީއަތުގައި ވެސް ވެދާނެ ކަމެކެވެ. މިފަދަ ކުދިން ބޮޑުކަމުދާއިރު، މޫނު މަތި ރަތްވެ، ބޮޑުކަމުދާން ބާރުލުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ބޮޑުކަމުދާ ތަކެތި މަޑުކޮށް ހުރެފައި، ކުޑަދަރިފުޅަށް އެހެން ކަހަލަ އުދަގުލެއް ވާކަން ފާހަގަ ނުވާނަމަ މިއީ މައްސަލައެއް ނޫނެވެ.

ކުޑަކުދިންނަށް ބަނޑުހިކުން މެދުވެރިކުރުވާ ކަންތައް ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) –  ކާނާ ބަދަލުކުރުން: ޚާއްޞަކޮށް ބޮޑެތި މީހުން ބޭނުންކުރާ ކާނާ ދޭން ފެށުމުން .
(ށ) – އެކަށޭނަ ވަރަށް ދިޔާތަކެތި ބޯން ނުދެވުން
(ނ) – ބޮޑުކަމު ދޭތޯ ބަލައި ނުލައި އަޅާނުލާ ދޫކޮށްލުން
(ރ) – އާންމު ދިރިއުޅުމަށް ބަދަލުއައުން: މިސާލަކަށް ސްކޫލަށް ދާންފެށުން، ދަތުރަކު ދިއުން
(ބ) – ބައެއް ކަހަލަ ބޭސްތަކާއި އަދި މިނޫން ބައެއް ކަންތައްތައް

އުމުރުން ދުވަސްވުމާއި ބަނޑުހިކުން

އުމުރުން 60އަށް ވުރެ މަތީ އުމުރުގެ މީހުންގެ މެދުގައި ބަނޑުހިކުން އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. އެއީ މިއުމުރުގައި ހެލިފެލި އުޅުން މަދުވުމާއި، އަބަދު އެއްތަނެއްގައި އިށީދެ ނުވަތަ އޮށޯވެ ތިބުމާއި، ބޭސް ބޭނުންކުރާ މިންވަރު މިއުމުރުގައި އިތުރުވުން ފަދަ ކަންކަމުގެ ސަބަބުންނެވެ. އުމުރުން ދުވަސްވުމުން ކާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުމާއި، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައިވާ މަޑުމަސްތަކުގެ މަސައްކަތް ހިނގުން ދަށްވެ، ގޮހޮރު ފަހަނައަޅައި ބޮޑުކަމުދާ ތަކެތި ދިއުން ލަސްވުން ފަދަ ކަންކަމަކީ ވެސް މިއުމުރުގައި ބަނޑުހިކުން މެދުވެރިވުމުގައި އެހީވެދޭ ކަންކަމެވެ. އަދި މިއުމުރުގެ މީހުންގެ މެދުގައި ފުރަގަސްފަރާތުގައި ބޮޑުކަމުދާ ތަކެތި ތާށިވުމުގެ މައްސަލަ އާންމު ކަންވެސް ފާހަގަކުރެވިފައި ވެއެވެ.

ބަލިވެއިނުމާއި ބަނޑުހިކުން

މިއީ ބަލިވެ އިންނަ 50އިންސައްތަ އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. މާބަނޑު އަންހެނުންނަށް ބަނޑު ހިކުން މެދުވެރިވަނީ ބަލިވެ އިނުމާއި ވިދިގެން މައިމީހާގެ ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސްފަރާތް ފިތޭގޮތްވުން، ބަލިވެ އިނުމާއި ވިދިގެން ހަށިގަނޑުގައި އިތުރުވާ ޕްރޯޖެސްޓީރޯން ހޯރމޯންގެ ސަބަބުން ކާތަކެތި ހަޖަމުކުރާ ނިޒާމްގައި ހަރަކާތްކުރުން ދަށްކޮށްލުން، ފަދަ ކަންކަމުގެ ސަބަބުންނެވެ. އިސްވެ ބުނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ މިންވަރު އިތުރުވެ، ފެންހަށިގަނޑަށް ދަމާ މިންވަރު އިތުރުވެގެން ދެއެވެ.

ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫ ވެއެވެ. ބަލިވެ އިނުމާއި ވިދިގެން ބަނޑުހިކުން މެދުވެރިވުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ. މީގެ އިތުރުން ބަލިވެ އިނުމާއި ވިދިގެން ބައެއް ފަހަރު ބޭހެއްގެ ގޮތުގައި ދަގަނޑުގެ ބައި ހަށިގަނޑަށް ފޯރު ކޮށް ދިނުމަކީ ވެސް ބަނޑުހިކުން މެދުވެރި ކުރުވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ދިމާވާ ބަނޑުހިކުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

(ހ) – ރޯމޭވާ، ތަރުކާރީ، ގްރެއިން ސެރެލްސް، ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން: މިކާތަކެތި ބޭނުން ކުރާ އިރު މޭވާ ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ. ”ޕްރޫން” ޖޫހަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.
(ށ) – ކޮންމެ ދުވަހަކު މަދުވެގެން 8ނުވަތަ 10ތަށި ފެންބޯން އާދަކުރުން
(ނ) – ކަސްރަތުކުރުން، ފެތުން، ކުޅިވަރު ކުޅުން،
(ރ) – މާމުއި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުން
(ބ) – ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑިއެއް ހާއިރު ހިގާލުން

ބަނޑުހިކުން މެދުވެރިވުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ބަނޑުހިކުން މެދުވެރިވުމުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި :-

  • ބަނޑުގައި ރިއްސުން
  • ބަނޑުގައި ވައިހެނދި ފުފުން
  • މާގިނައިން ވައިބޭރުކުރެވުން
  • ކާހިތްނުވުން
  • މޭނުބައިކުރުން
  • ހޮނޑުލުން
  • ބޮލުގައި ރިހުން
  • ބޮޑުކަމުދާއިރު ބާރުލާން ނުވަތަ ހިފާލަންޖެހުން
  • ބޮޑުކަމު ނަޖިސް ހަރުކޮށްހުރުން
  • ބޮޑުކަމު ނަޖިސް ބޭރުވާ މިންވަރު މަދުވުން

މީގެ އިތުރުން ބައެއް ފަހަރު:-

  • ބޮޑުކަމުދެވެން އުޅޭހެން އިހްސާސްކުރެވުން
  • ބޮޑުކަމުދެވުނަސް ގޮހޮރު ހުސްނުވެ ހުންނަހެން ހީވުން
  • ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސްފަރާތުގައި ރިއްސުން
  • ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ހިސާބުގައި، ހިރުވައި، ފާރުއުފެދޭގޮތްވުން

ބަނޑުހިކުން ކުރިމަތިވެފައިވާކަން ދެނެގަންނަނީ ކިހިނެއް؟

ބަނޑުހިކުމަކީ އޭގެ ޒާތުގައި ޓެސްޓުތަކެއް ހަދަންޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް މަދު ހާލަތެއްގައި ވަރަށް މަދު މީހަކަށް ބައެއް ކަހަލަ ޓެސްޓުތައް ހަދަން ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ. ބަނޑުހިކުމާ، ގުޅިގެން ހަދަން ލަފާދޭ ގިނަ ޓެސްޓު ތަކަކީ ބަނޑުހިކެން މެދުވެރިވި ސަބަބު ހޯދުމަށް ހެދޭ ޓެސްޓުތަކެކެވެ. ބަނޑުހިކުން ރަގަޅުނުވެ 2 ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ބަނޑުހިކެން މެދުވެރިވި ސަބަބު ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

  • ލޭގެ ޓެސްޓުތައް: މިޓެސްޓު ހަދާނީ އެއްވެސް ކަހަލަ ހޯރމޯން އެއްގެ މައްސަލަ އުޅޭ ކަމަށް ލަފާކުރެވޭނަމައެވެ.
  • ބޭރިއަމް ސްޓަޑީޒް: މިއީ ބޮޑު ގޮހޮރު ގެ އެއްވެސް ހިސާބަކުން ބެދިފައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
  • ކޮލޮނަސްކަޕީ: ކެމެރާއެއް ގޮހޮރަށް ފޯރުކޮށްގެން ހެދޭ މިޓެސްޓަކީ ވެސް ބޮޑު ގޮހޮރު ގެ އެއްވެސް ހިސާބަކުން ބެދިފައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

 

ބަނޑުހިކުމުން ރައްކާތެރިވާނީ ކިހިނެއް؟

ބަނޑުހިކުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރުމަށް ސަމާލުކަން ދޭށެވެ.

(1) – ބޮޑުކަމުދާން ޖެހުމުން ހިފަހައްޓައިގެން ނުހުރުން: ބޮޑުކަމުދާން ބޭނުންވާ ހިނދު ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ބޮޑުކަމުދިއުމާއި، އަދި ބޮޑުކަމުދިއުމަށް ވަކިވަގުތެއް އާދަކުރެވޭތޯ ބަލާށެވެ. މިސާލަކަށް ބޮޑުކަމުދާ ވަގުތަކީ ހެދުނުގެ ނާސްތާ އަށް ފަހު އޮންނަ ވަގުތު ކޮޅު ކަމުގައި ކަނޑައަޅައި އެގޮތަށް އަމަލުކުރެވިދާނެ އެވެ. ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމުން، ނަޖިސް ގޮހޮރުގައި ހަރުލާގޮތް ނުވަތަ ޖަމާވާގޮތް ވެއެވެ. މިހެން ހަރުލާހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސްހިކި، ހަރުވެ ބޭރުކުރަން އުދަގޫވާގޮތް ވެއެވެ.

(2) – ގިނައިން ދިޔާތަކެތި ބުއިން: ގިނަގިނައިން ފެނާއި ދިޔާތަކެތި ބުއިމަށް އާދަކުރާށެވެ. މިގޮތުން ދުވާލަކު މަދުވެގެން 8 ނުވަތަ 10ތަށި ފެންބުއިމާއި އެކު، ތަރުކާރީ އަދި މޭވާ ޖޫސް، ބޭނުންކުރާށެވެ. ޚާއްޞަކޮށް ޕްރޫން ޖޫސް، އަދި މާމުއި ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުހިކުމުން ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަންކަމެވެ. ޚާއްޞަކޮށް ހެދުނު ގަޑީގައި ގިނައިން ފެންބުއިމަކީ ރަގަޅު ކަމެކެވެ.

ދިޔާތަކެތީގެ ގޮތުގައި ކަޅުސައި، ކޮފީ، އަދި ކޯލާ ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް ބޭނުންކުރުމާއި ދުރުހެލި ވާށެވެ. ހަމަ މިހެން ބަނގުއާވީގެ އަސަރު އެކުލެވޭ ބުއިންތައް ބޭނުން ނުކުރާށެވެ. އެއީ މިފަދަ ބުއިންތައް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ. ބައެއް މީހުންނަށް ކިރު ބޭނުންކުރުމަކީ ވެސް އެހާ ރަގަޅުކަމަކަށް ނުވެއެވެ.

(3) – ކެއުމުގައި ފައިބަރު ގިނަ ކާނާގެ ބާވަތްތައް ހިމެނުން: ނަރު އެކުލެވޭ ކާނާ ނުވަތަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުމަށް ޚާއްޞަ އަހައްމިޔަތު ކަމެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، އާފަލު،އެޕްރިކޮޓް، ނާސްޕާތީ،ޕީޗް، ޕްރޫން، ދޮންކެޔޮ، ތޮރާ، ޒުވާރި، މުގު، ބްރޮކޮލީ، ކޮލި ފްލާވަރ، ފެހިފަތް، ޕާން ފަދަ ތަކެތި ހިމެނެއެވެ. ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރާއިރު އެދެވިގެންވަނީ މަޑުމަޑުން ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތައް އިތުރުކުރަމުން ގެންދިއުމެވެ. އެއީ މަޑުމަޑުން ފައިބަރު އެކުލެވޭ ބާވަތްތައް ކާނާ އަށް އިތުރުކުރުމުން މައިދާ އެއަށް ހޭނި ދެއެވެ. އެހެނީ ކުއްލިއަކަށް މާގިނައިން ފައިބަރު އެކުލެވޭ ކާނާ ބޭނުންކޮށްފިނަމަ ގޭސް އުފެދުމަކީ ވެދާނެ ގޮތެކެވެ.

(4) – ކަސްރަތު ކުރުން: ތަފާތު ވައްތަރުގެ ކަސްރަތު ތައް ކުރުމަކީ ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. މިގޮތުން ފެތުން، ކޮންމެވެސް ބާވަތެއްގެ ކަސްރަތެއް ލިބޭފަދަ ކުޅިވަރެއް ކުޅުން، ފަދަ ކަންތައް ކުރެވިދާނެ އެވެ. ދުވާލަކު މަދުވެގެން ބައިގަޑިއިރު ހިގާލުން، ނުވަތަ ދުވެލުން ފަދަ ކަންކަމަކީ ވެސް މިގޮތުން ކުރެވިދާނެ ކަންތައްތަކެވެ.

(5) – ގަޑިން ގަޑިއަށް ކެއުން: ރެއަކާއި ދުވާލުގެ ތެރޭގައި ކާން އޮންނަ ވަގުތު ތަކުގައި ބަރާބަރަށް ކާން އާދަކުރާށެވެ. މިގޮތުން ދުވާލަކު މަދުވެގެން 3 ނުވަތަ 4 ފަހަރު އާދައިގެ މަތިން ކެއުމަކީ ރަގަޅު ކަމެކެވެ. އެހެނީ ބަރާބަރަށް ކެއުމުން ގޮހޮރުގައި ކާތަކެތި ހުއްޓި ނެތި، ދައުރުވުމަށް ބާރު އަޅައިދެއެވެ.

މިބުނި އެއްވެސް ކަމަކުން ބަނޑުހިކުމުގެ މައްސަލައަށް ފަރުވާއެއް ނުލިބިއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. ޚާއްޞަގޮތެއްގައި މާބަނޑު ދުވަސްވަރު ބަނޑުހިކުން ކުރިމަތިވެއްޖެ ނަމަ ޑޮކްޓަރެއްގެ މަޝްވަރާއެއް ނުހޯދައި ބޭހެއް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ހަމަމިހެން ގަބޫލުކުރަން ޖެހޭ އަނެއް ކަމަކީ ބަނޑުހިކުން މިއީ ބައްޔެއް ނޫނެވެ. އެކަމަކު މިއީ އަލާމާތެކެވެ. ނުވަތަ ކުރިމަތިވާ އުދަގުލެކެވެ. ބަނޑުހިކުން މެދުވެރިވުމުން ބަނޑުހިކުމަށްދޭ ބޭސް 2 ހަފްތާއަށްވުރެ ދިގުމުއްދަތަކަށް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

Reference, W. M. (2012, 09 24). 
WebMD - constipation. Retrieved 08 20, 2013, from http://www.webmd.com: 
http://www.webmd.com/digestive-disorders/digestive-diseases-constipation

މިވެސް މުހިންމު