މާބަނޑު ދުވަސްވަރު އަވަސްއަވަހަށް ކުޑަކަމުދާންޖެހުން

ބަލިވެއިނުމާއި ގުޅިގެން އާންމުކޮށް ކުޑަކަމުދާންޖެހޭ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. ބަލިވެއިންކަން އެނގުމުގެ ކުރިން ވެސް މާގިނައިން ކުޑަކަމުދާންޖެހުމަކީ ވެދާނެ ކަމެކެވެ. އެހެނީ ބަލިވެއިންކަން ކުރީކޮޅު އެނގޭ ނިޝާންތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން (މާގިނައިން ކުޑަކަމުދާންޖެހުން) ހިމެނެއެވެ. އާންމުކޮށް މާގިނައިން ކުޑަކަމުދާން ޖެހުން ކުރިމަތިވަނީ ފުރަތަމަ 3 މަހާއި، ފަހު 3 މަހުގެ ތެރޭގައެވެ. ނުވަތަ މާބަނޑުވާތާ ކުރީކޮޅާއި، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރުގައެވެ. މިކަން ބަލިވެ އިންނަތާ ކުރީކޮޅު ދިމާވެފައި، މެދުތެރެއިން ރަނގަޅުވެފައި، ދުވަސްފުރެން ކައިރިވުމުން އަލުން ދިމާވާގޮތް ވެއެވެ.

ސަބަބު

މާބަނޑު ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ގުރުދާ ގައި ލޭދައުރުކުރާ މިންވަރު %35ން %60 އިންސައްތަ އަށް މަތިވެއެވެ. ގުރުދާގައި ލޭދައުރުކުރާ މިންވަރު އިތުރުކުރާ ވަރަކަށް ގުރުދާއިން ލޭފުރާނައި، ސާފުކޮށް، ކުޑަކަމުދާ ތަކެތި އުފެދޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމުދާންޖެހުމުގެ އަސްލަކީ މިއީއެވެ. މާބަނޑުވާތާ ކުރީކޮޅު ހަށިގަނޑުން މާބަނޑު ހޯރމޯން (ހިއުމަން ކޮރިއަނިކް ގޯނާޑޮޓްރޮޕިން ހޯރމޯން) އުފައްދާނެއެވެ. މިހޯރމޯންގެ ސަބަބުން ކުޑަކަމުންދާންޖެހުން އިތުރުވާނެއެވެ. މާބަނޑުވެ ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގައި ތަބީއީގޮތުން ދިޔާތަކެތި ހިފެހެއްޓިފައި ހުންނަ މިންވަރު އިތުރުވަމުންދާނެ އެވެ. މާނައަކީ ކުޑަކަމު ނަޖިސް އުފެދޭ މިންވަރު ވެސް އިތުރުވަމުންދާނެ އެވެ. މިއީ މާބަނޑު ދުވަސްވަރު ދޫކުރާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ދިމާވާ ކަމެކެވެ.

ބަލިވެ އިންނަތާކުރީކޮޅު މިގޮތަށް ކުޑަކަމުދާންޖެހުމުގެ ސިއްރަކީ މައިމީހާގެ ރަހިމު ބޮޑުވަމުން އަންނައިރު އުފެދޭ ޕްރެޝަރުގެ ސަބަބުން މަސާނާ ފިތޭގޮތް މެދުވެރިވެ، ކުޑަކަމުދާތަކެތި އުފެދޭ މިންވަރު އިތުރުވުމެވެ. މަސާނާ ހުސްކޮށް ހުރިނަމަވެސް ކުޑަކަމުދާން ބޭނުންވާކަހަލަ އިހްސާސްއެއް ކުރެވެއެވެ. އެއީ ބޮޑުވަމުންދާ ރަހިމުގެ ސަބަބުން މަސާނާ ފިތި، ފުރިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭތީއެވެ. ރަހިމުބޮޑުވެ، މައްޗަށް އުފުލި ބަނޑުގައިވާ ހުސްތަނަށް ވާސިލްވާއިރު މަސާނާ އަށް ފިތޭ މިންވަރު ދަށްވެ،މިކަމަށް ލުއިކަމެއް ލިބެއެވެ. ބައެއް ކުޑަކަމުދެވި ނިމޭއިރު ވެސް މަސާނާ ހުސްނުވާކަމުގެ އިހުސާސެއް ކުރެވިދާނެ އެވެ.

ވިހަންކައިރިވެގެން އަންނައިރު (ފަހުމަސްތަކުގައި) މިކަމުގެ އުދަގޫ އަނެއްކާވެސް ފެންނަށް ފަށައެވެ. އެއީ ކުޑަދަރިފުޅުގެ ބޯ މަސާނާގައި ޖެހި މަސާނާފިތޭތީއެވެ. ޚާއްޞަކޮށް ފަހުކޮޅުގައި ރޭގަނޑު އެތައް ފަހަރަކު ކުޑަކަމުދާން ބޭނުންވެގެން ހޭލެވުމަކީ ވެދާނެކަމެކެވެ. ޚާއްޞަކޮށް އަތްފައި ދުޅަވެ ފޮއްސިވާނަމަ ރޭގަނޑުގައި ކުޑަކަމުދާން ހޭލަންޖެހުން އިތުރުވެއެވެ. މިގޮތަށް ދިމާވަނީ ދުވާލުގެ ވަގުތުތަކުގައި ފައިތިލަ އާއި، ފައިގައި ޖަމާވެފައި ހުންނަ ދިޔާތަކެތި، ރޭގަނޑުގެ ވަގުތުތަކުގައި ނިދަން އޮށޯވެއޮންނައިރު، އަނބުރާ މައްޗަށްގޮސް، ލޭގެ އާރުގެ ތެރެއިން ގުރުދާއަށްގޮސް، ފުރާނައި، ސާފުކޮށް، ކުޑަކަމުނަޖިސް އުފައްދައި، މަސާނާއަށް ފޮނުވާތީ އެވެ.

ވިހަންކައިރިވެގެން އަންނައިރު ފަހުމަސްތަކުގައި ކެއްސުން، ހުނުން، ކިބިހިއެޅުން، ބަރުތަކެތި އުފުލުން، ޖޮގިން ފަދަ ކަސްރަތުކުރުން މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ނުހިފެހެއްޓިގެން ކުޑަކަމުދެވޭގޮތް ވެއެވެ. ބައެއް ފަހަރު ވިހެއުމަށްފަހު ވެސް މިއުދަނގޫ ހުރެދާނެ އެވެ. މިފަދަ ހާލަތްތަކުގައި ކުޑަކަމުދާން ޖެހުމުން ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި އަވަހަށް ކުޑަކަމުދިއުމަކީ ބުއްދިވެރި ކަމެކެވެ.

ބައެއް ފަހަރު މާބަނޑު ދުވަސްވަރުގައި ވެސް މަސާނާގައި ޖަރާސީމު އެޅުން ފަދަ ކަމެއްގެ ސަބަބުން އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

އަލާމާތްތައް:

  • މާއަވަސް އަވަހަށް ކުޑަކަމުދާންޖެހުން
  • ކުޑަކަމުދިއުމަށްފަހު ހޮޅި ސާފުނުވާހެން ހީވުން
  • އަލުން ކުޑަކަމުދާން ވާހެން ހީވުން
  • ނިދުމަށްފަހު ވެސް ކުޑަކަމުދާންޖެހުން

އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ކޮފީ، ކޯލާ، ކަޅު ސައި، ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
  • ކުޑަކަމުދާ ވަގުތު ކުރިޔަށް ކުޑަކޮށް ލެބިލައި، ބާރުލައިގެން ނަމަވެސް މަސާނާ ރަގަޅަށް ހުސްކުރުން
  • ދުވާލު ގިނަގިނައިން ދިޔާތަކެތި ބުއިން
  • ރޭގަނޑު ތެދުވާންޖެހޭނަމަ، އިރުއޮއްސޭ ފަހުން، ނުވަތަ އިރާކޮޅު މާގިނައިން ދިޔާތަކެތި ނުބުއިން: އޭރުން ރޭގަނޑުގެ ގަޑިތަކުގައި ކުޑަކަމުދާންޖެހުން މަދުކޮށްދޭނެ އެވެ. ހެދުނާއި މެންދުރުފަހު ގިނައިން ދިޔާތަކެތި ބޯން އާދަކުރާށެވެ.
  • ޚާއްޞަ ކަސްރަތެއްކުރުން: މާގިނައިން ކުޑަކަމުދާންޖެހުން ކުރިމަތިވާނަމަ ”ކީޖެލް އެކްސަސައިޒް” އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެއެވެ. މިކަސްރަތުގެ ސަބަބުން ޅިނދު، އަދި ކުޑަކަމުދާ ހޮޅީގެ ވަށައިގެންވާ މަސްތަކުގެ ބާރުގަދަވެ، ކުޑަކަމުދާތަކެތި ބޭރުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މިކަސްރަތު ކުރަން ފެށުމުގެ ކުރިން ކުޑަކަމުގޮސް ރަގަޅަށް މަސާނާ ހުސްކޮށްލުމަކީ މުހިއްމު ކަމެކެވެ.

ކުޑަކަމުދިއުމުގެ ތެރޭގައި ރިއްސުން، ދިލަނެގުން، ކުޑަކަމުދާތަކެތީގެ ތެރޭގައި ދޮސް، ނުވަތަ ލޭ ހުރުން، ރޭގަނޑުގެ ވަގުތުތަކުގެ ތެރޭގައި އެއްފަހަރު ކުޑަކަމުދިއުމަށްފަހު އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ވެސް ކުޑަމަކުދާންޖެހުން، މިއިން ކަމަކުންކުރެ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަކީ ކުޑަކަމުދާ ނިޒާމް ގައި ބައްޔެއް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމްގައި ބައްޔެއް ހުރިކަން އެގިއްޖެނަމަ ވަގުތުން ފަރުވާކުރަން ހަދާންކުރާށެވެ. އެހެނީ މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވެދާނެއެވެ.

މައުލޫމާތު:

http://www.babycenter.com/0_frequent-urination-during-pregnancy_237.bc?showAll=true
http://www..babycentre.co.uk/a237/frequent-urination-in-pregnancy
http://www..pregnancycorner.com/pregnant/pregnancy-symptoms/frequent-urination.html
ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

މިވެސް މުހިންމު