ހެދުނުގެ ބަލި ނިސްބަތްކުރެވެނީ މާބަނޑުވާތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމަށެވެ. ގިނަފަހަރު މޭނުބައިކުރުމާއެކު ހޮނޑުލެވޭނެ އެވެ. ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަކީ ވަރަށް ޢާންމުކަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. އެކިމީހުން ހޮނޑުލާ މިންވަރު ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. ހެދުނުގެ ބަލި ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. މިއީ ބަލިވެ އިންކަން އެނގޭ ނިޝާންތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެހެންކަމުން މިއީ މާބަނޑުވާތާ ކުރީކޮޅުގައި ކުރިމަތިވާ ކަމެކެވެ. އާންމުގޮތެއްގައި ބަނޑަށް 6-4 ހަފްތާގައި މޭނުބައިކުރުމާއި ހޮނޑުލުމުގެ އުދަނގޫ ފެންނަން ފަށާނެ އެވެ. އާންމު ގޮތެއްގައި މޭނުބައިކުރުމާއި، ހޮޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެ ދިއުމުން (ބަލިވެއިނުމާއެކު އިތުރުވާ ހޯރމޯންތަކުގެ މިންވަރު ދަށްވުމުން) ރަގަޅުވެއެވެ. 3 މަސް ނިމިދިޔަ ނަމަވެސް ތަންކޮޅެއް ދިގު މުއްދަތަކަށް ބައެއް މީހުންނަށް މޭނުބައިކުރުމާއި، ހޮނޑުލެވުން ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.
މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮނޑުލެވުމަކީ ތަބީޢީ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މާގިނައިން ހޮނޑުލެވި، ކައިބޮއި ހެދުމަށް އުދަނގޫ ވެއެވެ. މިއީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން ހޮނޑުލާ ބަލި(hyperemesis gravidarum)ކަމަށް ވެދާނެ އެވެ. މިއީ ފަރުވާނުކޮށްފިނަމަ، ބަނޑުގައިވާ ދަރިފުޅާއި، މައިމީހާއަށް ގެއްލުންވެދާނެ ޙާލަތެކެވެ. އެއީ މާގިނައިން މޭނުބައިކޮށް ހޮނޑުލެވުމުން، ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ނުލިބުމާއި، ހަށިގަނޑުގެ ލޮނުގެ މިންގަނޑަށް ބަދަލު ގެނުވާތީ އެވެ. ބައެއް ފަހަރު ބަރުދަން ލުއިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން މާގިނައިން ހޮނޑުލެވި، ކެއުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ.
ސަބަބު
މާބަނޑު ދުވަސްވަރު މޭނުބައިކުރުމާއި، ހޮނޑުލެވުން ކުރިމަތިވާ ހަގީގީ ސަބަބު އަދި އެންމެ ރަގަޅަށް ހޯދިފައެއް ނުވެއެވެ. ބުނެވޭގޮތުގައި މިއީ ބަލިވެ އިނުމާއިގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް (މާބަނޑު ހޯރމޯން ނުވަތަ ހިއުމަން ކޮރިއަނިކް ގޯނާޑޮޓްރޮޕިން ހޯރމޯން، އަދި އެސްޓްރަޖަން) އަންނަ ބަދަލަކާއިގުޅިގެން (އިތުރުވުމުން) ކުރިމަތިވާކަމެކެވެ. ތައިރޮއިޑް ހޯރމޯން އާއި، މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައިކޮށް ހޮނޑުލެވުމާއި ގުޅުމެއް ވެދާނެ ކަމަށް ބެލެވެއެވެ. ވަރަށް ގިނަ ފަހަރު މޭނުބައިކޮށް ހޮނޑުލެވުމަކީ ބަލިވެ އިންކަމުގެ ފުރުތަމަ އަލާމާތެވެ. ގިނަ މީހުންނަށް މިކަން ދިމާވަނީ ފުރަތަމަ 3 މަހުގެ ތެރޭގައި ހެދުނު ތެދުވާއިރު އެވެ. ބައެއް މީހުންނަށް ހަވީރު، ނޫނީ މާބޮޑަށް ވަރުބަލިވީމާ، ނޫނީ ބަނޑުހައިވީމާ ވެސް މިހެން ދިމާވެއެވެ. ހޮނޑުލެވެނީ އަލަށް އިތުރުވަމުން އަންނަ ހޯރމޯންތަކުގެ ސަބަބުންނެވެ.
ހެދުނުގެ ބަލި މެދުވެރިކޮށްފާނެ އާންމު ބައެއް ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް
- ހިއުމަން ކޮރިއަނިކް ގޯނާޑޮޓްރޮޕިން ހޯރމޯން: މިއީ ބަލިވެއިންނަތާ ކުރީކޮޅު ކުއްލިއަކަށް މައްޗަށްދާ ހޯރމޯން އެކެވެ. މިހޯރމޯންގެ ސަބަބުން ސީދާ މޭނުބައިކުރުން ކުރިމަތިކުރުވަނީ ކިހިނެއްކަމެއް އަދި އެނގޭކަން ނެތެވެ. އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް އެއްފަހަރާ ބަލިވެއިދެއްޖެނަމަ، މިހޯރމޯންގެ މިންވަރު މަތިވެ، މޭނުބައިކޮށް ހޮނޑުލެވޭ މިންވަރު ވެސް އިތުރުވެގެންދެއެވެ.
- އެސްޓްރަޖަން: މިއީ ވެސް ބަލިވެއިންނަތާ ކުރީކޮޅު ކުއްލިއަކަށް މައްޗަށްދާ ހޯރމޯން އެކެވެ. މޭނުބައިކުރުން ކުރިމަތިވަނީ މިހޯރމޯން އިތުރުވެގެން ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
- ބައެއް ކަހަލަ ވަސްދުވުމުން މޭނުބައިކުރުން: މާބަނޑު ދުވަސްވަރު ބައެއް ކަހަލަ ވަސްޖެހުމުން، އޯކަށްދެމި، މޭނުބައިކުރުމަކީ ވެދާނެ ގޮތެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައިކުރުމާއި، ހޮނޑުލުން ކުރިމަތިވަނީ މިހެންވެގެންކަމަށް ބައެއް ނަޒަރިއްޔާތައް ބުނެއެވެ. ބައެއް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަންކުރިމަތިވަނީ އެސްޓްރަޖަންގެ މިންވަރު މަތިވުމުންނެވެ.
- ދެކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުން: މިހާލަތުގައި މާބަނޑުވުމުން ދޫކުރާ ހޯރމޯންތަކުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑަށް މޭނުބައިކޮށް ހޮނޑުލެވުމަކީ ވެދާނެ ގޮތެކެވެ.
- ދަތުރުކުރުމުން ބޯއެނބުރުން: ދަތުރުކުރުމުން ބޯއަނބުރައި، މޭނުބައިކޮށް ހޮނޑުލާ މީހެއްނަމަ، ބަލިވެއިނުމުން، މޭނުބައިކޮށް ހޮނޑުލުމުގެ ފުރުޞަތު ބޮޑެވެ. މިހެންދިމާވަނީ ކަންފަތުން ހަށިގަނޑުގެ ހަމަ ހިފެހެއްޓުމަށް ކުރާ މަސައްކަތާ، ހެދުނުގެ ބައްޔާއި، ގުޅުމެއް އޮވެދާނެތީ އެވެ.
- ހެލިކޮބެކްޓަރި ޕައިލޮރީ ކިޔާ ބެކްޓީރިޔާގެ ސަބަބުން މައިދާއާއި ގޮހޮރުގައި އިންފެކްޝަން ހެދިފައިވުން: ބަލިވެއިންއިރު މިޖަރާސީމުގެ ސަބަބުން ބަނޑާއި ގޮހޮރުގައި އިންފެކްޝަން ހެދިފައިވާނަމަ، މޭނުބައިކޮށް، ހޮނޑުލެވި، ބަނޑަށް އުދަނގޫވެ، މަތިންއަރައި، މައިދާގައި ފާރު ހެދުމަކީ ވެދާނެ ގޮތެކެވެ.
- ފިއްތުންތައް ބޮޑުވެ، ފިކުރުބޮޑުވުން: ބައެއް ނަޒަރިއްޔާތައް ބުނާގޮތުގައި މާބަނޑު ދުވަސްވަރު ފިއްތުންތައް އިތުރުވެ، ފިކުރުބޮޑުވުމަކީ ވެސް މޭނުބައިކޮށް ހޮނޑުލުން މެދުވެރިކޮށްފާނެ ކަމެކެވެ. ނަމަވެސް މިކަމަށް ވާގިވެރިވާ އިލްމީ ހެއްކެއް ލިބިފައެއް ނުވެއެވެ.
- އާއިލާގައި ދައުރުވަމުން އައުން: މަންމައަކީ މާބަނޑު ދުވަސްވަރު މޭނުބައިކޮށް، ހޮނޑުލާ މީހެއްނަމަ، ދަރިންނަށް ވެސް މާބަނޑު ދުވަސްވަރު މޭނުބައިކޮށް، ހޮނޑުލުމުގެ އުދަނގޫ ކުރިމަތިވުމަކީ ގާތް ކަމެކެވެ.
- ކުރިން ބޮލުގެ އެއްފަޅީގައި ރިހުން: ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުން މާބަނޑުވުމުން މޭނުބައިކޮށް، ހޮނޑުލުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.
- ވަރުބަލިވެ ބަނޑުހައިވެފައިވާނަމަ، މޭނުބައިކޮށް ހޮނޑުލުން އިތުރަށް ގޯސްވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް
- ގިނަ ފަހަރަށް އެއްޗެތީގެ ވަސް ދުވުމުން މޭނުބައިކޮށްފައި ހޮނޑުލަވައިގަތުން
- މުޅިން ރަހަ ތަފާތު ކާއެއްޗެއް ފެނުނަސް ހޮނޑުލަވާގޮތްވުން
މޭނުބައިކުރުމާއި، ހޮނޑުލެވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ.
- ލުއިކޮށް ގިނަގިނައިން ކެއުން: އެގޮތުން ދުވާލަކު 8-6 ފަހަރު ކެވިދާނެ އެވެ. މިގޮތަށް ކެއުމުން ބަނޑުހައިނުވެ، ހުންނާނެ އެވެ. މާބޮޑަށް ހައިވުމަކީ މޭނުބައިކޮށް ހޮނޑުލެވިދާނެ ކަމެކެވެ. ކާއިރު ލަސްލަހުން ކެއުމަކީ މުހިއްމު ކަމެކެވެ.
- ކައިނިމޭގޮތަށް ނުއޮށޯތުން: ކައިނިމޭގޮތަށް އޮށޯތުމަކީ ހަޖަމުވުން ލަސްކޮށްދޭ ކަމެކެވެ.
- އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން: މިގޮތުން އިގުރުސައި، އަދި ކުދީނާ ސައި ބޭނުންކުރެވިދާނެއެވެ. ކެއުމުގެ ½ ގަޑިއިރު ކުރިންނާއި، އަދި ކެއުމުގެ ފަހުން ދިޔާތަކެތި ބުއިން ރަގަޅެވެ. ކަމުންދާ ވަގުތުގައި ދިޔާތަކެތި ބުއިމަކީ ރަގަޅު ކަމެއް ނޫނެވެ.
- ޕްރޮޓީން އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން: މިގޮތުން ބަދަން،ޕީނަޓް ބަޓަރު ފަދަ ކާނާ ބޭނުންކުރެވިދާނެ އެވެ.
- ޕާން، ބަނަސް، ފާރޮށި، ޗީޒް، ކްރީކް ކްރޭކަރު ބިސްކޯދު ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުންކުރުން: މިފަދަ ކާނާ އެދުކައިރީގައި އަތުޖެހޭ ފަށުގައި ބެހެއްޓިދާނެއެވެ. ހެދުނުހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެ ނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. ހަމަމިހެން މޭނުބައިކުރަން އުޅޭހެން ހީވާނަމަ ވެސް މިކާނާ ބޭނުންކުރެވިދާނެއެވެ. ކްރީމް ކޭކަރު ބިސްކޯދު ކަހަލަ އެއްޗެއް އެދު ކައިރީ އަތުޖެހޭ ހިސާބުގައި ބަހައްޓާށެވެ. ހޭލައިގެން އެދުން ތެދުވުމުގެ ކުރިން ދެތިން ބިސްކޯދު ކެއުމަށްފަހު ތެދުވުމުގެ ކުރިން، 30-20 މިނިޓްވަރު ވަންދެން އަރާމުކޮށްލާށެވެ. ދަންވަރު ހޭލެވި، މޭނުބައިކޮށްފިނަމަ ވެސް މިފަދަ ބިސްކޯދެއް ކެއުމުން ލުއިކަން ލިބުމަކީ ވެދާނެ ކަމެކެވެ. އެދުން ތެދުވާންޖެހޭނީ ލަސްލަހުންނެވެ. ކުއްލިއަކަށް އެދުން ތެދުވެ، ހިނގައިގަތުމުގެ ބަދަލުގައި، 5 ވަރަކަށް މިނިޓްވަންދެން ފުރަތަމަ އެދުމަތީގައި އިށީދެ އިންނާށެވެ. އެއަށްފަހު ތެދުވާށެވެ.
- ހެދުނު އެދުން ތެދުވުމުގެ ކުރިން ކޯދޮވެލައިގެން، މުރަނަ ރޮށިކޮޅެއް ނޫނީ ފާރޮށި ކޮޅެއް ފަދަ އެއްޗެއް ކައިލުން
- އެކަށޭނަ ވަރަށް އަރާމުކުރުން: އެގޮތުން މެންދުރުފަހު ½ ގަޑިއެއްހާއިރު ނިދާލެވިދާނެ އެވެ.
- އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން
- އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން، އަދި އިނގުރާއި، ލުބޮއިގެ ވަސްބެލުން، އަދި ކަރާކެއުން
- ގަވާއިދުން ކަސްރަތުކުރުން
- ތެޔޮ، ހަވާދު އެކުލެވޭ ކުޅި ކާނާއާއި، ދުރުހެލިވުން: ތެޔޮ ކާނާގެ ބާވަތްތައް ހަޖަމުވުމަށް ގިނައިރު ނަގާނެ އެވެ.
- މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި، ވީވަރަކުން ދުރުހެލިވުން
- ކޮފީ،ކަޅުސައި ފަދަ ބުއިންތަކާއި، ދުރުހެލިވުން
- ކައި ނިމޭގޮތަށް ނުއޮށޯތުން
- އެއްފަހަރު ވެސް ނުކައި ދޫކޮށްނުލުން
- ކައިނިމިގެން ދަތްއުގުޅައި، އަނގަ ރަގަޅަށް ދޮވުން
- ތާޒާ ވައި ލިބޭ ހިސާބެއްގައި ވަގުތު ހޭދަކުރުން
- މަތީގައި ބަޔާންކުރެވުނު ކަމަކުން މޭނުބައިކުރުމާއި، ހޮޑުލެވުމަށް ބަދަލެއް ނާންނަމަ ވިޓަމިން-ބީ(B6)ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.
- އެކިޔުޕްރެޝަރ ބޭންޑް ބޭނުންކުރުން
- ގިނައިން ތެޔޮ ހުންނަ އެއްޗެހި ނުކެއުން
- ހަޖަމުކުރަން ފަސޭހަ އެއްޗެހި ކެއުން
- ކައިރިކައިރީގައި ކުދިއެތިކޮޅުން ކެއުން
މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ލޮނާއި، ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް ވެސް ނެގިދާނެއެވެ.
މައުލޫމާތު:
http://.americanpregnancy.org/pregnancy-health/morning-sickness-during-pregnancy
http://www.babycentre.co.uk/a549842/
morning-sickness-nausea-and-vomiting-in-pregnancy
http://www.babycenter.com/morning-sickness?page=2
ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}