ނިއުމޯނިޔާ

ނިއުމޯނިޔާ(pneumonia)  އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ސަބަބު

ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި “ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ”(streptococcus pneumonia)، “މައިކަޕްލާޒްމާ ނިއުމޯނިއޭ”(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި “އިންފުލުއެންޒާ އޭ ވައިރަސް” ، އަދި “ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސް”(RSV) ފަދަ ޖަރާސީމުތައް ހިމެނެއެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށް ބައެއް ފަހަރު “ނިއުމޯސިސްޓިސް ކެރީނީ”(pneumocystis cariini) ކިޔާ ފަންގަސްގެ ވައްތަރަކުން ވެސް ނިއުމޯނިޔާ ޖައްސައެވެ.
މަދުފަހަރަކު ޕެރަސައިޓެއްގެ ސަބަބުން ނިއުމޯނިޔާ ޖެހިދާނެ އެވެ.

އާންމުކޮށް ނިއުމޯނިޔާ ޖެހޭނީ ނިއުމޯނިޔާ ޖައްސާ ޖަރާސީމެއް ފުއްޕާމެޔަށް ދިއުމުންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނިއުމޯނިޔާ ޖެހޭގޮތް ވެއެވެ. ދާއިމީކޮށް ދިގުމުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތައް ކަމުގައިވާ ހަކުރު ބަލި، ހިތުގެ ބަލި، ނޭވާހިއްލުން، ކެންސަރު، ފަދަ ބަލިތައް ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ނިއުމޯނިޔާ ޖެހޭގޮތް

އަންނަނިވި ގޮތްތަކުންކުރެ ގޮތަކުން ނިއުމޯނިޔާ ޖެހިދާނެ އެވެ.

  • ޖަރާސީމު ހުރި ހިރަފުހާ ކުނިބުނި ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށްދިއުން
  • ނޭފަތާ، ކަރުގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ނޭވާލުމުގެ ތެރޭގައި ފުއްޕާމަޔަށްދިއުން
  • އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން ނިއުމޯނިޔާޖެހުން
  • ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތައް ޖެހި ދިގުލައި ދިއުމުން ނިއުމޯނިޔާޖެހުން
  • ފުއްޕާމެޔަށް ފެނާ ކާތަކެތި ދިއުން

ސަލާމަތުން ތިބޭ މީހުންގެ ނޭފަތާ ކަރުތެރޭގައި ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކާ ވައިރަސް ތައް ހުރެއެވެ. މިޖަރާސީމުތައް ފުއްޕާމެޔަށް ހިނގައްޖެނަމަ ނިއުމޯނިޔާ ޖެހިދާނެ އެވެ. މިގޮތުން އާންމު ގޮތެއްގައި މިފަދަ ޖަރާސީމުތައް ފުއްޕާމެޔަށްދަނީ ރޯގާޖެހިގެން އުޅޭއިރު، ނުވަތަ ރޯގާޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން، ނުވަތަ “ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް” ފަދަ ފުއްޕާމޭގެ ދާއިމީ ބަލިތައް ހުންނަ ހާލަތްތަކުގައެވެ.

ނިއުމޯނިޔާ އަކީ ސުކޫލް މާހައުލުން ނުވަތަ މަސައްކަތު މާހައުލުން ވެސް ޖެހިދާނެ ބައްޔެކެވެ. ހޮސްޕިޓަލް ތަކާ، މުސްކުޅިން އަޅާލާ ފަރުވާ މަރުކަޒު ތަކުގައި ވެސް ނިއުމޯނިޔާ ވަރަށް ފަސޭހައިން ޖެހޭގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް (ކަންތައްތަކެއް) ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.

  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ފުއްމާޕޭގެ ދާއިމީ ބައްޔެއް (ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް) ހުރުން
  • އުމުރުން 1 އަހަރަށްވުރެ ހަނގުވުން 65 އަހަރަށްވުރެ ދޮށިވުން
  • ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވުން
  • ބަނޑުގައި ގޭސް މަދުކޮށްލާ ބާވަތުގެ ބޭސް (އޮމެޕްރަޒޯލް، ޕެންޓަޕްރަޒޯލް) ބޭނުންކުރުން
  • އާދަޔާ ޚިލާފަށް ގިނައިން ބަނގުރާ ބުއިން
  • ވަރަށް ފަހުން އަރިދަފުސް ރޯގާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ ފަދަ ބައްޔެއް ޖެހިފައިވުން

އަލާމާތްތައް 

ބެކްޓީރިޔާގެ ސަބަބުންޖެހޭ ނިއުމޯނިޔާ: އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ކުރިމަތިވާ އުދަނގޫތައް ފެންނަން ފަށަނީ ކުއްލިއަކަށެވެ. އާންމު ގޮތެއްގައި ނިއުމޯނިޔާގެ އުދަނގޫތައް ފެންނަން ފަށަނީ ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ނުވަތަ ރޯގާ ޖެހުމަށްފަހުގައެވެ. ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • ކެއްސުން
  • ކެއްސާއިރު އަރިދަފުސް އައުން: އަރިދަފުސް ހުންނާނީ ފެހިކުލައަކަށެވެ. ބައެއް ފަހަރު އަރިދަފުހުގައި ލޭހުރެދާނެ އެވެ.
  • ހުންއައުން
  • ވަރަށް ބޮޑަށް(ތުރުތުރުއަޅާ ވަރަށް) ހީކެރުވުން
  • އަވަސްއަވަހަށް ކުރުކޮށް ނޭވާލެވުން (ނޭވާކުރުވުން)
  • މޭގައި ރިހުން: ކެއްސުމުން ނުވަތަ އެތެރެއަށް ނޭވާލުމުން ތަދު އިތުރުވާނެ އެވެ.
  • ހިތުގެ ވިންދުޖެހުން އަވަސްވުން (މޭތެޅުން)
  • ވަރަށް ބޮޑަށް ވަރުބަލިވެ، ވަރުދޫވުން
  • މޭނުބައިކުރުމާ ހޮނޑުލެވުން
  • ބޭރަށްހިންގުން

ބެކްޓީރިޔާ ނޫން ސަބަބަކާހުރެ ޖެހޭ ނިއުމޯނިޔާ: ބެކްޓީރިޔާ ނޫން ސަބަބަކާހުރެ ޖެހޭ ނިއުމޯނިޔާ ކުރިމަތިވަނީ ލަސްލަހުން، މަޑުމަޑުންނެވެ. މިއީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ގިނަ މީހުންނަށް މިވައްތަރުގެ ނިއުމޯނިޔާ ހުންނަކަން ފާހަގަ ނުވެވެސް ހިގައިދާނެ އެވެ. އެއީ ގިނަ ފަހަރު މާބޮޑަށް ބަލިނުވާތީ އެވެ. މިވައްތަރުގެ ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

  • ހުންއައުން
  • ކެއްސުން
  • ނޭވާކުރުވުން
  • ކެއްސާއިރު ވަރަށް ކުޑަކޮށް އަރިދަފުސް އައުން

އުމުރުން ދުވަސްވީމީހުންނަށް ނިއުމޯނިޔާގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ތަފާތުވެދާނެ އެވެ. ނުވަތަ އާދައިގެ ވަރަކަށް އުދަނގޫތައް ކުރިމަތިވެދާނެ އެވެ. ފަހަރުގައި ހުން ނައިސްފާނެ އެވެ. ކެއްސިޔަށް އަރިދަފުސް ބޭރުނުވެދާނެ އެވެ. އުމުރުން ދުވަސްވީ މީހުންގެ ފުށުން ނިއުމޯނިޔާ ޖެހުމުން ފެނިދާނެ މައިގަނޑު އެއް ކަމަކީ އެމީހުންގެ ވިސްނުމަށް ބަދަލު އައުމެވެ. އެގޮތުން ކަންކަމުގައި ނިޔަތްއަރާރުންވެ، ގޮތެއްނިންމަން ނޭގުމާ، ކަންކަމުގައި ވަހުމާ ޝައްކުތައް ގެންގުޅެވޭގޮތް ވެއެވެ. ފުއްޕާމޭގެ ބައްޔެއް ހުރިނަމަ އެކަން އިތުރަށް ގޯސްވެގެން ދެއެވެ.

ކުޑަކުދިންނަށް ނިއުމޯނިޔާ ޖެހުމުން ދިމާވާ އުދަނގޫތައް އެކުއްޖެއްގެ އުމުރާ ވިދިގެން ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.

  • އެއްމަހުން ދަށުގެ ތުއްތު ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގައިގެ ވަރުދެރަވެ، ހަކަތަ ހުސްވެފައި އޮންނަހެން އޮތުން، ރަގަޅަށް ގާތުން ނުބުއިން، ނޭވާލާއިރު ނޭފަތުންނާ މެއިން އަޑުއައުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.
  • ކުޑަކުދިންނަށް ދިމާވާ އުދަނގޫތައް ބޮޑެތި މީހުންނެކޭ އެއްގޮތެވެ.

ދެނެގަތުން

ނިއުމޯނިޔާ ޖެހިފައިވާކަން ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ކުރިމަތިވެފައިވާ އުދަނގޫތަކާ، ޖިސްމާނީ ބެލުންތަކަށް ރިއާޔަތްކޮށްގެންނެވެ. މީގެ އިތުރުން ލޭގެ ޓެސްޓުތަކާ، މޭގެ އެކްސްރޭ ނަގައިފާނެ އެވެ. އިތުރު ޓެސްޓުތައް ހެދެނީ އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރާ، ބަލިމީހާގެ އުމުރާ، އަދި އާންމު ޞިއްޙަތު ހުރިނެތްގޮތެއްގެ މައްޗަށް ބަލާފައެވެ. އާންމު އުސޫލަކުން ބަލާއިރު މާބޮޑަށް ބަލިނަމަ، ހަދަންޖެހޭ ޓެސްޓުތައް ގިނަވާނެއެވެ. އާންމު ގޮތެއްގައި މިފަދަ އިތުރު ޓެސްޓުތައް ބޮޑަށް ހަދައި އުޅެނީ ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންގެ އެވެ.

ވަރަށް ބޮޑަށް ބަލިވުން، މާބޮޑަށް ނޭވާކުރުވުން، ބައްޔަށް މަގުފަހިކުރާ ފަދަކަމެއް ހުރެއްޖެނަމަ، އަރިދަފުސް ޓެސްޓު(mucus test) ކުރުމަކީ އެކަށީގެންވާ ކަމެކެވެ. “ރެޕިޑް ޔޫރިން ޓެސްޓު”(rapid urine test) ކިޔާ ކުޑަކަމު ނަޖިހުގެ ޓެސްޓެއް ވެސް ބައެއް ފަހަރު ހަދައެވެ. މިޓެސްޓު ހެދުމުން ނިއުމޯނިޔާ ޖައްސާ ބައެއް ކަހަލަ ބެކްޓީރިޔާތައް ދެނެގަނެވެއެވެ. އަދި ކުރިޔަށް ގެންދާނެ ފަރުވާ ކަނޑައަޅަން އެހީތެރިވެދެއެވެ.  ބައެއް ފަހަރު އޭޑްސް ބަލި ހުރިތޯ ވެސް ޓެސްޓުކުރެއެވެ. ސަބަބަކީ ފަންގަސްގެ ސަބަބުން ނިއުމޯނިޔާ ޖެހެނީ އޭޑްސް ބަލި ހުންނަ މީހުންނަށް ކަމަށްވާތީ އެވެ. މީގެ އިތުރުން ވަރަށް ނުރައްކާތެރި ދަރަޖައަކަށް ނިއުމޯނިޔާ ޖެހިފައި ހުރިނަމަ އެހެން ބައެއް ޓެސްޓުތައް ވެސް ހަދައި އުޅެއެވެ.

ފަރުވާ

ބެކްޓީރިޔާގެ ސަބަބުން ޖެހޭ ނިއުމޯނިޔާ އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކޮށް އުޅެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމުން ގިނަ ފަހަރު ނިއުމޯނިޔާ އެއްކޮށް ރަގަޅުވެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތާ، ބޭނުންކުރަންޖެހޭ މުއްދަތު، ނިއުމޯނިޔާ ޖެހުނު ސަބަބާ، ބަލިމީހާގެ އުމުރާ ރިއާޔަތްކޮށް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އެންޓިބަޔޮޓިކް ފެށުން އަވަސްވި ވަރަކަށް ރަގަޅުވާލެން ވެސް އަވަސްވާނެ އެވެ.

އެންޓިބަޔޮޓިކް ބޭނުންކުރުމުން ވެސް ރަގަޅުނުވާނަމަ، ނުވަތަ އިތުރަށް ގޯސްވާނަމަ، ކަލްޗަރ ހަދަން ޖެހިދާނެ އެވެ، ކަލްޗަރ ހެދުމުން ނިއުމޯނިޔާ ޖެހިފައިވަނީ ކޮން ބެކްޓީރިޔާއެއްގެ ސަބަބުންކަން ހާމަވެ، އެބެކްޓީރިޔާއަށް ފަރުވާކުރުމަށް އެންމެ އެކަށީގެންވާ އެންޓިބަޔޮޓކް ތަކަކީ ކޮބައިކަން ކަނޑައަޅަން އެނގޭނެ އެވެ. އަދި ދޭންފަށާފައިވާ އެންޓިބަޔޮޓިކަށް ހަށިގަނޑުގައި ހުރި ޖަރާސީމު ނުގުޑާނަމަ އެކަން ވެސް އެނގޭނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރަން ފެށުމަށްފަހު ދުވަސް ހަމަނުކޮށް ހުއްޓާލުމަކީ ރަގަޅު ކަމެއް ނޫނެވެ.

ނިއުމޯނިޔާ ޖެހިގެން ފަރުވާކުރަމުންދާ ދުވަސްވަރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ގިނައިން އަރާމުކުރުން، ނިދިހަމަކުރުން، ގިނައިން ދިޔާތަކެތި ބުއިން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ރޭގަނޑު ކެއްސައި ގަނެގެން ހޭލެވޭނަމަ ކެއްސުން ކުޑަކުރުމަށް ބޭހެއް ބޭނުންކުރެވިދާނެ އެވެ.

ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

  • އުމުރުން 65 އަހަރަށްވުރެ މަތިވުން
  • އެހެނިހެން ބަލިތައްހުރުން: ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް، ނޭވާހިއްލުން، ހަކުރު ބަލި، ހިތުގެ ބަލި، ގުރުދާގެ ބަލި، މޭގަނޑުގެ ބަލި ފަދަ ދާއިމީ ބައްޔެއްހުރުން
  • އަމިއްލަ ނަފުސަށް އަޅާލުމުގެ ކުޅަދާނަކަން ލިބިފައިނެތުން، ނުވަތަ ބަލީގެ އުދަނގޫތައް ގޯސްވިޔަސް ބުނެދެވޭނެވަރުގެ މީހަކަށްނުވުން
  • ހަށިގަނޑުގެ ޓިޝޫތަކަށް އޮކުސިޖަން ގެންދިއުން ދަށްކޮށްދޭ ފަދަ ބައްޔެއްހުރުން
  • ފުއްޕާމޭގެ ބޭރުގައިވާ ދުލި ދުޅަވުމުގެ ސަބަބުން މޭގައި ރިހުން ކުރިމަތިވެފައިވުން
  • އަމިއްލައަށް ބޭސް ބޭނުންކޮށްގެން ރަގަޅުނުވުން
  • ކައިބޮއި ހެދުމަށް ދަތިވެ، އުދަނގޫވުން

އަރިދަފުސް ރޯގާ ފަދަ ވައިރަސް ތަކުގެ ސަބަބުންޖެހޭ ނިއުމޯނިޔާ އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުމެއް ނުވާނެއެވެ. ވައިރަހުން ޖެހޭ ނިއުމޯނިޔާއަށް ފަރުވާ ކުރުމަށް ވަކިބޭހެއް އަދި ހޯދިފައެއް ނުވެއެވެ. ގޭގައި އަރާމުކުރުމާ، ކެއްސުން ލުއިކުރުމަށް ކުރެވިދާނެ ކަންތައްތައް ކުރުމަކީ މިބައްޔަށް ދެވޭނެ އެންމެ ރަގަޅު ފަރުވާ އެވެ. ނަމަވެސް ފާނަ ބަސަނދު ޖައްސާ ވައިރަސްގެ ސަބަބުން ނިއުމޯނިޔާ ޖެހިއްޖެނަމަ، ވައިރަސް އާ ދެކޮޅަށްދޭ “އެންޓިވައިރަލް”(antivirals) ބޭހެއް ނަގަންޖެހިދާނެ އެވެ.

ރައްކާތެރިވުން

ނިއުމޯނިޔާއިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

  • ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން
  • އަރިދަފުސްރޯގާ، ފާނަބަސަނދު، ހިމަބިހި، މޫސުމީ އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނާ ގައިގޯޅިނުވުން
  • ގިނަ ގިނައިން އަތްދޮވުން

ވެކުސިން ދިނުން

ނިއުމޯނިޔާއިން ދިފާއުވުމަށް އެހީތެރިވެދޭ ވެކުސިން ހުރެއެވެ. އެގޮތުން ނިއުމޯނިޔާ އިން ރައްކާތެރިވުމަށް އެހީވެދޭ ކުޑަކުދިންނަށް ދީއުޅޭ ވެކުސިން އަށް ކިޔަނީ “ނިއުމޯކޮކަލް ކަންޖުގޭޓް ވެކްސިން”(pneumococcal conjugate vaccine) އެވެ. ބޮޑެތި މީހުންނަށް ދީއުޅޭ ވެކްސިން އަށް ކިޔަނީ “ނިއުމޯކޮކަލް ޕޮލީސެކަރައިޑް ވެކްސިން”(pneumococcal polysaccharide vaccine) އެވެ. ވެކުސިން ދިނުމުން އެއްކޮށް ނިއުމޯނިޔާ އިން ދިފާއުކޮށް ރައްކާތެރިކޮށް ނުދިން ނަމަވެސް، ނިއުމޯނިޔާ ޖެހުމުން ދިމާވާ “ލޭގައި ޖަރާސީމު އެޅުން”(bacteriemia)، “މުޅި ހަށިގަނޑުގެ ލޭފެންނުބައިވުން”(septicemia) ނުވަތަ މުޅި ހަށިގަނޑުގައި ޖަރާސީމު އެޅުން ފަދަ ބައެއް ނުރައްކާތަކުން މިންޖުކޮށްދެއެވެ. މީގެ އިތުރުން ނިއުމޯނިޔާ ޖެހުމަށް މަގުފަހިކޮށްދޭ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ، ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތަކުން ދިފާއުވުމަށް ހުންނަ ވެކުސިންތައް ޖެހުމަކީ ވެސް މުހިއްމު ކަމެކެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

http://www.webmd.com/lung/tc/pneumonia-topic-overview
http://www.webmd.com/a-to-z-guides/pneumonia-directory?catid=1006

މިވެސް މުހިންމު