ސިކުނޑި ދުޅަވު(encephalitis)މަކީ ސިކުނޑީގައި ޖަރާސީމު އަޅައި ދުޅަވުމެވެ. ސިކުނޑި ދުޅަވުމަކީ ނުރައްކާތެރި އެތައް މައްސަލަތަކެއް ފެންމަތިކުރުވަފާނެ ބައްޔެކެވެ. މިއީ އެހާ އާންމު ބައްޔެއް ނޫނެވެ. ބަލިޖެހުމުގެ ފުރުޞަތު އެންމެ ބޮޑީ ކުޑަކުދިންނާ، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށެވެ. އާންމު ގޮތެއްގައި ސިކުނޑި ދުޅަވުން ކުރިމަތިވަނީ ކޮންމެ ވެސް ކަހަލަ ވައިރަސް އެއްގެ ސަބަބުންނެވެ.
ބަލިޖެހޭ ގިނަ މީހުން އެއްކޮށް ރަގަޅުވެއެވެ. ބަލިން ރަގަޅުވުމުގެ ފުރުޞަތު ބަރޯސާވަނީ ބަލިޖެހެން މެދުވެރިވި ވައިރަސް އަދި ބަލީގެ އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރެއްގެ މައްޗަށެވެ.
ސަބަބު
ސިކުނޑި ދުޅަވުން މެދުވެރިވާ މައިގަނޑު ސަބަބަކީ ވައިރަސް އަކުންޖެހޭ ބައްޔެއް ޖެހުމެވެ. ތަފާތު ވައިރަސްތަކުގެ ސަބަބުން ސިކުނޑި ދުޅަވުން ޖެހިދާނެ އެވެ. އެގޮތުން ސިކުނޑި ދުޅަވުން މެދުވެރިކޮށްފާނެ ވައިރަސް ތަކުގެ ތެރޭގައި، އިންފުލުއެންޒާ ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ހިމަބިހި ވައިރަސް، ކޯފުއްޕި ވައިރަސް، ވިލާތު ހިމަބިހި ވައިރަސް، ރޭބީޒް ވައިރަސް، ފާނަބަސަނދުގެ ވައިރަސް، އަދި އާރބޯވައިރަސް ތަކުގެ ތެރޭގައި ހިމެނޭ ވެސްޓު ނައިލް ވައިރަސް ފަދަ ވައިރަސްތައް ހިމެނެއެވެ. ވަރަށް މަދުފަހަރަކު، ބެކްޓީރިޔާ، ފަންގަސް، ޕެރަސައިޓް، ފަދަ ޖަރާސީމުތަކުގެ ސަބަބުން ސިކުނޑި ދުޅަވުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް
ސިކުނޑި ދުޅަވުމުން ފެނިދާނެ އާންމު އަލާމާތްތަކުގެ ތެރޭގައި:-
- ކަންކަމުގައި ނިޔަތް އަރާރުންވެ، ގޮތެއް ކަނޑައަޅަން ނޭނގުން
- ހުންއައުން
- ވަރަށް ގަދަޔަށް ބޮލުގައި ރިހުން
- ކަރު ހަރުއެރުން (ކަރަށް ނާރުއެރުން)
- ލޮލަށް އުދަނގޫވުން (އަލީގެ ސަބަބުން)
- މޭނުބައިކުރުމާ، ހޮނޑުލެވުން
- ގައިގެ ހަކަތަ ހުސްވުން
- ތާއްޔަށްޖެހުން
ސިކުނޑި ދުޅަވުމުން ފެނިދާނެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި:-
- ވާގިއެރުން (ފިޓުޖެހުން)
- ތުރުތުރުއެޅުން
- ޝަޚުޞިއްޔަތަށް ބަދަލުއައުން
- ހަދާންނުހުރުން
- ތަފާތު އަޑުތައް އިވުމާ، ތަފާތު އެއްޗެތި ފެނުން
ދެނެގަތުން
ސިކުނޑި ދުޅަވުން ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ކުރިމަތިވެފައިވާ އުދަނގޫތަކާ، ޖިސްމާނީ ބެލުންތަކަށް ބަލައި ރިއާޔަތްކުރުމަށްފަހު ގައެވެ. މިބަލި ދެނެގަތުމަށް ހެދިދާނެ ޓެސްޓުތަކުގެ ތެރޭގައި ސިކުނޑިއާ ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ދުލީގެ ތެރޭގައި ހުންނަ ދިޔަ ޓެސްޓުކުރުން، އެމްއާރުއައި ހެދުން، ސީޓީ ސްކޭން ހެދުން، ސިކުނޑީގެ ކަރަންޓުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަށް އީއީޖީ ހެދުން، އަދި ބައެއް ކަހަލަ ލޭގެ ޓެސްޓުތައް ހިމެނެއެވެ.
ފަރުވާ
ސިކުނޑި ދުޅަވުމަކީ އާންމު ގޮތެއްގައި ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާދެވޭ ބައްޔެކެވެ. ފަރުވާ ބަރޯސާވެފައި އޮންނަނީ ކުރިމަތިވެފައިވާ އުދަނގޫތަކާ، ބަލިޖެހެން މެދުވެރިވި ސަބަބެއްގެ މައްޗަށެވެ. ވައިރަސް އެއްގެ ސަބަބުން ބަލިޖެހިފައިވާނަމަ ބައެއް ފަހަރު އެންޓިވައިރަލް ބޭހެއް (އެސިކްލޯވިރް) ދީފާނެ އެވެ. ނަމަވެސް ކުރިމަތިވެފައިވާ އުދަނގޫތައް އެއީ ބެކްޓީރިޔާއެއްގެ ސަބަބުން ދިމާވާ ކަމެއްނަމަ އެންޓިބަޔޮޓިކް ދިނުމަކީ ވެދާނެ ގޮތެކެވެ. މަދު ފަހަރަކު ނޭވާލާ މެޝިންގެ އެހީތެރިކަން ވެސް ހޯދަންޖެހުމަކީ ވެދާނެ ގޮތެކެވެ.
އާންމު ގޮތެއްގައި ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތައް ލުއިކުރުމަށް ބޭސްދީ އުޅެއެވެ. އަރާމުކުރުމާ، ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރުމާ، ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. 20 އަހަރުން ދަށުގެ ކުދިންނާ، މީހުންނަށް އެސްޕިރިން ފަދަ ބާރުގަދަ ބޭސްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ރައްކާތެރިވުން
ސިކުނޑި ދުޅަވުމުން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
- ހިމަބިހި، ވިލާތުހިމަބިހި، މޫސުމީ އަރިދަފުސް ރޯގާ، ފާނަ ބަސަނދު، އަދި ކޯފުއްޕި ފަދަ ބަލިތަކަށް ދޭންޖެހޭ ވެކުސިން ގަވާއިދުން ދެމުންގެންދިއުން
- ވައިރަސްގެ ސަބަބުން ބަލިފެތުރޭ ހިސާބުތަކަށް ގޮސްނޫޅުން: އެފަދަ ހިސާބުތަކަށް ގޮސް އުޅޭނަމަ މަދިރި ހެފުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރުމަކީ މުހިއްމު ކަމެކެވެ.
- މަދިރި ގިނަވާ ވަގުތުތަކު (ހަވީރު ގަޑީގައި) ބޭރަށްނިކުމެ ނޫޅޭ ގޭތެރޭގައި ތިބުން
- ބޭރުގައި އުޅޭއިރު ވީވަރަކުން ހަށިގަނޑުނިވާކުރެވޭނެހެން ގަޔަށް ދޫ ހެދުންލުން
- މަދިރި ގަޔާވާ ކަހަލަ ވަސް ހުންނަ މީރުވަސް ދުވާ ސާމާނު ބޭނުންނުކުރުން
- މަދިރި ލޯޝަން އުގުޅުން
- މަދިރި ފަނިއާލާވާނެގޮތަށް ކަންކަން ފަހިކޮށްފައި ނުބެހެއްޓުން
- މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި މަދިރި ނަރުދާ ހަރުކުރުން
- ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން
- ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި ކުރުވާ،މަދިރި ދުރަށް ފޮނުވާ ފަދަ މާއްދާތައް ހަންގަނޑުގައި އުގުޅުން
- މަދިރި ދުންދަނޑި ޖެހުން
- މަދިރިދާ ތުއްތު ދަރިފުޅުގެ އެދުގެ ވަށައިގެން ދެމުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު:
http://www.webmd.com/brain/tc/encephalitis-topic-overview http://www.webmd.com/a-to-z-guides/understanding-encephalitis-basics