މާބަނޑު ދުވަސްވަރު އަނގައިގައި ކުޅުދިޔާވުން

މާބަނޑު ދުވަސްވަރު އަނގައިގެ ތެރޭގައި ކުޅު އުފެއްދުން އިތުރުވެ، ކުޅުދިޔާވުމަކީ ވެދާނެ ކަމެކެވެ. މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް އިހުސާސްކުރެވޭ ކަމެކެވެ. ޚާއްޞަކޮށް މާބޮޑަށް ހޮނޑުލެވޭނަމަ މިކަން އިހުސާސްވާލެއް ބޮޑުވެއެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ މާބަނޑުވާތާ ކުރީކޮޅުގައެވެ. މާބަނޑުވާތާ ކުރީކޮޅު މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތިވާ ދުވަސްވަރު، ކުޅު އުފެއްދުން އިތުރުވާކަން ފާހަގަކުރެވެއެވެ. ގިނަ ފަހަރު މިކަން ކުރިމަތިވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮނޑުލެވޭ މީހުންނަށްކަން ފާހަގަ ކުރެވެއެވެ.ޞިއްޙީގޮތުން ބަލާއިރު މިއީ ނުރައްކާތެރި ކަމެއް ނޫނެވެ.

ސަބަބު

“އަނގައިގާ ކުޅު ގިނަވަނީ ބަލިވެއިނުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ކަމުގައި ބެލެވެއެވެ. އަދި މިކަމުގެ އުނދަގޫ ބައެއްފަހަރު އިތުރަށް ބޮޑުވެގެންދާ އެއްސަބަބަކީ މޭނުބައިކޮށް ހޮޑުލަވާއިރު ކުޅު ދިރުވަން އުނދަގޫވެ ދިރުވޭވަރު މަދުވާތީއެވެ. މިހެންވުމުގެ ސަބަބުން އަނގައިގާ ކުޅު ޖަމާވެ ގިނަވާގޮތް ވެއެވެ.

އާދައިގެ ގޮތެއްގައި ދުވާލެއްގެ މައްޗަށް އެއްލިޓަރާއި ދޮޅު ލިޓަރާއި ދެމެދުގެ ކުޅު ކުޅުއުފައްދާ ގޮށްތަކުން ނުވަތަ ގުލޭންޑުތަކުން އުފައްދައެވެ. އެއީ ގާތްގަޑަކަށް ކޮންމެ މިނެޓަކަށް ކޮޑިސެންޓިމީޓަރެއްގެ މިންވަރެވެ. ނަމަވެސް އާދައިގެ ޠަބީޢީ ހާލަތުގައި މިހާގިނަ ކުޅު އުފައްދާކަމުގެ އިހުސާސެއްނުކުރެވެއެވެ. އެއީ އަބަދުވެސް އެނގުމަކާއި ނުލައި މިކުޅުތައް ދިރެމުންދާތީއެވެ. ވުމާއެކު އަނގައިގާ ކުޅު ގިނާވާކަން ފާހަގަ ކުރެވޭނަމަ އެއީ ފަހަރުގައި ކުޅު އުފެދޭވަރު ގިނަވެގެން ކަމުގައި ވެދާނައެވެ. ނުވަތަ ކުޅުދިރުވޭވަރު މަދުވެގެން ކަމުގައިވެސް ވެދާނެއެވެ. އަދި މިދެކަމުގެ ސަބަބުން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއެވެ.

އަނގައިގާ ކުޅު ގިނަވަނީ މެއިން ގިނިނަގާތީ ކަމުގައިވެސް ވެދާނެއެވެ. މިއީވެސް މަދުނޫން މާބަނޑު މީހުންނަށް ދިމާވާ ކަމެކެވެ. އެއީ މެއިން ގިނިނަގަނީ ގޮހޮރުގައި ހުންނަ އެސިޑު ގޮހޮރަށް ކާއެއްޗެތި ގެންގޮސްދޭ ހޮޅި (Esophagus) އަށް އެރުމުގެ ސަބަބުން އެހޮޅީގެ އެތެރޭގެ މަސްތަކަށް އަނިޔާ ވުމުގެ ސަބަބުންނެވެ. މިހެންދިމާވުމުން ސިކުޑިން ނާރުތައް މެދުވެރިކޮށް ކުޅުއުފައްދާ ގޮށް ނުވަތަ ގުލޭންޑުތަކަށް ކުޅު ގިނައިން އުފެއްދުމަށް އަމުރު ކުރެއެވެ. އެއީ ކުޅުގައި ގިނައަދަދަކަށް ބައިކާބޮނޭތު ހުންނާތީއެވެ. މިމާއްދާގެ ސަބަބުން ކުޅަކީ އަލްކަލައިން އެއްޗެކަށްވާތި ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅިއަށް އަރާ އެސިޑުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

ކުޅުދިރުވާލާ ކޮންމެފަހަރަކު ކުޅުން ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅި ދޮވެލަދެއެވެ. ވުމާއެކު މިހޮޅިއަށް އަރާފައި ހުންނަ އެސިޑުތައްވެސް ދޮވެލައެވެ. އަދި އެސިޑުންވާ ގެއްލުން ކުޑަކުރުމުގައި ވަރަށްބޮޑަށް އެހީތެރިވެދެއެވެ.

އެސިޑުނޫނަސް އަނގަޔާއި ކާއެއްޗެތި ގޮހޮރަށް ގެންގޮށްދޭ ހޮޅިއަށް އަނިޔާވެ ގެއްލުން ލިބޭ ކޮންމެ އެއްޗެއްގެ ސަބަބުން ކުޅު އުފެދޭ މިންވަރު އިތުރު ކުރާނެއެވެ. މިގޮތުން އަގައިގެ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ބައެއްވައްތަރުގެ ބޭހުގެ ސަބަބުންވެސް ކުޅު އުފެދޭ މިންވަރު އިތުރުވެއެވެ. ” (ޑރ މުޙައްމަދު ފައިޞަލް: ކަވާސާ.ކޮމް)

ކުޅުއުފެއްދުން އިތުރުވުމުން ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން
  • ކޮންމެ ދުވަހަކު ދެތިން ފަހަރަކު ދަތްއުގުޅައި، އަނގަދޮވެހެދުން
  • ފޮނިރަހަނުލާ ޗުއިންގަމެއް ހެފުން: މިގޮތަށް ހެދުމުން ކުޅު ދިރުވަން ފަސޭހަވާނެ އެވެ.
  • ގިނަގިނައިން ދިޔާތަކެތި އިރުއިރުކޮޅާ ބުއިން

މައުލޫމާތު:

https://www.nct.org.uk/pregnancy/saliva-and-ptyalism-pregnancy
http://www.babycenter.com/0_excessive-salivation-during-pregnancy_9454.bc
ބަލިވެއިނުމުން ދިމާވާ އުނދަގޫތަކުގެ ތެރެއިން ..އަނގައިގާ ކުޅުދިޔާވުން: ޑރ މުޙައްމަދު ފައިޞަލް އަހުމަދު- ކަވާސާ.ކޮމް

މިވެސް މުހިންމު